ދިވެހިންގެ ބަލި ހަނދާން: ބޮޑެތި މައްސަލަތައް ހަފުތާއަކުން ހަނދާން ނެތޭ!

14 އޯގަސްޓް 2022 - 10:55

މީގެ ދުވަސް ކޮޅެއް ކުރިން މާލޭގެ ގެއެއްގައި ދިވެހި ޒުވާން އަންހެންކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށް ވަނީ ފެނިފައެވެ. ޖެހިގެން އަައި ދެދުވަހު މުޅި ގައުމުގައި ދެއްކީ އެ ވާހަކައެވެ. ސޯޝަލް މީޑިއާގައި ވެސް އެ ވާހަކައެވެ. އެއާ ގުޅިގެން އެފަދަ މައްސަލަތަކަށް އޮތް ހައްލަކީ މަރުގެ ހުކުމް ތަންފީޒުކުރުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އެބަދެއެވެ. މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށް ހަރު އަޑު އެބަ ގޮވައެވެ.

ނަމަވެސް މިއަދަށް މިއީ ހަފްތާއެކެވެ. ހާދިސާގެ ވާހަކަ މަޑުމަޑުން އެހަރަ ފަނޑުވަނީއެވެ. އޮބެނީއެވެ. މި ފެށޭ ހަފުތާގައި މަރުވި ކުއްޖާގެ ނަން ބުންޏަސް ހަނދާން ވާނީ މަދު މީހެކެވެ. ސިޔާސީ ފަރާތްތަކުން ބުނާގޮތުގައި، ގިނަ ދިވެހިންގެ ވިސްނުމުގެ ދިގުމިނަކީ ގާތްގަނޑަކަށް ހަތަރު ފަސް ދުވަހެވެ.

advertisement
ދިވެހި އަންހެނަކު އަނިޔާވެރިގޮތެއްގައި މަރާލާފައިވާ ކްރައިމް ސީންގައި ފުލުހުން ހަރަކާތްތެރިވަނީ | ފޮޓޯ: ސަން

މިފަދަ ކޮންމެ ހާދިސާއެއް ހިނގުމާ އެކު އެކަމައިގެން އެންމެން އުޅެއެވެ. ދެތިން ދުވަސް ވަންދެން މުޅި ސޯޝަލް މީޑިއާ ފީޑްގައި ވެސް އޮންނާނީ އެ ވާހަކައެވެ. އަދި އެކަން ހައްލުކުރާނެ މޮޅު ގޮތްތަކުގެ ވާހަކައެވެ. ހުސް ޕްރޮފެސަރުންނެވެ. ރޯނު އެދުރުންނެވެ. ނޭނގޭ އެއްކަމެއް ވެސް ނޯވެއެވެ. ހުރިހާ ހައްލެއް އެހުރީ ސޯޝަލް މީޑިއާގައެވެ. ދިވެހިންގެ ވިސްނުމުގައެވެ.

ނަމަވެސް ދެރަކަމަކީ އެ ހުރިހާ ވާހަކައެއް ވެސް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި ފަސްއެޅި އޮބިގެންދާތީއެވެ. އެކަމާ ގުޅިގެން ހޯދާނެ ހައްލުތަކުގެ ވާހަކަ ދައްކާފައި ދެން އެކަކު ވެސް އެކަމާ އަޅާ ނުލަނީއެވެ. ރަސްމީ އިދާރާތަކުގެ ހާލަކީ ވެސް އެއީއެވެ. މާޒީން އެކަން ވަރަށް ރަނގަޅަށް ފެންނަން އެބަ އޮތެވެ.

މަރުގެ ހުކުމް: އެކި ފަހަރު މަތިން ފެންމަތިވާ މައްސަލައެއް

މަރުގެ ހުކުމުގެ ވާހަކައަކީ ވެސް އެފަދަ ވާހަކައެކެވެ. ރަނގަޅު ޓައިމްލައިނެއް ހަދައިފި ނަމަ ފެންނަން އޮންނާނީ ރާއްޖޭގައި މިހާރު މަރުގެ ހުކުމް ތަންފީޒުކުރާ ކަހަލަ މަންޒަރެކެވެ. ހާއްސަކޮށް މިދިޔަ ދައުރުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ހަމައަށް ކަންތައްތައް ހަމަޖެހުނު ކަމަށް މީޑިއާގެ ސުރުހީތައް ބަލާލުމުން އެނގޭނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރު ފެށުމާ އެކު މަރުގެ ހުކުމް ތަންފީޒުކުރުމުގެ ވާހަކަތައް ދެކެވެން ފެށިއެވެ. އެކަމަށް ތަނެއް ތައްޔާރުކުރުމަށް ބަޖެޓްގައި ފައިސާ ޖަހައި ތަން ތައްޔާރުކުރި ކަމަށް ބުންޏެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު ވަނީ އެ ހުކުމް ތަންފީޒުކުރެއްވުމަށް ގަރާރު ވެސް ނެރުއްވާފައެވެ. ނަމަވެސް މަގާމު ގެއްލިގެން ދިޔަ އިރު ވެސް ވީކަމެއް ހަރާމެވެ.

