މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

16 ޖޫން 2022 - 16:41

ފޭސް 2ގެ އައު ބަހުގެ ޚިދުމަތާއެކު ބޮޑު ލުއިތަކެއް ލިބިގެންދާނެ: ރައީސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިފްތިތާޙްކުރި އާރްޓީއެލް ބަސްތަކުގެ ޚިދުމަތް ފެށުމާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ‘އެއްގަމު ދަތުރުފަތުރުގެ ދާއިމީ ޙައްލު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރަށްވެހިންނަށް’ މި ނަމުގައި އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަހުގެ ޚިދުމަތް ތަޢާރުފުކުރުމަށް މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

advertisement

ހިޔާ ފްލެޓު ޓަވަރުގެ ސެކިއުރިޓީ އޮފިސަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ޓަވަރުގެ ސެކިއުރިޓީ ބަލަހައްޓާ އޮފިސަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ ސެޝަނެއް ހުޅުމާލެ ޕޮލިހުން ކުރިއަށް ގެންގޮސްފިއެވެ.

މިއަދު މާފަންނު ޕޮލިހުގައި ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ސެކިއުރިޓީގެ އަސާސްތައް، އިމާރާތެއްގެ ސެކިއުރިޓީ ބެލެެހެއްޓުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން، އޮބްޒަވޭޝަން ސްކިލްސް، ސެކިއުރިޓީ ގާޑެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އަދި މުއާމަލާތު ކުރުމުގެ ހުނަރުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މުދަލު ޒަކާތުގެ ނިޞާބަށް މިނިސްޓްރީން ބަދަލު ގެނެސްފި

މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިޖޫންމަހުގެ 12 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25ރ ކަމަށް ކަނޑައަޅާފައެވެ. މީގެ ކުރިން މިއަހަރުގެ މަރޗުމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 7241.15ރ އެވެ.

މިނިސްޓަރ ޝައުނާ ރ. މީދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އާމިނަތު ޝައުނާ ރ. މީދޫ ކައުންސިލާއި މިއަދު ބައްދަލުކުރައްވައި އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައިގެ އިތުރުން ރަށްގިރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. އަދި މި ބައްދަލުކުރެއްވުމުގައި މީދޫ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުވެސް ބައިވެރިވެވަޑައިގަންނަވާފައިވެ އެވެ.

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް، ހަލުވި ސްޕީޑްތަކާއި އެކު ގދ. ފިޔޯރީއަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގދ. ފިޔޯރީއަށް މިއަދު ތައާރަފްކޮށްފިއެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކައްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ޙިދުމަތް ފޯރުކޮށްދިނުން. އެގޮތުން މިހާރު އަޅުގަނޑުމެން މިވަނީ އާބަދީގެ %75 އަށް ސުޕަރނެޓްގގެ ޙިދުމަތް ފޯރުކޮށްދެވިފައި. އަޅުގަނޑުމެންގެ ފިކްސްޑް ބްރޯޑްބޭންޑް، ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް. ވަރުގަދަ ނެޓްވޯކް ކަވަރޭޖެއްގައި ހަލުވި ސްޕީޑާއެކު ފެންވަރު ރަނގަޅު ޙިދުމަތެއް ފިޔޯރީގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްް ބޮޑު އުފަލެއް. މި ޙިދުމަތާއެކު ފިޔޯރީގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަށް ހުޅުވިގެންދާނެ. ހަމަ މިފަދައިން މުޖުތަމަޢުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމުގެ ޔަޤީންކަން އަރުވަން. އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0