މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
13 ޖޫން 2022 - 19:36
ހައިސްޕީޑް ފެރީގެ ޚިދުމަތާއި އެކު ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިއްޖެ: ނެއްލައިދޫ ކައުންސިލް
ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލު ކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ، ސަރުކާރުން އުތުރުގެ އަތޮޅުތަކުގައި ޤާއިމްކުރި ހައި ސްޕީޑް ފެރީގެ ޚިދުމަތާއި އެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން މިހާރު ލިބޭ ފެރީގެ ޚިދުމަތަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގެންފައިވާ ޚިދުމަތެއްކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ކޯވިޑްގެ ކޭސްތައް އަނެއްކާވެސް ގިނަވަނީ: އެޗްޕީއޭ
ކޯވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ގިނަވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މަޝްވަރާކުރައްވައިފި
1443 ވަނަ އަހަރު ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ޙައްޖު ކޯޕަރޭޝަނުންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީންނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީންނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބައިވެރިވެޑައިގެންނެވިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ޅ.ނައިފަރު ކައުންސިލާއި މިއަދު ބައްދަލުކުރައްވައިފި
އެންވަޔަރަމެންޓް މިނިސްޓްރީގެ އިސްވެރިން ޅ.ނައިފަރު ކައުންސިލާއި މިއަދު ބައްދަލުކުރައްވައިފި އެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ އިތުރުން އިޢާދަކުރަނިވި ހަކަތައާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ކާރިސާތަކުން ރައްކާތެރިވުމާއި ދިވެހިރާއްޖޭގެ ދިފާޢަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާ ވަނީ ގުޅިލާމެހިފައި – މިނިސްޓަރ
ކާރިސާތަކުން ރައްކާތެރިވުމާއި، ދިވެހިރާއްޖޭގެ ދިފާޢަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާ ގުޅިލާމެހިފައިވާ ކަމަށާއި، މިތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ބައިނަލްއަޤްވާމީ ޕާޓްނަރުންގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ހަވާއީގެ ސެންޓަރ ފޮރ އެކްސެލެންސް އިން ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ހިއުމެނިޓޭރިއަން އެސިސްޓަންސް (ސީ.އެފް.އީ.ޑީ.އެމް) އާ ގުޅިގެން، 3 ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ ވަރކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.