ރައީސް ޔާމީން ވެރިކަމުގައި އޭރު ހޯމް އެފެއާސް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު | ފޮޓޯ: ރައީސް އޮފީސް

ދައުރު ނިމެން ކައިރިވި އިރު ހަމަ ދެންމެ ދެންމެ އެ ހުކުމް ތަންފީޒުކޮށްފާނެއޭ ވެސް ހިތަން އަރާ ވަރަށް އެ ވާހަކަ ދެއްކިއެވެ. ނަމަވެސް ފަސް އަހަރު ނިމިގެން ދިޔައީ އެ ގޮތުގައެވެ. އެކަން ހަމަނުޖެހި އުޅެނިކޮށް ދެ ވަޒީރުން ބަދަލުވިއެވެ. ނަމަވެސް އެކަމެއް ނުވިއެވެ. މަރުގެ ހުކުމް ތަންފީޒުކުރުމުގެ ވާހަކަ ވެސް ދައްކަނީ ހަމައެކަނި މިފަދަ ކަމެއް ހިނގުމުންނެވެ. މިހާރު އެ ވާހަކަ އޮބެނީއެވެ. ދެން އަނެއްކާ ވެސް އަނެއް މަރަށް އިންތިޒާރުކުރަންވީއެވެ.

އަލަމްގީރު ވާހަކައާއި ކުޑަކުދިން މެރުމާއި ރޭޕް ކޭސްތަކުގެ ވާހަކަތައް

ވަކި ކަމެއްގައެއް ނޫނެވެ. ހުރިހާ ކަމެއްގައި ވެސް ދިވެހިންގެ ކަންކަން ހުރީ މިހެންނެވެ. ބަންގްލަދޭޝްގެ ޒުވާނަކު ދިވެހިންގެ އެތައް ބަޔަކާ އެކު ޖިންސީ ގުޅުން ހިންގި ވާހަކަ ތަންކޮޅެއް ދިގުލައިގެން ހިނގައްޖެއެވެ. ސަބަބަކަށް ވަނީ އެކަމާ ގުޅުން ހުރި ކަންކަން ދޭތެރެ ދޭތެރެއިން ފެންމަތިވާތީއެވެ. ކޮންމެ ވެސް ވީޑިއޯއެއް ލީކްވަނީއެވެ. ނޫނީ އެކަމާ ގުޅުން ހުރި މީހަކު ހައްޔަރުކުރަނީއެވެ. އެހެން ނޫން ނަމަ އެ ވާހަކަ ވެސް އޮބުނުތާ ކިތަންމެ ދުވަހެކެވެ.

އަނިޔާވެރި ގޮތަކަށް ކުޑަކުއްޖެއް ކަމަށްވާ އިބްތިހާލު މަރައިލުމުން މުޅި ގައުމު ކެކި އަރައިގަތެވެ. މުޒާހަރާތައް ކުރިއެވެ. އިޖުތިމާއީ ރައްކާތެރިކަމަށް ކުރަންޖެހޭ އެތައް ކަމެއްގެ ވާހަކަ އޭރު ދެއްކިއެވެ. އަނިޔާ ލިބޭ ކުޑަކުދިންނާއި އަންހެނުންނާއި އެ ނޫން ވެސް ފަރާތްތަކުގެ ހިމާޔަތަށް ކުރަންޖެހޭ ކަންކަމުގެ ވާހަކައެވެ.

އުމުރުން އެންމެ ދެ އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި ކަމަށް ސާބިތު ވެފައިވާ އެކުއްޖާގެ މަންމަ އާފިޔާ 20 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކުރެވިފައި | ފޮޓޯ: ރާއްޖެ އެމްވީ

