ދާއިމީ އެޑްރެސް އަދި ކުލިދައްކާ އެޑްރެސް: ނުދައްކާ ދޫކޮށްލާވަރުގެ ވާހަކައެއް ނޫން

17 އޯގަސްޓް 2022 - 10:34

އުފަންވީއްސުރެ މަރުވުމާ ހަމައަށް ހޯދާ ކޮންމެ ޚިދުމަތެއްގެ ކުރިން ބުނެދެންޖެހޭ ކަމެކެވެ. އައިޑީ ކާޑުން ފެށިގެން ފޯނު ލައިނާއި އިންޓެނެޓާއި އެ ނޫން ވެސް ޒަރޫރީ ހުރިހާ ބޭނުމެއްގައި ވެސް ފުރަންޖެހޭ ފޯމްތަކުގައި ވެސް އެންމެ ކުރިން އޮޅުން ފިލުވާ މައުލޫމާތުތަކުގެ ތެރޭގައި ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެސް ހިމެނެއެވެ.

އެންމެ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި ވެސް ކަން އޮތީ މިހެންނެވެ. ފަހަރުގައި ބައެއް ކަހަލަ ކަންކަމުގައި މިއީ މުހިންމު މައުލޫމާތަކަށް ވެދާނެއެވެ. ނަމަވެސް ސުވާލަކީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ނުވަތަ ދޭ ކޮންމެ ހިދުމަތެއް ނުވަތަ އަދާކުރާ ކޮންމެ ހައްގެއް ބިނާވަނީ މި ދެ އެޑްރެހުގެ މައްޗަށް ހެއްޔެވެ؟

advertisement

ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ބައްޓަންކުރާއިރު ދާއިމީ އެޑްރެހަށް ބެލުމަކީ ގާނޫނާއި ހިލާފުކަމެއް

ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެހުގެ މައްސަލަ އެންމެ ބޮޑުވާ އެއް ހިސާބަކީ ބޯހިޔާވަހިކަމާ ޖެހުމުންނެވެ. މިކަން އެހާ ބޮޑު މައްސަލައަކަށް ވަނީ ދައުލަތުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ސިޔާސަތު ވެސް ބައްޓަންކޮށްފައިވާ ގޮތުންނެވެ. ހާއްސަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހުމުން އެ މީހަކު ދިރިއުޅޭ ތަނަކަށް ވުރެ ރަޖިސްޓްރީ ވެފައިވާ ތަނަކަށް ބަލާ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްފައި އޮތުމަކީ މީގެ މައިގަނޑު ސަބަބެވެ.

ނަމަވެސް ގާނޫނޫ އަސާސީ އާއި ގާނޫނުތަކުގެ ރޫހަކީ އެއީއެއް ނޫނެވެ. ގާނޫނީ ގޮތުން އިންސާނާ އަށް ލިބޭ ހައްގަކީ ބޯހިޔާވަހިކަމެވެ. އެއީ ވަކި ތަނަކަށް ވަކި ރަށަކަށް ނިސްބަތްވާ ކަމަކަށް ވާކަށް ނުޖެހެއެވެ.

ޅ. ނައިފަރުގައި ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓް ހަވާލުކުރުގެ ރަސްމިއްޔާތު | ފޮޓޯ: ރައީސް އޮފީސް

މިހާތަނާ ޖެހެންދެން ވެސް ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައި ވަނީ ކުރިން ވެސް މި ފާހަގަކުރި ސިޔާސަތުގެ ތެރެއިންނެވެ. ގިނަ ރަށްތަކުގައި ގޯތި ދިނުމާއި ރޯހައުސް ނުވަތަ ފްލެޓް ދިނުމުގައި ރަށަށް ނިސްބަތްވާ މީހުން ނޫން ފަރާތްތަކަށް ފުރުސަތު ނުލިބޭ ގޮތަށް ހަދައެވެ. ނަމަވެސް ހަމަނުޖެހޭ ކަމަކީ ރަށަށް ނިސްބަތްވުމުން ފުދޭ ކަމެވެ. ރަށުގައި ދިރިއުޅޭތޯ ނުވަތަ ނޫންތޯ ގިނަ ފަހަރަށް ނުބަލައެވެ. ނުވަތަ ކަށަވަރު ނުކުރެވެއެވެ.

