ރިޕޯޓު: އަމިއްލަ ކުންފުނިތަކަށް ފައިދާވޭ! ސަރުކާރު ކުންފުނިތައް ގެއްލުމުގައި!

18 ޖޫން 2022 - 17:43

މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްގެން އުޅޭ އަމިއްލަ ކުންފުނިތަކުން ބިޔަ ބޮޑެތި ފެކްޓަރީތައް އަޅަނީއެވެ. އައުޓްލެޓްތައް އިތުރުކުރަނީއެވެ. ނަމަވެސް ދައުލަތުގެ މަސް ފެކްޓަރީ އަބަދު އުޅެނީ ގެއްލުމުން އަރައި ނުގަނެވިގެންނެވެ. އާންމު މުދާ ވިއްކާ އަމިއްލަ ކުންފުނިތަކުން މާލެ އާއި ރަށްރަށުގައި ބޮޑެތި ފިހާރަތައް ހުޅުވަނީއެވެ. ރެޑްވޭވް އާއި އިހްސާން ފިހާރަ އާއި މިހެން ގޮސް ކިތަންމެ ފިހާރައެކެވެ. ދުވަހެއް ދުވަހަށް ވިޔަފާރި ފުޅާކުރަނީއެވެ. ނަމަވެސް ސަރުކާރުގެ އެފަދަ ކުންފުނިތައް އަބަދު ވެސް އުޅެންޖެހެނީ ލިބޭ ގެއްލުން ކޮންމެ ވެސް އެހެން ދިމާއަކުން ފޫބެއްދޭތޯއެވެ.

މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ދައުލަތުގެ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް ފެންނަނީ ވިޔަފާރީގައި ބޮޑެތި ގެއްލުންތަކާ ކުރިމަތިލާތަނެވެ. ހަމަ އެ ދާއިރާތަކުން އަމިއްލަ ކުންފުނިތައް ކުރިއެރުންތައް ހޯދާ އިރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އުޅެނީ އަރައި ނުގަނެވިގެންނެވެ. ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ސަރުކާރު ހިއްސާވާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ ހާލަކީ ވެސް މިއީއެވެ.

advertisement

ވައިގެ ދަރުތުފަތުރުން ސަރުކާރަށް ނާކާމިޔާބީ

އަމިއްލަ ކުންފުންޏެއް ކަމަށްވާ ވިލާ އެއާ އިން ކާމިޔާބުކަމާ އެކު ދަތުރުތައް އަންނަނީ ކުރަމުންނެވެ. ކުންފުނިން ފައިދާ ވެސް ނެރެއެވެ. އެއަށް ވުރެ ފަހުން އުފެއްދި މަންތާ އެއާ ވެސް އުޑުގައި ފިޔަޖަހަނީއެވެ.

ނަމަވެސް ދައުލަތުގެ ހިއްސާ އޮންނަ އައިލެންޑް އޭވިއޭޝަނުން އަބަދު ވެސް އުޅެނީ ގެއްލުމުގައެވެ. އެންމެ ފަހުން ނިމިދިޔަ އަހަރު ވެސް 159 މިލިއަން ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ލިބުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ކޮވިޑްގެ ހާލަތުގައި 2020 ވަނަ އަހަރު ލިބުނު ގެއްލުން 400 މިލިއަނަށް އަރައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އައިލެންޑް އޭވިއޭޝަނަށް ލިބޭ އާމްދަނީ ވެސް ވަކި މަދެއް ނޫނެވެ. ރާއްޖޭގެ އެންމެ ގިނަ ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރުކުރަނީ ވެސް އެ އެއާލައިނުންނެވެ. އެ ގޮތުން ރާއްޖޭގެ 13 ސަރަހައްދަކަށް ދަތުރުކުރެއެވެ. ބޭރުގެ މަންޒިލްތަކަށް ވެސް ދަތުރު ކުރެއެވެ. މިދިޔަ އަހަރު ވެސް 1.2 ބިލިއަން ރުފިޔާ އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަދެފައި ވެއެވެ.

