ރިޕޯޓް: ސިޔާސީ ބޭނުމަށް ދީން ހަތިޔާރަކަށް ހެދުން
15 ޖޫން 2022 - 14:00
ސެމިނާއަކުން ފެނުނު ފޮޓޯއެއްގައި ހިމެނޭ ތިން ނުކުތާއަކާ ގުޅިގެން މީޑިއާތަކަށް އެރި ފަލަ ސުރުހީތަކާ އެކު އެއްބަޔަކު އެއީ ދީނާ ދެކޮޅު ބަޔަކު ނިންމައިފިއެވެ. އެ ސުރުހީތަކުގެ ދަށުން ލިޔެފައި އޮތް އެއްޗެއް ވެސް ބަލައިލުމެއް ނެތިއެވެ. އެއްބަޔަކު ނޭނގި ތިބެއެވެ. އަނެއް ބަޔަކު ގަސްތުގައެވެ. ދީނާއި ގައުމިއްޔަތާއި މިނިވަންކަމުގެ ވާހަކަ ނަގައިގެން ސިޔާސީ ބޭނުމަށް ރައްޔިތުން ޖަޒުބާތުގައި ޖެއްސުމަށް މިފަދަކަންކަން އޮޅުވާލުމަކީ ރާއްޖޭގައި އާންމުކަމެކެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން މީގެ އަހަރުތަކެއް ކުރިން ފެށި “ހަފުތާ ރެސް” ޕްރޮގްރާމްގެ ތެރެއިން ދާދި ފަހުން ރ. އުނގޫފާރުގައި ބޭއްވި ވޯކްޝޮޕެއްގެ ފޮޓޯއަކާ ގުޅިގެން ބައެއް މީޑިއާތަކުން ބުނެފައި ވަނީ ނަމާދުކުރުމަކީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް އެ ވޯކްޝޮޕްގައި ކިޔައިދީފައިވާ ކަމަށެވެ. އަދި ތުނބުޅި ބެހެއްޓުމާއި އެސެމްބްލީގައި ލަވަ ހިމެނޭތީ ބައިވެރިވުމަށް ދެކޮޅު ހެދުމަކީ ވެސް އެކަމުގެ އަލާމާތެއް ކަމަށް މި ވޯކްޝޮޕްގައި ކިޔައިދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ. “އަމާން ވިލުނުވެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާ އެކު” ނަމުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހާއި ޓްރާންސްޕޭރެންސީ އާއި ހޯޕް ފޯ ވުމެން ޖަމިއްޔާގެ އިތުރުން އިސްލާމިކް ޔުނިވަސިޓީން ވެސް ބައިވެރިވާ ވޯކްޝޮޕެކެވެ.
ވީނުވީއެއް ހޯދަކަށް މީހުން ބޭނުމެއް ނުވޭ
މީޑިއާތަކުން ފެތުރި ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަދި ޔޫތު މިނިސްޓްރީން ވެސް ވަނީ ބަޔާން ނެރެފައެވެ. އަދި ބައެއް މީޑިއާތަކުން ފަތުރާފައި ވަނީ ދޮގު ޚަބަރުތަކެއް ކަމަށާއި މައުލޫމާތު ގެނެސްދިނީ އޮޅުވާލައިގެން ކަމަށް އެ ބަޔާންތަކުގައި ބުނެފައި ވެއެވެ. އަދި ސްކޫލްތަކުގައި ނަމާދުކުރުމަކީ އެޑިއުކޭޝަނުން މިހާރު ވެސް ބާރުއަޅާ ކަމެއް ކަމަށާއި އެކަމުގެ އިންތިޒާމްތައް ވެސް ސްކޫލްތަކުގައި ހަމަޖައްސާފައިވާނެ ކަމަށް އެ ފަރާތްތަކުން ބުނެފައި ވެއެވެ. ނަމަވެސް މީޑިއާގެ ސުރުހީތަކަށް ފަހު މި ވާހަކަތައް އަޑުއަހަން ވެސް ބައެއް މީހުން ބޭނުމެއް ނުވެއެވެ. އަދި ކަން އޮތް ގޮތާއި ހިނގި ގޮތް ވެސް ބަލާކަށް ބޭނުމެއް ނުވެއެވެ. ހާއްސަކޮށް ސަރުކާރާ ދެކޮޅު ފިކުރުތަކުގެ މީހުން ބެލީ މި ވާހަކަތަކުގެ ނާޖާއިޒު ފައިދާ ނަގައި ރައްޔިތުންެގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށެވެ. އެ މީހުންނަށް މި ފޮޓޯގަނޑާއި ނޫސްތަކުގެ ސުރުހީތައްވީ ރަންގަނޑަކަށެވެ. ނަމަވެސް ހަގީގަތުގައި އެ މުހިންމު ވާހަކަތެއްގެ އެއްބައެވެ. އަދި އެއީ އެ ސެމިނާގައި އޮޅުން ފިލުވަދެން ކުރި މަސައްކަތުގެ މުޅި މަގުސަދާ ދެކޮޅު ވާހަކަތަކެކެވެ.
