ބަލިވެ އިނުމުގެ ކުރިން އަންހެނާ ސަމާލުކަންދޭންވީ ކަންކަން

26 ޖުލައި 2022 - 9:59

ދަރިއަކު ހޯދުމުގެ ކުރިން އެންމެ ރަނގަޅު ގޮތަކީ އެކަމަށް އަންހެން މީހާ ތައްޔާރުވުމެވެ. ސަބަބަކީ ބަލިވެ އިނދެ ކުއްޖަކު ލިބުމާއި ހަމައަށް އަދި އޭގެ ފަހުންވެސް އަންހެން މީހާ ބޮޑު ބުރައެއް އުފުލާތީއެވެ. އެހެންކަމުން ނަފްސާނީ ގޮތުންނާއި އަދި ޖިސްމާނީ ގޮތުންވެސް އަންހެނާ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހެއެވެ. މި އާޓިކަލްގައި މި ހިމަނާލަނީ ބަލިވެ އިނުމުގެ ކުރިން އަންހެން މީހާ ވިސްނާލަންވީ ކަންކަމަށެވެ.

ބަރުދަނަށް ބަދަލުގެނައުން

މާބޮޑަށް ލުއިކޮށްލަން ނުވަތަ މާބޮޑަށް ބަރުކުރަން އުޅެފި ނަމަ، މާބަނޑުވުމަށް އެޅޭ ހުރަހަކަށް ވެސް ވެދާނެ އެވެ. އަދި މައްސަރުކަންތައް ގަވާއިދުން ނުޖެހޭ ގޮތް ވެސް މެދުވެރިވެދާނެ އެވެ. ބައެއް ފަހަރު ބަރުދަނަށް އަންނަ ބަދަލާ ގުޅިގެން ހޯމޯންތަކުގެ ބެލެންސް ގެއްލި ދަރިމައިނުވާ ގޮތް ވެ އެވެ. އަދި މީހާ މާ ބަރުވެއްޖެ ނަމަ ކުއްޖާ ބައިގެންދިއުމާއި މާބަނޑުއިރު ލޭމައްޗަށް ދިއުން އަދި ބަނޑުގައި އޮންނަ ދަރިފުޅުގެ އުފެދުމުގައި އުނިކަންތައްތައް ހުންނަގޮތް މެދުވެރިވެ އެވެ.

advertisement

ކަން މިހެން ހުރުމާއެކު، މާބަނޑުވުމަށް ތައްޔާރުވާއިރު ވެސް އަދި މާބަނޑުއިރު ވެސް މަސައްކަތް ކުރަންވީ ސިއްހީ ގޮތުން ދުޅަހެޔޮ މިންގަނޑެއްގައި ބަރުދަން ބެހެއްޓުމަށެވެ. ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ބަލިވެއިންނަން ތައްޔާރުވާ އަންހެނެއްގެ (ބީއެމްއައި) ހުންނަންވާނީ 18.5 އާއި 27 އާއި ދެމެދުގަ އެވެ.

މާގަދަ އަށް ކަސްރަތުކުރުން

މާ ގަދަ އަށް ކަސްރަތު ކުރާ ނަމަ ހޯމޯންތައް އިމްބެލެންސްވެ އޯވަރީން ބިސްއުފެއްދުމަށް ހުރަހަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ބާރަށް ދުވުމާއި، އެރޮބިކްސް، ފެތުން އަދި ބައިސްކަލް ދުއްވުމަކީ މީހާ ރަނގަޅު ސިއްހަތެއްގައި ހުރި ނަމަވެސް ބަލިވެއިނުމަށް އުދަނގޫތަކެއް ކުރިމަތިވެދާނެ ކަންކަމެވެ. އެކަމަކު މީހާ މާބޮޑަށް ފަލަ ނަމަ ހަށިގަނޑު ކޮންމެވެސް ވަރަކަށް ލުއިކޮށްލުމުން ބަލިވެއިންނަން ފަސޭހަ ވެދާނެ އެވެ.

ދަރިއަކު ހޯދަން މަސައްކަތްކުރުން ލަސްކުރުން

އުމުރު މައްޗަށް ދިޔަ ވަރަކަށް ބަލިވެ އިނުމުގެ ފުރުސަތު ދާނީ ހަނިވަމުންނެވެ. އުމުރުން 20 އަހަރުގައި އޮތް ވަރަށް ވުރެ 30 އަހަރުގައި އެފުރުސަތު ހަނިވާނެ އެވެ. އެހެންވެ އުމުރާ ބެހޭގޮތުން ޑޮކްޓަރާ ވާހަކަދައްކައިގެން އެކަމަށް އޮތް ފުރުސަތުތަކަކީ ކޮބައިތޯ ބަލައި އޮޅުންފިލުވާށެވެ. ފިރިހެނުންގެ ކިބައިގައި ވެސް 50 އަށްވުރެ މަތި ވުމުން ދަރިމައިކޮށްދިނުމުގެ ގާބިލްކަން ކުޑަވެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން

ބަލިވެއިންނަން މަސައްކަތްކުރާ ދުވަސްވަރު ވެސް ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ ބައިގެންދިއުމުގެ ފުރުސަތު އޮވެ އެވެ. ފިރިހެނުން ވެސް ސިގިރޭޓް ބޯ ނަމަ ދަރިފަނީގެ މިންވަރު މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި މާބަނޑުއިރު ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ދަރިމައިވުމުގެ ނިޒާމުގެ ގުނަންތައް އުފެދުމުގައި ބަދަލުތައް މެދުވެރިވެ އެ ކުއްޖަކު ބޮޑުވެގެން ދަރިން ހޯދަން އުދަނގޫވާ ގޮތް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ.

މާގިނައިން ވިޓަމިން ކެއުން

މާބަނޑުވުމަށް ތައްޔާރުވާއިރު ފޯލިކް އެސިޑް ކެއުމުން، ކުއްޖާ އުފެދުމުގައި އަތުވެދާނެ އުނިކަންކަމުން ދުރުކޮށްދެ އެވެ. އެކަމަކު މާގިނައިން ތަފާތު ވައްތަރުގެ ވިޓަމިންތައް ނުކާށެވެ. މިސާލަކަށް، މާގިނައިން ވިޓަމިން އޭ ކާ ނަމަ ދަރިފުޅު އުފެދި ބޮޑުވުމުގައި މައްސަލަ ދިމާވެ އެވެ.

އެނާޖީ ޑްރިންކާއި ކޮފީބުއިން

ބަލިވެ އިންނަން ތައްޔާރުވާއިރު އެނާޖީ ބުއިންތަކާއި ކޮފީ އަދި ހާއްސަކޮށް އެސްޕްރެސޯ ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0