ކިޔެވުން ފެށޭ އިރު ވެސް ޔުނިފޯމް ފަހައިދޭ ތަންތަނަށް ތައްޔާރެއް ނުވެވުނު!
26 ޖުލައި 2022 - 15:36
ކޮންމެ އަހަރެއްގެ ވެސް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފެށުމާ އެކު ބެލެނިވެރިން ހޭބޯނާރައި އުޅެނީ ހަމައެކަނި ދަރިން ހިތް އުފާކޮށްދިނުމަށް ދަތުރުތައް ދިއުމުގައެއް ނޫނެވެ. ދެން ފެށޭ ދިރާސީ އާ އަހަރަށް ހޯދަންޖެހޭ އެއްޗެހި ހޯދުމަކީ ވެސް ޗުއްޓީ ތެރޭގައި ކުރަންޖެހޭ ކަންކަމެވެ.
އެހެންކަމުން ބައެއް ބެލެނިވެރިން ޗުއްޓީ ފެށުމާ އެކު ތަނަކަށް ދިއުމުގެ ކުރިން ޔުނީފޯމް ފަދަ ތަކެތި ހޯދަން ބޭނުން ވެއެވެ. ނަމަވެސް ކޮންމެ އަހަރެއްގައި ވެސް ކިޔެވުން ފެށޭ އިރު ވެސް ޔުނީފޯމް ނުލިބޭ ދަރިވަރުން ތިބެއެވެ. މިހެން ދިމާވަނީ އެ މަސައްކަތް ކުރާ ނުވަތަ ސްކޫލްތަކުން އެ މަސައްކަތް ހަވާލުކުރާ ފަރާތްތަކަށް އެކަށީގެންވާ ވަރަށް ތައްޔާރުނުވުމުންނެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ދެން އޮތީ 15 ވަރަކަށް ދުވަހެވެ. ނުވަތަ ދެ ހަފުތާއެއްހާ ދުވަހެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް އެތައް ބަޔަކު މިހާރު އުޅެނީ އެ މީހުންގެ ދަރިންނަށް ޔުނީފޯމް ނުލިބިގެންނެވެ. މި ދުވަސް ވަރަށް ތައްޔާރުވުމަށް އަހަރެއްހާ ދުވަސް ލިބުނު ނަމަވެސް ސްކޫލްތައް ފެށޭ އިރު ވެސް ޔުނީފޯމް ލިބޭނެކަމުގެ ޔަގީން ކަމެއް ނެތެވެ.
“ސްކޫލް ޗުއްޓީ ހަމަ ލިބުމާ އެކު ޔުނީފޯމް ފަހަން ދިޔައިމަ މި ބުނަނީ ދެން ޔުނީފޯމް ލިބޭނީ އޯގަސް 12ގެ ފަހުންނޭ. އަދި މި އުޅެނީ ރަނގަޅަށް ޗުއްޓީ ނުފެށި. އެ ބުނީ ހުސްވީއޭ. ވަކި ބޭނުމެއްގައި ވަކި ތަނަކާ ޔުނީފޯމްތައް ފަހަން ސްކޫލްތަކުން މި ހަވާލުކުރަނީ. ބޭނުން ވާނީ ކިހާ ޔުނީފޯމެއް ކަން ކުރިން އެނގޭނެ. އެކަމަކު ދުވަހަކު ވެސް ޗުއްޓީ ނުމޭ އިރު ވެސް އެ މީހުންނަށް ޔުނީފޯމް ފަހައިދެވޭ ގޮތެއް ނުވޭ. މަޑުކުރުން ނޫން އެހެން ގޮތެއް ނޯވޭ،” ދަރިންގެ ޔުނީފޯމް ނުލިބިގެން ހިތްހަމަނުޖެހިފައި ހުރި ބެލެނިވެރިއަކު ބުންޏެވެ.
މި އުނދަގޫ އެންމެ ބޮޑަށް ކުރިމަތިވަނީ ޔުނީފޯމް ބަދަލުވާ ސްކޫލްތަކުގެ ބެލެނިވެރިންނަށެވެ. ބައެއް ސްކޫލްތަކުގައި އަވަސް އަވަހަށް ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމް ބަދަލުކުރާ އިރު ތިން ހަތަރު ދަރިން ގެންގުޅޭ މީހަކަށް ޔޫނީފޯމް ހޯދުން އޮންނަނީ އުނދަގޫ ކަމަކަށް ވެފައެވެ. އަހަރުގެ ފުރަތަމަ ޓާމް ނިމޭ އިރު ވެސް އެ ބުނާ އާ ޔުނީފޯމް ހުރިހާ ދަރިވަރުންނަށް ހަމަވާ ގޮތެއް ނުވެއެވެ. މިފަދަ ބަދަލެއް ގެންނަ އިރު ކުރިޔާލާ ތައްޔާރުނުވާކަން ފާހަގަކުރެވެއެވެ.
