ރިޕޯޓު: ދައުލަތް އަބަދު ވެސް “ކޮމްޕްރޮމައިޒް” ވެފައި
26 ޖޫން 2022 - 13:11
ކޮމިޝަނެއްގެ މެންބަރަކު ކިޔައިދެއްވި ވާހަކައެކެވެ. އެ ކޮމިޝަނުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން މީހަކު ހާޒިރުކޮށް ސުވާލުކުރަން ނިންމީއެވެ. ބައްދަލުވުން ނުނިމި އުޅެނިކޮށް ދައުލަތުގެ ވެރިޔަކު ގުޅިއެވެ. އަދި އެކަމާ ބެހޭ ގޮތުން ދައްކަން ނުޖެހޭ އެތައް ވާހަކައެއް އެ ވެރިޔަކު ދެއްކެވީއެވެ. އެ ފޯނުކޯލުގެ ޝަކުވާ އޭނާ ގައުމުގެ އެންމެ މަތީ ފަރާތްތަކާ ހިއްސާކުރަން އޭނާ ބޭނުންފުޅު ވެސް ވެއެވެ. ނަމަވެސް އެކަމަށް ވެސް އެތައް ހުރަސްތަކެއް އެބަހުއްޓެވެ. އެފަދަ އެތައް ކޯލެއް އަދި އެތައް މެސެޖެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ތަކެތި ހިއްސާކުރުމުގެ ފުރުސަތު ކޮންމެ ވެސް ދުވަހަކު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެ މެންބަރުގެ ވާހަކަތަކުން ދޭހަވީ ތަފާތު އެކި މައްސަލަތަކުގައި ދައުލުތުގެ ވަޒީރު ފެންވަރުގެ ބޭފުޅުން ފެށިގެން ކޮންމެ ވެސް ބައެއްގެ ދަށުވެފައިވާ ކަމެކެވެ. މައްސަލައެއް ބަލަން ފަށާއިރަށް “މަތިން” އޯޑަރެއް އަންނަ ކަމެވެ. ނުވަތަ އެކަމެއް ހުއްޓުވުމަށް ކޮންމެ ވެސް ބައެއްގެ ނުފޫޒު ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ފޯރާ ކަމެކެވެ. މިއީ ހަމައެކަނި މި ވެރިކަމުގައި ހިނގައިގެން އުޅޭ ކަމެއް ވެސް ނޫނެވެ. މީގެ ކުރީގެ ވެރިކަންތަކުގައި ވެސް މިކަން މި ގޮތަށް ހިނގައެވެ. މައްސަލައިގެ ފައިލް މައްޗަށް ކޮފީތަށި ބަންޑުންވުން ފަދަ ކަންކަން މީގެ ކުރިން ވެސް ހިނގާފައި އެބަހުއްޓެވެ.
ފުލުހުންނާއި ކޯޓުތައް ގޭންގުތައް ދަށުވެފައި
އޮންލައިން ނޫސް “ދައުރު”ގައި އައްޑޫގެ ގޭންގްތަކާ ބެހޭ ގޮތުން ޝާޢިޢު ރިޕޯޓެއްގައި އެ ރަށުގެ ފުލުހުންގެ އިސް ފަރާތްތައް ގޭންގްތަކުގެ ދަށުވެފައިވާ މިންވަރު ހާމަކޮށްފައި ވެއެވެ. އަދި ފުލުހުންނަށް ރިސްވަތު ދޭ ވާހަކަ އާއި ކޯޓަށް މައްސަލަ ގެންގޮސްފި ނަމަ އެކަމާ ގުޅުން ހުރި ހެކިތައް ފަޅާއަރުވާލާނެ ކަމަށް ބުނެ ފުލުހުންނަށް ފާޅުގައި އިންޒާރު ދެމުން ގެންދާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މިއީ ހަމައެކަނި އައްޑޫގައި އޮތް ކަމެއް ނޫނެވެ. ބޮޑެތި އާބާދީތަކުން ފެށިގެން ކުދި އާބާދީތަކުގައި ވެސް މިކަން އޮތީ މިހެންނެވެ. ހާއްސަކޮށް ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ މައްޗަށް އެ ރަށެއްގައި އުޅޭ ގޭންގްތަކާއި އަދި އެ ނޫން ވެސް ސިޔާސީ ފަރާތްތަކުގެ ބާރު އޮންނަނީ ފޯރާފައެވެ. އެފަދަ ފަރާތްތައް ގެންގުޅެނީ ހަދިޔާތައް ދީގެންނެވެ. ނުވަތަ ދަންނަ ބަޔަކަށްވާތީ ނުވަތަ ކޮންމެ ވެސް ގޮތަކުން ގުޅިފައި އޮންނާތީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް ކުރިއެރުމެއް ނުލިބެއެވެ. އަދި މިފަދަ މައްސަލައެއް ކޯޓާ ހަމައަށް ދިޔަޔަސް އެ ހިސާބުން ވެސް ނުފޫޒު ފޯރުވައެވެ.
