ހަރުދަނާ، ޒިންމާދާރު ޒުވާނުން ބިނާ ކުރުމަށް އަހަރުމެންނަށް މަސައްކަތް ކުރެވޭތަ؟
8 ޖޫން 2022 - 9:53
ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ޕްރައޮރަޓައިޒްކުރާ އެއް ޕޮލިސީ އަކީ ޒުވާނުން ބިނާކުރުމެވެ. އެކި ނަންނަމުގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގައިގެން ޒުވާނުން ބިނާކުރަން ބޮޑެތި ޚަރަދުވެސް ދަޢުލަތްތަކުން ކުރެއެވެ.
ދުޅަހެޔޮ ހަށިހެޔޮ، ބިނާކުރަނިވި ޒުވާންޖީލަކަށް ޤައުމުތަކުން ބޭނުންވާ ސަބަބަކީ ކޮބައިތޯއެވެ؟ ޚާއްސަކޮށް ދުނިޔޭގެ ކުރިއަރާފައިވާ ތަހުޒީބީ ޤައުމުތަކުގައި ޒުވާނުން ބިނާކޮށް، ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދޭން މަސައްކަތް ކުރަނީ ކޮންބޭނުމެއްގައި ތޯއެވެ؟ ޒުވާނުންނަކީ މުސްތަޤްބަލުގައި ޤައުމު ހިންގުމާ ހަވާލުވެ ތިބޭނެ މީހުންނެވެ. އެކަމަށްޓަކައި ޒުވާނުންގެ ލޯތައް ހުޅުވެން ޖެހެއެވެ.
ދިރާސާތަކަށް ބަލާއިރު އަޅާނުލެވި ދޫކޮށްލެވިފައިވާ ޒުވާނުން ގިނަ މުޖްތަމަޢުތަކަށް ތަރައްޤީގެ ރޮނގުން ކުރިއަށް ދިއުމަށް ހުރަހަކަށްވެއެވެ. އެފަދަ މުޖްތަމަޢުތަކުގެ އުފެއްދުންތެރިކަން ދަށްވެ އިޤްތިޞާދީ ގެއްލުންތަކަށް ހުށަހެޅެއެވެ. ކުށްގިނަވެ ޢާންމުންނަށް ދިރިއުޅެން ތުރާލަކަށްވެއެވެ.
ދިވެހިރާއްޖެއަށް ބަލަމާ ހިނގާށެވެ. ގްރޭޑް 10 އަކާއި ހަމައަށް ތަޢުލީމު ޙާސިލްކުރުމުގެ ފުރުޞަތު ނެތް ރަށެއް ނޯންނާނޭ ބުނެވިދާނެއެވެ. އެންމެ ފުރިހަމަ ނުވިކަމުގައި ވިޔަސް ތަޢުލީމީ ދާއިރާގެ ތެރެއިން ތަފާތު ހުނަރުތައް ދަރިވަރުންނަށް ހޯދައިދެވެއެވެ. އެކަމަކު ސުވާލު އުފެދޭ ހިސާބަކީ ސާނަވީ ތަޢުލީމު ނިމިގެން މުޖްތަމަޢަށް ނިކުންނަން ބަލާއިރު ނިސްބަތުން ގިނަ ޢަދަދެއްގެ ޒުވާނުން ޒިންމާއިން ޣައިބުވުމެވެ. ތަޢުލީމީ މަންހަޖުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ޒުވާނުން އެކަށީގެންވާ މިންވަރަށް އެބަ އުފެއްދޭތޯއެވެ؟
މަސައްކަތްތެރިކަމުގެ ސިނާޢަތް ބޭރު ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލައިގެން މުޖްތަމަޢު މިއޮތީ ހެވިދިލިފައެވެ. އަތްއުރާލައިގެން ކުޅިބަލަން ދިވެހި ޒުވާނުން ތިބިއިރު މުސްކުޅިވަމުންދާ ޖީލުގެ ބަދަލުގައި ދަނޑަށް ކުޅެން އަރާނެ ޒުވާން ކުޅުންތެރިންނެއް ނެތެވެ. އަވައްޓެރި ޤައުމުތަކަށް ނިސްބަތްވާ ޒުވާނުން އެމީހުންގެ ދިރިއުޅުން އާރާސްތުކޮށް އަމިއްލަ ފައިމައްޗަށް ތެދުވާ ނިސްބަތް ދިވެހިރާއްޖެއަށް ވުރެ ރަނގަޅުވާނެކަމަށް މިހާރު ބެލެވެއެވެ. ޣާފިލުކަމާއި ޒާތްޒާތުގެ މަސްތުން ފުރިފައި ތިބެ އަހަރެމެންގެ ޒުވާން ޖީލު ހަނާވަނީއެވެ. ކަމާއިބެހޭ ވުޒާރާތަކުގެ ޕޮލިސީ ލެވެލްގަޔާއި އަދި އިޖްތިމާޢީ ފަރުދީ ހައިސިއްޔަތުންވެސް މިވާހަކަ ދައްކާނެ ފަރާތެއް ހަމަ ނެތީބާއޭ އަހަރެންގެ ހިތަށް އަރައެވެ.
