ރިޕޯޓް: ރާއްޖޭގެ އިޤްތިޞާދުގެ ކޮންޓްރޯލް ދިވެހިންނަށް ގެއްލި ނިކަމެތިވެފައި

20 ޖުލައި 2022 - 14:54

ދުނިޔޭގެ ބައެއް އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ބިދޭސީންގެ މައްސަލަ ވަނީ ނުރައްކާތެރި މިންވަރަކަށް ގޮސްފައެވެ. އިގްތިސާދުގެ ބޮޑު ބައެއް އެމީހުންގެ އަތްދަށަށް ގޮސްފައިވާ އިރު މަސައްކަތްކުރާ އާބާދީގައި ވެސް އެމީހުންގެ ނުފޫޒު ވަނީ ގަދަވެފައެވެ. ސައްހަ ގޮތުގައި އުޅޭ ބިދޭސީންނަށް ވުރެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ވަނީ އިންތިހާ އަށް ބޮޑުވެފައެވެ.

ތަންފީޒީ އިދާރާތަކަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ އިރު މައްސަލަ ހައްލުކުރުމަށް ދިވެހި ސަރުކާރުގެ އިގްތިސާދީ ހާލަތު ވެސް މިހާރު ނުކުޅެދެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން ކަމުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އާ ގޮތްތަކެއް ވަނީ ހޯދަންޖެހިފައެވެ.  

advertisement

ބޭރު ގައުމުތަކުގެ ހާލަތު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަކީ ވެސް ބިދޭސީންގެ މައްސަލަ ބޮއްސުންލާފައިވާ ތަނެކެވެ. އެމީހުންގެ މަސައްކަތު އާބާދީގައި ބިދޭސީންގެ ހިއްސާ ވަރަށް ބޮޑެވެ. އެހެންކަމުން ޔޫއޭއީ އަށް ނިސްބަތްވާ މީހުންނަށް ވަޒީފާ ހޯދުން ވަނީ ދަތިކަމަކަށް ވެފައެވެ. ބިދޭސީން މަދުކުރުމަށް ޔޫއޭއީން ވެސް އެކި މަސައްކަތްތައް ކުރެއެވެ. އެ ގޮތުން ދާދި ފަހުން ވަނީ ޔޫއޭއީގެ މީހުންނަށް ވަޒީފާ ހޯދައިދިނުމަށް ބާރު އެޅުމުގެ ގޮތުންނާއި ބިދޭސީންގެ އަދަދު މަދުކުރުމުގެ މަގުސަދުގައި ހާއްސަ ގާނޫނަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މައިގަނޑު މަސައްކަތަކީ ކުންފުނިތަކުގެ ހައި ސްކިލްޑް މަސައްކަތްތަކުގައި ޔޫއޭއީގެ ރައްޔިތުންގެ ހިއްސާ އަހަރަކު ދެ ޕަސެންޓަށް އިތުރުކުރުމެވެ. 

އާ ގާނޫނުގެ ދަށުން ޔޫއޭއީގެ 50 އަށް ވުރެ ގިނަ ރައްޔިތުން މަސައްކަތްކުރާ ކުންފުނިތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުން ހިމެނެއެވެ. މީގެ ތެރޭގައި ހިދުމަތުގެ ފީތަކުން އިނާޔަތްތައް ދިނުން ހިމެނެއެވެ މީގެ އިތުރުން ލަނޑުދަނޑި ހާސިލްނުކުރެވޭ ކުންފުނިތަކަށް އެ ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް ބޮޑު ފީއެއް ދައްކަންޖެހުން ވެސް މި ގާނޫނުގައި ހިމަނާފައި ވެއެވެ. އެ ގޮތުން މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށް 6،000 ދީނާރު ދައްކަންޖެހޭނެ ކަމަށް މި ގާނޫނުގައި ބުނެފައި ވެއެވެ. މީގެ މައިގަނޑު މަގުސަދަކީ ޔޫއޭއީގެ ރައްޔިތުންނަށް 12،000 ވަޒީފާގެ ފުރުސަތު ހޯދައިދިނުމެވެ.

