މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

2 އޯގަސްޓް 2022 - 18:09

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ޢަމަލީ މަސައްކަތް ފަށްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ޢަމަލީ މަސައްކަތް މިއަދު ފަށްޓަވައި ދެއްވައިފިއެވެ. ބްރިޖްގެ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ތަނބުގެ ކޮންކްރީޓް އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވީ، ދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅު ހައިދަރު އާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ތިއްބަވައިގެން ވާޗުއަލްކޮށެވެ.

ގުޅުން ބަދަހިކުރުމާގުޅޭ 6 އެއްބަސްވުމެއް ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު މިއަދު ބަދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމާގުޅޭ 6 އެއްބަސްވުމެއް ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު މިއަދު ބަދަލުކުރައްވައިފިއެވެ. މި އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.

advertisement

ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުލް ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ. މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމަށްވެސް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހަވީރު ނިއުދިއްލީގެ ހޮޓެލް އައިޓީސީ މައުރިޔާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެ އާއި އިންޑިއާގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް ކްރައިމްސް އެންޑް އެސެޓް ރިކަވަރީއާބެހޭ ގައުމީ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

އިންޓަރޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި-ކޮރަޕްޝަން ސެންޓަރާއި އެންޓި-ކޮރަޕްޝަން، ފައިނޭންޝަލް 

ކްރައިމްސް އެންޑް އެސެޓް ރިކަވަރީއާބެހޭ ޤައުމީ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. މި ރަސްމިއްޔާތުގައި އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރު (އައިއެފްސީއޭސީ)ގެ އެސިސްޓެންޓް ޑިރެކްޓަރު ޓޮމޮނޯބޫ ކާޔާ ވެސް ބައިވެރިވެލެއްވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0