މަންމައިން ވިސްނަންވީ ކަންކަން

15 ޖޫން 2022 - 9:50

ގިނަ މައިންނަށް ތަޖުރިބާ ކުރެވޭ ނުރަނގަޅު އިޙްސާސެއްގެ ވާހަކަ ދައްކަމާ ހިނގާށެވެ. ޤަބޫލުކުރިޔަސް ނުކުރިޔަސް ދަރިންގެ ތަރުބިއްޔަތާއި ދަރިން ބަލައި ބޮޑުކުރުމުގައި މަންމައިންގެ ރޯލު ވަރަށް ބޮޑެވެ. މިއީ ހަމަ ދުނިޔޭގެ ގިނަ ތަންތާނގައި މިކަން ހިނގާގޮތެވެ. އެކަމަކު ވަރަށް ގިނަ ފަހަރު މަންމައިންނަށް އެމަންމައިންގެ ކޮނޑުގައި އެޅިފައިވާ މަސްޢޫލިއްޔަތު އަދާ ނުކުރެވޭ ކަމުގެ އިޙްސާސްތައް ކުރެވެއެވެ.

ދަރިން އެކަށީގެންވާ ހެޔޮ ގޮތުގައި ތަރުބިއްޔަތު ނުކުރެވޭ ކަމާއި ދަރިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ނުދެވޭ ކަމުގެ އިޙްސާސް ކުރެވެއެވެ. މިފަދަ އިޙްސާސްތައް ކުރެވޭނަމަ ވިސްނާލަންވީ މުހިންމު ދެތިން ނުކުތާއަށް ބަލާލަމާ ހިނގާށެވެ.

advertisement

ހުރިހާ ކަމެއް ‘ޕާފެކްޓް’ އެކަކުވެސް ނުހުންނާނެއެވެ.

އަސްލު ބުނަން ހެއްޔެވެ؟ އެމީހަކު އުޅޭ އުޅުމާއި އެމީހާ އަދާކުރަންޖެހޭ ޒިންމާތައް އަމިއްލައަށް ޖަޖްކުރާނީ ހަޤީޤަތުގައި ރަނގަޅު މީހުންނެވެ. އޭގެއިން އެފެންނަނީ ޒިންމާތަކާއި މެދު ފަރުވާ ބަހައްޓައި ވިސްނާކަމެވެ.

މަންމައިން ދަރިންގެ ކަންކަމާއިމެދު މިގޮތަށް ފިކުރު ބޮޑުވާކަމުގައި ވާނަމަ އެދައްކައިދެނީ ދަރިންނަށް އަޅާލުމުގައި މައިން ސަމާލުވާކަމެވެ. މިބާވަތުގެ ކަންކަމުގައި ވިސްނައި ފިކުރު ކުރުމުގައި ހައްދު ފަހަނައަޅައި ދިއުމުން ދަރިންނަށް އެންމެ ބޭނުންވާ ވަގުތުގައި މައިމީގާ ސްޓޭބަލްއެއް ނުވާނެނޫން ހެއްޔެވެ؟ ދަރިންނަށް އެދެވޭ މިންވަރަކަށް އަޅާލުމާއި ލޯބިދެވޭނީ މަންމައިން ފުރިހަމަ ސިއްޚަތެއްގައި ގަދަކޮށް ހުރެގެންނެވެ.

އަދިވެސް އެހެން ވާހަކައެކެވެ. މައިވަންތަކަމުގެ ޙަޔާތުގައި ކޮންމެ މަންމައަކުވެސް ކުރަނީ އެއްގޮތް ކަންކަން ހުއްޓަސް ތަފާތު ތަޖުރިބާތަކެކެވެ. ޚާއްސަކޮށް ފުރަތަމަ ދަރިފުޅާއި އެކު ގިނަ ތަޖުރިބާތަކެއްކޮށް ގިނަ ކަންކަމުގައި ޙާޞިލު ނުކުރެވޭ  ކިތަންމެ ލަނޑުދަނޑިއެއް ހުންނާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ކޮންމެ މަޔަކުވެސް ދަރިން ތަރުބިއްޔަތު ކުރުމުގައި ބަލަންޖެހެނީ ގޯހެއް ހެދުނަސް އެހެދުނީ ގޯހެއްކަން ޤަބޫލުކޮށް އެކަން ރަނގަޅުކުރުމަށެވެ. މީގެ އިތުރުން ދަރިންނަށް ނިސްބަތްކޮށް ކުށެއް ކުރެވުނަސް ނަމޫނާ ދައްކައި މަޢާފަށް އެދުމަށެވެ.

ރައްޓެހިންގެ ‘ޕާފެކްޓް’ ދިރިއުޅުން ފެނިގެން މާޔޫސްވާނަމަ ދަންނާށެވެ. އެފެންނަނީ ހަޤީޤަތެއް ނޫނެވެ. ބިތުފަންގީގެ އަނެއް ބިތުގައި ދިރިއުޅުމުގެ ‘އިމްޕާފެކްޓް’ ކިތަންމެ ކަމެއް ހުންނާނެއެވެ. އެއީ އެއްވެސް އިންސާނަކު އެއަކުން އިސްތިސްނާވާނެ ކަމެއް ނޫނެވެ.