ރާއްޖޭގައިވެސް މިކަހަލަ ޕްރޮގްރާމެއް ހިންގަންވީ

މިފަދަ ގާނޫނެއް ނުވަތަ ޕްރޮގްރާމެއްގެ މުހިންމުކަން ރާއްޖެ އަށް ވެސް މިހާރު ވަނީ ބޭނުންވެފައެވެ. ބިދޭސީންގެ އަދަދު ވަކި ހަމައެއްގައި ހިފެހެއްޓުމަށް މިހާރު ވެސް ސަރުކާރުން މިންގަނޑުތަކެއް ކަނޑައަޅާފައި ވެއެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެކަންކަން ނުބެލޭތީ އާއި ތަންފީޒީ އިދާރާތައް ފެއިލްވުމުގެ ސަބަބުން މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. ރިސޯޓްތަކުގައި މިހާރު ވެސް ބިދޭސީ މުވައްޒަފުން ގެންގުޅެންޖެހޭ އަދަދު ކަނޑައަޅާފައި އޮތަސް އެ އަށް އަަމަލުކުރަނީ މަދު ރިސޯޓަކުންނެވެ. އެކަން ވެސް އެކަށީގެންވާ ގޮތެއްގައި ނުބެލޭތީ ރިސޯޓްތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ދާދި ފަހުން ސާވިސް ޗާޗް ދިނުމުގެ އުސޫލަށް ގެނައި ބަދަލާ އެކު ވެސް އޭގެ ނާޖާއިޒް ފައިދާ ބައެއް ރިސޯޓްތަކުން ދަނީ ނަގަމުންނެވެ. އެ ގޮތުން ސާވިސް ޗާޖް އަށް މަކަރު ހެދުމުގެ ގޮތުން ކޮންޓްރެކްޓް އުސޫލުން ބިދޭސީންނަށް މަސައްކަތްތައް ދެމުން ގެންދާކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. 

މީގެ އިތުރުން ފިހާރަތަކާއި ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުގެ ސޭޓުންގެ ގޮތުގައި ކައުންޓާރުތަކުގައި ބިދޭސީން ތިބުން މަނާކޮށްފައި އޮތް ނަމަވެސް އެކަން އެއްވެސް ތަންފީޒީ އިދާރާއަކުން ނުބަލާތީ އެކަމަށް ވެސް ހައްލެއް ވަނީ ނުލިބިފައެވެ. އަދި މީގެ ކުރިން ސޭޓުންގެ ގޮތުގައި ދިވެހިން ގެންގުޅުނު މަޝްހޫރު ބައެއް ބޮޑެތި ފިހާރަތަކުން ވެސް މިހާރު ގިނައިން ފެންނަނީ ބިދޭސީން ތިބޭ ތަނެވެ. އެ ގޮތުން މީގެ ކުރިން ދިވެހި ގިނަ އަދަދެއްގެ ޒުވާނުން ސޭޓުންގެ ގޮތުގައި ފެނުނު އިހުސާން ފިހާރަ ފަދަ ތަންތަނުގެ ކައުންޓަރުތަކުގައި ވެސް މިހާރު ބިދޭސީން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޝޮޕް އެންޑް ސޭވް ފަދަ ތަންތަނުގައި ވެސް މީގެ ކުރިން ދިވެހިން ސޭޓުންގެ ގޮތުގައި ތިބި ނަމަވެސް މިހާރު ގިނައިން ތިބެނީ ލަންކާގެ ސޭޓުންނެވެ. ނަމަވެސް ރެޑްވޭވް ފަދަ ބައެއް ބޮޑެތި ކުންފުނިތަކުން އަދިވެސް ދިވެހިން ސޭޓުންގެ ގޮތުގައި ގެންގުޅޭކަން ފާހަގަކޮށްލަންޖެހެއެވެ. 

