ސްކޭމަރުންގެ މަޅީގައި އާއްމުކޮށް ޖެހެނީ އަވަހަށް މުއްސަނދިވާން ބޭނުން، ދަހި މީހުންތަ؟
24 ޖުލައި 2022 - 8:21
އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މީހުންނަށް އެކި ގޮތްގޮތަށް އޮޅުވާލައިގެން 2020 ވަނަ އަހަރު އެކަނި، 3.3 ބިލިޔަން ޑޮލަރު ސްކޭމަރުން ހޯދާފައިވެއެވެ. މިގޮތަށް މީހުން އަތުން ފައިސާ ހޯދާ ކޮން އާޓީސްޓުން އުޅޭ ކަމާއި އެމީހުންގެ އުކުޅުތަކަކީ ކޮބައި ކަން އާއްމުކޮށް ގިނަ މީހުންނަށް މިހާރު އެނގޭނެއެވެ. ނަމަވެސް އަދިވެސް މިފަދަ މީހުންގެ މަޅީގައި މީހުން ޖެހޭވަރު މަދެއް ނޫނެވެ.
ސްކޭމަރުންގެ މަޅީގައި ޖެހެނީ ކޮންކަހަލަ މީހުންނެއް؟
ގިނަ މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި މިފަދަ ސްކޭމްތަކުގައި ޖެހެނީ “މޮޔަ” ނުވަތަ ގަމާރު ތަންދޮރު ނުދަންނަ މީހުންނެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. ސްކޭމްތަކުގެ މަޅީގައި މީހުން ގިނަ ފަހަރު ޖެހެނީ ސްކޭމަރުން ގެންގުޅޭ ސައިކޮލޮޖިކަލް އުކުޅުތަކުގެ ސަބަބުންނެވެ. ސައިކޮލޮޖިސްޓް – ޑރ. ރޮބާޓް ސިއަލްޑީނީ ގެ އިންފްލުއެންސް: ދަ ސައިކޮލޮޖީ އޮފް ޕާސުއޭޝަން ގައި ބުނާ ގޮތުން މީހުން ސްކޭމްތަކުގައި ޖެހޭ ސަބަބުތަކެއް ވެއެވެ.
1. ބަދަލުގައި ހެޔޮކަމެއް ކުރުމުގެ ގޮތުން – ދިރާސާތައް ދައްކާގޮތުން މީހަކަށް އެއްޗެއް ދީފިނަމަ، އެ ދިން މީހާއަށް އަނބުރާ އެއްޗެއް ދޭންޖެހޭ ކަމުގެ އިހުސާސް، ލިބުނު މީހާއަށް ކުރެވެއެވެ. މިސާލަކަށް ވެއިޓަރަކު އޭނާގެ ގެސްޓް ކައި ނިމުމުން މިންޓް ޗުއިންގަމެއް ދީފިނަމަ، އޭނާއަށް ޓިޕެއް ލިބުމުގެ ފުރުސަތު 20 އިންސައްތައަށް މަތިވެއެވެ.
2. އެއްގޮތެއްގައި ދެމިހުރުމަށް – އާއްމުގޮތެއްގައި އިންސާނުންނަކީ އެހެންމީހުންގެ މައްޗަށް އޮންނަ އިތުބާރުގެ އަގުވަޒަން ކުރާ، އަދި ތިމާ މީހާ އަކީ ވެސް އިތުބާރުހިފޭ މީހަކަށް ވާން ބޭނުން ބަޔެކެވެ. އެހެން ކަމުން ކުރިން ކަމެއް ކޮށް ނުވަތަ ބުނެފައިވާ ބަހެއްގައި ހިފެހެއްޓުމަށް މީހުން ބޭނުނެވެއެވެ. މިގޮތަށް ކޮންސިސްޓެންސީ ހިފަހައްޓަން ބޭނުންވާ މީހުންގެ ފައިދާ ސްކޭމަރުން ނަގަނީ އެއްފަހަރު ކުޑަކުޑަ އެއްޗަކަށް ބުނުމަށް ފަހު، ފަހުން ބޮޑެތި ކަންކަމަށް އެދިގެންނެވެ.
3. ސޯޝަލް ޕްރޫފް – ކަންކުރަންވީ ގޮތް ނޭނގޭމީހާ ބަލާނީ ދެން ތިބޭ މީހުން ކަންކުރާ ގޮތަކީ ކޮބައިތޯއެވެ. ގިނަ ބަޔަކު އެކަމެއް ކުރާނަމަ އެއީ ރަނގަޅު ގޮތްކަމުގައި ގަބޫލުކުރެވުމަކީ އިންސާނުންގެ ބައެއް ގަބޫލުކުރުންތަކުގެ އަސާސެވެ. އެހެން ކަމުން، މިސާލަކަށް، ގިނަ ބަޔަކު ގިވްއަވޭ އޮފާއެއްގައި ބައިވެރިވާ ތަން ފެންނަނަމަ ތިމާ އެއަށް ކުރާ އިތުބާރު ބޮޑުވެދެއެވެ.
