ޔޯގާ ހަރަކާތަށް ދެވުނު ހަމަލާ: ބިރުވެރި ކަންތައްގަނޑެއްގެ ފެށުން

22 ޖޫން 2022 - 11:13

ރާއްޖޭގައި ރިސޯޓްތައް ހިންގާތާ ބައި ގަރުނުވީއެވެ. ދީނުގައި ކަނޑައެޅިގެން ނަހީކޮށްފައިވާ ރަލާއި އޫރު މަސް އެ ތަންތަނުގައި ވިއްކައެވެ. އަދި އެތަކެތި ޓުއަރިސްޓުންނަށް ތައްޔާރުކޮށް ސުފުރާމަތި ބެލެހެއްޓުމުގައި ދިވެހިންވެސް ހަރަކާތްތެރިވެއެވެ. ނަމަވެސް އެކަން ކުރާތީއޭ ބުނެ ރިސޯޓްތަކާ ދެކޮޅަށް މުޒާހަރާއެއް ނުކުރެއެވެ. ނުވަތަ އޮޑި ދޯނިފަހަރުގައި ފުރަފުރައިގެން ގޮސް ރިސޯޓްތަކަށް އަރައި އެތަކެތި ހަލާކުކޮށް ނުހަދައެވެ. ރިސޯޓްތައްްް އެކަންޏެއް ނޫނެވެ. އެއް ނޭވައިން ފަތާފައި ގޮސް އެރޭ ހިސާބުގައި ހުޅުމާލޭ ފަޅު ތެރޭގައި ވެސް ސަފާރީތަކުގައި ބާތައް ހިންގައެވެ. ރާ ވިއްކައި ޕާޓީތައް އޮވެއެވެ.

ސަފާރީތައް އެކަންޏެއް ނޫނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ އައްޑާތައް އެބަހުއްޓެވެ. އަދި އެފަދަ ކެފޭތައް ހިންގާކަން އެންމެންނަށް ވެސް އެނގެއެވެ. ދީނީ އިލްމުވެރިންނާއި ހަރުކަށި ފިކުރުގެ އެތައް ބަޔަކު ވެސް އެތަންތަނުގެ ދޮރުމަތިން ހަމަ ހުރަސް ކަނޑައެވެ. އާންމުންގެ ބަޔަކު ކަންބޮޑުވެގެން ކަލިމަ ޖެހި ފޮތިގަނޑުތައް ހިފައިގެން ގޮސް އެތަން ތަނަކަށް ނުވަދެއެވެ. ކަންބޮޑުވެގެން އެކަންކަން ހުއްޓުވަން ވަންނަނީ ވެސް ފުލުހުންނެވެ. އާންމުން ނުކުމެ އެތަންތަނާ މެދު ހުކުމްކޮށް ގޮތް ނިންމައި ތަން ބަންދުކުރާކަށް ނޫޅެއެވެ. ވަރިހަމަކޮށްލައިގެން ތިބެނީއެވެ.

advertisement

ބޭންކްތަކުން ލޯނުތައް ދޫކުރާ އިރު ނަގާ އިންޓަރެސްޓަކީ ރިބާކަމާ މެދު ދެބަސްވާ މީހަކު ނެތެވެ. ނަމަވެސް އެކަން ވެސް ރާއްޖޭގައި ގާނޫނީ އިމުގެ ތެރެއިން އެހަރަ ކުރަނީއެވެ. މީޑިއާތައް މެދުވެރިކޮށް އެފަދަ ލޯނުތައް ޕްރޮމޯޓް ވެސް ކުރެއެވެ. އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް އެކަންކަމާ ދެކޮޅަށް ކެމްޕެއިންތަކެއް ނުހިންގައެވެ. އަދި ދީނުގައި އެކަން އޮންނަ ގޮތް އޮޅުން ފިލުވައިދެން އެކި މީޑިއާތަކަށް އަރާ އިލްމުވެރިން ވެސް ވާހަކަ ދައްކަވަނީ މާ ދުރުދުރުންނެވެ. ރާއްޖޭގައި އެކަން އޮތް ގޮތާއި އެކަން ކުރަނީ ކީއްވެގެން ކަމާ މެދު މާ ބޮޑު ވާހަކައެއް ނުދައްކައެވެ. އާންމުން ވެސް ސޯޝަލް މީޑިއާއާ ހަމައިން އެ ކަންބޮޑުވުން ނިންމާލަނީއެވެ.