ނަމަވެސް ހިސާބުތައް ހަދައި ނިންމާލާ އިރު އޮންނަނީ މިލިއަނުން ގެއްލުން ވެފައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

ގެއްލުންވުމުގެ ސަބަބުތައް ބައިވަރު

ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ގައުމީ އެއާލައިނަށް ގެއްލުންވުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއްކަމަކީ ތަނުގެ ހަރަދުތައް އިންތިހާ އަށް ބޮޑުވުމެވެ. މަތީ ފަންތީގެ މަގާމުތަކަށް މުސާރައިގެ ގޮތުގައި ކުރާ ހޭދަ ބޮޑުވުމާއި ސިޔާސީ ބޭނުންތަކުގައި ބޭކާރު ވަޒީފާތައް އުފައްދި ކުންފުންޏާ ނުބައްދަލު ހަރަދުތައް ކުރުމަކީ ވެސް އޭގެ އެއް ސަބަބެބެވެ.

އޭގެ އިތުރުން ގައުމީ އެއާލައިނަށްވުމުން ގެއްލުންވި ނަމަވެސް ބައެއް ސަރަހައްދުތަކަށް ދަތުރުތައް ކުރަންޖެހުމާއި ގެއްލުން ފޫބައްދަން ޓިކެޓްގެ އަގު ބޮޑުކުރެވެން ނެތުން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރު ކުންފުންޏަކަށްވުމުން ބަދަލުވާ ކޮންމެ ސަރުކާރަކާ އެކު ކުންފުނީގެ ކަންކަން ވެސް ބަދަލުވެގެން ދިއުމަކީ ގެއްލުމަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

މިއީ ދާއިމަށް ކުންފުންޏެއް ހިންގޭނެ ގޮތެއް ނޫނެވެ. ފައިދާ ނެރެވޭނެ މޮޑެލް އެއް ހޯދަން ޖެހެއެވެ. ކުރީގެ ބައެއް މެނޭޖްމަންޓްތަކުން ފައިދާގައި ކުންފުނި ހިންގިދާނެކަން ދައްކައިދީފައި ވެސް ވެއެވެ. ނަމަވެސް އެއީ 22 އަހަަރުގެ ދިގު ތާރީހެއް އޮތް ގައުމީ އެއާލައިންގައި ދެމެހެއްޓިފައިވާ ކަމެއް ނޫނެވެ. މި ވަގުތަށް ބަލާއިރު ވެސް ގައުމީ އެއާލައިނުގެ ކަންކަން ދަނީ އެ މަގަކުން ނޫނެވެ. ގެއްލުން އިންތިހާ އަށް ބޮޑުވަމުން ދިޔަ ނަމަވެސް ހަރަދު ކުޑަކުރުމުގެ ސިޔާސަތެއް ނެތެވެ. ރިޕޯޓްތަކުގައި އެކަމަށް ގޮވާލާފައިވީ ނަމަވެސް ފެންނަނީ އެހެން މަންޒަރަކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އައިލެންޑް އޭވިއޭޝަންގެ ހަރަދުތައް 21 ޕަސެންޓް އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

މަސްވެރިކަމުގެ ސިނާއަތުންވެސް ފެއިލް

މަސްވެރިކަމުގެ ދާއިރާ އިން ވެސް ފެންނަނީ މި މަންޒަރެވެ. އެންސިސް ފަދަ ކުންފުނިތަކުން ބިޔަ ބޮޑެތި ފެކްޓަރީތައް ހަދައި އިންވެސްޓްމަންޓްތައް ފުޅާކޮށް ފައިދާ ނެރެމުންދާއިރު ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮތް މަސްކުންފުނި މިފްކޯ އަބަދު ވެސް އުޅެންޖެހެނީ ގެއްލުމުން އަރައިނުގަނެވިގެންނެވެ.

މިފްކޯ އަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެކި ސަރުކާރުތަކުގައި އެކި މަސައްކަތްތައް ކުރިއެވެ. އެ ގޮތުން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި މިފްކޯގެ ދަށުން ހިންގަމުން އައި ތަންތަން ވަކިވަކިކޮށް ވަކި ކުންފުނިތަކެއްގެ ގޮތުގައި ވެސް ހިންގިއެވެ. ނަމަވެސް އެކަން ވެސް ކޮޅެއްގައި ނުޖެހުނެވެ. ފަހުން އައި ސަރުކާރުން އަނެއްކާ ވެސް މިފްކޯ ކުރިން އޮތްގޮތަށް ބަދަލުކުރިއެވެ.