ދާދި ފަހުން މެދު ރާއްޖެތެރޭގެ ރަށެއްގައި ހިނގި ކަމެކެވެ. ބޯޓަކުން ގެންދިޔަ ފޮށިގަނޑެއްގައި ހުރި މަސްތުވާތަކެތީގެ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކުރިއެވެ. ނަމަވެސް ކޯޓާ ހަމައިން މައްސަލަ ސާބިތުވާ ގޮތެއް ނުވިއެވެ. އެކަން އެ ގޮތަށް ކުރުމަށް އޭނާގެ އާއިލާ އިން އެތައް ހޭދައެއް ކުރިއެވެ. ވަކީލުން ފެށިގެން ހެކިވެރިންނާއި މައްސަލަ ބެލި ފުލުހުންނާއި އެ ނޫން ވެސް އެތައް ބަޔަކަށް ފައިސާ ދޭންޖެހުނެވެ. އެކަމުގައި ފުލުހުން މެދުވެރިވި ކަމަސް އެކަން ދަންނަ ފަރާތަކުން މައުލޫމާތު ހިއްސާކޮށްފައި ވެއެވެ. ފައިސާ ދޭ މީހާއަކީ ރިސޯޓެއްގައި އުޅޭ މީހެއްކަން އެނގޭތީ “ޕޭމެންޓް” ދޭން ވެސް ޖެހެނީ ޑޮލަރުން ކަމަށް އެމީހާ ބުންޏެވެ. އޭނާ ބުނީ މައްސަލަ ކޯޓުން ސާބިތު ނުވުމުން ޖެހިގެން އައި ދުވަހު ގާޒީ މަގުމަތިން ފެނިގެން ތުހުމަތުކުރެވޭ މީހާގެ މަންމަ ވަރަށް ހުތުރުކޮށް އެއްޗެހި ގޮވިކަމަށެވެ.
“ރަށު ވަރަށް ގިނަ މީހުން ތިއްބާ އޭނާ އެއްޗެހި ކީ ގާޒީއަށް. ކޮބާ ކަމެއް ނުކުރެވުނު ނޫންހޭ، ދަރި އޮންނާނީ ސަލާމަތް ކޮށްފައޭ ކިޔާފަ،” އޭނާ ބުންޏެވެ.
ފުރަތަމަ މަރުހަލާއިން ނިމެން އޮތް މައްސަލަ ގާޒީއާ ދިމާއަށް އެއްޗެހި ގޮވުމުން ވަނީ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައެވެ. އަނެއްކާ ވެސް އެ އާއިލާ އަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހުނީއެވެ.
