ކައިވެނީގެ ގުޅުން ހީނަރުވާން ދިމާވާ 4 ސަބަބު
1 ޖޫން 2022 - 12:11
އެތައް އަހަރެއް ވަންދެން ރައްޓެހި ވެގެން އުޅުމަށްފަހު ނިކަން ލޯބިން ކުރާ ކައިވެންޏާ އެކު ދެން ކުއްލިއަކަށް ދިމާވާ ކަންތައްތަކެއްގެ ސަބަބުން ދެމީހުންގެ ގުޅުމުގައި ކުނިޖެހި މައްސަލަތައް ދިމާވާން ފަށައެވެ. ގުޅުން ހީނަރުވާން ފަށައެވެ. އަދި މިހިސާބުން ފުރާނަފަދަ ލޯބިވި ބައިވެރިޔާއާއި މުޅި އުމުރުގައި އެކުގައި ވާނެކަމަށް ކުރެވުނު އަހުދުތަކިގެ މަތިން ހަނދާން ނެތެއެވެ. އެހިސާބުން އޮންނަނީ އެ ގުޅުން ހީނަރުވެފައެވެ.
ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކުގެ އަސްލު ދެނެގަތުމަށާއި، ވަރި ގިނަވަނީ ކީއްވެގެންތޯ ދެނެގަތުމަށް ސައިކޮލަޖީ ޕްރޮފެސަރެއް ކަމަށްވާ ޖޯން ގޮޓްމޭން ވަނީ ދިރާސާއެއް ކޮށްފައެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ދެމީހެއްގެ ދިރިއުޅުމުގައި މައްސަލަތައް ދިމާވަނީ އާންމުގޮތެއްގައި ހަތަރު ކަމެއްގެ ސަބަބުންނެވެ. އެ ހަތަރު ކަންތަކަކީ:
ބައިވެރިޔާ ލަދުގަންނަ ގޮތަށް ޝަކުވާކުރުން:
ކަމެއްގެ ޝަކުވާ ކުރަންޖެހޭ ފަހަރުތައްވެސް އަންނާނެއެވެ، ނަމަވެސް އެއީވެސް އާދައަކަށް ހަދާނަމަ އޮންނާނީ ގުޅުން ހީނަރުވާ ހިސާބަށް ގޮއްސައެވެ. ބައިވެރިޔާ ލަދުގަންނަ ފަދަ ގޮތަކަށް، އޭނާގެ ކުށް ދައްކައި ކޫސަނި ޝަކުވާކުރާ ނަމަ ބައިވެރިޔާ ފޫހިވާނެއެވެ.
ބައިވެރިޔާގެ އަގެއް ނެތްކަން ދައްކަން އުޅުން:
ތިމާގެ ބައިވެރިޔާގެ އަގެއް ނެތްކަން ދޭހަވާގޮތަށް ވާހަކަ ދައްކާނަމަ ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. “ކަމެއް ކުރަން އެނގޭ މީހެއްވެސް ނޫން” ފަދަ އިބާރާތްތަކުން ބައިވެރިޔާގެ އެއްވެސް އަގެއް ނެތްކަން ސާބިތުކުރަން މަސައްކަތް ކުރާނަމަ އޭނާ ތިމާއާ އެކު އުޅުމަށް ބޭނުމެއް ނުވާނެއެވެ.
އަބަދުވެސް އަމިއްލަ ނަފްސު ދިފާއުކުރުން:
ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކުން ރެކިގަނެ ތިމާގެ ކުށެއް ނެތްކަން ދައްކައި، ބައިވެރިޔާ ކުށްވެރިކުރަން އުޅޭނަމަ ދިރިއުޅުމުގައި ހަމަޖެހުމެއް ނުލިބޭނެއެވެ. އަމިއްލަ ނަފްސު ދިފާއުކުރަން ނޫޅެ ދެމީހުން ދޭތެރޭ ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ވާހަކަ ދައްކައިގެން މަސައްކަތް ކުރެވޭތޯ ބަލާށެވެ. އެއިރުން ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުވެ އުފާވެރި ދިރިއުޅުމެއް އުޅެވޭނެއެވެ.
ވާހަކަ މެދުކަނޑައިލުން:
ބައިވެރިޔާ ވާހަކަ ދައްކަން ހުއްޓައި އެ ވާހަކަ މެދުކަނޑާލައި އެތަނުން ނިކުމެގެން ދިއުންފަދަ ކަންތައް ކުރާނަމަ ބައިވެރިޔާ ތިމާއަށް ކުރާ ޤަދަރު ކުޑަވެގެންދާނެއެވެ. ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލައެއް ހައްލުކުރުމަށް ދެމީހުން އެކުގައި އިށީނދެ ތިބެ ރީތިކޮށް ވާހަކަދައްކާށެވެ. ވާހަކަދެއްކުމަކީ ވަރަށް ގިނަ ކަންތައްތަކުގެ ހައްލެވެ. ކަންކަން ހައްލުކުރުމުގައ 2 މީހުންގެ ހިޔާލާއި މަޝްވަރާ ވަރަށް މުހިންމު ވާނެއެވެ.