ނަމަވެސް ލިބެމުން ދިޔަ ގެއްލުން ހުއްޓުމަކަށް ނައެވެ. މި ސަރުކާރަށް އައި އިރު ވެސް ބޮޑު ދަރަނީގައި އޮތް މިފްކޯ ސަލާމަތްކުރުމަށް، ފައިދާގައި ހިންގަމުން އަންނަ ސަރުކާރުގެ މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެސްޓީއޯގެ ތެރެއަށް ލުމަށް މި ސަރުކާރުން ނިންމިއެވެ. އޭގެ ސަބަބުން ކުންފުނި ދެމި އޮތުމަށް މަގުފަހިވި ނަމަވެސް ނަތީޖާ ފެންނަނީ ގޯހުން ގޯހަށް ދާތަނެވެ. މިފްކޯގެ ސަބަބުން އެސްޓީއޯގެ ފައިދާ ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު މިދިޔަ މަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެސްޓީއޯ އަށް މިދިޔަ އަހަރުގެ ތެރޭގައި 11 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނަސް ފައިދާ ދަށްވުމުގެ އަސްލަކީ މިފްކޯ ކަމަށެވެ. އެހާ ބޮޑު އާމްދަނީއެއް ލިބުނަސް ހިންގުމުގެ ހަރަދާއި މިފްކޯގެ ދަރަނިތަކާއި މިފްކޯ ހިންގުމަށް ކުރި ހޭދަ ކަނޑާފައި ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބުނީ 186 މިލިއަން ރުފިޔާއެވެ. އެއީ ނިސްބަތުން 1.6 ޕަސެންޓެވެ. މަސް ވިއްކާ އަގަށް ވުރެ ގަންނަ އަގު ބޮޑުވުމާއި އެކަށީގެންވާ ކެޕޭސިިޓީ ނެތުމުގެ ސަބަބުން މިފްކޯ އަށް ލިބޭ ގެއްލުންތައް ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ.

މިފްކޯ އަށް ލިބެމުންދާ ގެއްލުމުން އެ ކުންފުނި ސަލާމަތްނުކުރެވޭ ނަމަ ދެން އޮތީ އެ ކުންފުނިން ދައުލަތް ސަލާމަތްކުރުމެވެ. އެސްޓީއޯގެ ތެރެއިން ކުންފުނި ވަކިކޮށް ޕްރައިވަޓައިޒްކުރުމެވެ. އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާ އެކު ހިންގުން ނުވަތަ ވިއްކައިލުމެވެ. އެ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ކުރައްވާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވެއެވެ. އަދި މިހާރު އެ މަސައްކަތް ކުރިއަށް ދާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަމިއްލަ ފަރާތްތަކުން ރަނގަޅު ފައިދާ ނެރެމުން އަންނަ މަސްވެރިކަމުގެ ދާއިރާ އިން ސަރުކާރު ބޭރުވެ އެ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ދައުރު ބޮޑުކޮށްފި ނަމަ ދައުލަތަށް އެ ދާއިރާ އިން ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. މިހާރު ލިބެމުންދާ ގެއްލުން ހުއްޓި ޓެކުހާއި ރޯޔަލްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ވެސް އިތުރުވެގެންދާނެއެވެ.