ނަމަވެސް މިއަދު އެކަން ހަނދާން ހުރީ ކާކު ހެއްޔެވެ؟ އެކަމާ ގުޅިގެން އެޅުނު ފިޔަވަޅަކީ ކޮބައިހެއްޔެވެ؟ އިސްލާހުވީ ކޮން ކަމެއް ހެއްޔެވެ؟ އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި އަދިވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅެއެވެ. އެ ފަރާތްތަކަށް ރައްކާތެރިކަމެއް ނުލިބެއެވެ. އިބްތިހާލު މަރުގެ ފަހުން ވެސް އިހްމާލުގެ އެތައް މައްސަލައެއް ފެންމަތިވިއެވެ. ކަމާ ބެހޭ އިދާރާތަކުގެ ގޯސްތައް ފާހަގަކުރެވި، އެ ވާހަކަ ދެކެވުނެވެ. ނަމަވެސް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އިސްލާހުވީ ކޮން ކަމެއް ހެއްޔެވެ؟

ހަފުތާއަކު ވާހަކައެކެވެ. ކޮޅެއްގައި ނުޖެހެނީސް ވާހަކަ އޮބިދަނީއެވެ. އަނިޔާވެރިކޮށް މަރައިލި އަންހެން ކުއްޖާގެ ވާހަކަތައް އޮބޭ ވަރުގެ އެހެން ވާހަކައެއް ފެންމަތިވުމާ އެކު ދެން އަނެއްކާ ވެސް މައުލޫ ބަދަލުވީއެވެ. މިއަދު އެފަދަ ސުރުހީއެއް ފެނިއްޖެއެވެ.

ހުޅުމާލޭގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށް އެ ކުއްޖާ ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ވަނީ ކޮށްފައެވެ. ރޭޕްކުރި މީހާގެ ފޮޓޯ ވެސް ވަނީ އާންމުކޮށްފައެވެ. ދެން ވީ އެ ވާހަކަޔައިގެން އުޅެންށެވެ. އެއްބަޔަކު އޭނާ އަށް ހަމްދަރުދީވެ، ފުލުހުންނަށް ހެއްދެވި ނުހެއްދެވިއަށް ގޮވަންވީއެވެ. އަނެއް ބަޔަކު އެ ކުއްޖާގެ ހުރި ގޯސް ކަންކަމުގެ ވާހަކަ ނަގައިގެން އެ ވާހަކަ ދައްކަންވީއެވެ. ރޭޕް ކުރާ މީހުންނަށް ހަދާނެ ގޮތުގެ މޮޅު ވާހަކައެވެ. ދޭންވީ އަދަބުތަކުގެ ވާހަކައެކެވެ. ކުރު ހެދުމާއި ޕާޓީ ކުރުމުގެ ވާހަކައެވެ.

ތަންދޮރު ނުބަލާ، ހަގީގަތް އޮޅުން ނުފިލުވައި ސޯޝަލް މީޑިއާގައި ވާހަކަތައް ދައުރުކުރުން ދިވެހިން ތެރޭގައި އާއްމު

ކަން އޮތް ގޮތެއް ކަން ވީ ގޮތެއް ވެސް ބެލުމެއް ނެތެވެ. ހުކުމް ކޮށް ނިންމާލަނީއެވެ. ކަމުގެ ހަގީގަތް ބަލާކަށް ގިނަ މީހުން ބޭނުމެއް ވެސް ނުވެއެވެ. ސުރުހީ ބަލާލާފައި ތެޅިގަންނަނީއެވެ. ނޫހެއްގެ ފޭކް ޕޯސްޓެއް ފެނުނަސް ތިމާގެ ފިކުރާ ދިމާވާ ނަމަ އެއީ މުޖައްރިބު ތެދު ކަމަށް ނިންމަނީއެވެ. ދެން ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އަޑުއަހާކަށް ވެސް ބޭނުމެއް ނުވެއެވެ. އެކަމުގައި ވަކި ފެންވަރެއްގެ މީހެއް ތަފާތެއް ވެސް ނެތެވެ. ނުކިޔަވައި ތިބޭ މީހުންނެކާ އެއްގޮތަށް މޮޅަށް ކިޔަވައިގެން މަތީ މަގާމުތަކުގައި ތިބި މީހުންގެ ހާލަކީ ވެސް މިއީއެވެ.

