ރިޕޯޓު: މާލެ ސަރަހައްދުގެ ގެދޮރު ކުއްޔަށް ދިނުމުގެ ވިޔަފާރިއަށް މިވަނީ ކިހިނެއް؟
1 އޯގަސްޓް 2022 - 13:56
ކުއްޔަށް ދޭ ތަންތަނުގެ ކުލި ގާނޫނެއް ހަދައި އޮބި އަޅައިގެން ކުޑަކުރެވޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކެމެކެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޑިމާންޑް ދަަށްކުރުމެވެ. އެހެންކަމުން މިހާތަނަށް ރާއްޖޭގެ ހުރިހާ ސަރުކާރަކުން ވެސް ސިޔާސަތުތައް ބައްޓަންކުރީ އެގޮތަށެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައި ވަނީ ސަރުކާރުތަކުން އެކުލަވައިލި ސިޔާސަތުތައް އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒުނުކުރެވި މާލެ އަށް އޮތް ޑިމާންޑް ކުޑަނުކުރެވިގެންނެވެ.
ސަރުކާރުތަކުން ކުލިކުޑަކުރުމަށް އެޅި ފިޔަވަޅުތައް
މާލޭގެ ކުލިތައް ކުޑަކުރުމަށް އެންމެ ރަނގަޅު ބިންގަލެއް އެޅީ 2008 ވަނަ އަހަރު ވެރިކަމަށް އައި އެމްޑީޕީންނެވެ. އެ ގޮތުން މާލެ އާއި ރަށްރަށުގައި ގިނަ އަދަދެއްގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ފެށިއެވެ. މި ޕްލޭން އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވި އުޅެނިކޮށް އެމްޑީޕީގެ ސަރުކާރު ބަދަލުވީއެވެ. އޭގެ ފަހުން ރައީސް ކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ދެ އަހަރެއްހާ ދުވެހުގެ ވެރިކަމުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އިއުލާންކުރެވި ބައެއް މަޝްރޫއުތައް ކޮންމެ ވެސް މިންވަރަށް ހިންގިއެވެ. ނަމަވެސް އެ ވެރިކަމުގައި ފެށި މަޝްރޫއުތައް އަދި ވެސް ހުރީ ނުނިމިއެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން ފެށި ފްލެޓްތަކުގެ މަސައްކަތް އަދިވެސް ހުރީ ނުނިމިއެވެ.
އޭގެ ފަހުން ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް ދަށްކުރުމަށް އެންމެ ވަރުގަދަ މަޝްރޫއުތައް ފެށީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. ކަން ދިމާކުރި ގޮތުން އެ ސަރުކާރުން ފެށި އަދި އެކުލަވައިލި ގިނަ މަޝްރޫއުތަކެއް ވެސް ފަސް އަހަރު ތެރޭގައި ނިންމައިލެވޭ ގޮތެއް ނުވިއެވެ. އެ ގޮތުން ހިޔާ މަޝްރޫއުގެ ވެސް ބޮޑު ބައި ނިންމަންޖެހުނީ މި ސަރުކާރުންނެވެ.
ގެދޮރުގެ ކުލި ކުޑަކުރުމަށް މި ސަރުކާރުން ވެސް ބިޔަ ބޮޑެތި މަޝްރޫއުތަކެއް ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިއުލާންކުރެއްވި މަޝްރޫއުތަކުގެ ތެރެއިން ބިމުން މައްޗަށް ހިއްލިފައި ހުރީ މަދު ތަނެކެވެ.