ޤައުމު އެދިގޮވަނީ އިޞްލާޙީ އިންޤިލާބަކަށް
2015 ވަނަ އަހަރާއި ހަމަޔަށް ޔޫއެންއެފްޕީއޭ އިން ލަފާކޮށްފައިވާ ގޮތުން ދުނިޔޭގައި 1.8 ބިލިއަން ޒުވާނުން އުޅެއެވެ. އޭގެތެރެއިން 87 އިންސައްތަ ޒުވާނުން ދިރިއުޅެނީ ރާއްޖެކަހަލަ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައެވެ.
ޒުވާނުން ސުމާރެއް ނެތް މިންވަރަށް ގިނަވެ އައްޑާތަކާއި ކަންކަންމަތި ފަޅުފިލުން ފިޔަވައި އިތުރުކަމެއް ކުރޭ ހެއްޔެވެ؟
ޒުވާނުންގެ ތެރެއިން ގިނަބަޔަކު އާދައިގެ މަސައްކަތްކުރާކަށް ބޭނުމެއް ނުވެއެވެ. އެއްލަކިން ބޮންތިއަށް ނޭރެންޏާ ވަޒީފާތައް ކަޑައެވެ. ރާއްޖެއިން ލިބެންހުރި ފުރުޞަތުތައް އެކްސްޕްލޯ ކުރާކަށް ބޭނުމެއް ނުވެއެވެ. ރާއްޖެއިން ބޭރަށް ގޮސްގެން ހޯދިދާނެ ފުރުޞަތުތައް ރާއްޖެއިން ބޭރުގައި އުޅެންޖެހޭތީ ގެއްލުވާލައެވެ. މީގެ މާނައަކީ ޒުވާނުންނަށް ލިބިދެވޭ ތަޢުލީމާއި ތަރުބިއްޔަތުން އުނިވާ ކޮންމެވެސް މުހިންމު ބައެއް ވާކަމެވެ.
ދިވެހިރާއްޖެއަކީ ހުނަރުވެރި މަސައްކަތްތެރީންނަށް ފުރުޞަތު އޮތް ތަނެކޭ ބުނެވިދާނެއެވެ. ރާއްޖެއަށް ބޭނުންވާ މިންވަރާއި ގާތަށްވެސް ސިއްޚީ ދާއިރާއިން މީހުން ބިނާކުރެވިފައެއް ނެތެވެ. ތަޢުލީމީ ދާއިރާއާއި ފަތުރުވެރިކަމުގެ ސިނާޢަތާއި، މަސްވެރިކަމުގެ ސިނާއަތަށް ބެލިޔަސް ފެންނަނީ ހަމަ އެއް މަންޒަރެކެވެ. ކަނޑުގެ ދިރުންތަކާއި ކަނޑުން ހޯދިދާނެ އެތަކެއް މަންފާއެއް ފެންނަން އޮތަސް އެކަމަށް ފޯކަސްކުރާނެ ވެރިއެއް، ދަރިއެއް މިޤައުމަކުން އުފަންނުވާ ކަހަލައެވެ.