މިއިން ޒަމާނަކު މާލޭގައި ނޫޅޭ މީހުންނަށް ބޯހިޔާވަހިކަން: ހިޔާ ފްލެޓްތައް ދިނުމުގައި ހުރި ޝަކުވާ

މިއީ އަހަރުތަކެއް ކުރީގައި އެކަން އޮތް ގޮތެއް ނޫނެވެ. ބައެއް ރަށްރަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު ހުޅުވާލާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ވެސް މި ޝަކުވާ އެބަ އޮތެވެ. މިއިން ޒަމާނަކު ރަށުގައި ދިރިނޫޅޭ ނުވަތަ ރާއްޖޭގައި ވެސް ދިރިނޫޅޭ މީހުންނަށް ގޯއްޗާއި ފްލެޓް ދީފައިވާ ކަމުގެ ޝަކުވާތައް ފެންމަތިވެފައި ވެއެވެ.

މިހާތަނަށް ރާއްޖޭގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ “ހިޔާ” ފްލެޓްތައް ދޫކުރުމުގެ ތެރޭގައި ވެސް މިފަދަ މައްސަލަތައް ފެންމަތިވިއެވެ. މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ހިންގި އެ މަޝްރޫއުގައި މާލޭގައި މިއިން ޒަމާނަކު ނޫޅޭ ނުވަތަ މިހާރު މާލޭގައި ދިރިނޫޅޭ އެތައް ބަޔަކަށް ފްލެޓް ލިބިފައި އެބަހުއްޓެވެ.

ހުޅުމާލެ ފޭސް 2ގައި ހިންގި ހިޔާ ފްލެޓްތައް | ފޮޓޯ: ޒިޔާން/އެމް.ވީ.ޕްލަސް

އެ ގޮތުން ފްލެޓަށް ފޯމު ލީއިރު މާލޭގައި އުޅުނަސް ހާލަތު ބަލައި ފްލެޓް ހަވާލުކުރި އިރު ދިރިއުޅުން ރަށަށް ބަދަލުކޮށްފައިވާ އެތައް ބަޔަކަށް ވެސް ފްލެޓް ލިބިފައި އެބަހުއްޓެވެ. އޭގެ އެއް މިސާލަކީ ރަށްރަށުގެ ބައެއް ކައުންސިލަރުންނަށް ހިޔާ ފްލެޓް ލިބިފައިވާ ކަމެކެވެ.

އެންމެ ރަނގަޅީ ގިނަ ދުވަހު އެތަނެއްގައި ދިރިއުޅޭ މީހަކަށް އެރަށުން ބޯހިޔާވަހިކަން ދިނުން

ހަގީގީ މައްސަލައަކީ އެއީއެއް ނޫނެވެ. ހަގީގީ މައްސަލައަކީ ދާއިމީ އަދި މިހާރު ދިރިއުޅޭ އެޑްރެހުގެ ތަފާތުކުރުމެވެ. ސިޔާސަތުގެ ތެރެއަށް އެކަން ވެއްދުމެވެ. ބޯހިޔާވަހިކަމަކީ އެ މީހަކު ދިރިއުޅޭ ނުވަތަ އުޅެން ބޭނުންވާ ތަނަކުން ލިބިދޭންޖެހޭ އެއްޗެކެވެ. އެއީ ވަކި ރަށަކަށް ނިސްބަތްވީތީ ވާންޖެހޭ ކަމެއް ނޫނެވެ.

ނަމަވެސް މިއީ ކޮންމެ ކޮންމެ ރަށެއްގައި ގެންގުޅެވިދާނެ ސިޔާސަތަކަށް ނުވެދާނެއެވެ. ހާއްސަކޮށް އެ ރަށެއްގައި ބިމުގެ ދަތިކަން އިންތިހާ އަށް ދަތި ރަށްރަށުގައި އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ފުރުސަތު ގެއްލޭ ގޮތަށް އެކަން އޮވެގެން ނުވާނެއެވެ. ނަމަވެސް އޭގެ މާނައަކީ ށ. މަރޮށިން ގޯތި ދޫކުރާ އިރު އެ ރަށުގައި ވިހި ތިރީސް އަހަރު ދިރިއުޅުނު ހދ. ދިއްދޫ މީހަކަށް ބޯހިޔާވަހިކަން ނުލިބޭނެހެން މަގު ބަންދުކުރުމެއް ނޫނެވެ. އެކަން އޮންނަންވާނީ އެ ތަނެއްގައި ގިނަ ދުވަހު ދިރިއުޅޭ މީހުންނަށް އެ ފުރުސަތު އޮންނަ ގޮތަށެވެ.