އެކި ދުވަސްވަރު އެކި އިލްމުވެރިން މިކަން ކަމާ މެދު ބަސް ވިދާޅުވެއެވެ. އަދި ރަލާއި އޫރުމަހާ ނުލައި ރާއްޖޭގައި ޓުއަރިޒަމް ހިންގޭނެކަމާއި އެކަން ކުރަންޖެހޭ ކަމަށް ވަކާލާތު ވެސް ކުރެއެވެ. ނަމަވެސް އެއީ ހަރާން ފައިސާ ކަމަށް ބަލައި ދައުލަތުގެ ބަޖެޓަށް ވަންނަ ފައިސާ އިން ކަންކަން ކުރުމަކާ ދެކޮޅު ހަދާތަނެއް ވެސް ނުފެނެއެވެ. ނުވަތަ އެފަދަ ތަންތަނުގައި ހުޅުޖަހައި ރިސޯޓްތައް ބަންދުކުރަން ގޮވާލާ އަޑެއް ވެސް ނީވެއެވެ. ހަމައެކަނި ރަލާއި އޫރު މަސް ވިއްކަނީކީ ވެސް ނޫނެވެ. ދީނީ އެކި ހަފުލާތައް ވެސް ރިސޯޓްތަކުގައި ބާއްވައެވެ. ސަންޓަ ކްލައުސް ހެދުން އަޅައިގެން ދިވެހިން ހިދުމަތް ދޭން ވެސް ތިބެއެވެ. ނިވާކަން ކުޑަ ހެދުން އަޅައިގެން ނަށާ ގްރޫޕްތައް ނަށަން ވެސް ނަށަނީއެވެ.

ކަނޑައެޅިގެން ހަރާމް ކަންތައްތައް ގާނޫނީ އިމުގުގެ ތެރެއިން ކުރެވޭނެ މަގު ފަހިވެފައި އޮތީތީ އެކަމާ ދެކޮޅު ހަދައި ހަމަނުޖެހުން ހިންގަން ބަޔަކު ނޫޅެއެވެ. ސިޔާސީ ޕާޓީތަކުން ވެސް އެކަން ކަމާ މެދު ކަންބޮޑުވެގެން ނޫޅެއެވެ. ނަމަވެސް ދީނީ ގޮތުން ހިޔާލު ތަފާތު ބައެއް ކުދިކުދި ކަންކަމުގައި ވެސް މިހާރު މި ފެންނަނީ ބޮޑެތި މުޒާހަރާތަކާއި ހަމަނުޖެހުން ހިންގާތަނެވެ.

ޔޯގާ ކުރަނީ ކަސްރަތެއް ގޮތަށް، އަޅުކަމަކަށް ނޫން

ޔޯގާއަކީ ދީނީ އަޅުކަމެއްގެ ގޮތުގައި ބަޔަކު ސިފަކުރި ނަމަވެސް ރާއްޖޭގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް އެކަން ކުރަނީ ކަސްރަތެއް ކަމަށް ބަލައިގެންނެވެ.

ބައިނަލްއަގުވާމީ ގޮތުން ޔޯގާ ދުވަހެއް ފާހަގަކުރަން 2014 ވަނަ އަހަރު އދ. ގެ މަޖިލީހަށް ހުށަހެޅުމަށް ދިވެހި ސަރުކާރުން ކޯ ސްޕޮންސައެއްގެ ގޮތުގައި ބައިވެރިވެ ތާއީދުކުރީ ވެސް އެއީ ހިންދޫންގެ އަޅުކަމެއްގެ ގޮތުގައި ބަލައިގަނެގެން ނޫނެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރު ޖޫން މަހުގެ 21 ވަނަ ދުވަހު ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އެ ހަރަކާތް ފާހަގަކުރަނީ ކޮންމެހެން ދީނީ ކަމަކަށް ބަލައިގެންނެއް ނޫނެވެ. އަދި މި އަހަރު ސައޫދީ އަރަބިއްޔާގައި ވެސް އެ ހަރަކާތަށް ފުރުސަތު ދިނީ ހަމަ އެ ބީދައިންނެވެ.

ޔޯގާ ކަސްރަތާއި ރިސޯޓުތަކުގެ ރާ ވިއްކުމުގެ ތަފާތަކީ ކޮބާ؟

އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި އެތަނުގައި ތިބި މީހުންނަށް ހަމަލާދީ ހިންގީ ޓެރަރިޒަމްގެ އަމަލެކެވެ. ކަނޑައެޅިގެން ހަރާމް ކަންކަން ރިސޯޓްކަތާއި ސަފާރީތަކުގައި ކުރާ އިރު ބަސް ނުބުނެ ނުވަތަ ދެކޮޅު ހަރަކާތެއް ހިންގަން ނުކުރޭ ބަޔަކު އިއްޔެ ގަލޮޅު ދަނޑަށް ވަދެ ޓެރަރިޒަމްގެ އަމަލެއް ހިންގީ ކިހިނެއް ވެގެންބާއެވެ؟ އަސްލަކީ އެކަން އެންމެންނަށް ވެސް ވިސްނިފައި އޮތް ގޮތެވެ. ރިސޯޓްތަކާއި ސަފާރީތަކުގައި އެކަން ކުރަނީ އިގްތިސާދީ ބޭނުމެއްގައެވެ. އަދި އެއީ ބަޔަކަށް ދޭ ހިދުމަތެކެވެ. އެ ހިދުމަތަކީ ރާއްޖޭގެ އިގްތިސާދުގެ އާރުކާޓީ ކަމަށް ހުރިހާ އެންމެން ވެސް ގަބޫލުކުރަނީއެވެ.