ކަނޑާއި ގުޅިފައިވާ ސިނާއަތްތަކުގެ އަގު 2.5 ޓްރިލިއަން ޑޮލަރަށް އަރާކަމަށް އދ ގެ ކޮންފަރެންސް އޮން ޓްރޭޑް ޑިވެލޮޕްމަންޓުން މިދިޔަ އަހަރު ލަފާކޮށްފައިވެއެވެ. ޤުދުރަތީގޮތުން ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ވަޞީލަތަކީވެސް ކަނޑާއި ކަނޑުގެ ދިރުންތަކެވެ. މިދާއިރާއިން ޒުވާނުން ބިނާކޮށް ޤައުމުގެ އިޤްތިޞާދު ކޮޅަށްޖަހަން މިނޫން މޮޅު އެހެން އޮޕްޝަންއެއް އަހަރެމެންނަށް އެބައޮތް ހެއްޔެވެ؟
ނަން ނުޖަހަން ޝަރުތުކޮށް ދެކުނުގެ ރަށެއްގައި ހަރަކާތްތެރިވާ ޖަމްޢިއްޔާއެއްގެ މަސްއޫލުވެރިއަކު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ އެމް.ޓީ.ސީ.ސީން އެރަށުގައި ބޭއްވި އޯޕަންޑޭ އެއްގައި ޒުވާނުން ބައިވެރި ކުރަން ކުރެވުނު މަސައްކަތާއި ބައިވެރިވި ނިސްބަތް ފެނި ލޮލުން ކަރުނަ ހިލުނުކަމަށެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ދިވެހި ޒުވާނުންނަށް މުހިންމީ މޮޅު ފޯނަކުން ޖުވާކުޅެން ތިބުމެވެ. ދެން މިދައްކަނީ މަސައްކަތުގެ ދާއިރާގެ ކޮންމެ ދިމާލަކުންވެސް ބިދޭސީ މަސައްކަތްތެރިންނަށް ފުރުޞަތު ދޭ ވަހާކައެވެ.
ފަތުވެރިކަމުގެ ސިނާޢަތަށް ބެލިޔަސް އެކި ދާއިރާތަކުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު ދަނީ އިންތިހާއަށް މަދުވަމުން ދާކަން ފާހަގަކުރެވެއެވެ. ފްރަންޓް އޮފީހުން ފެށިގެން ލޭބަރުންނާއި ޖެހެންދެން ބިދޭސީ މަސައްކަތްތެރިން ނޫން ބައެއް ފެންނާކަށް ނުތިބެއެވެ. ސިޔާސަތުތައް ރާއްވަވާ ފަރާތްތަކުން މިކަންކަމާއިމެދު ފުންކޮށް ވިސްނަވައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނުކުޅެދިއްޖެނަމަ ޤައުމުގެ މަސްލަޙަތު ގެއްލި ޤައުމު އޮޔާއި ގޮސްދާނެއެވެ.
ޒުވާނުން ބިނާކުރުމަށް ބިލިއަނުން ޚަރަދު ނުކުރެވުނަސް ޕޮލިސީތައް ފައްކާ ކުރެވިދާނެ
ހިހޫތަނުން ކައިގެން ތިބެން އާދަވެފައިވާ ޒުވާންޖީލު ހަމަމަގަށް އަޅުވަން ހަންމުއްޓެއް ބޭނުމެއް ނުވެއެވެ.
އެންމެ ފުރަތަމަވެސް ފަރުދުންގެ ހައިސިއްޔަތުން އެބައެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ޅަދަރީންގެ ތަރުބިއްޔަތުން ފަށަންވީއެވެ. ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަރިން ތަރުބިއްޔަތު ކުރާނެ ގޮތް ހޯދައިބަލައި ހެޔޮވިސްނޭ ޖީލެއް ތަރަހައިން ފަށައި ބިނާކުރަންވީއެވެ.