މާލެ މީހުން މާނަކުރަނީ ކިހިނެއް؟

ސިޔާސަތު އޮންނަންވީ ހަމައެކަނި މާލެއަކަށް ވެސް ނޫނެވެ. ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށް ބަލައި ކޮންމެ ތަނެއްގައި އެ ފަދަ މަޝްރޫއެއް ހިންގިޔަސް އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ތަނަކަށް ނިސްބަތް ނުވާ މީހުންނަށް އެ ހައްގު ގެއްލޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

މާލޭގެ ގެދޮރުތައް | ފޮޓޯ: ޒިޔާން/އެމް.ވީ.ޕްލަސް

މާލެ ސަރަހައްދުގައި ހިންގާ އަސާސީ ގެދޮރުގެ މަޝްރޫޢުތަކުން މާލެސަރަހައްދަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިސްކަންދިނުންމަކީ އޮންނަންޖެހޭނެ ގޮތެވެ. ސުވާލު އުފެދެނީ މާލެ މީހުން މާނަ ކުރާ އުސޫލުންނެވެ. މާކުރީ ޒަމާނެއްގައި ރ.ކަނދޮޅުދޫ ރަޖިސްޓްރީގައި އޮތުމަކީ މިހާރު މާލެ ދަފްތަރުގައި އޮންނަ މީހަކު މާލެ މީހަކަށް ނުވާނެ ގޮތެއް ނޫނެވެ.

މާމަ މުނިކާފަ ބަލައިގެން މީހެއްގެ ނަސްލު ކަށަވަރުކުރަން އުޅެފިނަމަ، ގިނަ ދިވެހިންނަކީ އަސޭކަރައާއި ހަބުސްކަރަ އަދި ކޮޅުބުގެ ރަށްވެހިންނަށްވުން މާގާތެވެ.

ދާއިމީ އެޑްރެސް އުވާލަން ޖެހޭ

ބޯހިޔާވަހިކަމުގެ މައްސަލަ އެކަންޏެއް ނޫނެވެ. ވޯޓު ލުމުގައި ވެސް ބަލަނީ ދިރިއުޅޭ ތަނަކަށް ވުރެ ދާއިމީ އެޑްރެހަށެވެ. ނަމަވެސް ހާގީގަތުގައި މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބުގައި މިއީ ބަލަންޖެހޭ ކަމެއް ހެއްޔެވެ؟

ދިއްދޫ އަހުމަދު ރަޝީދުގެ މުޅި އާއިލާ އުމުރު ދުވަހު ހިދުމަތް ހޯދަނީ މާލެއިން ކަމަށްވާ އިރު ރަށުގައި ހުންނަން މައްސަލަތަކުގައި ސިޔާސަތު ކަނޑައަޅާ ބަޔަކު ހޮވަން ވޯޓު ދޭންޖެހޭ ސަބަބެއް ނުވިސްނެއެވެ. ތަހުޒީބީ އެހެން ގައުމުތަކުގައި ވެސް އޮންނަ އުސޫލުން ވޯޓު ލާން ރަޖިސްޓްރީކޮށް އެ ދިރިއުޅޭ ތަނެއްގެ ކަންކަން ނިންމުމުގައި ބަސް އިއްވޭނެ ނިޒާމަކަށް އިންތިޚާބުތަކުގެ ގާނޫނު އިސްލާހުކުރަންޖެހެއެވެ. މިއީ މީގެ ކުރިންވެސް އެކި މަރުހަލާތަކުގައި ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާކޮށްފައިވާ ކަމެކެވެ.

ދާއިމީ އެޑްރަހާއި މިހާރު ދިރިއުޅޭ އެޑްރެހުގެ މައްސަލަ އަށް ކޮންމެ ވެސް ހިސާބަކުން ނިމުން އަންނަންޖެހެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައެވެ. ކުދި އާބާދީތަކުން ފެށިގެން ބޮޑެތި ބިން އޮތް ރަށްރަށުގައި ވެސް އެކަން އޮތީ އެހެންނެވެ. އެހެންކަމުން ވަކި ރަށެއްގައި ވަކި ގޮތަކަށް ސިޔާސަތު އެކުލަވައިލުމުގެ ބަދަލުގައި އެކަމަށްޓަކައި އޮންނަންވީ އެއް ސިޔާސަތަކެވެ. އެންމެންނާ މެދު އަމަލުކުރެވެންވީ އެއް ގޮތަކަށެވެ. އޮންނަންވީ ބޯހިޔާވަހިކަމުގެ އެއް ގާނޫނެކެވެ.

ދިރިއުޅޭ ތަނަކުން ބޯހިޔާވަހިކަން ލިބޭނެ މަގެއް ތަނަވަސްވެފައި އޮންނަންޖެހެއެވެ. އެއީ ދާއިމީ އެޑްރެހަށް ނުވަތަ މިހާރު ދިރިއުޅޭ އެޑްރަހަށް ނިސްބަތްނުވާނޭހެން ކޮންމެ ފަރުދަކަށް ވެސް ބޯހިޔާވަހިކަން މުހިންމުކަން ދަނެ އެކުލަވައިލެވޭ ގާނޫނަކަށް ވާންޖެހެއެވެ.

ރިއެކްޝަންސް
4
2
1
1
4
0
5