“ގުޅަންވީ އަޅުގަނޑު ވޯޓު ލީ ކައުންސިލަރަށް ތޯ ނުވަތަ ދިރިއުޅޭ ދާއިރާގެ ކައުންސިލަރަށް ތޯ؟”: ދަފްތަރުގެ ވާހަކަ

16 ޖޫން 2022 - 10:42

ދަފްތަރުގައި ޖެހިފައި ތިބި މީހުންނަކީ ގޯތި ދިނުމުގެ ބޭނުމަށް ދައުލަތުން ބަލާބެލުމުގައި މާލޭގެ ރައްޔިތުންގެ ގޮތުގައި ނުބަލާ ކަމަށް ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ދެއްވަމުންނެވެ. މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖައްސާފައިވާ ގޯތި ލިބޭ މީހުންގެ ތެރޭގައި މާލޭ ދަފްތަރުގައި ޖައްސާފައިތިބި މީހުންގެ ތެރެއިން ކުރިން އެހެން ރަށެއްގައި ރަޖިސްޓްރީވެފައިވާ މީހުން ނުހިމެނޭނެކަމަށެވެ.

advertisement

“ގުޅަންވީ އަޅުގަނޑު ވޯޓު ލީ ކައުންސިލަރަށް ތޯ ނުވަތަ ދިރިއުޅޭ ދާއިރާގެ ކައުންސިލަރަށް ތޯ؟”

މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދި ލޯކަލް ކައުންސިލު އިންތިހާބުގައި ވެސް ވޯޓު ލަނީ އެކި ފަހަރު އެކި ދާއިރާތަކަށެވެ. ކޮންމެ ފަހަރަކުވެސް މާލޭގެ އެކި އިންތިހާބީ ދާއިރާތަކަށެވެ.

އެހެން ކަމުން މިއީ އެރައްޔިތުންނަށް ގެއްލިފައިވާ ވަރަށް ބޮޑު ޑިމޮކްރަޓިކް ހައްގެއްކަމަށް އެރައްޔިތުން ދެކެއެވެ. “މިސާލަކަށް އަޅުގަނޑު މިއީ އަބަދުވެސް ހުޅުމާލޭގައި އުޅޭ މީހެއް. މިދާއިރާގެ ކަންކަމުގައި އަޅުގަނޑުގެ ވޯޓެއް ނެތް. އެކި ފަހަރު އެކި ދާއިރާ އަށް ވޯޓު ލާން ޖެހެނީ. އެންމެ ފަހުން ފަހަރު ލީ މާފަންނު މެދު ދާއިރާ މެމްބަރު ހޮވަން. އެކަމަކު އަޅުގަނޑު ދިރިއުޅެނީ ހުޅުމާލޭގަ. މިގޭ ކުރިމަތީގައި ފެން ބޮޑު ވީމައި އަޅުގަނޑު ގުޅަންވީ އަޅުގަނޑު ވޯޓު ލީ ކައުންސިލަރަށް ތޯ ނުވަތަ ހުޅުމާލޭ ކައުންސިލަރަށް ތޯ؟”

މިއީ މިކަމާއި މެދު ހިޔާލު ފާޅު ކުރަމުން ހުޅުމާލޭގައި ދިރިއުޅޭ ދަފްތަރު ގައި ރަޖިސްޓްރީ އޮންނަ މީހެއްގެ ޝުއޫރެވެ. އޭނާ ތަމްސީލު ކުރަނީ އޭނާ ދިރިއުޅޭ ތަނާއި ގުޅުމެއް އޮތް ކައުންސިލަރެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލު ކުރަނީ އޭނާ ދިރިއުޅޭ ތަނާއި ގުޅުމެއް ނެތް މެމްބަރެކެވެ.

އިންތިހާބީ ދާއިރާ އެއް ނަމަ ބައުންޑަރީ (އިމެއް) އޮންނަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅުމުގާއި ބެހޭ ގާނޫނު ބުނާގޮތުން ވޯޓުލާ ކޮންމެ ދާއިރާއެއްގެވެސް އިމެއް އޮންނަން ޖެހެއެވެ. ދަފްތަރަކީ އިމެއް ކަނޑައެޅެން ނެތް ތަނެއް ކަމުން އެތަނަށް ވަކި ހާއްސަ ގޮނޑިއެއް ކަނޑަނާޅައި އޮތީ މިސަބަބަށްޓަކައެވެ.

