ތެރަޕިސްޓް ކައިރީ ދައްކަން ޖެހޭ ވާހަކައާއި ދައްކަން ނުޖެހޭ ވާހަކަތައް
23 ޖޫން 2022 - 14:57
ފުރަތަމަ ތެރަޕީ ސެޝަންގައި ހާސްވެ ކަންބޮޑުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވެދާނެކަމެކެވެ. ނަމަވެސް ބައެއް އެއްޗިއްސަކީ ތެރަޕިސްޓް ކައިީރީގައި ބުނެގެންނުވާނެ އެއްޗެއްސެވެ. އޭގެތެރޭގައި
ދޮގުބުނުން
ތިމާ ނުދަންނަ މީހެއްގެ ކައިރީގައިވިއަސް ތިމާގެ ދިރިއުޅުމާއި ގުޅޭ ކަންކަމުގެ ވާހަކަދެއްކުމަކީ ފަސޭހަކަމަކަށްނުވާނެއެވެ. ތިމާއަށް ދައްކަން އުނދަގޫ ވާހަކައެގެ އަޑިއަށްދާން ތެރަޕިސްޓް މަސައްކަތް ކުރާނަމަ ބައެއްފަހަރު އެވާހަކައެއް ނުދައްކާ ހުއްޓާލަން ބޭނުންވެދާނެއެވެ. އެ ވާހަކައެއް ދައްކަން ބޭނުންނުވެ އޭނާ މަސައްކަތް ކުރަނީ އެ ވާހަކައިގެން ކޮންކަމެއް ހޯދުމަށްތޯ އަމިއްލަ ނަފްސާ ސުވާލުއުފެދިދާނެއެވެ.
ތެރަފިސްޓް މަސައްކަތް ކުރަނީ ތިމާއަށް ދިމާވާ އުނދަގުލުން ސަލާމަތްކުރުމަށެވެ. މިގޮތައް މަސައްކަތް ކުރާއިރު ވާހަކައިގެން އެއްބައި ތެދަށް ކިޔައިދީފައި އަނެއްބައި ދޮގުހަދައިގެން ކިޔައިދޭނަމަ އެކަމުން ސަލާމާތްކުރުމަށް ތެރަޕިސްޓަށް އުނދަގޫވާނެއެވެ. އެހެންކަމުން ތެރަޕިސްޓް ކައިރީގައި ދޮގުނަހަދާށެވެ.
ހަމައެކަނި ފެކްޓްސް ނުބުނޭ
އެއް ހާލަތެއް ގިނަ މީހުންނަށް ދިމާވެ ކޮންމެ މީހަކުވެސް އެ ހާލަތަކަށް ރިއެކްޓް ކުރާގޮތް ތަފާތުވާނެއެވެ. އެހެންކަމުން އެކަމަކާއި ގުޅޭ ފުރިހަމަ ފޮޓޯ ތެރަޕިސްޓަށް ނުދައްކާ ކަމަށްވަންޏާ އެކަމުގައި ދެން އަޅަންވީ ފިޔަވަޅެއް ނޭންގޭނެއެވެ. އެހެންކަމުން އެ ކަމަކާއި ގުޅިގެން ތިމާއަށް ކުރެވުނު އިހްސާސް ތެރަޕިސްޓް ކައިރީގައި ކިޔާދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ހާލަތުގެ ސަބަބުން ތިމާއައީ ރުޅިތޯ، ނުވަތަ ވީދެރަތޯ ނޫނީ ކޮންފިއުޒްތޯ ތެރަޕިސްޓަށް ކިޔާދޭށެވެ.
ބޭސް ލިޔެދިނުމަށް އެދުން
ނަފްސާނީ ބަލީގެ އެކިއެކި ކަންކަން ކަމަށްވާ ޑިޕްރެޝަން، އެންޒައިޓީ އަށް ބޭނުންކުރާ ތަފާތު ބޭސްތައް ހުރެއެވެ. ނަމަވެސް ބޭހަކީ ކޮންމެ މީހަކަށް އެންމެ ރަނގަޅު ހައްލެއް ނޫނެވެ. ތެރަޕިސްޓް ކައިރިއަށްދަނީ ހަމައެކަނި އެކަމަށް ބޭސްހޯދަން ކަމަށްވާނަމަ ތެރަޕީ ނެގުމުގެ ހަޤީގީ މާނައެއް ނެތެވެ.
އެމީހުންނަށް ތިޔަ ބައްޔަށް ފަރުވާ ހޯދިދާނެކަމަށް ޤަބޫލުކުރުން
ބައެއް މީހުންނަށް ހީވާގޮތުގައި ތެރަޕިސްޓެއް ކައިރިއަށް ދިއުމަކީ މީހާގެ ނަފްސާނީ ބަލިތައް އެއްކޮށް ރަނގަޅުވެގެންދާނެކަމެކެވެ. ނަމަވެސް މިއީ މުޅިން ގޯސް ވިސްނުމެކެވެ. އޭގެބަދަލުގައި ތެރަޕިސްޓް ކައިރިއަށް ދާންވީ ތިމާ މިހާރު ހުރި ހާލަތުން ރަނގަޅު ހާލަތަކަށް ދެވޭތޯއެވެ. ނުވަތަ ދިރިއުޅުމާއި ގުޅޭގޮތުން ޕޮޒިޓިވްކޮށް ވިސްނުމަށެވެ. ނަފްސާނީ މައްސަލަ ހުންނަ މީހަކު ރަނގަޅުވުމަށް ގިނަ ކަންތައްތަކެއް އޭނާ އަމިއްލައަށް ކުރިމަތިލާނެއެވެ. ނަމަވެސް ތެރަޕިސްޓް އެހީތެރިވެދެނީ އެކަންކަމުން އަރައިގަނެ ދިރިއުޅުން ކުރިއަށްގެންދިއުމަށެވެ.
ކޮންމެ ދުވަހެއްގެ ވާހަކަ ކިޔާދީ
ދިރިއުޅުމުގެ ބޮޑެތި ކަންތައްތަކުގެ ވާހަކަ ކިޔާދިނުމުގެ ކުރިން ތެރަޕިސްޓާއި އިތުބާރު ކުރެވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ހިނގާ ކަންކަން ކިޔާދިނުމާއި އާންމުކޮށް މީހުން ވާހަކަދައްކާ ކަންކަމާއި ގުޅޭގޮތުން ތެރަޕިސްޓާއި ވާހަކަދައްކާނަމަ އެއީ ކުރިއެރުމެކެވެ.