ރާއްޖެތެރޭ މީހުން ފަސްކުޅަނދު އަދިވެސް މަދުތަ؟

4 ޖުލައި 2022 - 16:28

“ބައެއްމީހުން އެބަބުނޭ މާލޭގައި މީހުން ހާލުގައި މިއުޅެނީ ރާއްޖެތެރެމީހުންގެ ސަބަބުންނޭ. ހަމަ އެގޮތަށް ބުނެވިދާނެދެއްތޯ މާލޭގައި ބައެއްމީހުން ދަރީންނަށް ކިޔަވައިދީ، ވިޔަފާރިކޮށް، މުއްސަނދިވެފައިވަނީވެސް އަތޮޅުތަކުގެ މީހުންގެ ސަބަބުންނޭ”. ގާނޫނީ ވަކީލު، އަލްއުސްތާޒާ ދިޔާނާ ސައީދު ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ރާއްޖެތެރޭ މާލޭ ބަހުސްގައި ތިއްބާ މުޅިރާއްޖެ އެތަށް ސަތޭކަ ރަށެއް އެކި އުސޫލު ހަދައިގެން ބަހާ ހުސްކޮށްލަމުންދާއިރު، ފަސްކުޅަނދު މިބަހުސްގައި ބައިވެރިވާ ހުރިހާ ދިވެހިންގެވެސް މަދުތޯ ސުވާލު އުފެދެއެވެ. މިގޮތަށް އެއް ބަޔަކު އަނެއް ބަޔަކަށް ގާ އުކައުކައި ތިއްބާ ދެން ފެންނާނީ މާލޭގެ އެންމެ 3،000 މީހަކަށް ދިވެހިރާއްޖޭގެ ނިސްބަތުން އެންމެ އަގުބޮޑު ބިން ހިލޭ ދީ ނިންމާލިތަނެތެވެ. މި ބިންތަކުގެ އަގު ޖުމުލަ 30 ބިލިޔަން ރުފިޔާ އަށް އަރާނެއެވެ. މިއީ ބޮޑު ނާއިންސާފެކެވެ. ރައްޔިތުންގެ ތެރޭގައި މިހާރު އޮތް ތަފާތުކުރުމާއި ނަހަމަކަން އިތުރަށް ބޮޑުވެގެން ދާނެ ކަމެކެވެ.

“ދައުލަތުގެ މާލިއްޔަތު އަޑިއަޅާލައި ބޮޑެތި ދަރަނިތައް ދައްކަންޖެހިފައިވަނިކޮށް ދައުލަތުގެ އެންމެއަގުހުރި ބަންޑާރަބިންތައް ބޭއިންސާފުން ވަކިބަޔަކަށް ހިލޭ ބަހާލުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ހިލޭ ދޫކުރާ ބިންތަކުގެ އަގު 30 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެ” ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ޓުވީޓެއްގައި ވެއެވެ. ހިލޭ ބިން ދޭނަމަ، ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުލި އުވާލުން މާ އައުލާން ކަން ބޮޑުކަމަށް ވެސް އަލީ ބުނެފައިވެއެވެ. ރައްޔިތުންނަށް ކުދިކުދި ފްލެޓު ބޮޑު އަގުގައި ދެނީ ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހު އެތަކެއް ގިނަ ޝަރުތުތަކެއް ހަމަވާނަމައެވެ. ނަމަވެސް އެންމެ އަގުބޮޑެތި ބިން 3000 މީހަކަށް ދޭ އިރު ދިރިއުޅުމުގެ ހާލަތު ނުބަލާގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެކަމާއި ގިނަބަޔަކު ސުވާލު އުފައްދާ ކަމެކެވެ.

އެ 3000 ގޯތީގައި 45000 އެޕާޓްމަންޓް — ރާއްޖެތެރެ ފަޅުވަނީބާ؟

އދ ގެ ލަފާކުރުންތައް ދައްކާ ގޮތުން ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބައެއް ފަޅު ވާނެ އެވެ. އާބާދީގެ 63 އިންސައްތަ ދިރިއުޅޭނީ މާލޭ ސަރަހައްދުގައެވެ. ހުޅުމާލެ އާއި ގުޅީ ފަޅުން 3،000 މީހަކަށް 3،000 ގޯތި ހިލޭ ދިނީމައި، ދައުލަތަށް އެ ގެއްލުނީ 30 ބިލިޔަން ރުފިޔާއެވެ. އެއިން ކޮންމެ މީހަކު 15 ބުރިއަށް ގެ ހަދައިފި ނަމަ އެއީ މާލޭ ސަރަހައްދަށް އިތުރުވާ 45،000 އެޕާޓްމަންޓެވެ. މިއިން ކޮންމެ ތަނަކީ ރާއްޖެތެރޭގެ ކޮންމެވެސް އާއިލާއަކުން ބޮޑު ކުއްޔަށް ހިފާނެ ތަންތަނެވެ. 45،000 އެޕާޓްމަންޓުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން އާބާދުވާނެއެވެ. މިއީ ރާއްޖޭގެ ދެތިން އަތޮޅުގެ އާބާދީ އާއި އެއްވަރުގެ އަދަދެކެވެ.