މާބޮޑަށް ‘ޕާފެކްޓް’ ދިރިއުޅުމެއް ލިބުން އިންސާނުންގެ ތަބީޢަތާއިވެސް ޚިލާފެވެ. އެހެންކަމުން ނަފްސު ޕްރެޝަރު ކުކަރަށް ދޫކޮށް ނުލާށެވެ!

ޅަފުރާ އެއީ ހިނދުކޮޅެކެވެ. ތިއީ ދަރިންގެ މުޅި ދުނިޔެއެވެ.

މައިންގެ ގާތުގައި ދަރިން ބޮޑާހާކައި ޗަރުކޭސް ދައްކާ މިންވަރު ގިނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ މިވެސް ހަޤީޤަތެކެވެ. ބައްޕައިންނާއި ދަރިން ވަރަށް ދޯޅު ވާހަކައަކީ އަހަރެމެންގެ ތެރޭގައިވެސް ދެކެވޭ ވާހަކަތެކެވެ.

އެކަމަކު ދަރިންގެ ހިތުގައި ހެޔޮ މައިންނަށް ދެވިފައި އޮންނަ މަޤާމަކީ ޚާއްސަ މަޤާމެކެވެ. އެލޯތްބާއި ކުލުނު އެހެން މީހަކަށް އިޙްސާސެއް ނުވާނެއެވެ. އެލޯބި އަދި މޫނުމަތިން ނުފެނުނަސް ދިރިއުޅުމުގެ އެކި މަރުޙަލާގައި އެކަން ޔަޤީންކުރެވޭނެއެވެ. ދަރިންނާއި މުއާމަލާތުކޮށް ދަރިންގެ ކަންކަމުގައި އުޅޭއިރު ތިއީ ދަރިންގެ މުޅި ދުނިޔެކަން ދަންނަންވާނެއެވެ.  

ދިރާސާވެރީންގެ ހޯދުންތަކުން ޔަޤީންކުރެވޭ ގޮތުގައި  ދަރިންގެ ކަންކަމުގައި މައިން ސްޓްރެސްވާ މިންވަރު މާބޮޑެވެ. ދަރިންގެ ކަންކަމުގައި ހައްދު ފަހަނައަޅައި ދާވަރަށް ސްޓްރެސް ބޮޑުވުމުން ފޯކަސް ގެއްލި ދަރިން ތަރުބިއްޔަތު ކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތި ވާނެއެވެ.

ވިސްނާލަންވީ ދަރިންގެ ކޮންމެ ޢަމަލަކީވެސް ވަށައިގެންވާ މާޙައުލުގެ އިންފްލުއެންސާއި އެކުއްޖާގެ މިޒާޖާއި އުޅުމާއި ގުޅިގެން ކުރެވޭ ޢަމަލެއްކަމެވެ. ހައްލު ނުވާނެކަމެއް މަދުވާނެކަމެވެ. ދަރިންގެ ޅައުމުރު އިސާހިތަކު ނިމި ދަރިން މިނިވަންކޮށް އުޅެން ފަށާނެއެވެ. އޭރުން ދިމާވާ ކުދިކުދި މައްސަލަތައް ހަނދާނެއްވެސް ނުހުންނާނެއެވެ.

ކޮންމެ މަޔަކުގެވެސް ފޯކަސް އަކީ އެކައްޗެކެވެ. ހުރިހާ މައިންވެސް މަސައްކަތްކުރަނީ އެއް މަންޒިލަކަށް ވާޞިލުވާށެވެ. މިދަތުރުގައި ތަފާތުވަނީ ޚިޔާރުކުރެވޭ މަގެވެ. ދަތި ޙާލުގައި ދަތުރު ކުރަންޖެހޭ ވަޤުތުތަކާއި ފަސޭހަކޮށް ދަތުރު ކުރަންޖެހޭ ވަޤުތުތައް އަންނާނެއެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑުވެސް އަންނާނެއެވެ. ސްޓްރެސްވެ ދިރިއުޅުމަށް އުނދަގޫވުމުގެ ކުރިން އެހީތެރިކަން ހޯދުން މުހިންމެވެ. ތެރަޕިސްޓުންނާއި ވަފާތެރި އެކުވެރިންނާއި ޢާއިލާ މެންބަރުންނަކީ މިކަންކަމުގައި އެހީތެރިވެވޭނެ މައި ތަނބުތަކެވެ. މަންމައިން މަންމައިންނަށް ތަޖުރިބާ ޙިއްސާކޮށް ވާހަކަ ދައްކާލާ ހަދާނަމަ މިބާވަތުގެ ބަލިމަޑުކަމުން ސިކުނޑި ސަލާމަތް ކުރެވޭނެއެވެ. އެންމެ ފުރިހަމަ ނުވިޔަސް އެންމެ ބޭނުންތެރި ބަލަދުވެރިއަކަށް ވުމުގެ ފުރުޞަތު ބޮޑީ މަންމައަށެވެ.

ރިއެކްޝަންސް
6
17
0
5
1
0
1