4. ގަޔާވާ މީހެއް ނަމަ – އިންސާނުންނަކީ އެމީހުން ގަޔާވާ މީހުންނަށް އާނއެކޭ ބުނަން ބޭނުންވާ މީހުންނެވެ. މިސާލަކަށް ނުދަންނަ މީހަކު ފޮނުވާ އީމެއިލް އެއް ނުވަތަ ލިންކެއް ނުހުޅުވިޔަސް ދަންނަ ނުވަތަ ގަޔާވާ މީހަކު ފޮނުވާ ލިންކު ނުވަތަ އީމެއިލް ހުޅުވުމުގެ ފުރުސަތު ބޮޑުވާނެއެވެ. އެހެންކަމުން ސްކޭމަރުން އަބަދުވެސް މީހުންނަށް ލިންކު / އީމެއިލް ފޮނުވައިގެން މުއާމަލާތް ކުރުމަށްޓަކައި މީހެއްގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ ހެކް ކުރެއެވެ. އެއަށް ފަހު އެމީހާގެ ނަމުގައި ހުރިހާ ކޮންޓެކްޓް ތަކާއި މުއާމަލާތްކުރަން ފަށައެވެ.
5. އޮތޯރިޓީ – ބާރު އޮންނަ މީހެއް ނުވަތަ އޮތޯރިޓީ އެއް ނަމަ، އެތަނަކަށް ނުވަތަ މީހަކަށް އާނ ބަސް ބުނުމުގެ ފުރުސަތު ބޮޑެވެ. އެހެން ކަމުން އޮފީސްތަކުގެ ވެރިންގެ ނަމުގަ އާއި، އެކިއެކި އިދާރާތަކުގެ ނަމުގައި މީހުންނަށް ގުޅައި، އަވަސް އަރުވާލައިގެން ކަންކަން ކުރުވަން ސްކޭމަރުން މަސައްކަތް ކުރެއެވެ. މިސާލަކަށް، އާޖަންޓް ހާލަތްތައް މެދުވެރިވެފައިވާ ކަމަށް ހެދުމަށްޓަކައި، 10 މިނެޓުތެރޭގައި ވަރަށް އަވަހަށް ރީލޯޑެއް ފޮނުވައިފިނަމަ ލަކީޑްރޯ އަކަށް ނޮމިނޭޓު ވާނެ ކަމަށް ބުނެފާނެއެވެ. ހާއްސަކޮށް، މިގޮތަށް، އޮތޯރިޓޭޓިވް މީހުން / ތަނަކުން ގުޅައި، އާޖެންޓް ކަމެއްކަމަށް ދައްކަން އުޅެފިނަމަ އެކަމަށް ނޫނެކޭ ބުނުމަށް މީހުން ފަސްޖެހެއެވެ.
6. ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ނަމަ – އެއްޗެއް ހުސްވާހެން ހީވާ ނަމަ އެ އެއްޗެއް ހޯދަން ބޭނުންވާ ވަރު ބޮޑުވެއެވެ. އެހެން ކަމުން، މިސާލަކަށް ރިޒޯޓް ހޮލިޑޭ ޕެކޭޖެއް އޮފާ ކުރުމަށް ފަހު މިއީ އެއް ދުވަހުގެ އޮފާ އެއް ކަމަށާއި، ވަރަށް ޑިމާންޑް ބޮޑު ކަމަށް ބުނެފި ނަމަ އެ އަކަށް ހެއްލި، އެ ސްކޭމްގައި މީހުން ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
މިހުރިހާ ކަމެއް އެނގި ހުރެވެސް މީހަކު ސްކޭމަރެއްގެ މަޅީގައި ޖެހިދާނެއެވެ. ދަހި ކަމާއި، އަވަހަށް ކުއްލިއަކަށް މުއްސަނދިވާނެ ބޭނުން މީހުންނަކީ ސްކޭމަރުން ބައެއް ފަހަރު އޮގަނައިޒްކޮށް ޓާގެޓް ކުރާ ގްރޫޕްތަކެވެ. ބިގްޑޭޓާ ބޭނުންކޮށްގެން މީހުން ސޯޝަލް މީޑީއާއިން ކިޔައި ބަލައި ހަދާ މައުލޫމާތަށް ބިނާކޮށް މީހާގެ ޕްރޮފައިލް ބަލައިގެން ވަކިވަކިން މީހުންނަށް ޓާގެޓްކޮށްގެން ހިންގާ ސްކޭމްތައް ގިނައެވެ. ތަނަކުން އެއްޗެއް ފެންނަ އިރަށް އެއަށް ހެއްލުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެން މީހުންނަށް ތިމާ ކޮންޓްރޯލް އެބަ ކުރެވޭ ކަމުގެ ހެއްކެކެވެ.