ޔުނިވާސިޓީ އޮފް އިލަނޯއިގެ ޔޫތު ޑިވެލޮޕްމަންޓް އެޑިއުކޭޓަރެއް ކަމަށްވާ އެމިލީ ޝޯންފެލްޑަރ ބިނާކުރަނިވި ޒުވާން ޖީލެއް އުފެއްދުމަށް ގޭތެރެއިން ކުރެވިދާނެ ކަންކަން ފާހަގަކޮށް ބުނެފައިވަނީ ކުދިންނަށް އޯގާތެރި ގެވެށިގުޅުންތަކާއި ރައްކާތެރި މާޙައުލެއް ދިރިއުޅެން ޤާއިމްކޮށް ދިނުމަށެވެ. އެހެން މީހުންނަށް އެހީތެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށާއި، އަބަދުވެސް އާކަންކަން ދަސްކުރުމަށް ހިތްވަރު ދިނުމަށެވެ. މީގެ އިތުރުން އެކުދިންގެ ދިރިއުޅުމުގެ ނިންމުންތައް އެކުދިންގެ ހެޔޮ ވިސްނުމުގެ މައްޗަށް ދޫކުރެވިފައިވާކަން އެކުދިންނަށް އިޙުސާސްކޮށް ދިނުމަށެވެ. މުޖްތަމަޢަށް ނިކުންނަ ކޮންމެ ކުއްޖަކީ ގޭތެރެއިން އެޅިފައިވާ ހަރުދަނާ ބިންގަލެއްގެ މަތީގައި ނިކުންނަ ކުއްޖަކަށްވުމުން ހަޤީޤަތުގައި ބޮޑެތި ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމެއް ނޯންނާނެއެވެ.
ދަޢުލަތުގެ ކަމާއިބެހޭ ވުޒާރާތަކާއި އަދި އެހެނިހެންވެސް ކަމާއި ގުޅޭ މުއައްސަސާތަކުން ޤާއިމްކޮށްދޭން ޖެހެނީ ޝަރުޢީ ހަމަތަކާއި ޤާނޫނީ އިމުގެ ތެރޭގައި ދިރިއުޅޭނެ އަދި ދިރިއުޅުނަދޭނޭ އަމާން މިނިވަން ވެއްޓެކެވެ. ހުޅުވައިދޭންވީ ކޮޅެއްގައި ޖެހުމާ ހަމަޔަށް ޓެލެންޓް އެކްސްޕްރެސް ކުރެވޭނެ މަންސަތަކުގެ ދޮރުތަކެވެ. ޤާނޫނުތަކާއި ޤަވާޢިދުތައް ޒުވާނުންނާއި ރައްޓެހިކޮށް އިސްވެ މިދެންނެވުނު ކަންކަމަށް ހުރަސްނޭޅޭ ގޮތަށް ހެދިފައި ހުރުމަކީވެސް މުހިންމުކަމެކެވެ. ގޯޅިއެޅިޔަސް އެނބުރި އަންނަން ދަތިނުވާނޭހެން ކަންކަން ފަހިވެފައި ހުރުމަކީ ވެއްޓުނަސް ތެދުވެ ހިނގައިގަންނަން ލިބިދެވޭ ބާރެކެވެ. ޒުވާނުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ހަމައެކަނި އެޒުވާނުންގެ ހަޔާތް ބާއްޖަވެރި ވުމެއް ނޫނެވެ. އެއީ ޤައުމުގެ ހުރިހައި ދިވެހިންނަށް ލިބޭނެ ނިޢުމަތެކެވެ. އެހެނީ ހަރުދަނާ ޒުވާނުން ޤައުމުގެ ހުންގާނުގައި ހިފާ ހިސާބުން ޤައުމުގެ ހިންގުން ހަރުދަނާވާނެކަން ސާބިތުވެ ފެންނަން އޮތުމެވެ.