މާލޭގެ ކުލި ކުޑަވަމުން އަންނަ މިންވަރުތައް
މާލޭގެ ކުލިތައް އަތް ނުފޯރާ ފަށުގައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުލިތައް ވަނީ ދަށަށް ދާން ފަށައިފައެވެ. ކުރިން 18،000ރ. އަށް ހުރި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް މިހާރު 12،000-14،000ރ. އާ ދެމެދުގެ އަގެއްގައި ލިބެއެވެ. އަދި ކުރިން 20،000ރ. އިން މަތީގައި ހުރި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް މިހާރު 18،000ރ. އަދި 16،000ރ. އަށް ވެސް ލިބެން އެބަހުއްޓެވެ. މީގެ މައިގަނޑު ސަބަބަކަށްވީ މިދިޔަ ސަރުކާރުން ފެށި ނަމަވެސް މި ސަރުކާރުން ނިންމި ހިޔާ މަޝްރޫއެވެ. އެ މަޝްރޫއުގެ ތެރެއިން 6،700 އަށް ވުރެ ގިނަ ފްލެޓް ވަނީ މީހުންނަށް ދޫކޮށްފައެވެ. މީގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުން ތަރައްގީކުރި މަތީ ފަންތީގެ ފްލެޓްތަކެއް ވެސް މި ދައުރުގެ ތެރޭގައި ނިމި ބޯހިޔާވަހިކަމުގެ ޑިމާންޑް ކޮންމެ ވެސް މިންވަރަކަށް ވަނީ ދަށްވެފައެވެ.
ދެން ވެސް އޮތީ ކުލިތައް ކުޑަވާނެ ދުވަސްކޮޅެކެވެ. ސަރުކާރުގެ އަމިއްލަ ކުންފުނިތަކުން ތަރައްގީކޮށްފައިވާ ބައެއް ފްލެޓްތައް ވަރަށް އަވަހަށް އެ ކުންފުނިތަކުގެ މުވައްޒަފުންނާ ހަވާލުކުރަން ފަށާނެއެވެ. އެ ގޮތުން ސްޓެލްކޯ އިން ދެ ޓަވަރެއްގައި ތަރައްގީކޮށްފައިވާ 360 ފްލެޓް މި ފެށޭ މަހު ހަވާލުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ތަންތަނުން މަހެއްގެ މައްޗަށް ދައްކަންޖެހެނީ އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް 5،622ރ. އަދި ދެ ކޮޓަރި މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓަކަށް 10،652ރ. އެވެ. މިއީ މިހާރު ބޮޑު ކުލި ދައްކައިގެން އުޅޭ އެ ކުންފުނީގެ މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެއެވެ. އެތައް މުވައްޒަފުންނެއް އެ މީހުން މިހާރު ދިރިއުޅޭ ތަންތަން ދޫކޮށްލާނެއެވެ. އެހެންކަމުން އެއްފަހަރާ އެތައް ތަނެއް ހުސްވުމުން އެ ތަންތަން ކުއްޔަށް ދޭން ބޭނުން ނަމަ ކުލި ކުޑަކުރަން މަޖުބޫރުވާނެއެވެ.
ވިނަރެސް ފްލެޓްތަކުގެ ސަބަބުން މާކެޓް ރޭޓްވާނީ ކުޑަތަ، ނޫނީ ބޮޑުތަ؟