ޓުއަރިޒަމް ދާއިރާގެ ހާލަތު

ޓުއަރިޒަމްގެ ދާއިރާގެ ހާލަތަކީ ވެސް މިއީއެވެ. ޓުއަރިޒަމް ދާއިރާގައި ސަރުކާރުން މިހާތަނަށް ކުރި ހުރިހާ ތަޖުރިބާއެއް ވެސް ވަނީ ފެއިލްވެފައެވެ. ޕަބްލިކް ލިމިޓެޑް ކުންފުންޏެއް އުފައްދައި ޓުއަރިޒަމް ދާއިރާގައި އިންވެސްޓްކޮށްގެން އުފެއްދި މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ވެސް އޮތީ ހަމަ އެހާލަތުގައެވެ. ވަކި ބައެއްގެ މަގުސަދު ހާސިލްކުރުމަށް ކުންފުނީގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހިއްސާދާރުންނަށް ހިއްސާގެ އަގާއި ފައިދާ ބެހިޔަސް އޭގެ ފަހުން އައި އަހަރުތަކުން ކުންފުނި ހިންގަމުން އައި ގެއްލުމުގައެވެ. އަހަރުތަކަކަށް ފަހު މިހާރު މަޑުމަޑުން ކުންފުންޏަށް އަންނަނީ ފައިދާ ލިބެމުންނެވެ. އެ ގޮތުން 2020 ވަނަ އަހަރު ކޮވިޑްގެ ހާލަތާ އެކު ވެސް ކުންފުންޏަށް 17.5 މިލިއަން ޑޮލަރު (269.8 މިލިއަން ރުފިޔާ)ގެ ފައިދާއެއް ލިބުނެވެ. އޭގެ ކުރީ އަހަރު ލިބިފައި ވަނީ 1.85 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ލިބުނު 211 މިލިއަން ރުފިޔާގެ ފައިދާއާ އެކު ހިއްސާއަކަށް 60 ލާރި ބެހުމަށް ވަނީ ނިންމާފައެވެ. މިއީ ހެޔޮ ފާލެކެވެ. ނަމަވެސް ހުރި އެސެޓްތަކާއި ބަލާއިރު މި ހާލަތުން އަރައިގަންނަ 10 ވަރަކަށް އަހަރު ނެގި އިރު އަދި ޓުއަރިޒަމް ދާއިރާގެ ކުންފުންޏަކާ އަޅާބަލާއިރު އެ ކުންފުނީގެ ހާލަތު ވެސް ރަނގަޅެކޭ ބުނެވޭކަށް ނެތެވެ.

ޓުއަރިޒަމް ދާއިރާގައި ސަރުކާރުން އިންވެސްޓްކޮށްފައި ވަނީ ހަމައެކަނި އެމްޓީޑީސީއަކު ނޫނެވެ. އޭގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކާއެކު ޖޮއިންޓް ވެންޗާ އުސޫލުން ވެސް ވިޔަފާރި ކުރަމުން ދެއެވެ. ނަމަވެސް އޭގެ ގިނަ އެއްބަސްވުންތަކުން ސަރުކާރަށް ދަނީ އިންތިހާ އަށް ގެއްލުން ވަމުންނެވެ. އޭގެ އެއް މިސާލަކީ އައްޑޫ އިންވެސްޓްމަންޓާ ގުޅިގެން ހިންގާ އައްޑޫ ޝަންގްރިއްލާ ރިސޯޓެވެ. އެ އެއްބަސްވުމުން އަރައިނުގަނެވި ސަރުކާރަށް ގެއްލުންވަމުންދާ އިރު މިހާރު ވެސް 68 މިލިއަން ރުފިޔާ ސަރުކާރުން އެ ކުންފުންޏަށް ދައްކަންޖެހިފައި އެބަ އޮތެވެ.

މިހެން ގޮސް އެކި ބޭނުންތަކުގައި ދައުލަތުގެ ހިއްސާ ވެގެން އެތައް ކުންފުންޏެއް އުފައްދާފައި ވެއެވެ. ސްޕޯޓްސް ކޯޕަރޭޝަންގެ ނަމުގައި ކުޅިވަރު ދާއިރާ ތަރައްގީކުރުމަށް އުފައްދާފައިވާ ކުންފުންޏަށް ވެސް ދަނީ ބޮޑު ގެއްލުމެއް ލިބެމުންނެވެ. އެ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އާމްދަނީގެ ގޮތުގައި ވެސް ލިބިފައި ވަނީ 2،156ރ. ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ވެސް ސްކޫލެއްގެ ޔުނީފޯމް ފަައިދީގެންނެވެ. ކުޅިވަރު ތަރައްގީކުރުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏަށް އެފަދަ އެއްވެސް މަސައްކަތެއް ވެސް ނުކުރެވޭ އިރު މިދިޔަ އަހަރު ނިންމާލީ ވެރިންނާއި މުވައްޒަފުންގެ މުސާރައާ އެކު 5.1 މިލިއަން ރުފިިޔާގެ ގެއްލުމުގައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ސަރުކާރުގެ ހިއްސާވާ ތިރީހަކަށް ކުންފުނި އޮތް އިރު އޭގެ ތެރެއިން ދައުލަތަށް ފައިދާގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ މި ކުންފުނިތަކުން ދައްކާފައި ވެއެވެ. ނަމަވެސް އޭގެ 80 ޕަސެންޓަކީ އެންމެ ފަސް ކުންފުންޏެއްގެ ފައިދާއެވެ.