އެންމެ ފަހުން ލީކް ކުރި ވިޑިއޯތަކާއި ބްލެކްމެއިލް
މިއީ ރަށެއްގައި އާދައިގެ މައްސަލަތަކުގައި ވެސް ކަން އޮތް ގޮތެވެ. ނަމަވެސް ބޮޑެތި މައްސަލަތަކުގައި ވެސް ކަން އޮތީ މިހެންނެވެ. ރިސްވަތުގެ ސަބަބުން ނުވަތަ ކޮންމެ ވެސް މަޖުބުރުވުމެއްގެ ސަބަބުން ދައުލަތުގެ އެކި ފަންތީގެ ފަރާތްތައް މިތިބީ “ކޮމްޕްރޮމައިޒް” ވެފައެވެ. މިހާރު ލީކްވެގެން އުޅޭ ވީޑިއޯތަކަށް ބަލާލުމުން ވެސް އެކަން ފާހަގަކުރެވެއެވެ. މި ވީޑިއޯތައް ލީކް ކޮށްލުމުގެ ކުރިން އެކަމުގެ އިންޒާރު އެ ލީކްކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ދިޔައީ ދެމުންނެވެ. ލީކް ވެފައިވާ ވީޑިއޯތަކަށް ބަލާއިރު ވެސް ދައުލަތުގެ ކަމުވޮށިވެގެންވާ ފަރާތްތަކާއި ނަން މަޝްހޫރު ފަރާތްތައް ހިމެނެއެވެ.
ލީކްވި ވީޑިއާތަކާ ގުޅިގެން ފުލުހުން ގެންދަނީ މައްސަލަތައް ބަލަމުންނެވެ. މިކަމުގެ ތެރެއިން ހާމަވި ކަމަކީ މިފަދަ އެތައް ވީޑިއޯ އާއި ފޮޓޯތަކެއް ބޭނުންކޮށްގެން ދައުލަތުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތައް ބްލެކްމެއިލްކުރަމުން ގެންދާ ކަމެކެވެ. ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ އެ މައްސަލަތައް ބަލަމުންނެވެ. ހަމައެކަނި ވީޑިއޯގައި ހިމެނޭ މީހުންގެ މައްސަލަތަކެއް ނޫނެވެ. އެ ވީޑިއޯތަކާއި ފޮޓޯތައް ބޭނުންކޮށްގެން އެކި މީސް މީހުން ބްލެކްމެއިލްކުރަމުންދާ މައްސަލަތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. މި ފަދަ މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން މީގެ ކުރިން ވެސް ފުލުހުން މައްސަލަތައް ބަލާފައި ވެއެވެ.
ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނުވަތަ ރިސްވަތުގެ ހެކީގެ ސަބަބުން ދައުލަތުގައި އެކަން ބަލަން ތިބި ފަރާތްތައް “ފިތިފައި” ތިބުމަކީ ނުރައްކާތެރި ކަމެކެވެ. ގޭންގްތަކާއި ހަރުކަށި ފިކުރުގެ މީހުންގެ ދަށުވެގެން މައްސަލަތައް ބަލާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ މައްސަލައެއް ބަލަން ފަށާ ހިސާބުން ކޮންމެ ވެސް ސިޔާސީ މީހަކު ނުވަތަ ދައުލަތުގެ ވެރިޔަކު އެ މައްސަލަ ބަލާ ފަރާތްތަކަށް ނުފޫޒު ފޯރުވާ ގޮތަށް އަމަލުކުރާ ނަމަ އިންސާފު ގާއިމުކުރާނީ ކިހިނެއް ހެއްޔެވެ؟ “ކޮމްޕްރޮމައިޒް” ވެފައިވާ ބަޔަކަށް އެކަން ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އޮމާންކަމާ އެކު ވެރިކަން ކުރަން ބޭނުން ނަމަ ސަރުކާރުގެ އެތެރެ ދޮވެ ސާފުކުރަންޖެހެއެވެ. އެއީ ކިތަންމެ އުނދަގޫ ނަމަވެސް އަޅަންޖެހޭ ފިޔަވަޅެކެވެ. މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތިއެވެ.