ކޮވިޑް ކޭސްތައް އަނެއްކާވެސް އަންނަނީ ގިނަވަމުން: އެޗްޕީއޭ

13 ޖޫން 2022 - 19:22

ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު، އަނެއްކާވެސް ގިނަވަމުންދާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިގޮތުން ވޭތުވެދިޔަ ހަފްތާގައި 142 ކޭސް ވަނީ ފެނިފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު %69 އިތުރު ވުމެކެވެ. މިއާއެކު، ސާމްޕަލް ޕޮސިޓިވިޓީއާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް ވަނީ ފާހަގަކުރެވިފައި ކަމަށް އެންގެވި އެވެ. ފާއިތުވި މޭމަހު ކޮވިޑް -19 ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައިވަނީ މުޅިއެކު 15 މީހުންނެވެ. އެހެންނަމަވެސް ޖޫންމަހުގެ 12 ވަނަ ދުވަހާ ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވެއެވެ.

advertisement

އެހެންކަމުން ކޮވިޑް-19 ގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށްޓަކައި ބަލިން ރައްކާތެރިވުމަށް އަންނަނިވި ކަންކަމަށް ސަމާލުކަން ދެއްވުމަށްަލީގެ އެޗްޕީއޭއިން ދެންނެވި އެވެ.

  • ަބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުން
  • މާސްކް އެޅުން: ޚާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކުން އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައާއި އެތަންތަނަށް ޒިޔާރަތްކުރާއިރު
  • ކޮވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުން
  • ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން: 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓަރ ޖެހުމުގެ އިންތިޒާމުތައް މިހާރުވެސް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހާ ސެންޓަރުތަކާއި ގަޑިތައް ކޮވިޑް-19 ވެބްސައިޓްއިން ފެންނަން ހުންނާނެއެވެ.

ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމާއެކު ބައެއް ޤައުމުތަކުގައި މިހާރުވެސް ކޮވިޑްގެ ހާލަތު ދަނީ ގޯސް ވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރިއެވެ.

ރިއެކްޝަންސް
1
0
0
1
0
1
0