މެދުރާއްޖެތެރޭގެ ރަށެއްގެ ބެލެނިވެރިއަކު ބުނީ މި ފެށޭ އަހަރަށް އެ ރަށު ސްކޫލުގެ ޔުނީފޯމް ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އާ ޔުނީފޯމް ލިބެން ހުންނާނެ ކަމަށް ބުނި ފިހާރައިގައި އެ ފޮއްޗެއް ލިބޭކަށް ނެތެވެ. ލިބޭނެ ދުވަހެއް ބުނާކަށް ވެސް ނޭނގެއެވެ. ސްކޫލުގެ ވެރިޔަކާ ގާތް ގުޅުމެއް އޮތުމުން އެ ތަނުން ޔޫނީފޯމް ފޮތި ލިބެން ހުންނާނެ ކަމަށް ސްކޫލުން ބުންޏަސް އެކަމަށް އެ ތަނުން ތައްޔާރުވެފައި ނުވާ ކަމަށް އެ މީހާ ބުންޏެވެ. އެހެންކަމުން ދިރާސީ އަހަރު ފެށޭ އިރު ވެސް އެ ރަށު ސްކޫލްގެ ގިނަ ދަރިވަރުންނަށް ޔުނީފޯމް ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން މާލޭގެ ބައެއް ސްކޫލްތަކަށް ވެސް މި މައްސަލަ ކުރިމަތިވިއެވެ. އެ ގޮތުން ކަލާފާނު ސްކޫލުގެ ޔުނީފޯމް ބަދަލުކުރި އިރު އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދަރިވަރުން ބޭނުންވާ ވަރަށް ޔުނީފޯމް ފޯރުކޮށްނުދެވުމުން އަހަރުގެ މެދަކާ ހިސާބަށް ދިޔަ އިރު ވެސް އެއް ބައި ދަރިވަރުންނަށް ދާންޖެހުނީ ކުރީގެ ޔުނީފޯމުގައެވެ.
ސްކޫލްތަކުގެ ކިޔެވުން ފެށޭ ދުވަސްވަރަކީ ބެލެނިވެރިން ވަރަށް ބުރަކޮށް އުޅޭ ދުވަސް ވަރެކެވެ. ޔުނީފޯމްގެ އިތުރުން ފޮތްތައް ހަމަކޮށް ގަނޑު ލައްވައި ބޫޓާއި އެ ނޫން ވެސް ސާމާނު ހަމަކުރަންޖެހެއެވެ. ކިޔެވުން ފެށެން ދެ ހަފުތާއެއްހާ ދުވަހަށް ވެފައިވާ އިރު މިފަދަ ތަކެތި ވިއްކާ ތަންތަނަށް މިހާރު ވަނީ އީދު އައިސްފައެވެ. ބޫޓު ވިއްކާ ފިހާރަތަކާއި ފޮތި އަދި ބެޖް ފަދަ ތަކެތި ވިއްކާ ފިހާރަތަކުގައި ވަކީ ކިޔު ދަމާލައިފައެވެ. ބޮޑު ޗުއްޓީ އަށް ވުމުން ރަށްރަށުން އެކި ބޭނުންތަކުގައި އެތައް ހާސް ބަޔަކު މާލެ އައިސް ތިބި އިރު އެ މީހުން ވެސް އެނބުރި ރަށަށް ދާނީ ދަރިންގެ ސްކޫލަށް ބޭނުންވާ މިފަދަ ތަކެތި ގަނެ ހަމަކޮށްގެންނެވެ. އެހެންކަމުން މާލޭގެ ފިހާރަތަކަށް މި ދުވަސްވަރު ވަރަށް ބާރު ބޮޑެވެ. މި ކަމަށްޓަކައި ބޮޑެތި ބައެއް ފިހާރަތަކުން ސީދާ ސްކޫލް ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވާކަން ފާހަގަކުރެވެއެވެ. އަދި ތަނުގެ ޖާގަ ތަނަވަސްވާނެ ގޮތައް ބަދަލުތައް ގެންނަކަށް ވެސް ފާހަގަކުރެވެއެވެ. އަމިއްލަ ފިހާރަތަކުން މިހާ ބޮޑަށް ތައްޔާރުވާ އިރު ސްކޫލްތަކުން ޔުނީފޯމްގެ ކަންކަން ހަވާލުކުރާ ފަރާތްތަކަށް ތައްޔާރުނުވެވެންވީ ކީއްވެ ހެއްޔެވެ؟
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސްކޫލްތަކުގެ ޔުނީފޯމްގެ ކަންކަން ހަވާލުކުރުމުގައި ވެސް ކޮރަޕްޝަންގެ ކަންކަން ހިނގައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މީގެ ކުރިން ނުވެސް އެނގޭ ތަންތަން އުފަންވެ، ސްކޫލްތަކުގެ ޔުނީފޯމް އެތަންތަނާ ހަވާލުކުރުމެވެ. އާންމު ގޮތެއްގައި މިފަދަ ތަންތަނުގެ ވެރިންނަކީ ސްކޫލްގެ ވެރިންނާއި ނުވަތަ ނުފޫޒު ފަދަ ކޮންމެ ވެސް މީހަކާ ގުޅުން އޮންނަ މީހެކެވެ. އެހެންކަމުން ކެޕޭސިޓީ އަށް ބެލުމެއް ނެތި މަސައްކަތް ހަވާލުކުރުމުގެ ސަބަބުން ސްކޫލްތައް ފެށޭ އިރު ވެސް ޔުނީފޯމްތައް ނުނިމެނީއެވެ. މި އަހަރަކީ ވެސް ގިނަ ބެލެނިވެރިންތަކަކަށް މި ބޮލުގެ ރިހުން ކުރިމަތިވާނެ އަހަރެކެވެ.