މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
14 ޖޫން 2022 - 19:48
ހުޅުމާލޭގައި އިތުރު ސްކޫލްތައް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ނައިބު ރައީސް
ހުޅުމާލޭގައި ކިޔަވާކުދިންގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި އިތުރު ސްކޫލުތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަޖިއަލް ބައިލިންގުއަލް ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވިދާޅުވީ، ހުޅުމާލޭގައި އިތުރު 5 ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރިޔަށްދާ ކަމަށެވެ. އޭގެ ތެރޭގައި ދެޕްރީސްކޫލުވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ކުންފުނިތަކާއި ސަފާރީތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް ދަނީ ހިންގަމުން: ފޮލިސް
ކުންފުނިތަކާއި ސަފާރީތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް ހިންގުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ފަރާތްތަކުން މިކަން ކުރަނީ ވިޔަފާރިއެއް ނުވަތަ ކޮންމެވެސް މަސައްކަތެއްކުރާ މީހަކަށް ގުޅައި، އެ މީހަކު ވިއްކާ ނުވަތަ އެ ތަނެއްގައި ވިއްކަން ހުންނަ އެއްޗެއް ގަތުމުގެ ނަމުގައެވެ.
އެގޮތުން، ފަތުރުވެރިންނާއެކު ދަތުރުކުރަމުންދާ ސަފާރީއަކަށް ނުވަތަ ސަޕްލައި ދޯންޏަކަށް ބޭނުންވާ އެކި ބާވަތުގެ ތަކެތި ގަތުމުގެ ނަމުގައި ގުޅައެވެ. އެ ސަފާރީ ނުވަތަ ސަޕްލައި ދޯނި ހިމެނޭ ކަމަށްބުނާ ކުންފުނީގެ ނަމުގައި، ތަކެތި ވިއްކާ މީހުންނަށް ގުޅައި އެކި ބާވަތުގެ އަގުބޮޑު ތަކެއްޗަށް އޯޑަރުކުރެއެވެ. އަދި އެތަކެތި އެ މީހުން ގަންނާނީ އާންމުކޮށް ވިއްކާ އަގަށްވުރެ ބޮޑު އަގުގައި، ވިއްކާ މީހާއަށް ބޮޑަށް ފައިދާ ލިބޭގޮތަށް ކަމުގައި ބުނެއެވެ. ވިއްކާ މީހާ މި ތަކެތި ޑެލިވަރީ ކުރުމުގެ ކުރިން، ކުށްކުރާ މީހުން އިތުރު ބާވަތުގެ ތަކެއްޗަށް އޯޑަރުކުރެއެވެ.
ސްޓެލްކޯގެ ޗެއާމަނަކަށް ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީ އައްޔަނުކޮށްފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރމަންކަމުގެ މަޤާމަށް، ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރައިޓައިޒޭޝަނުން އައްޔަކޮށްފިއެވެ.
ބޮޑު އީދު ބަންދުތެރޭ ބޭންކުތައްވެސް ބަންދުވާނެ
އެމްއެމްއޭއިން ވިދާޅުވީ އަންނަމަހުގެ 10 އިން 14 އަށް ސަރުކާރު ބަންދުވުމާއި ގުޅިގެން، މި ދުވަސްތަކުގައި އެމްއެމްއޭ އާއި ބޭންކުތައް ބަންދުވާނެ ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބަށް މިނިސްޓަރ މާރިޔާގެ އެންޑޯސްމަންޓް ރައީސް ސޯލިހަށް
އަންނަ ރިޔާސީ އިންތިހާބަށް މިނިސްޓަރ މާރިޔާގެ އެންޑޯސްމަންޓް ރައީސް ސޯލިހަށް ދެއްވައިފި އެވެ.