ވަގުތު ފާއިތުނުވެ ނަމާދަށް އެރޭނެ އިންތިޒާމު މިހާރު ވެސް ސްކޫލްތަކުގައި ހަމަޖެހިފައި ވެއެވެ. ނަމަވެސް ބަންގި ގޮވަން ހަމަ ފެށުމާ އެކު ކްލާހުގެ މެދު ތެރެއިން ކްލާހުން ނުކުމެ ވަގުތުން ނަމާދުކުރަން ދާ ތިން ހަތަރު ކުއްޖެއްގެ އެ އަމަލަކީ ޝައްކުގެ ނަޒަރަކުން ބަލަންޖެހޭނެކަމެއް ކަމަށް ބުނުމުގައި އޮތީ ކޮން ގޯހެއް ހެއްޔެވެ. ނަމާދަކީ މުސްލިމުންނަށް ވާޖިބުކަމެއްކަމާމެދު ދެބަސްވުމެއް ނެތެވެ. ބަންގި ގޮވީމާ ކުރަން ހުރި ހުރިހާ ކަމެއް ވަގުތުން ހުއްޓާލާފައި ނަމާދަށް ދިއުން އޮންނަ އުސޫލުން އޮޕަރޭޝަން ކުރަން ހުންނަ ޑޮކްޓަރ އަދި ރަންވޭގައި ހުންނަ ފްލައިޓް ޑިސްޕެޗަރ ބަންގި ގޮވީމާ އޮޕަރޭޝަން ހުއްޓާލާފައި ނަމާދަށް ދިއުމުގެ ބަދަލުގައި، މަސައްކަތް ނިންމާލުމަށްފަހު، ނަމާދު ވަގުތު ފާއިތުވުމުގެ ކުރިން ނަމާދުކުރުން އޮތީ ދީނުގައި ހުއްދަކުރައްވާފައި ކަމަށް ދީނީ އިލްމްވެރިން ވިދާޅުވެއެވެ.
މުދައްރިސާއި ވެރިން އާންމު އަދަބު އިހްތިރާމްގެ ތެރެއިން އިށީނދެ އިން ގޮނޑި ތެދުވެލައި ސަލާން ގޮވާލުމަކުން އޮތީ ކޮށް ގޯހެއް ހެއްޔެވެ؟ ނަމަވެސް އެއީ ވެސް ދީނަ ހިލާފު ކަމެއްގެ ގޮތުގައި ދައްކައި ކްލާހުގައި ވެސް އެހެން ނުހެދުމަށް ދަރިވަރުންނަށް ވިސްނައިދީ އެ ގޮތަށް އަމަލުކުރަން މަޖުބޫރުކުރާ ނަމަ އެ ދެވެނީ އަންނަ އޮތް ޖީލުތަކަށް ނުރަނގަޅު ސިގްނަލްއެކެވެ.
ސްކޫލްތަކުގެ އެސެމްބްލީގައި ލަވަ ކިޔާތީ އެސެމްބްލީގައި ބައިވެރިނުވެ އަދި ބައިވެރިވާ ކުދިންނަށް ބިރު ދައްކައި އެކަން ނުކުރަން ހިތްވަރުދޭ ދެތިން ކުއްޖެއްގެ ވާހަކަ ފާހަގަކޮށް އެއީ ގޯހެއްގެ ފެށުން ކަމަށް ބުނެދިނުމަކީ އޮތްކަމެކެވެ. އެފަދައިން ވިސްނޭ ނަމަ އެސެމްބްލީގައި ބައިވެރިނުވުމަކުން މިހާރު ވެސް މާބޮޑު މައްސަލައަކަށް ނުވެއެވެ. އެސެމްބްލީ ނިމޭ ފަހުން ސްކޫލަށް ދާ އެތައް ކުދިންނެއް މިހާރު ވެސް އުޅެއެވެ. މި ވާހަކަތައް އޮޅުން ފިލުވައިދީ ދީނާދުރު ފިކުރަށް މަގުފަހިކުރާ ކަންކަން ބުނެދެވެންޖެހެއެވެ.
ސެމިނާގެ މައްސަލަ ސިޔާސީ ކަމަކަށް ހަދައި އެކަމާ ދެކޮޅަށް ދީނުގެ ތޮފި އަޅައިގެން ތިބި ބައެއް ސިޔާސީ މީހުން ވާހަކަ ދައްކައި ހެދުމަކީ އާ ކަމެއް ނޫނެވެ. އަދި މި ދުވަސްވަރު ވަރަށް ފޯރީގައި ހިނގާނެ ވާހަކައަކަށް ވެސް ވެދާނެއެވެ. ނަމަވެސް ވިސްނަންޖެހޭ ކަމަކީ މީގެ ސަބަބުން މުޅި މުޖުތަމައުއަށް ކުރާ ގެއްލުން މާ ބޮޑު ކަމެކެވެ. އަދި މިއީ ފޮރުވިގެން ތިބެ ބަޔަކު ކުރާ ފިކުރީ ހަނގުރާމައަކަށް ތެޔޮ އެޅުން ނޫން ކަމަކަށް ނުވާނެއެވެ. ދީން ހަތިޔާރަކަށް ހަދަައިގެން ސިޔާސީ ކުޅިވަރު ކުޅުމަކީ ނުރައްކާ ބޮޑު ކަމެކެވެ.