ޔޯގާ ހަރަކާތް ތަފާތުވީ ކީއްވެ ހެއްޔެވެ؟ ހަގީގަތް ގޮސް ގުޅެނީ ސިޔާސީ ވިސްނުމާއެވެ. އެކަމާ މެދު ހިތްހަމަނުޖެހިފައި ތިބި ބަޔަކަށް ސިޔާސީ ބަޔަކު ހިތްވަރު ދިނީއެވެ. އަދި އެކަމަށް ވާގިވެރިވީއެވެ. ސިޔާސީ މަގުސަދެއް ހާސިލްކުރުމުގެ ބޭނުމުގައެވެ. އެ ފަރާތްތަކަށް ބޮޑު ކަމަކަށް ވެގެން އުޅެނީ ޔޯގާ ހަރަކާތެއް ނޫނެވެ. އެ ފަރާތްތަކުން އިސްކަން ދިނީ އެ ހަރަކާތާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގައި ސިޔާސީ ގޮތުން މަންފާ ހޯދުމަށެވެ. އެ މަގުސަދު ހާސިލް ވެއްޖެއެވެ.

ބޮޑު އީދު ކުޅިވަރުތަކުގައި ބިރުގަންނަން ޖެހޭނެތައް؟

އަންގާރަ ދުވަހުގެ “ޓަރަރިސްޓް” ހަމަލާއަށް ފަހު ގިނަ ސުވާލުތަކެއް ވަނީ ފެންމަތިވެފައެވެ. ހިޔާލު ތަފާތުވުން އޮތް މިފަދަ ކަންކަން ހުއްޓުވަން އަނިޔާވެރިކަން އިސްކުރުން އާންމު ވެދާނެތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއުޒިކަކަކީ ވެސް މިފަދަ ހިޔާލު ތަފާތުވުން އޮތް ކަމެކެވެ. ކުރިއަށް އޮތީ ބޮޑު އީދެވެ. މިއުޒިކްގެ އެތައް ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް އެބަ ރާވައެވެ. މިހާރު އޮތް ބިރުވެރިކަމަކީ ޔޯގާ ހަރަކާތް ހުއްޓިވި ގޮތަށް އެފަދަ ހަރަކާތްތައް ވެސް ހުއްޓުވުމެވެ. ޝޯތައް ކުރިއަށް ދަނިކޮށް އެ ހަރަކާތްތައް ހުއްޓުވައި ސްޓޭޖްތައް ހަލާކުކޮށް ނުލާނެތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު ކުރަމުންނެވެ. އަދި ރިސޯޓްތަކަށް ައރައިނުގަންނާނެތޯ އާއި ބޭންކްތަކުގައި ހުޅު ނުޖަހާނެތޯ އާއި މާލެ އާއި އެކި ތަންތަނުގައި ހުރި ރަލާއި އޫރުމަހުގެ ގުދަންތަކަށް ގެއްލުން ދީފާނެކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އަނެއް ބަޔަކު ދެކޭ ގޮތުން އަންގާރަ ދުވަހުގެ ހަރަކާތަކީ ދީނާ ގުޅުން ހުރި ކަމެއް ނޫނެވެ. އެހެންކަމުން ރިސޯޓްތަކަށް ވެސް އަދި ބޭންކްތަކަށް ވެސް ނުރައްކަލެއް ނެތެވެ. އަދި އީދު ޝޯތައް ވެސް ހަމަ ކުރިއަށް ގެންދަންވީއެވެ. އެއިން ކަމަކަށް އެއްވެސް ބިރުވެރިކަމެއް ނެތެވެ. އެކަން ހުއްޓުވާކަށް ބަޔަކު ނުވެސް އުޅޭނެއެވެ. އެއީ އެއިން ކަމަކުން ސިޔާސީ މަންފާއެއް ލިބެން ނެތުމުންނެވެ. ނުވަތަ އެފަދަ ކަންކަމުން ސިޔާސީ ފަރާތްތަކަށް ނުވަތަ ސިޔާސީ ތޮފި އަޅައިގެން ތިބި ދީނީ އިލްމުވެރިންނަށް ވެސް މަންފާތަކެއް ލިބޭތީއެވެ. ޔޯގާ ހަރަކާތް ތަފާތުވަނީ އެކަމުގައި ސިޔާސީ މަންފާ އޮތީމައެވެ.

ރިއެކްޝަންސް
2
5
1
2
0
1
9