ނަމަވެސް މިއީ ގާނޫނު ބަދަލުކޮށްގެން ހައްލުކުރެވޭނެ މައްސަލައެކެވެ.

ދަފްތަރު މީހުން ނުހިމަނަނާ ނަމަ ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ގޮނޑިތައް މަދުވާނެއެވެ. ހަމަ މިގޮތަށް މާލޭ ސިޓީ ކައުންސިލުގައިވެސް ގޮނޑިތައް މަދުވާނެއެވެ. މިއީ ރައްޔިތުންގެ މަންދޫބުންނާއި އެ މަންދޫބުން ތަމްސީލުކުރާ ތަމްސީލުކުރުމާއި ގުޅޭ ސީރިއަސް ސިޔާސީ މައްސަލައެކެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވަނީ ދަފްތަރުގެ މީހުން އެމީހަކު ދިރިއުޅޭ އެޑްރެހެއް ހިމެނޭ އިންތިހާބީ ދާއިރާ އަކަށް އެމީހަކަށް ވޯޓުލުމުގެ ހައްގު ލިބޭ ގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ އެގޮތަށް ދަފްތަރުގެ މީހުން މާލޭގައި ދިރިއުޅޭ އެޑްރެހުގައި ވޯޓުލުމުގެ ބޭނުމަށް އެކަނި ނަން ނޯޓުކުރުމަށް މަސައްކަތް ކުރުމުން މާލޭގެ ގޭގޭ ވެރިން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.

“އޭރު ގޭގޭ ވެރިންނަށް ހީވެފައި އޮތީ އެގޮތަށް ވޯޓުލުމަށް މީހުން ރަޖިސްޓަރ ކޮށްފިނަމަ ގޯތިން ބައިދޭން ޖެހުން ފަދަ ކަންކަން ކުރަން ޖެހިދާނެކަމަށް. އެހެންވެ އެކަމާ ކަންބޮޑުވުން ހުރުމުން އެކަން ނުކުރެވިއޮތީ. އަދި ސުޕްރީމް ކޯޓުން ވެސް ވަނީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް 2013 ގައި ހުކުމް ކޮށްފައި،” އިލެކްޝަންސްގެ އެސްޖީ ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

މާލޭ ދާއިރާ އަށް ވޯޓު ލުމުގެ ހައްގު ލިބޭ އެކަމަކު ބިން ލިބުމަށް ހައްގު ނެތް

ދަފްތަރުގައި ރަޖިސްޓްރީވެފައި 8،000 އަށް ވުރެ ގިނަ މީހުން ތިބޭ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ. ވޯޓު ލުމުގެ އިދާރީ ބޭނުމަށް މާލޭގެ އާބާދީ ގުނަނީ ދަފްތަރުގެ މީހުން ހިމަނައިގެންނެވެ. މި އަށް ހާސް މީހުން އެކި ފަހަރު އެކި ދާއިރާތަކަށް ވޯޓު ލާން ޖެހެނީ ސިޔާސީ ބޭނުމަށްޓަކައި އިންތިހާބީ ދާއިރާތަކުގެ ގޮނޑި ކާބިޔާބުކުރުމަށް ބޭނުންވާ ވޯޓު ހަމަ ކުރެވޭނެތޯ ނޫންތޯ ނިންމާ ނިންމުމުގެ މައްޗަށް ބުރަވެގެން ކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ.

ކަން މިހެން އޮތްނަމަވެސް މާލޭގެ ރައްޔިތުންނަށް ދިރިއުޅުމަށްޓަކައި ގޯތި ދިނުމުގައި ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންވަނީ ބާކީ ކޮށްފައެވެ. ސުވާލަކީ ވޯޓު ލުމުގެ ހައްގު ލިބިފައި އެ އިދާރީ ދާއިރާގައި ދިރިއުޅުމުގެ ހައްގާއި ގުޅިފައިވާ ގޯތި ލިބުމުގައި ދަފްތަރު މީހުން ބާކީ ކުރުމަކީ އިންސާފެއްތޯއެވެ؟ ނުވަތަ ދަފްތަރުގައި ވާ މީހުންނަކީ ކޮން ރަށެއްގެ މީހުންތޯއެވެ؟

ރިއެކްޝަންސް
0
0
1
2
0
0
0