އެކަނިވެރި މައިންނަށްވުރެ ބަފައިންނަށް ދިމާވާ ސިއްހީ މައްސަލަތައް ގިނަ: ދިރާސާ

7 ޖުލައި 2022 - 13:26

އާއިލާ ރޫޅި ދަރިންނާއިއެކު އެކަނި އުޅެންޖެހިފައިވާ އަންހެނުންނާއި ފިރެހެނުން މިއަދުގެ މި މުޖްތަމައުގައި ވަރަށް ގިނައެވެ. އާންމުގޮތެއްގައި އަހަރެމެންނަށް ހީވަނީ އެކަނިވެރި މައިންނަށް ދިމާވާ ސިއްހީ މައްސަލަތައް އެކަނިވެރި ބަފައިންނަށްވުރެ ގިނަކަމަށެވެ. ނަމަވެސް ކެނެޑާގައި ކޮށްފައިވާ ދިރާސާއެއްގައި މިވަނީ އާންމުންނަށް ސިހުން ގެނުވާފައެވެ.

މި ދިރާސާއިން ހާމަވާ ގޮތުގައި އެކަނިވެރި މައިންނަށްވުރެ އެކަނިވެރި ބަފައިންނަށް ދިމާވާ ސިއްހީ މައްސަލަތައް ގިނައެވެ. އަދި އެމީހުންގެ އުމުރުވެސް ކުރުވާކަމަށް ވަނީ ހޯދިފައެވެ. މި ހޯދުމުގައި މިގޮތައް ދައްކާފައިވާތީ އެކަނިވެރި ބަފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިންމު ކަމަށްވެސް ވަނީ ބުނެފައެވެ.

advertisement

މި ދިރާސާގައި ކެނެޑާގެ އެކި ކަންކޮޅުތަކުގެ 40،500 މީހެއްގެ ހާލަތު 11 އަހަރު ވަންދެން ވަޒަންކުރި އެވެ. މީގެ ތެރޭގައި ހިމެނެނީ އެކަނިވެރި މައިންގެ 4،590 މީހަކާއި އެކަނިވެރި ބަފައިންގެ 871 މީހެކެވެ. މި ހޯދުމުގެ މަސައްކަތް ފެށިއިރު މި އެންމެންނަކީ ވެސް 40 ގެ އަހަރުތައް ގުނަމުންދާ މީހުންނެވެ. މޮނިޓާ ކުރަމުންދިޔަ މުއްދަތުގެ ތެރޭގައި މީގެ ތެރެއިން 700 ވަރަކަށް މީހުން ވަނީ މަރުވެފަ އެވެ.

މަރުވި 700 މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެކަނިވެރި މައިންނާ ބަލާއިރު އެކަނިވެރި ބަފައިން ތިން ގުނަ އިތުރަށް މަރުވެފައިވާކަމަށް ހޯދުމުގައި ވަނީ ބުނެފައެވެ. ހޯދުމުގައި އިތުރަށް ބުނެފައިވަނީ މި ދިރާސާގެ ހޯދުންތައް އެންމެ ބޮޑަށް ގުޅޭނީ މުއްސަނދި ގައުމުތަކާ ކަމަށެވެ.

މިކަން މިގޮތަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި އެކަނިވެރި ބަފައިންގެ ތެރެއިން ގިނަ މީހުން، އެކަނިވެރި މައިންނަށް ވުރެ އުމުރުން ދުވަސްވެފައި ވުމާއި މި މީހުންނަށް ކެންސަރު ޖެހޭ ރޭޓް މަތިވުމާއި މި މީހުންނަށް މާ ފަސޭހައިން ހިތުގެ ބަލިތައް ޖެހުން ވެސް ހިމެނެ އެވެ. އެކަނިވެރި ބަފައިން މަރުވާ މިންވަރު މިހާ ބޮޑަށް އިތުރުވުމުގެ އަސްލަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތާއި ސްޓްރެސް ވުމުގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ.

އެކަނި ދަރިން ބަލާ ފިރިހެނުންގެ ތެރެއިން ގިނަ މީހުންނަކީ އަނބިމީހާއާ ވަކިވެފައި ނުވަތަ ވަރިކޮށްފައި ނުވަތަ އަނބި މަރުވެފައި ތިބި މީހުންނެވެ.

ރިއެކްޝަންސް
0
0
0
1
0
0
0