މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
1 ޖޫން 2022 - 18:21
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، މިދިޔަ އަހަރު ތަޢާރުފު ކުރެއްވި އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.
މަސްދަޅު ކޭހަކުން 150ރ، ބޮޑުކޮށްފި
މިފްކޯއިން ވިއްކާ މަސް ދަޅު ކޭހަކުން 150ރ. ބޮޑުކޮށްފި އެވެ.
މިފްކޯއިން ދަޅު މަހުގެ އަގަށް ގެނައި ބަދަލާއެކު ތެޔޮ މަސް ކޭހެއްގެ އަގު ވަނީ 590ރ. އިން 740ރ. އަށް ބޮޑުވެފަ އެވެ. އަދި ކުރިން 565ރ. އަށް ވިއްކި ފެން މަސް ކޭހެއްގެ އަގު ވަނީ 715ރ. އަށް މަތިވެފަ އެވެ.
ހއ. މުރައިދޫ ބަނދަރު ފުންކުރުމުގެ ބޮޑުބައި ނިމިއްޖެ
ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
“މިހާރު” ނޫހުގެ އޮފީހަށް ވަދެ ނޫސްވެރިއަކަށް ބިރުދައްކައިފި
“މިހާރު” ނޫހުގެ އޮފީހަށް ވަދެ، ނޫސްވެރިޔާއާއި ބައްދަލު ކުރަން އެޕޮއިންޓްމަންޓެއް އޮތް ކަމަށް ބުނެ، އިންޒާރު ދީ އަޑުގަދަކޮށް ހަދާފައި ނޫސްވެރިއަކަށް ބިރު ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ކިޑްސް ފުޓުބޯލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި
ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން ބާއްވާ ކިޑްސް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ހަމަޖައްސައިފި އެވެ.ގްރޭޑް އެކެއް އަދި ދޭއެއް ކުދިންނަށް ހުޅުވާލައިގެން 20 ސްކޫލުން ބައިވެރިވާ ކުޑަކުދިންގެ ފުޓުބޯޅައިގެ މި އީދު ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހެންވޭރު ދަނޑުގަ އެވެ.