ބާސްކެޓްގައި ނަމޫނާ ދިވެހި އެތްލީޓް، މަފާޒްގެ ވާހަކަ
5 ޖޫން 2022 - 15:27
މަފާޒަކީ އުމުރުން އެންމެ 8 އަހަރުން ފެށިގެން ބާސްކެޓް ކުޅެން ފެށި، މިއަދު 29 އަހަރުގެ ޒުވާން ކުޅުންތެރިއެކެވެ. ގައުމީޓީމުގެ ވެސް ކުޅުންތެރިއެކެވެ.
“ކާމިޔާބު ސިފަވަނީ މީހާ ހޯދާ މެޑަލް ނޫނީ ތަށްޓަކުން ނޫން. ކާމިޔާބު ކަމަށް ބެލެވޭނީ އެއިން ކުރި އެރުމެއް ލިބުމުން. ނޫނީ އެކުރާ ކަމަކުން ގިނަބަޔަކަށް ޕޮޒިޓިވް އިންފްލުއެންސްއެއް ކުރުމުން. މަފާޒްގެ ވޯކް އެތިކް ފެނިފަ މޯޓިވޭޓް ވެގެން ބާސްކެޓްބޯޅަ އަދި އެހެން ކުޅިވަރުތަކުން ކުދިންތަކެއް ކުރިއަށް ދާން ބޭނުންވީމަ އެއީ ކާމިޔާބެއްކަމަށް ބެލެވޭ”
ބާސްކެޓު ކުޅެން ފެށުނު ގޮތް
“ގްރޭޑް 6 ގަ. ކުޅުނު ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްގަ ބެސްޓް 5 ލިބުނީމަ ހިތަށް އެރީ ބާސްކެޓްބޯލް އަށް ސްވިޗްކޮށްލާނީއޭ. އޭގެކުރިން ފުޓްބޯޅަ އަދި ޓެނިހަށް ޝައުޤުވެރިކަން ހުރީ. އަބަދުވެސް އެންމެ މޮޅުވާން 100% ދެން. މީހެއްގެ ހެލްޕް ހޯދުމަށްވުރެން އަމިއްލައަށް އެކަން ކުރަނީ. އަމިއްލަ ޓައިމްގަ އަމިއްލަ މީހާއަށް ވޯކްކުރަން. ކުޑައިރު ގޭގަ ހުސްކޮށް އިން އެޕާޓްމަންޓެއްގަ އަމިއްލައަށް ބާސްކެޓްބޯޅަ ބޯޑް އެއް ހަދާ، ރިންގެއް ގަނެގެން ހަރުކޮށްގެން ޓްރެއިންވެސް ކުރިން. އެކަމް އޭރު އެހާ ނޮލެޖެއް ނުހުންނާނެ ޓްރެއިންކުރަން ވީގޮތާއި އެއްޗެހި ޕްލޭންކުރާކަށް. ދެން އޭރު އިނގޭ އެއްޗެއް ހަދަމުން އައީ. އެހެންވެ އިމްޕްރޫވްވި ޕްރޮސެސް ތަންކޮޅެއް ސްލޯވެގެން އައީ. ފެސިލިޓީގެ ގޮތުންވެސް މާބޮޑު ކަމެއް ކުރެވެން ނެތް އޭރު. މިހާރު ފަސޭހަ ވަރަށް. އެއްޗެހި ދަސްކުރެވޭނެ ޕްލެޓްފޯމްތައް ހުރުމާއިއެކު ގިނަ އެއްޗެހިތަކެއް ޓްރެއިނިން ގަ ޔޫސް ކުރެވޭނެ. އެކަމްވެސް އަދިވެސް ބާސްކެޓްބޯޅައަށް ޚާއްސަ ފެސިލިޓީއެއް ނުހުރޭ އެކަން އެންމެ ރަނގަޅުގޮތުގައި ކުރަން.”
