ރިޕޯޓް: މި ފަހަރުވެސް ރިޔާސީ ކެމްޕެއިންގެ މައިގަނޑު ހަތިޔާރަކަށް ދީނީ ކާޑު!

23 ޖޫން 2022 - 17:15

ރައީސް އަމީން ވެރިކަމުން ބޭލުމަށް ހިންގުނު މައިގަނޑު ހަރަކާތަކީ އަމީންދީދީ އަކީ ލާދީނީ ފިކުރުގެ ބޭފުޅެއްގެ ތުހުމަތެވެ. ހާއްސަކޮށް އަންހެންކުދިންނަށް ތައުލީމު ދިނުމަށް ފެއްޓެވި ސްކޫލާއި އެހެނިހެން އެޒަމާނާއި ނުގުޅޭކަންކަން ވެގެންދިޔައީ އަމީންދީދީ ދީނާ ދުރު ބޭފުޅެއްގެ ގޮތުގައި ސިފަކުރެވިގެން ދިއުމެއެވެ.

އިބްރާހީމް ނާސިރުގެ ވެރިކަން ވައްޓާލުމަށް ހިންގުނު ހަރަކާތަކުގެ މައިގަނޑު އަޑަކަށްވީ ޓޫރިޒަމް ތައާރަފުކޮށް ރަލާ އޫރުމަސް ވިއްކުމުގެ ހުއްދަ ދިނުމެވެ. ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުުގެ ތެރެއިން މައުމޫންއަކީ ސުންނީ ޖަމާއަތުގެ މުސްލިމެއް ނޫންކަމަށް ކަނޑައަޅައި އެތަށް ދީނީ އިލްމުވެރިންނެއް ބޮޑު ބަޔާނެއް ނެރުނެވެ. އެއަށްފަހު ރައީސް ނަޝީދުގެ ވެރިކަން ވައްޓާލެވުނީ ލާދީނީ ދީނާ ދުރު ބޭފުޅެއްގެ ގޮތުގައި ލޭބަލް ކުރެވުމަށްފަހުއެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް މިފަދަ ތުހުމަތުކުރެވިގެން ދިޔައެވެ. އަދި މިހާރު ރައީސް ސޯލިހަށްވެސް ދިމާވެގެން މިއުޅެނީ މުޅިއަކުން އާކަމެއް ނޫނެވެ.

advertisement

ހުރިހާ ސިޔާސީ ފަރާތްތަކުންވެސް ދީން ބޭނުންކުރަނީ ހަތިޔާރަކަށް

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމުން ކޮންމެ ކަމެއްގެ ކުރިއަށް ވެސް ދީން އިސްކުރެއެވެ. އެއީ ކުޅިވަރެއް ކަމުގައި ވިޔަސް އަދި ގައުމީ ހަރަކާތެއް ކަމުގައި ވިޔަސް އެކަމެއްގެ އަސްލު ގުޅުވަނީ ދީނާއެވެ. ރުހޭ މީހުން ވެސް ނުރުހޭ މީހުން ވެސް ބޭނުންކުރަނީ ދީނީ ކާޑެވެ. ސިޔާސީ ކަންކަމުގައި ވެސް އޮތީ މި ގޮތަށެވެ.

ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ނުވަތަ ގިނަ ސިޔާސީ ޕާޓީތައް އެކުލެވިގެންވާ ސިޔާސީ ނިޒާމުގެ ތެރޭގައި މިހާތަނަށް ހިންގި ހުރިހާ ކެމްޕެއިނެއްގެ ވެސް އެންމެ މުހިންމު ހަތިޔާރަކީ ދީނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެކަން އޮތީ އެހެންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައި ދީނީ ހިޔާލު ތަފާތުވުންތަކަށް ޖާގައެއް ނުދެއެވެ. އެފަދަ ކަމެއް މެދުވެރިވާ ނަމަ އެކަމާ ދެކޮޅަށް ސީދާ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައެވެ. އޭގެ ނަތީޖާއަކަށް ވީ ދީނީ ގޮތުން ހަރުކަށި ފިކުރުތަކުގެ މީހުން ފިލައި ތިބެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމެވެ. އަދި 2008 ގެ އިންތިހާބަށް އޭރުގެ ސަރުކާރާއި އިދިކޮޅުން ވެސް ގެންގުޅުނީ ދީނީ ކާޑެކެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ދީނީ ކަންކަމުގައި ހައްގު ގޮތް ބުނެދިނުމުގެ ފުރުސަތު ރައީސް މައުމޫނުގެ ސަރުކާރުގައި ނެތް ވާހަކައެވެ. ދީނީ އިލްމުވެރިން ހައްޔަރުކޮށް ބޮޑެތި އަދަބުތައް ދިނުމާއި ޖަލަށް ލައި ބޮޑެތި އަނިޔާތައް ދީ ތުނބުޅީގައި ސޯސް ހޭކުން ފަދަ ކަންކަން ކުރިކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ރައީސް މައުމޫނު ވެސް އިދިކޮޅު ފަރާތްތަކަށް ޖަވާބު ދެއްވުމަށް ގެންގުޅުއްވީ ދީނީ ހަތިޔާރެކެވެ. އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތައް ވެރިކަމަށް އަތުވެއްޖެ ނަމަ އިސްލާމް ދީން މި ގައުމުން ފުހެވިގެންދާނެ ކަމާއި އެ ފަރާތްތަކުގެ ކިބައިގައި ދީނަށް އެއްވެސް ލޯތްބެއް ނެތްކަން ދެއްކުމަށް ގައުމީ ޓީވީ އާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން ސިއްރާއި ފާޅުގައި އޭރުގެ ސަރުކާރުން މަސައްކަތްކުރިއެވެ. އަދި އޭރުގެ އިދިކޮޅު ލީޑަރު ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި ދިނާ ގުޅުވައިގެން އެތައް ވާހަކަތަކެއް ފެތުރިއެވެ. ނަމަވެސް އެފަހަރު ރައީސް ނަޝީދު އިންތިހާބު ކާމިޔާބުކުރެއްވީ ދީނީ ގިނަ އިލްމުވެރިންތަކެއްގެ ވެސް ތާއީދާ އެކުގައެވެ.

ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދުގެ މަގުބޫލުކަން އާންމުންގެ މެދުގައި ކުޑަވުމުގެ މައިގަނޑު އަސްލަކަށް ވެގެންދިޔައީ ވެސް ދީނީ ކަންކަމުގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތަކެވެ. އަދި އޭރުގެ ސަރުކާރުން ކުރި ބައެއް ކަންކަން ދީނާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު ނަފުރަތު އުފައްދަމުންނެވެ. ވެރިކަމަށް ވަޑައިގެންނެވި އިރު އެކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވެރިކަމުގެ ވަރަށް ކުރީކޮޅު ރައީސް ނަޝީދާ ފެއަށް ޖެހިވަޑައިގެން ދެއްކެވި އެއް ސަބަބަކީ ވެސް ދީނީ ކަންކަމުގައި ސަރުކާރުން ގެންގުޅުނު ސިޔާސަތުތައް ކަމު ނުދިއުމެވެ. އަދި ދައުރުގެ މެދު ތެރެއިން ވެރިކަން ބަދަލުވުމަށް މަގުފަހިކުރި ކެމްޕެއިންތަކާއި މުޒާހަރާތަކުގައި ވެސް އެންމެ ބޮޑަށް އުފުލި އަޑަކީ ވެސް އެއީއެވެ. ދީނާއި ގައުމިއްޔަތެވެ. ފުލުހުންނާއި ސިފައިން މަގުތަކަށް ނުކުމެއް ސަރުކާރުގެ މުދަލަށް ގެއްލުންދީ އެންމެ ފަހުން “ބަގާވާތެއް” ހިންގި އިރު ވެސް ގުގުމަމުން ދިޔައީ ދީނީ ޝިޔާރުތަކެވެ.

އޭގެ ފަހުން 2013ގެ އިންތިހާބުގެ ކެމްޕެއިންގައި ވެސް އެކަން އޮތީ ހަމަ އެހެންނެވެ. ރައީސް ނަޝީދާއި އެ މަނިކުފާނުގެ އެކުވެރިންގެ އަގު ވައްޓާލުމަށް ބޭނުންކުރީ ދީނީ ކާޑެވެ. އެމަނިކުފާނު ބައެއް ކަންކަމުގައި ދައްކަވާފައިވާ ވާހަކަތައް ދީނާ ގުޅުވައިގެން 2008 ގައި މީޑިއާ ބޭނުންކޮށްގެން ހިންގި ކެމްޕެއިން 2013ގައި ވެސް ހިންގިއެވެ. އެހެންކަމުން ރައީސް ޔާމީން އިންތިހާބު ކާމިޔާބުކުރެއްވުމުގައި ދީނީ ކާޑު މުހިންމު ދައުރެއް އަދާކުރިއެވެ.
ރައީސް ޔާމީނާ ދެކޮޅަށް ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ގެންގުޅުނީ ހަމަ އެ ސްޓްރެޓެޖީއެވެ. ދީނާ ގުޅޭ ކަންކަމުގައި އެމަނިކުފާނު ވެސް ތަންކޮޅަށް ދޯދިޔާކޮށް ދައްކަވާފައި ހުރި ވާހަކަތައް ނަގައިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދިޔައެވެ. ވައްކަމުގެ ސަރުކާރެއްގެ ގޮތުގައި ސިފަކުރުމުގައި ވެސް ބޭނުންކުރީ ދީނެވެ. އެހެންކަމުން ގިނަ އިލްމުވެރިންތަކެއް އެމަނިކުފާނާ ދެކޮޅަށް ނުކުންނެވިއެވެ. އޭގެ ތެރޭގައި އެމަނިކުފާނަށް ވެރިކަން ހޯއްދަވައިދެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑެތި އެއްވުންތަކުގައި އެފަދަ ބޭފުޅުން ގެންދެވީ ރައީސް ޔާމީނާ ދެކޮޅަށް ވެސް ދީނީ ހަތިޔާރު ބޭނުންކުރައްވަމުންނެވެ. ނަތީޖާއަކަށްވީ 2018ގައި ބޮޑު ބައްޔަކުން ރައީސް ޔާމީނަށް އިންތިހާބު ނާކާމިޔާބުވުމެވެ.

އަންނަން އޮތް ރިޔާސީ އިންތިހާބު

އަނެއްކާ ވެސް އިންތިހާބެއް ބޯމަތިވެފައިވާ އިރު އެންމެ ހަރުއަޑުކޮށް ފެތުރޭ ވާހަކައަކީ ދީނީ ވާހަކަތެކެވެ. އިދިކޮޅު ކެމްޕެއިންގެ މުގޫ މި ފަހަރު ވެސް އޮތީ އެފަދަ ކަމެއްގައި ބަގުޑި ބައްދާފައެވެ. “އިންޑިއާ އައުޓް” ހަރަކާތް ވެސް މިހާރު ގުޅުވަނީ އިންޑިއާގައި އޮތް ހިންދޫންގެ ވެރިކަމާއެވެ. އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ބޭފުޅުންތަކެއް ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުށްވެރިކުރަނީ ދިވެހި ސަރުކާރާ ހީވާ ކަހަލައެވެ. އަދި އިންޑިއާގައި މުސްލިމުންނާ ދެެމެދު ހިނގަމުންދާ ނޭދެވޭ އަމަލްތަކުގެ ޒިންމާވެސް ސަރުކާރުގެ ބޮލުގައި އަޅުވައެވެ. ނަމަވެސް ޔަމަނާއި އުއިގަރުގައި މުސްލިމުންނާމެދު ހިނގަމުންދާ ނޭދެވޭ ކަންކަމުގެ ވާހަކަ ނުދެކެވެނީ އެކަމުގެ ސިޔާސީ މަންފާއެއް ނެތުމުންކަން ހީވާ ހީވުން ޔަޤީންވެއެވެ.

ބައިނަލްއަގުވާނީ ޔޯގާ ދުވަސް ފާހަގަކުރުމަށް އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި އިރު އެކަން ވެސް ހެދީ ދީނީ ކަމަކަށެވެ. ޔޯގާއާ މެދު ބައެއް އިލްމުވެރިންގެ މެދުގައި ހިލާފުތަކެއް ހުރި ނަމަވެސް ރާއްޖޭގައި އެ ދުވަސް ފާހަގަކުރަނީ ދީނީ ކަމަކާ ގުޅުވައިގެނެއް ނޫނެވެ. އަދި އެއީ އިއްޔެއަކު މިއަދަކު ފާހަގަކުރާ ކަމެއް ވެސް ނޫނެވެ. ކުރީގެ ސަރުކާރުތަކުގައި 2014 ވަނަ އަހުރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި އެ ދުވަސް ފާހަގަކުރުމަށް ޔޯގާ ހަރަކާތްތައް ހިންގާފައި ވެއެވެ. އޭރު ވެސް އެކަމާ ހިލާފު އިލްމުވެރިން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނަމުން ދިޔައެވެ. ނަމަވެސް އެ ހަރަކާތްތައް ހުއްޓުވައި ހަމަނުޖެހުން ހިންގައި މީހުންނަށް ހަމަލާ ދޭ ހިސާބަކަށް ކަންކަމެއް ނުދެއެވެ. މި ފަހަރު އެހިސާބަށް ކަންކަން ދިއުމުގެ ޒިންމާ ސިޔާސީ ފަރާތްތަކުން އުފުލަންޖެހެއެވެ. އަދި އެއީ ސިޔާސި ފަރާތްތަކެއް އެކަމުގެ އަޑީގައި ތިބެގެން ކުރި ކަމެއްގެ ގޮތުގައި ބެލެވޭނެ ހެކި ދަނީ ފެންނަމުންނެވެ.

ދީން ހަތިޔާރަކަށް ހަދައިގެން ސިޔަސީ މަގުސަދު ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލަންޖެހެއެވެ. އޭގެ ނަތީޖާ އާހިރުގައި ހިތިވާނެއެވެ. ދިވެހިރާއްޖެ ދެވަނަ ސީރިޔާ ނުވަތަ އަފްގާނިސްތާންއަށް ވެގެން ދިއުމުން އެކަމުން އިދިކޮޅަށް ވެސް އަދި ސަރުކާރަށް ވެސް ލިބޭނެ މަންފާއެއް ނެތެވެ. އޭގެ ބަދަލުގައި ރާއްޖޭގައި ދާހިލީ ހަމަނުޖެހުންތަކެއް އުފެދި ދީނީ ބައިބައިވުން އިތުރުވެ ފުޅާވުން ނޫން ކަމެއް ނުވެއެވެ. ނަމަވެސް މިކަން ކުރަނީ ނޭނގި ތިބެ ކަމަށް ނުވާތީ މި ފަހަރުގެ އިންތިހާބުގައި ވެސް މައިގަނޑު ހަތިޔާރަކަށް ހަމަވާނީ ދީނެވެ. މެނިފެސްޓޯތަކުގައި ކޮންމެ އެއްޗެއް ލިޔުނެއް ކަމަކު އާންމުންގެ ހިތްތަކާ ކުޅެން ބޭނުންކުރާނީ ހަމަ ދީނެވެ.

ރިއެކްޝަންސް
0
3
0
1
0
0
5