މާރުކޭޓް ގޮޅިތަކުގައި ބިދޭސީން ތިބުން މަނާކޮށްފައި އޮތީ ވެސް މިފަދަ ގޮތަކަށެވެ. ދޭތެރެއަކުން ކަމާ ބެހޭ އިދާރާތަކުން މިކަން ބެލި ނަމަވެސް ބިދޭސީ ސޭޓުންނާއި ބިދޭސީންގެ އަތްދަށުން މާރުކޭޓް ގޮޅިތައް ވެސް އަތުވެލޭ ގޮތެއް ނުވިއެވެ. ކަންމަތީ ފިހާރަތައް ވެސް މިހާރު ކޮންޓްރޯލްކުރަނީ އެމީހުންނެވެ. ތަރުކާރީ އާއި މޭވާގެ އަގު ކަނޑައަޅީ ވެސް އެ މީހުންނެވެ. މިހެން ގޮސް އެތައް އެތައް ވިޔަފާރިއެއްގައި ބިދޭސީންގެ ނުފޫޒު ގަދައެވެ.  

ރާއްޖޭގައި ދިވެހިންނަށްވުރެ ބިދޭސީން އިތުރު ވަނީ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ސައްހަ އަދަދެއް އެއްވެސް އިދާރާއަކަށް ނޭނގެއެވެ. ރަސްމީ ގޮތުން ދައްކާ އަދަދަށް ވުރެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ގިނަ ވާނެ ކަމަށް ބެލެވެއެވެ. ބެލެވޭ ގޮތުގައި ދާދި އަވަހަށް ރާއްޖޭގައި ދިވެހިންގެ އާބާދީ އަށް ވުރެ ބިދޭސީންގެ އާބާދީ އިތުރުވެގެންދާނެއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވައުދުވެ ވަޑައިގެންނެވި ނަމަވެސް އެ ވައުދު ފުއްދޭނެ އަލި މަގެއް އަދި ފެންނާކަށް ނެތެވެ. ބިދޭސީންނަކީ ޑިޕޮސިޓެއް ބަހައްޓައިގެން ރާއްޖެ ގެންނަ ބަޔަކަށް ވިޔަސް އެފަދަ މީހަކު ޑިޕޯޓްކޮށްލަންޖެހިގެން ހަރަދެއް ކުރަން ބަލާއިރު އެ ބަޖެޓެއް ނުހުރެއެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބެލެހެއްޓޭނެ ގޮތެއް ނެތެވެ. އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް އެހާ އުނދަގުލެވެ.  

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ، އިންސެންޓިވްތަކެއް ދޭންޖެހެއެވެ. އެކަށީގެންވާ ފަންޑެއް ގާއިމުކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލެވޭނެ ގޮތެއް ހޯދަންޖެހެއެވެ. ކޮރަޕްޝަނުން މޫލައިފައިވާ ވޯރކްވިސާ އަދި އިމިގްރޭޝަންގެ ހިދުމަތް އިސްލާހުކުރުން ނޫންގޮތެއް ނެތެވެ. ދިވެހިންނަށް ވަޒީފާދޭ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުން ލާޒިމްކުރަންޖެހެއެވެ. ނޫން ނަމަ ދިވެހިންގެ އާބާދީގެ މައްޗަށް ބިދޭސީންގެ އާބާދީ ގަދަވެ ގަނެ ދިވެހިން އަތުން ހުރިހާ ބާރުތަކެއް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ، ފިޖީ ފަދަ ގައުމުތަކަށް ވީ ގޮތަށް މުޅި ގައުމުގެ ކޮންޓްރޯލް ދިވެހިންގެ އަތްމަތިން ގެއްލި ހިނގައިދާނެއެވެ. ނުވަތަ ކުރިއަށް އޮތްތަނުގައި ވޯރާ ވިޔަފާރި ވެރިންގެ ޒަމާން އިއާދަވެ, ދާހިލީ ހަމަނުޖެހުންތަކުގެ ތެރެއަށް ގައުމު ވެއްޓޭނެކަމީ ޔަޤީންކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0