އޮފީސް މަސައްކަތް ނުނިމެނީ ވަގުތު މެނޭޖްކުރަން ނޭންގޭތީ
2 ޖުލައި 2022 - 10:00
ވަގުތު މެނޭޖްކުރުމަކީ ބައެއް މީހުންނަށް ކުރަން ވަރަށް އުނދަގޫ ކަމެކެވެ. ޙާއްސަކޮށް މަސައްކަތުގެ މާހައުލުގައި ކުރަންއޮންނަ ކަންކަން ވަގުތު ނެތިގެން ނުކުރެވި އުޅޭފަހަރު އާދެއެވެ. ވަގުތު ނެތިގެން ކަންކަން ނުވާކަމަށް މީހުން ބުނެއުޅެއެވެ. ނަމަވެސް ވަގުތު މެނޭޖްކުރުމަށްވެސް ވަކި ޙާއްސަ އުކުޅުތަކެއް ބޭނުންކުރެވިދާނެއެވެ. މި އާޓިކަލްގައި މި ހިމަނާލަނީ ވަގުތު މެނޭޖްކުރުމަށް ކުރެވިދާނެ ކަންކަމެވެ.
މަސައްކަތްތައް ބަލައި ޝެޑިއުލް ކުރޭ
ކުރާނެ ކަންކަމުގެ ޓާވަލްއެއް ހެދުމުގެ ބަދަލުގައި ކުރާ ކަންކަން އެނަލައިޒްކޮށް ކޮންމެ ދުވަހަކުވެސް ފައިދާހުރި މަސައްކަތްތައް ކުރުމަށް ހޭދަކުރެވުނީ ކިހާ ވަގުތެއްތޯއާއި ބޭކާރު ގޮތުގައި ހޭދަކުރެވުނީ ކިހާ ވަގުތެއްތޯ ބަލާށެވެ. އަދި ބޭކާރު ގޮތުގައި ވަގުތު ގިނައިން ހޭދަކުރެވޭނަމަ އެކަންކަން ރަނގަޅުކުރުމަށް އަމިއްލައަށް މަސައްކަތް ކުރާށެވެ.
މަސައްކަތުގެ މުހިންމުކަން ބަލާ
މަސައްކަތްތަކުގެ މުހިންމު މިނަށް ބަލައި އެންމެ ފުރަތަމަ ނިންމަންވީ ކޮންކަމެއްތޯ ބަލާށެވެ. އަދި މަސައްކަތުގެ މުހިންމު މިނަށް ބަލައި ކަންކަން ކުރަމުން ގެންދާށެވެ. އެއިރުން މުހިންމު ކަންކަން ނުކޮށް ދޫކޮށްލެވިގެނެއް ނުދާނެއެވެ. މަސައްކަތްތައް މިގޮތައް ތަރުތީބުކުރެވިދާނެއެވެ.
- މުހިންމު އަދި އާޖެންޓް
- މުހިންމު އެހާ އާޖެންޓެއްނޫން
- އެހާ މުހިންމެއްނޫން އެކަމަކު އާޖެންޓް
- އެހާ މުހިންމު އަދި އާޖެންޓެއްވެސް ނޫން
- އެއްފަހަރާ މާގިނަ މަސައްކަތްތައް ނުކުރޭ
އެއްފަހަރާ މާގިނަ މަސައްކަތްތައް ކުރަން އުޅުމަކީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވި ވަގުތު ބޭކާރު ވެގެން ހިނގައިދާނެ ކަމެކެވެ. އެހެންކަމުން އެއްކަމެއް ނިންމުމަށްފަހުގައި އަނެއްކަމެއް ކުރުމައިގެން އުޅޭށެވެ. އެއިރުން ކަންކަން ދާނީ ފަހަރަކު ކަމެއް ނިމެމުންނެވެ.
ޑިސްޓްރެކްޓް ވާކަންކަމާއި ދުރުވޭ
މަސައްކަތް ކުރަން އިންނައިރު ތިމާ އެކަމެއް ކުރުމުން ދުރުވާކަހަލަ ކަންކަމާއި ދުރުވެ ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ކައިރީގައި ފޯނު އޮތްނަމަ އެކަމެއް ނިންމުމުގެ ބަދަލުގައި އަބަދު ފޯނަށް ބަލަން ހުރެވިދާނެއެވެ.
ހެނދުނުގެ ނާސްތާ ރަނގަޅަށް ކެއުން / ބްރޭކް ނެގުން
ރަނގަޅު ކާނާ ކައިގެން ސިއްހަތު ސަލާމަތުން ހުރުމަށްވުރެ މުހިންމު ކަމެއްނެތެވެ. ނާސްތާގެ ތެރެއިންވެސް ހެނދުނުގެ ނާސްތާއަކީ ވަރަށް މުހިންމު ކެއުމެކެވެ. ހެނދުނުގެ ނާސްތާ ރަނގަޅަށް ނަގާނަމަ މީހާގެ މޫޑަށް ބަދަލުއައިސް ދުވަހުގެ މަސައްކަތްތައް ކުރުމުގައި ހިތްވަރު ލިބެއެވެ. މަސައްކަތް ކުރަން އިންނަ ވަގުތުގައި ވޯކްލޯޑް މާބޮޑުވާނަމަ ކުޑަ ބްރޭކެއް ނަގާލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެއިރުން ސިކުނޑިއަށް ތާޒާކަންލިބި ކުރަންއިން މަސައްކަތައް ސަމާލުކަންދެވޭ މިންވަރު އިތުރުވެގެންދާނެއެވެ.
ކަމެއް ކުރެވުމުން އަމިއްލަ ނަފްސަށް ކްރެޑިޓްދީ
މިއީ ފަހަރުގައި ބައެއް މީހުންނަށް ގަބޫލުކުރަން އުނދަގޫ ކަމަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ތިމާ ނިންމަން ބޭނުންވި ކަމެއް ވަގުތައް ނިންމުމުން އެކަން އަމިއްލައަށް ސެލެބްރޭޓް ކުރާށެވެ. މިއީ ހަޤީގަތުގައި ވަރަށް މުހިންމު ކަމެކެވެ. އަދި މިއީ މީހާ މޯޓިވޭޓްވެސް ކުރުވާނެކަމެކެވެ.