“އެންމެ އެހީތެރިވަނީ މަންމަ އާއި ބައްޕަ އަދި ކޮއްކޮ. ދެން ވައިފް. ކުޅޭ އެއްވެސް މެޗެއް އެމީހުން މިސްކޮށްނުލާ މިދިޔަ 6 އަހަރުތެރޭ.”
ކެރިއާގަ މަފާޒް އެންމެ އުފާވީ 2018 ވަނަ އަހަރުގައެވެ. ނަމަވެސް މަފާޒަކީ ކާމިޔާބު ކުޅުންތެރިއެއްކަމަށް އަދި އޭނާ ޤަބޫލެއް ނުކުރެއެވެ.
“ކެރިއާގަ އެންމެ އުފާވީ 2018 ގަ ޑިވިޝަން ޓޯނަމަންޓްގަ ބެސްޓް 5 ގަ ހިމެނުނީމަ. އެފަހަރު ދިވެހި 2 ކުޅުންތެރިން ހިމެނޭނީ. އެއީ އޭރުގެ ޤައުމީ ޓީމް ކެޕްޓަން ޒިލާލް އަދި މަފާޒް. ދެން ހުސް ބޭރު ކުޅުންތެރިން ތިބޭނީ. އެއީ އަލަށް ޑިވިޝަން މުބާރާތުގެ ޓޮޕް 5 ހޯދި. އިންޑިވިޖުއަލް ޓްރޮފީ ހުންނާނެ އެކިގޮތްގޮތުން. އިންޑިވިޖުއަލީ ކާމިޔާބުވެދާނެ. އެކަމަކު ކާމިޔާބު މީހެކޭ ބުނެވޭނީ ޑިވިޝަން 1 ތަށީ ޓީމާއި އެކީ އުފުލުނީމަ. އަދި ރާއްޖެއަށް މެޑަލެއް ހޯދާ ދެވުނީމަ. ޓީމް ސްޕޯޓެއް ވީމަ ޓީމް ސަކްސެސްފުލް ވީމަ ކީދާނެ ކާމިޔާބު މީހަކަށް.”
ކުޅުމުގެ އިތުރުން މަފާޒް ކޯޗުކަންވެސް ކޮށްދޭ
“ކޯޗްކަން ކޮށްދޭއިރު އެންމެ ބޮޑަށް ބަލަނީ އެ ޕްލެޔަރަކަށް ބޭނުންވާ ހުރިހާ ޓްރެއިނިން އެއް ދެވޭތޯ. އެގޮތުން އެންމެ ކިޔާދޭހިތްވަނީ ޝޫޓްކުރަން. އެއީ މިހާރު ގެ ބާސްކެޓްބޯޅައިގައި ދިރާސާތަކުން ދައްކާގޮތުގައި އެންމެ ޝޫޓިން ޕަސެންޓޭޖް ރަނގަޅު ޓީމް މޮޅުވުމުގެ ޗާންސް ބޮޑު. އަދި ރާއްޖޭގެ ހައިޓަށް ބަލާނަމަ ޝޫޓްކޮށްގެން އޮތީ ރަނގަޅު ރިޒަލްޓް ނެރެވެން. މަފާޒްގެ 2 ސްޓޫޑެންޓަކުވަނީ ޑުބާއީގެ އެންބީއޭ ބާސްކެޓްބޯލް އެކެޑެމީއިން ޓްރެއިން ކުރުމުގެ ފުރުޞަތުލިބި އެކޮޅަށް ދިރިއުޅުން ބަދަލުކޮށްފައި. އަދި ހަމަ އެއާއިއެކު ސްޓޫޑެންޓަކާއި އެކު ނޭޝަނަލް ޓީމް ޓްރިޕެއްވެސް ދެވުނު.”
ޤައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވުން އެއީ ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެ ދުވަހެއް ކަމަށް ބުނަމުން ގައުމީޓީމުގެ މި ކުޅުންތެރިޔާ ފާހަނގަކުރާ ގޮތުގައި ޕްރޮފެޝަންއެއްގެ ގޮތުންވެސް ބާސްކެޓް އަކީ ކުޅެވިދާނެ ކުޅިވަރެކެވެ.
“ޕްރޮފެޝަންއެއްގެ ގޮތުގައި މިކަން ކުރެވިދާނެ. އެކަމް އާމްދަނީ ކުޑަވާނެ ރާއްޖޭގައި މިކަން ކުރަންޏާ. އަމާޒަކަށް ބަލަންވީ ރާއްޖެއިން ބޭރުން ފުރުޞަތުތަކެއް ހޯދުން. އެއީ ވަރަށް މަސައްކަތް. އެކަމް ޔަޤީނުންވެސް ވާނެކަމެއް ހިތްވަރެއް ހުރެއްޖެއްޔާ. މިހާރު ވަރަށް ޓެލެންޓެޑް ކުދިން އުޅޭ. ވަރަށް ޑެޑިކޭޓެޑް ކުދިން ކޮޅެއް. އެކަމް އެކަން ވާންއޮތީ ރަނގަޅު ފެސިލިޓީއެއް ބިލްޑްވެގެން. އަދި ލޯކަލް ލީގު ވަރުގަދަކޮށްގެން. ލެކްވަނީ މެޗް އެކްސްޕީރިއަންސާއި ގޭމް އައިކިއު. އޭތި ބިލްޑްކުރެވޭނީ ގިނައިން ކުޅުނު ވަރަކަށް. ކިތަންމެ ވަރަކަށް ޓްރެއިން ކުރިޔަސް ގޭމް ނޭގެންޏާ ކުރިއަރަން އުނދަގޫވާނެ.”
ރާއްޖޭގެ ބާސްކެޓް ކުޅުންތެރިން ކުޅޭނެ ރަނގަޅު ތަނެއް ނެތުމަކީ ކަންބޮޑުވާކަމެއް ކަމަށް އޭނާ ފާހަނގަކުރެއެވެ.
“ސޯޝަލް ސެންޓަރ އެކަނި އިނީ އެކަމް އެތަނަކީވެސް އިތުރު ބައިވަރު ކުޅިވަރު ޝެއާކުރާ ތަނަކަށްވުމުން ގިނަފަހަރު ޤައުމީޓީމަށްވެސް ޕްރެކްޓިސްކޮށްލަން ޗާންސް ނުލިބޭ. ބާސްކެޓްބޯޅަ އަކީ ހާޑްވުޑްގަ ކުޅޭ ކުޅިވަރެއް.”
” ކުޅިވަރަކީވެސް ކެރިއާ އެއް. މީހާ މީހަކަށް ވާނީ ހަމައެކަނި ކިޔަވައިގެނެއް ނޫން. އެމީހާގެ ހުންނަ ޓެލެންޓް ޝޯކޮށް، އެކަމަށް މަސައްކަތް ކުރީމަ ކޮންމެ ކަމަކުންވެސް ކުރި އެރޭނެ. މޮޅު މީހަކަށްވާން ވަރަށް ކޮމިޓްމަންޓް ދޭންޖެހޭނެ އެކުރާ ކަމަކަށް. އެހިސާބަށް ދެވެންދެން ބައިވަރު ކަންތައް ސެކްރިފައިސް ކޮށްގެންވާނީ. އެހެންވެ އެންމެންނަށް އެންމެ މަތީ ފަންތިއަށް ދާން އުނދަގޫވަނީ. ވަކި ހިސާބަކުން ބައެއް ކަންތައް ސެކްރިފައިސް ކުރުން ހުއްޓާލާފަ އެގޯލް ހަނދާންވެސް ނެތޭ. އެހެންވިޔަ ނުދެއްޗޭ ބުނާނީ. މިކަމުން ހެލްޕް ބޭނުންވަންޏާ މަފާޒަށް ކޮށްދެވެން އޮތްވަރަކުން ހެލްޕް ކޮށްދޭނަން.”