ނިއުބޯން އެއް ކައިރިއަށް ޒިޔާރަތްކުރާއިރު ގެންގުޅެންޖެހޭ އަދަބުތައް
15 އޯގަސްޓް 2022 - 12:12
ކުޑަކުދިން ފެނުމުން އަހަރެމެންގެ ހިތައް ހިތްހަމަޖެހުން ލިބެއެވެ. ކުޑަކުއްޖަކު ފެނުމުން ލޯބިން ބައްދާލާހިތްވެއެވެ. އެހެންކަމުން ގާތް މީހަކު ވިހައިގެން އުޅޭއިރު ތުއްތު ކުއްޖާ ދެކިލުމަށްވެސް ވަރަށް ގިނަ މީހުން ޒިޔާރަތްކުރެއެވެ. އެހެންނަމަވެސް މިގޮތައް ވިހައިގެން އުޅޭ މީހެއް ކައިރިއަށް ޒިޔާރަތްކުރާއިރު ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އޭގެތެރޭގައި:
ވިހައިގެން އުޅޭ މީހާއަށް ފަސޭހަ ގަޑިއަކުދޭ
އަލަށް ކުއްޖަކު ލިބިގެން އުޅޭއިރު ކުއްޖާގެ ބެލެނިވެރިން އުޅޭނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. އެހެންކަމުން އަލަށް ކުއްޖަކު ލިބިގެން އުޅޭ މީހުންކައިރިއަށް ޒިޔާރަތްކުރާއިރު ބަލަންވީ ތިމާއަށް ފަސޭހަ ގަޑިއަކަށް ނޫނެވެ. އެހެންނަމަވެސް އެ ކުއްޖާގެ ބެލެނިވެރިންނަށް ފަސޭހަ ގަޑިއަކަށެވެ.
ކުއްޖާގައިގައި އަތްލުމުގެ ކުރިން އަތް ދޮވުން ނުވަތަ ސެނިޓައިޒްކުރުން
އަލަށް ވިހައިގެން އުޅޭ ކުއްޖަކަށް ޒިޔާރަތްކުރާއިރު ކުއްޖާ އުރުމުގެ ކުރިން ނުވަތަ ކުއްޖާ ގައިގައި އަތްލުމުގެ ކުރިން އަބަދުވެސް އަތް ދޮންނާނެވެ. ނުވަތަ ހޭންޑް ސެނިޓައިޒަރއަކުން އަތް ސާފުކުރާށެވެ. އަތް ދޮވެގެން އައިނަމަވެސް ކުއްޖާގެ ގައިގައި އަތްލުމުގެ ކުރިން އަތް ދޮންނަންވާނެއެވެ.
ކުއްޖާގެ ފޮޓޯ ނެގުމުގެ ކުރިން ހުއްދަ ހޯދާ، ފްލޭސް ލައިޓް ނުލާތި
ކުއްޖާގެ ފޮޓޯ ނެގުމުގެ ކުރިން ކުއްޖާގެ ބެލެނިވެރިޔާ ކައިރިން ހުއްދައަށް އެދޭށެވެ. އަދި ހުއްދަނެތި ފޮޓޯ ސޯސަލް މީޑިއާއަށް ނުލާށެވެ. ފޮޓޯ ނަގާއިރު ފޯނުގެ ފްލޭސް ލައިޓް އޮފް ކޮށްލާށެވެ. ސަބަބަކީ ފްލޭސް ލައިޓްގެ ސަބަބުން ކުއްޖާގެ ލޮލަށް އަސަރުކުރާތީއެވެ.
ކުޑަކުދިން ނުގެންދޭ
ތިމާގެ ދަރިފުޅަކީ ތަންތަނަށް ގޮސް ކިތަންމެ ބަސްއަހައިގެން ހުންނަ ކުއްޖެއް ކަމުގައިވީނަމަވެސް ކުޑަކުއްޖަކަށް ޒިޔާރަތްކުރާއިރު ގޭގައި ކުއްޖާ ބަހަައްޓާފައި ދާށެވެ. މާގިނަމީހުން ދާނަމަ އަލަށް ވިހައިގެން އުޅޭ ކުޑަކުއްޖާއަށާއި އަދި އެކުއްޖާގެ ބެލެނިވެރިންނަށް އުނދަގޫ ވުމަކީ އެކަށީގެންވާ ކަމެކެވެ. ދަރިފުޅު ބަލިވެ އުޅޭނަމަ އެއްގޮތަކަށްވެސް ނުގެންދާށެވެ. ވިހައިގެން އުޅޭ ކުއްޖާއަށް ޖަރާސީމު ވާސިލްވެދާނެއެވެ. އޭގެ ބަދަލުގައި ކުއްޖާ ބޮޑުވުމުން ދަރިފުޅު ގޮވައިގެން ޒިޔާރަތްކޮށްލެވިދާނެއެވެ.
އެހީތެރިކަން ފޯރުކޮށްދީ
ވިހައިގެން އުޅޭ މީހާއަށް ޒިޔާރަތްކުރާއިރު އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. އެއީ ކާއެއްޗެއް ގެންދިއުން ކަމުގައިވީނަމަވެސް ނުވަތަ އެމީހަކަށް އެވަގުތު ބޭނުންވާ ކަމެއް ކޮށްދިނުން ކަމުގައިވެސް ވެދާނެއެވެ.
މާގިނައިރު މަޑުނުކުރޭ
ޒިޔާރަތްކުރާއިރު ވިސްނަންވީ މާގިނައިރު އެގޭގައި މަޑުނުކުރުމަށެވެ. ނަމަވެސް އެހީ އާއިލާގެ ކޮއްކޮއެއް ނުވަތަ ދައްކައެއްނަމަ އަލަށް ވިހައިގެން އުޅޭ މީހާއަށް އެހީތެރިވެދިނުމަށް ތަންކޮޅެއް ގިނައިރު މަޑުކޮށްލެވިދާނެއެވެ. ނަމަވެސް ރައްޓެއްސަކަށް ޒިޔާރަތްުކުރާނަމަ ބައިގަޑިއިރު ވަރު މަޑުކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ.