މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
31 މެއި 2022 - 18:19
ޑަބްލިޔު.އެޗް.އޯ.ގެ ރެޕްރެޒެންޓެޓިވް ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑޮކްޓަރ ނާޒްނީން އަންވަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޚާއްޞަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް ވެދެއްވި އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަށްޓަކައި ޑޮކްޓަރ ނާޒްނީން އަންވަރަށް ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާ ވަނީ ރާއްޖެއިން ކޮވިޑް މެނޭޖްކުރުމުގައި އެޅި ވިސްނުންތެރި ފިޔަވަޅުތަކާއި، ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ވެކްސިނޭޓްކުރުމަށް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މި ސަރަޙައްދުގެ އެހެން ބައެއް ޤައުމުތަކަށްވުރެ ކުރިން ކޮވިޑް ކޮންޓްރޯލްކުރެވުނު ކަން ފާހަގަކުރައްވައި އެކަމަށް ތަޢުރީފުކުރައްވާފައެވެ.
އދ. މަންދޫ ބަނދަރު މަޝްރޫޢުގެ ދަށުން، އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ނިމެނީ
އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ 89 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.
މި މަޝްރޫޢުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 71 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 34.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބަހާތަކުގެ ބައެއް މަގާމުތަކަށް ބަދަލު ގެނެސްފި
ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބަހާތަކުގެ ބައެެއް މަގާމުތަކަށް އާންމު އުސޫލަކުން ބަދަލު ގެނެސްފިއެވެ.
އެގޮތުން، މިއަދުން ފެށިގެން ބަދަލު ގެނެސްފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، މާލެ އޭރިއާ 1 ( މާލެ ސިޓީ ޕޮލިސް) އަދި ސެންޓަރ ފޮރ އެޕްލައިޑް ޕޮލިސިންގެ އިސް މަގާމުތަކަށެވެ.
އެ ބަހާތަކުގެ ތެރެއިން ހެޑް އޮފް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމަންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާންއެވެ. އަހްމަދު ޝިފާން ކުރިން ހުންނެވީ ހެޑް އޮފް މާލެ އޭރިއާ 1 ( މާލޭ ސިޓީ ޕޮލިސް) ގެ މަގާމުގައެވެ.
އުރީދޫއިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ޙިދުމަތް ފަށަނީ
އުރީދޫ މޯލްޑިވްސް އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތުގެ ޓްރައްލް ރަސްމީކޮށް ފަށާފައިވާ ކަމަށް އެކުންފުނިން މިއަދު ބޭއްވި ޙާއްސަ ހަފްލާއެއްގައި ވަނީ އިއުލާނު ކޮށްފައެވެ. އިންޓަނޭޝިނަލް މަނީ ޓްރާންސްފަރ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސަންސް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން މި އަހަރު ކުރީކޮޅު އެ ކުންފުނިއަށްވަނީ ދީފައެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދު ތަކަށެވެ.