ދާދި ފަހުން ނޫހެއްގައި އޮތް ސުރުހީއަކަށް އެފަދަ މީހަކު ކޮށްފައި އޮތް ޕޯސްޓެއް ދުށީމެވެ. އެ ސުރުހީގެ ދަށުން ލިޔެފައި އޮތް އެއްޗެއް ކިޔައިލުމުން އެނގުނީ އެ ޕޯސްޓްކުރިމީހާ އޭގެ ފޮޅުވަތެއް ވެސް ކިޔާފައި ނެތް ކަމެކެވެ. ކާކުތޯ ބަލައިލިއިރު ކަމުދާކަށް ނެތެވެ. ކުރިން ސްކޫލްތަކުގެ ޕްރިންސިޕަލްކަން ވެސް ކޮށްފައިވާ ތަންދޮރުއެނގޭ އަންހެން ކަނބަލެކެވެ. ނަމަވެސް ހަމަ ބުއްދީގެ ބޭނުން ނުކޮށް މިދުވަސްކޮޅު އެ ވާހަކަ ދައްކާ ބަޔަކާ ބައިވެރިވެލަން ވިސްނުމާއި ފިކުރު ހުރި ގޮތަށް ހިޔާލު ވެސް ފާޅުކުރެއްވީއެވެ. އެކަން ވެސް ހަނދާން ނެތިގެން ހިނގައިދޭނެއެވެ.

ދޮގު ވާހަކަތައް ފެތުރުމުގައި ވެސް ކަން އޮތީ އެހެނެވެ. އެއް ޖިންސުން ގުޅުން ހިންގި މީހުންގެ ލިސްޓާއި އެ މީހާ އަށް ގުޅި ކަމަށް ބުނާ މީހުންގެ ލިސްޓެއް ވެސް ސޯޝަލް މީޑިއާގައި އެބަ ދައުރުކުރެއެވެ.

އެއް ޖިންސުން ގުޅުން ހިންގި މީހުންކަމަށް ދައުރުކުރެވޭ ލިސްޓް | ފޮޓޯ: ސޯޝަލް މީޑިއާ

އެ ލިސްޓްގައި އެ މީހަކު ހަސަދަ ފިލުވައިލަން ބޭނުން ނުވަތަ ސިޔާސީ މަގުސަދު ހާސިލްކުރަން ބޭނުން ކޮންމެ މީހެއްގެ ނަން ޖަހާފައި އަލުން ރީޕޯސްޓްކޮށްލާށެވެ. އޭރުން އެކަން އެވީ ހަގީގަތަކަށެވެ. ހަފުތާއެއް ވަންދެން ދެން އެމީހެއްގެ އަބުރު ކަތިލާންވީއެވެ. ކަމުގެ ހަގީގަތެއް ބެލުމެއް ނެތި ހުރިހާ ޕްލެޓްފޯމެއްގައި އެއް ވާހަކަ ފަތުރަންވީއެވެ. މި ހަފުތާގައި ދެން އޮތީ އެކަމެކެވެ. އެންމެން އެވާހަކަ ދައްކާނީއެވެ. އެކަމާ ގުޅޭ ގޮތުން މޮޅެތި ވާހަކަތެކެވެ. އަނެއްކާ ފަތުރާނެ އިތުރު ވާހަކައެއް ލިބެންދެން އެ ވާހަކަ ފަތުރަންވީއެވެ.

ދިވެހިންގެ ހަނދާން ބަލިކަން ސިޔާސީ ފަރާތްތަކަށް ވެސް އެނގެއެވެ. މީގެ އަހަރުތަކެއް ކުރީގައި ރާއްޖޭގެ ހާލަތާއި ސިޔާސީ ކަންކަމުގެ ފިކުރެއް ވިސްނުމެއް މިހާރު ގިނަ ދިވެހިންގެ ސިނކުޑިއަކު ނުހުންނާއެވެ. އެހެންކަމުން އޭގެ ނާޖާއިޒު ފައިދާ އެ ފަރާތްތަކުން އަބަދު ވެސް ނަގައެވެ.

ވައުދުތައް ވެސް ވަނީ އެހެންނެވެ. ކޮންމެ ފަދަ ވައުދެއް ވިޔަސް އެ ވައުދެއްގެ ވާހަކަ ދެން ދައްކާނީ އަނެއްކާ ވެސް އެކަމާ ގުޅޭ ކަމެއް ހިނގި ދުވަހަކުންކަން ސިޔާސީ ފަރާތްތަކަށް ވަރަށް ރަނގަޅަށް އޮންނަނީ ވިސްނިފައެވެ. ހަފުތާއެއް ފަހުން އަނެއްކާ ވެސް އެހެން ވާހަކައެކެވެ. އާ ސުރުހީއެކެވެ. އާ މައްސަލައެކެވެ. ކުދި ކުދި މައްސަލަތަކުން ފެށިގެން ބޮޑެތި މައްސަލަތަކުގައި ވެސް ދިވެހިންގެ ހަނދާން ހުންނަނީ ހަފުތާއެއްހާ ދުވަސް ވަންދެންނެވެ. ގިނަ ދިވެހިންގެ ހުންނަނީ ”ގޯލްޑް ފިޝް މެމޮރީ“ އެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ރިއެކްޝަންސް
5
2
13
16
1
3
5