ޒުވާން ދަނޑުވެރިޔާ، ދަނޑުވެރިކަމަށް އެތެރެކުރި ވަޅިއެއް ކަސްޓަމްސްއިން ހިފެހެއްޓުމުން އާންމުންގެ ނުރުހުން

23 ޖުލައި 2022 - 9:20

ދަނޑުވެރިކަމުގެ ބޭނުމަށް ރާއްޖެ ގެނައި ވަޅިއެއް މޯލްޑިވްސް ކަސްޓަމް ސަރވިސްއިން ހިފަހައްޓާފައިވާތީ ޒުވާން ދަނޑުވެރިޔާ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްވިޓަރގައި ޒުވާން ދަނޑުވެރިޔާ ބުނެފައިވަނީ އިންޑިއާއިން ދަނޑުވެރިކަމަށް ގެނައި ކަތިވަޅިއެއް ރާއްޖޭގައި ނުރައްކާތެރި ހަތިޔާރަކަށްވީއިރު ފިހާރަތަކުގައި އެކި ބައްޓަމަށް ހުންނަ ވަޅިތައް ވިއްކުން މަނާ ނޫނީ ކީތްވެތޯ ވަނީ ސުވާލުއުފައްދާފައެވެ.

advertisement

މޯލްޑިވްސް ކަސްޓަމް ސަރވިސްއިން ޒުވާން ދަނޑުވެރިޔާ އަށް ފޮނުވާފައިވާ ސިޓީއެއްވެސް ޓްވިޓަރއަށް ވަނީ ހިއްސާކޮށްފައެވެ. މި ސިޓީގައި ބުނެފައިވަނީ އަބްދުﷲ ރަމްޒީގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ހަންޓިން ބިލް ހުކާ ނައިފް އަކީ މީހުންގެ ހަށިގަނޑަށް ގެއްލުން ދިނުމަށް ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ފެންނާތީ އޭގެ ވެރިފަރާތައް ދޫކުރަން ނުފެންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން އަންގާފައިވާތީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުން މިތަކެތި ދޫނުކޮށް ހިފަހައްޓާފައިވާކަމަށެވެ.

ޒުވާން ދަނޑުވެރިޔާ އިތުރަށް ޓްވިޓަރގައި ބުނެފައިވަނީ ހަންޓިން ބިލް ހޫކް ނައިފްއެކޭ ކިޔާއިރު އުފެއްދި ފަރާތުން މިއަށް ދީފައިވާ ނަމަކީ “ވިންކަރ ޕްރޫނިން ކަޓަރ” ކަމަށެވެ. މިއީ ދަނޑުވެރިކަމާއި، ގާޑެނިންއަށް އަދި ހޯޓިކަލްޗަރއަށް ބޭނުންކުރާ ވަޅިއެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

ޒުވާން ދަނޑުވެރިޔާއަކީ އައްޑޫގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތެކެވެ. ތަފާތު އެކި ދަނޑުވެރިކަމުގެ ބާވަތްތައް އޭނާ އަންނަނީ ހައްދަމުންނެވެ. އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ޑްރެގަން ފްރުޓްއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0