ރަށެއްގެ 2،000 އަކަފޫޓުގެ ބިމާއި މާލޭ ސަރަހައްދުގެ 2،000 އަކަފޫޓޫގެ ބިމާއި ހަމަހަމަ ހެއްޔެވެ؟

މާލެއިން ބިން ބޭނުން މީހުން ބުނާ ގޮތުން ރަށްރަށުގެ ރަޖިސްޓްރީ އޮންނަ މީހުންނަށް ރަށުން ގޯތި ލިބޭގޮތަށް މާލޭގެ މީހުންނަށް މާލެ އިން ބިން ލިބެން ޖެހެއެވެ. ސުވާލަކީ ގުޅީފަޅާއި ހުޅުމާލެ “މާލެ” ކަމުގައި ނިންމީ ކިހިނެތް ކާކު ތޯއެވެ؟ މާލޭގެ ރައްޔިތަކަށް ވަނީ ކިހިނެތް ކޮންހިސާބަކުން ތޯއެވެ؟ މާލެ އަށް އުފަންވުމުން ހެއްޔެވެ؟ މާލޭގެ ގެއަކަށް ރަޖިސްޓްރީ ކުރުމުންހެއްޔެވެ؟ އުމުރުދުވަހު މާލޭގައި ދިރިއުޅުމުންބާއެވެ؟

ރާއްޖެތެރޭ އެކަހެރި ރަށެއްގައި އޮންނަ 2،000 އަކަފޫޓުގެ ބިމާއި މާލޭ ސަރަހައްދުން ކަނޑާ 2،000 އަކަފޫޓޫގެ ބިމާއި ހަމަހަމަ ހެއްޔެވެ؟ ރާއްޖެތެރޭގެ ބިމުން ވާނެ މާބޮޑު ފައިދާ އެއް ނެތަސް މާލޭ ސަރަހައްދުގެ ބިމުގެ އަގު ހުރީ ދުނިޔޭގެ ނިސްބަތުން ވަރަށް މަތީގައެވެ. އެ ބިމުން ފައިސާ ހޯދޭނެ ގޮތްތައް ގިނައަސް ރާއްޖެތެރޭގައި އިންނަ ބިމަކުން ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ދިރިއުޅުން ފިޔަވައެވެ. މާލެއިން ގޯތި ބޭނުންވާ މީހުން ބޭނުންވަނީ ވަންނާނެ ގެދޮރެއް ހެއްޔެވެ؟ ނުވަތަ ވިޔަފާރި ފައިދާ ހޯދޭނެ ބިމެއް ހެއްޔެވެ؟

އެންމެ ތިންހާސް މީހަކަށް އަވަސް އަރުވާލައިގެން ގެދޮރު ދޭން މިއުޅެނީ ކީއްވެ؟

މާލެއަކީ އެރަށުގެ އަހުލުވެރިންނަކީ ކޮބައިކަން ކަނޑައަޅައި ވަކި ބަޔަކަށް ހާއްސަ އިމްތިޔާޒުތަކެއް ލިބެންޖެހޭ ރަށެއް ނޫނެވެ. މާލެ ސަރަހައްދުގައި ހަދާފައިވާ ގުޅީފަޅާއި ހުޅުމާލެ އަކީ ރައްޔިތުންގެ ރަށްރަށެވެ. ކޮންމެ އަހަރަކު އެތަކެއް ބިލިޔަނުން އެތަންތަނަށް ހަރަދު ކުރަނީ އެންމެންގެ ފައިސާއެވެ. ރާއްޖެތެރެއަށް ހަރަދުކުރަނީ އެންމެންގެ ފައިސާއެއް ކަމަކު އެއީ ނިސްބަތުން ކުޑަ ވަރެކެވެ. ޖާޒީރާ ރާއްޖެއޭ ބުނެ ރާއްޖެތެރެއަށް ނަޖިސް ހޮޅި ވަޅުލާ ދީފައި މާލޭ ސަރަހައްދަށް ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމަށް ފަހު މި ދެ ތަނުގެ ބިމުގެ ހައްގުވެރިންގެ ވާހަކައަކީ އެއް ޖުމުލައިން ދެއްކޭނެ ވާހަކައެއް ނޫނެވެ. މި މައްސަލައާއި ގުޅިގެން އަމިއްލަ ފަރާތަކުން ވަނީ “މާލޭ” ރައްވެހިންނަކީ ކޮބައިކަން ކަނޑައަޅައި ދިނުމަށް އެދި ހައިކޯޓަށް މައްސަލައެއް ވެސް ވައްދާފައެވެ.

ހިތާމަޔަކީ މާލޭގެ ބައިލައްކަމީހުން ގެދޮރު ބޭނުންވެފައި ތިއްބާ، އެންމެ ތިންހާސް މީހަކަށް އަވަސް އަރުވާލައިގެން ގެދޮރު ދޭން މިއުޅެނީ ވަކިބަޔަކަށް ނުހައްގު މުއްސަނދިކަން ހޯދައިދޭން ކުރާ މަސައްކަތެއްތޯ އުފެދޭ ސުވާލެވެ. މާލޭގެ ދެންތިިބި އެންމެނަށް ގެދޮރު ދޭން ދެން އޮތް ޗޮއިސްއަކީ ކޮބައިތޯ އުފެދޭ ސުވާލެވެ. ސަރުކާރުން މިހާރުވެސް ވަނީ ހާލަތު ވަޒަންކުރުމަށް ނިކަމެތިން ދިރިއުޅޭ ގެދޮރަށް ޒިޔާރަތްކޮށް ހާލަތު ނުބަލައި ހަމައެކަނި ފޯމުސެޓަށް ބަލައިގެން މިކަން ނިންމާލާނެކަމުގެ ޔަޤީންކަން ދީފައެވެ. މިކަމަކީ ރާއްޖޭގެ ތާރީހުގައި ހިންގޭ އެންމެ ބޭއިންސާފު ނަސްލީ އިމްތިޔާޒުގެ ތަފާތުކުރުމުގެ އިންތިހާ ހިމެނިގެންދާނެ ކަމެއްކަމާމެދު ޝައްކެތް ނެތެވެ.

ރިއެކްޝަންސް
0
1
2
1
0
1
5