މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

29 ޖޫން 2022 - 18:32

ރާއްޖޭގައި ފަހުން މި ހިނގައި ދިޔަ ކަންކަމާމެދު ވަޒީރުންނާއި މަޝްވަރާކޮށްފި

ކޮމަންވެލްތު އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ މުހިންމު ކާމިޔާބީތަކާ ގުޅޭގޮތުންނާއި ރާއްޖޭގައި ފަހުން މި ހިނގައި ދިޔަ ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޒީރުންގެ މަޖިލީހާ ޙިއްޞާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޢުލޫމާތުތައް ޙިއްޞާކުރައްވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ، ވައިޓް ފައުންޑޭޝަންގެ ޗެއާމަނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، ވައިޓް ފައުންޑޭޝަންގެ ފައުންޑަރ އަދި ޗެއާމަން މިސްޓަރ ޓެޑް ވައިޓްއާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި މިހާރު ކުރިޔަށްދާ އ.ދ. ގެ އޯޝަން ކޮންފަރެންސްގެ ހަވާސާގައެވެ.

މިބައްދަލު ކުރެއްވުމުގައި މިނިސްޓަރ ޝައުނާ ވަނީ، ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނާ ގުޅިގެން ދިވެހި ސަރުކާރުން 5 އަހަރުގެ މުއްދަތަށް ހިންގާ ނޫރާއްޖެ ޕްރޮގްރާމްގެ ދަށުން ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން މިސްޓަރ ވައިޓް އާއެކު މަޝްވަރާ ކުރައްވާފައެވެ. ނޫރާއްޖެ ޕްރޮގްރާމްގެ މަޤުޞަދަކީ، ރާއްޖޭގެ ކަނޑުތަކުގެ މަދުވެގެން 20 އިންސައްތަ ހިމާޔަތްކުރުމާއި، އެކަން ތަންފީޒްކުރެވޭނެ އޮނިގަނޑާއި، ނޫ އިޤްތިޞާދުގެ ސިޔާސަތުތައް އެކުލަވާލުމެވެ.

ނ. މަނަދޫ ބަނދަރު މަޝްރޫޢުގެ 41 އިންސައްތަ މަސައްކަތް ނިމިއްޖެ

ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ ދަށުން، އައު ނެރަށް ވަދެވެން އޮންނަ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، މަޝްރޫޢުގެ 41 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.

މި މަޝްރޫޢުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ. މި މަޝްރޫޢަކީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފޭސް 2 ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް: އެޗްޑީސީ

2021 ވަނަ އަހަރު ހުޅުމާލެ ފޭސް 2 ގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށް ބޭނުންވާނެ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެޗްޑީސީގެ ފަރާތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެޗްޑީސީން ވިދާޅުވެއްޖެ އެވެ. އެގޮތުން، މިހާރު އެ ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓް، ކާބޯތަކެތި ވިއްކާ ފިހާރަތައް އަދި ކްލިނިކް ވަނީ ހުޅުވާލައިފައެވެ. އަދި މި ސަރަހައްދުގައި ސުކޫލްތަކާއި މެޑިކަލް ފެސިލިޓީތަކެއް އެޅުމަށް ވެސް ވަނީ ރޭވިފައި ކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވި އެވެ.

ވިލާ ކޮލެޖުގެ ސެޕްޓެމްބާރ އިންޓޭކްއަށް ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުގެ 2022 ވަނަ އަހަރުގެ ސެޕްޓެމްބާރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0