ޑިޕްރެޝަންއަށް ބޭހާއިނުލާ ފަރުވާ ހޯދިދާނެތަ؟

25 ޖޫން 2022 - 10:16

ދި އެންޒައިޓީ އެންޑް ޑިޕްރެޝަން އެސޯސިއޭޝަން އޮފް އެމެރިކާއިން ޑިޕްރެޝަން މާނަކޮށްފައިވަނީ ވަރަށް ސީރިއަސް ނަފްސާނީ ބައްޔެއްގެ ގޮތުގައެވެ. އަދި މުޅި ދުނިޔޭގައި ޑިޕްރެޝަންގައި އުޅޭ މީހުންގެ އަދަދު 264 މިލިއަނަށްވުރެ އިތުރުކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ޑިޕްރެޝަން ހުންނަ ކަމަށް ބަލާނީ މި 9 އަލާމާތްތަކުގެ ތެރެއިން އެންމެ މަދުވެގެންވެސް 5 އަލާމާތް ހުންނަނަމަކަމަށެވެ. އެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ފިލައިގެން ނުދާ ހިތާމަވެރިކަމެއް ހުރުން
  • ތިމާއަކީ އެއްވެސް ބޭނުމެއް ނެތް މީހެއްކަމަށް ގަބޫލުކުރެވުން
  • އުންމީދެއް ނެތުން
  • ގައިގައި ރިހުމެއް ހުރުން
  • ކަންކަން ކުރުމަށް އެއްވެސް މޯޓިވޭޝަނެއް ނުހުރުން
  • ކުރިން ކުރާހިތްވި ކަންކަމަށް އޮތް ޝައުގުވެރިކަން ގެއްލުން
  • އަމިއްލައަށް މަރުވުމުގެ ހިޔާލުއައުން

އަމިއްލައަށް މަރުވުމުގެ ހިޔާލުނައިނަމަވެސް ޑިޕްރެޝަން ހުންނަ މީހުންނަށް ހުރިހައި ކަމެއްވެސް ރަނގަޅުވާނީ އެމީހުން މަރުވުމުންކަމަށް ނުވަތަ ނެތުމުން ކަމުގެ އިހްސާސް ކުރެވެއެވެ. ޑިޕްރެޝަން ވަރަށް ބޮޑަށް ހުންނަ މީހުންނަށް ނިދަން އުނދަގޫވެ މާގިނައިން ކެވުން ނުވަތަ އެއްގޮތަކަށްވެސް ކާހިތްނުވުން ފަދަ ކަންކަން ކުރިމަތިވެއެވެ.

advertisement

ޑިޕްރެޝަންއަށް ދަނީ ކީތްވެ؟

ޑިޕްރެޝަންއަށް މީހަކު ދިއުމަށް ގިނަ ކަންތައްތަކެއް ކުރިމަތިވެދާނެއެވެ. އެގޮތުން ތިމާވެ ވަށައިގެންވާ މާހައުލާއި، ހާލަތާއި، ސައިކޮލޮޖިކަލް ނުވަތަ ސޯސިއަލް މައްސަލައަކާއި ގުޅިގެންވެސް މީހަކު ޑިޕްރެޝަންއަށް ހިނގައިދާނެއެވެ. އޭގެެތެރޭގައި ވަޒީފާ ގެއްލުން ނުވަތަ ބައިވެރިޔާއާއި ރުޅިވުން ފަދަ ކަންކަމަކީ މީހަކު ޑިޕްރެޝަންއަށް ހިނގައިދާނެ ބައެއް ކަންކަމެވެ.

ޑިޕްރެޝަންއަށް ބައެއް މީހުން ފަރުވާހޯދުމަށް ބޭސް ބޭނުންކުރެއެވެ. ނަމަވެސް ބޭހާއި ނުލާވެސް ޑިޕްރެޝަންއަށް ހައްލު ހޯދުމަށް އަމިއްލައަށް ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ. އޭގެތެރޭގައި:

ކަސްރަތުކުރުން

ކަސްރަތުކުރުމަކީ ކޮންމެ މީހަކަށްވެސް ފައިދާހުރި ކަމެކެވެ. ނަމަވެސް ނަފްސާނީ ބަލި ތަހައްމަލްކުރަމުންދާ މީހުންނަށް މިކަމުގެ މުހިންމުކަން އިތުރެވެ. ކަސްރަތުކުރުމުގެ ސަބަބުން މީހާގެ ހަށިގަނޑުން އެންޓިޑިޕްރެޝެންޓް ބޭރުވެއެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލައި ހަށިގަނޑު ހެލިފެލިވެ އުޅުމުން ހަށިގަނޑަށް އުފާވެރިކަން ލިއްބައިދެއެވެ. އަދި އަމިއްލަ ނަފްސަށްވެސް ހަށިގަނޑަށް ލުއިވެއްޖެކަމުގެ އިހްސާސް ކުރެވޭނެއެވެ.

ކެފެއިންނާއި ދުރުވުން

ކެފެއިން ބުއިމުގެ ސަބަބުން ހަށިގަނޑުން ސެރޮޓޮނިން ލެވެލް ދަށްވެއެވެ. މިއީ ޑިޕްރެޝަން ހުންނަ މީހަކަށް އެހާ ރަނގަޅު ކަމެއްނޫނެވެ. އަދި މީގެ ސަބަބުން ޑިޕްރެޝަންގެ ހާލަތު އިތުރަށް ގޯސްވެއެވެ. ގިނަ މީހުންނަކީ ކޮންމެ ދުވަހަކުވެސް ކޮފީބޯ މީހުންނެވެ. އެއްވެސް މީހަކު އޭނާ ބޯކޮފީގެ އަދަދު މަދުކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ޑިޕްރެޝަން ހުންނަ މީހުން ހަނދާންކުރަންވީ ކޮފީ ބުއިމުގެ ސަބަބުން އިތުރަށް ޑިޕްރެސްވެ، އެންޝިއަސްވާކަމެވެ. އެހެންކަމުން ކޮފީ ބުއިމަކީ ޑިޕްރެޝަންގެ ހާލަތު ގޯސްވާކަމެކެވެ.

އިރުގެ އަވި ހޯދުން

އިރުގެ އަތްވަކީ މީހާއަށް ބޭނުންވާ ވިޓަމިން ޑީ ލިއްބައިދޭ މުހިންމު މާއްދާއެކެވެ. އަދި މިއީ މީހާގެ މޫޑް ރަނގަޅު ކޮށްދޭ ކަމެއްވެސް މެއެވެ. އިރު އަރައިގެން އަންނަ ވަގުތުގައި އަވިލިބޭ ހިސާބެއްގައި ހުރުމަކީ މީހާގެ ޑިޕްރެޝަންއަށް ވަރަށް ރަނގަޅު ކަމެކެވެ. މިއީ ބޭހާއި ނުލާ ޑިޕްރެޝަންއަށް ފަރުވާ ހޯދިދާނެ ގޮތެކެވެ.

ހަމަނިދިި ހޯދުން

ޑިޕްރެސްވެ އެންޝިއަސްވުމަކީ މީހާ ނިދުމާއި ދުރުކުރުވާ ކަމެކެވެ. ނިދި މަދުވެ ޑިޕްރެސްވާނަމަ މިއީ ހާލަތުި އިތުރަށް ގޯސްވާނެ ކަމެކެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ހަމަނިދި ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަނިދި ލިބޭނަމަ މީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެއެވެ، މިއީ ޑިޕްރެޝަންއަށް ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަންސް
5
1
0
1
0
0
0