މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
17 ޖުލައި 2022 - 18:48
މަސްވެރިކަމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، 2016/3 މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު، 13 ޑިސެމްބަރު 2021 ގައި އުވާލެއްވުމާއި ގުޅިގެން މަސްވެރިިކަމުގެ ޤާނޫނުގެ 56 ވަނަ މާއްދާގެ ޢިބާރާތަށް ގެނެސްފައިވާ ބަދަލެކެވެ. މިގޮތުން އެމާއްދާގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ނަން އޮތްތައް އުނިކޮށް، “މިޤާނޫނުގެ ދަށުން ކުރާ މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލަންސްއާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއާއި، އެނޫންވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ހަދައި ތަންފީޛުކުރަން ވާނެއެވެ.” މިގޮތަށް ވަނީ ބަދަލުކޮށްފައެވެ.
އ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް
ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.
މި މަޝްރޫޢުގެ ދަށުން، 4953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 333 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 529 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1203 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 70.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އަމާންކަމުގެ އައްސޭރިއަކަށް ދެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން: ރައީސް
ކޮންމެ ޤައުމަކަށްވެސް އަމާންކަމުގެ އައްސޭރިއަށް ދެވޭނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ، ޞިނާޢަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކެމިކަލުން ތަޣައްޔަރުވެފައިވާ މޭބިސްކަދުރުގެ ބާވަތެއް ވިއްކުން މަނާކޮށްފި
ޕެސްޓިސައިޑްސް ހުންނަން ޖެހޭ މިންވަރަށްވުރެ އިތުރަށް ހުރުމުގެ ސަބަބުން ތަޢައްޔަރުވެފައިވާތީ ޔޫރޯ ބްރޭންޑްގެ ތޯމަސް ސީޑްލެސް މޭބިސްކަދުރު ވިއްކުން އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.
ބޯހިމެނުމުގައި ހަރަކާތްތެރިވާ މީހުންގެ ތަމްރީންތައް ފަށައިފި
މިއަހަރުގެ ސެޕްޓެމްބަރުމަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ސްޓެޓިސްޓިކް ބިއުރޯއިން ފަށައިފިއެވެ.