އެއީ ބީއެމްއެލް އާއި އެމްއޭސީއެލް، ދިރާގު، އެޗްޑީސީ އަދި އެސްޓީއޯގެ ފައިދާއެވެ. ބާކީ ހުރި ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާ ކުންފުނިތަކެވެ. ހަމައެކަނި ގެއްލުމުގައި ހިންގަނީއަކީ ވެސް ނޫނެވެ. ބޮޑެތި ލޯނުތައް ނެގުމުގެ ސަބަބުން ސަރުކާރަށް ބުރަ ބޮޑުވެ ރިސްކު އިންތިހާ އަށް ބޮޑުވެފައި ވެއެވެ. އޭގެ ތެރޭގައި ފަހި ދިރިއުޅުމުގެ ކޯޕަރޭޝަނާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުންޏާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފާހަގަކޮށްލެވެ. މީގެ އިތުރުން ކުދި ކުންފުނިތައް ވެސް ވަރަށް ގިނައެވެ. މި ކުންފުނިތައް އުވާލަން ވެސް ކަމާ ބެހޭ އިދާރާތަކުން ސަރުކާރަށް ލަފާ ދީފައި ވެއެވެ. ނަމަވެސް އެކަމުގައި މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.

ބައެއް ކަހަލަ ދާއިރާތަކަކަކީ ގެއްލުން ވިޔަސް ސަރުކާރުން އިންވެސްޓްކުރަންޖެހޭ ދާއިރާތެކެވެ. ހަކަތަ އާއި ފެނާއި ބޯހިޔާވަހިކަން ފަދަ ބައެއް ދާއިރާތަކުގައި ސަރުކާރު އިންވެސްޓްކުރަންޖެހެއެވެ. ނަމަވެސް އެކަން ވެސް ގެއްލުން ނުވާ ގޮތަށް ހިންގަންޖެހެއެވެ. އަދި ގެއްލުންވާ ނަމަ ގެއްލުން ކުޑަކުރެވޭނެ މަގުތައް ހޯދަން ޖެހެއެވެ. ނަމަވެސް އެއްގޮތަށް ވެސް އަލިމަގެއް ނުފެންނަ އަދި ދައުލަތަށް ބުރަ ބޮޑުވާ ދާއިރާތަކުގައި ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަންޖެހެއެވެ. އަދި ގެއްލުންވާ ކުންފުނިތަކުގައި ތަޅުއަޅުވަންޖެހެއެވެ. ސިޔާސީ ބޭނުމަށް ވަކި ބަޔަކަށް ވަޒީފާތައް ދިނުމުގެ ބޭނުމުގައި ގެއްލުމުގައި ކުންފުނިތައް ހިންގުމުގެ މާނައެއް ނެތެވެ. އަމިއްލަ ފަރާތްތަކުން އިންވެސްޓްކޮށްގެން ބޮޑު ފައިދާ ނެރޭ ދާއިރާތަކުގައި ސަރުކާރުގެ ކުންފުނިތައް ފެއިލްވާ ނަމަ އެއީ ހިންގުމުގެ މައްސަލައެކެވެ. ސަރުކާރަށް އޮތީ އެފަދަ ވިޔަފާރިތަކުގެ މޮޑެލް ބަދަލުކުރުން ނުވަތަ އެ ވިޔަފާރިތަކުން އަތް ދޫކޮށްލުމެވެ.

ރިއެކްޝަންސް
0
0
0
1
0
0
0