އެހެން ނަމަވެސް މި ދުވަސްކޮޅުގެ ގޮތުން ކުލިތަކަށް އެހާ ބޮޑު ބަދަލެއް ނައުން ވެސް އެކަށީގެން ވެއެވެ. މައިގަނޑު ސަބަބަކީ މި ދުވަސްކޮޅަކީ ދިރާސީ އާ އަހަރު ފެށޭ ދުވަސްކޮޅަށް ވެފައި މާލެ އަށް ހިޖުރަކުރާ އާއިލާތައް އާންމުކޮށް ވެސް އިތުރުވުމެވެ. އެހެންކަމުން ފާހަގަކުރެވޭ ވަރުގެ ބަދަލެއް ނައުން އެކަށީގެން ވެސް ވެއެވެ. މީގެ އިތުރުން ކުލިތައް މިހާރު ހުރި ހިސާބުގައި ނުވަތަ އެއަށް ވުރެ މައްޗަށް ޖެހިލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ރެއަލް އެސްޓޭޓްގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. އޭގެ އެއް ސަބަބަކީ މާކެޓް ރޭޓަށް ވުރެ ވެސް ބޮޑުކޮށް އަދި ޑިމާންޑް ދަަށްކުރުމާއި ކުލި ކުޑަ ކުރުމަށް ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތާ ދިމާ އިދިކޮޅަށް އެޗްޑީސީން ހިންގާ ވިނަރެސް ފްލެޓްތަކުގެ މަޝްރޫއެވެ. ކުރީ ސަރުކާރުން ބޮޑު އަގުގައި ފެށި މި މަޝްރޫއުގެ އެންމެ އާދައިގެ ފްލެޓެއް ވެސް އުޅެނީ 16،000ރ. އަށް ވުރެ މަތީގައެވެ. އަދި ތިން ކޮޓަރީގެ ބައެއް ފްލެޓްތަކުގެ އަގު މިހާރު މާކެޓް ރޭޓަށް ވުރެ ވެސް ބޮޑުކޮށް 20،000ރ. އިން މައްޗަށް ވެސް އަރައެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ބުރީގެ 10 ޓަވަރުގައި ތަރައްގީކޮށްފައިވާ ވިނަރެސްގެ 1،344 ފްލެޓަށް އެއްފަހަރާ އަގު ދައްކާ ނަމަ ފްލެޓެއްގެ އަގު އުޅެނީ 2.5-3 މިލިއަނާ ދެމެދުގެ އަގެއްގައެވެ. މަހުން މަހަށް ދައްކާ ނަމަ މި އަގު 7.3 މިލިއަނަށް ވެސް އަރައިގެން ދެއެވެ. އެހެންކަމުން ވިނަރެސް ފްލެޓްތައް ގަންނަ ފަރާތްތަކުން މިހާރު ބޯހިޔާވަހިކަމަށް ކުރާ ހޭދައަށް ވަކި އިތުރު ލުޔެއް ނުލިބޭނެއެވެ. ދައްކަންޖެހޭ ކުލި ވަންޏާ ވާނީ ބޮޑެވެ. އަނެއްކޮޅުން އެތަން ތަން ކުއްޔަށް ދޭ ނަމަ ފައިދާއެއް ލާފައި އެންމެ އާދައިގެ ތަނެއް ވެސް 20،000ރ. އަށް ވުރެ ކުޑަކޮށެއް ނުދެވޭނެއެވެ. ވިނަރެސް ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 25،000ރ. އަށް ވުރެ ބޮޑުވާނެ ކަމަށް އަންދާޒާކުރެވެއެވެ. އެހެންކަމުން މިހާރު ވިއްކަން ހުޅުވާލާފައިވާ މި ތަންތަނުގައި އަހަރުގެ ފަހުކޮޅު މީހުން ދިރިއުޅެން ފަށާއިރު ކުލި ތަކަށް ވާނެ ގޮތެއް އަންދާޒާކުރަން ވެސް ދައްޗެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުން ވިނަރެސްގެ ސަބަބުން ކުލިތައް އަނެއްކާ ވެސް މައްޗަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ.
ވިނަރެސްގެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާއިރު މާކެޓަށް އަންނަ ލޮޅުމަށް ހައްލެއް ލިބެން އޮތީ އަހަރުގެ ފަހުކޮޅަށް ދާއިރު އިތުރު ކުންފުނިތަކުން ފްލެޓްތައް ނިންމައި ދޫކުރަން ފަށަފި ނަމައެވެ. އެ ގޮތުން ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނިންމައި ދޫކުރެވޭ ވަރު ވެއްޖެ ނަމަ ކުލިތައް އެއް ހަމައެއްގައި ހިފެހެއްޓުމުގެ ފުރުސަތު އެބަ އޮތެވެ. މިހާރު މަސައްކަތް ދާ ސްޕީޑަށް ބަލާއިރު މި ތަންތަން މި އަހަރުގެ ފަހުކޮޅު އަދި ބައެއް ތަންތަން އަންނަ އަަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
މިސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް
މި ސަރުކާރުން ވެސް މާލެ ސަރަހައްދުގައި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އިއުލާންކޮށް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. އެންމެ ހަލުވިކަމާ އެކު ކުރިއަށް ދަނީ އެޕޯލޯ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެވެ. ހިޔާގެ އެޗް-3 ޓަވަރާ ޖެހިގެން ހަދާ އިމާރާތުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ވަރަށް ހަލުވިކަމާ އެކު ކުރިއަށް ދިޔައެވެ. ނަމަވެސް ހަތް ވަނަ ބުރިއާ ހަމައިން މަސައްކަތް ވަނީ ކޮންމެ ވެސް ވަރަކަށް މަޑުޖެހިފައެވެ. މި މަސައްކަތް މަޑުޖެހުނު ސަބަބު މުޅިން ސާފުވެފައި ނުވި ނަމަވެސް އެޕޯލޯ އިން ވަނީ އެ ކުންފުނިން ހުޅުމާލެ ފޭސް އެކެއްގައި ހިންގާ މަތީ ފަންތީގެ ފްލެޓް އިމާރާތުގެ މަސައްކަތް ދާދި ފަހުން ފަށައިފައެވެ. އެ މަސައްކަތް ވަރަށް ހަލުވިކަމާ އެކު ކުރިއަށް ދިޔަ ނަމަވެސް ސަރުކާރުގެ ފްލެޓްތަކުގެ މަސައްކަތް ކުރިން ދިޔަ ބާރު ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ކުރިން އަންދާޒާކުރި ގޮތަށް މި ސަރުކާރުން މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް މި ދައުރުގެ ތެރޭގައި ނިމޭނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ސަރުކާރުން ވަނީ ނުނިމި ހުރި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ހިލޭ ދޫކުރާ ގޯއްޗަށް ކުރިމަތިލުމަށް ވެސް ހުޅުވާލާފައެވެ. މާލެ ސަރަހައްދުން ގޯތި ދިނުމަށް ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ އާއި ގުޅިފަޅާއި އަދި ހިއްކަން ވެސް ނުފަށާ ފަޅަކުންނެވެ.
ސަރުކާރުގެ މި ސިޔާސަތުތައް ދެން އަންނަ ފަސް އަހަރުގެ ދައުރެއްގައި ވެސް ތަންފީޒުކުރެވިއްޖެ ނަމަ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެއެވެ. ހަމައެކަނި މާލެ ސަރަހައްދަކަށް ނޫނެވެ. ރަށްރަށުގައި ވެސް ގޯތި ދޫކުރުމާއި ފްލެޓްތަކާއި ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުތައް މި ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އަދި އިއުލާންކޮށްފައިވާ ހޮސްޕިޓަލްތަކާއި ޓާޝިއަރީ ފެންވަރަށް އިތުރު ހޮސްޕިޓަލްތައް ތަރައްގީކުރެވި ސްކޫލްތަކުގެ ކްލާސްރޫމްތައް އިތުރުކުރެވި އިގްތިސާދީ މަސައްކަތްތައް ރަށްރަށަށް އަމާޒުކުރެވިގެން ނޫން ގޮތަކަށް މާލެ އަށް އޮތް ތޮއްޖެހުމުގެ މުޅި މައްސަލަ އަށް ހައްލެއް ނުލިބޭނެއެވެ. ކުލިތައް ކުޑަވުމުގެ ކޮޅުމަތި ފެނުނު ނަމަވެސް ސިޔާސަތަށް ގެނެވޭ ކުޑަކުޑަ ބަދަލަކުން ހުރިހާ ކަމެއް ބަދަލުވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އިޤްތިޞާދީ ތަޖުރިބާކާރުން ދެކޭގޮތުގައި، ގެދޮރު ކުލި ކަނޑައަޅަނީ ބޭންކުތަކުންކަމަށާއި، ބޭންކުތަކަށް ލޯނު ދައްކަންޖެހޭ މިންވަރަށްވުރެ، އެއްވެސް މިންވަރެއް ގެދޮރު ކުލިން ކުޑަވުމުގެ ފުރުސަތެއް ނެތެވެ.