މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
7 ޖުލައި 2022 - 18:12
މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް
މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިންގ ގެ ޕްލާސްޓަރިންގ މަސައްކަތާއި، ރަންވޭ ހަދަން ހަމަޖެހިފައިވާ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތާއި، ޓާރމިނަލް ބިލްޑިންގ ގެ ފައުންޑޭޝަން މަސައްކަތްތައް ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.
މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 243.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓު އަޅަނީ
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތަރޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އާ ޕްލޭނިންގ މިނިސްޓްރީން ހަވާލު ކޮށްފި އެވެ.
އަޟްޙާ ޢީދު ނަމާދަށް ސްޓޭޑިއަމް ސަރަޙައްދު ބަންދު ކުރަނީ
1443ވަނަ އަހަރު އަޟްޙާ ޢީދު ނަމާދަށް ސްޓޭޑިއަމް ސަރަޙައްދު ބަންދު ކުރާ ގޮތުގެ ޗާޓު އިސްލާމިކް މިނިސްޓްރީން ބަޔާންކޮށްފި އެވެ. މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން 32 މިސްކިތެއްގައި ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއްވި އެވެ.
އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ ސިފައިން ހަރަކާތްތެރިވެއްޖެ
އެމްޕީއެލް ސަރަހައްދުގައި ހުރި ކެމިކަލް ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 10:58 ހާއިރު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެފްއާރުއެސްގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް، ކެމިކަލް ލީކުވަމުންދާ ކޮންޓޭނަރު ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.
48 ފޫޓުގެ އެ ކޮންޓޭނަރުން ކެމިކަލް ލީކުވާކަން ފާހަގަވީ ކޮންޓޭނަރުން ދުން އަރަން ފެށުމުން، އެ ސަރަހައްދު ބެލިބެލުމުންނެވެ. އެ ކޮންޓޭނަރުން ލީކުވަމުންދަނީ ހައިޑްރޮޒެން ޕެރޮސައިޑް އަޅާފައިހުރި ކެމިކަލް ހަންތަކަކުންނެވެ.މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
އައު ސީޕްލޭން ޓާމިނަލް ދައްކާލައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަދަމުން އައި އައު ސީޕްލޭން ޓާމިނަލް މީޑިއާއަށް މިއަދު ދައްކާލައިފި އެވެ.
މި އައު ސީޕްލޭން ޓަރމިނަލްއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ އެއް ފިޔަވައްޗެވެ.