ކޮންގްރެސްގެ ފެށުން: ދެ ރައީސުން ވެސް ދެއްކެވީ އެއްގަލަކަށް އެރުމުގެ މުހިންމު ވާހަކަ!
20 އޯގަސްޓް 2022 - 10:51
މިހާރު ވެރިކަން ކުރަމުންދާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް އަށް ކުރިމަތިވި އިރު ޕާޓީގެ ދެ ފެކްޝަން އޮތީ ވަކި ވަކިން ފެންނާށެވެ. ޕާޓީގެ ތެރޭގައި ރިޔާސީ ބަރުލަމާނީގެ ބަހުސް ފެށި، އެ ކޯޅުންގަނޑު ފެންނަން އޮތް ނަމަވެސް ކޮންގްރެސްގައި ޕާޓީގެ ދެ ރައީސުން ވެސް ދެއްކެވީ އެއްބައިވަންތަކަމުގެ މުހިންމު ކަމުގެ ވާހަކައެއް.
ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގެ ކުރީ ސަފުގައި ދެ ރައީސުން އެކީ ތިއްބެވި އިރު، ދެ ބޭފުޅުންގެ މޫނުމަތިން ވެސް ފެނުނީ އުޖާލާކަމާއި އެކުވެރިކަމެވެ. ޕޯޑިއަމާ ހަމައަށް ދެވުނު އިރު، އެއްގަލަކަށް އެރުމުގެ ވާހަކަދެއްކެވި ނަމަވެސް ދެ ބޭފުޅުން ދެއްކެވި ގައު ތަފާތެވެ.
ރޭގެ ވާހަކަފުޅުގައި ޕާޓީގެ އެންމެ އިސް ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ ދެބަސްވުމުގެ ޖާގައެވެ. އެއްވެސް ހައްދެއް މިނެއް ނެތް ގޮތަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ.
ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮތީ އެއްވެސް ހިފެހެއްޓުމެއް، ހުރަހެއް، ސުމާރެއް ނެތި ކަމަށް ރައީސް ވިދާޅުވެއްޖެ. pic.twitter.com/Vnq1uUFy5f— MV+ (@mvplusmedia) August 20, 2022
“އެމްޑީޕީގާ ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ. އަދި ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ. ބައެއް ކަންތައް ތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތައް. ނެއްބައި ކަންތައްތަކަކީ، އެއްބަސް ނުވެވޭ ކަންތައް ތަކަށް ވެދާނެ. ނަމަވެސް އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން”
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަކީ އެތަށް ބަޔަކު އެކީގައި ކުރި ބުރަ މަސައްކަތެއްގެ ނަތީޖާ ކަމަށާއި، އެ ޕާޓީ އަކީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ސިޔާސީ މިލްކިއްޔަތު ކަމަށް ވިދާޅުވިއެވެ.
2023 ވަނަ އަހަރ ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވާން ހުރިހާ މެމްބަރުން އެކީގައި މަސައްކަތްކުރަން ޖެހޭ ކަމާއި، ވައުދުތައް ފުއްދައި ދެވަނަ ދައުރަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ޕާޓީ އުފެދުނު ގޮތާއި ޕާޓީގެ ނިމިދިޔަ 17 އަހަރުގެ ތަޖުރިބާ މަތިން ހަނދާން ބަހައްޓަން ޖެހޭ ކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ރައީސް ނަޝީދު އަދިވެސް ބޭނުންވަނީ ބަރުލަމާނީ ނިޒާމް ގެންނަން
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވެސް ހަނދާންކޮށްދެއްވީ 2023 ވަނަ އަހަރުގެ މުހިންމު ކަމެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ބަދަލަށް އެދޭ ބަދަލު ގެންނަ ޕާޓީއެއް ކަމަށާއި، ދެން ވެސް ޕާޓީން މަސައްކަތްކުރަންވީ ރައްޔިތުން އެދޭ ފަދަ ބަދަލަކާ ދިމާލަށް ކަމަށެވެ. އަދި 2023 ގައި ޕާޓީގެ ހުރިހާ މެމްބަރުން އެއް ގަލަކަށް އަރައި އެކުގައި ނުކުމެގެން ނޫނީ ކާމިޔާބީއެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮންގްރެސްގެ މަންދޫބުންނާ މުހާތަބު ކުރެއްވުން pic.twitter.com/AjPq1Pk4aZ— MDP Secretariat (@MDPSecretariat) August 20, 2022
އެމަނިކުފާނުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވި ބަދަލަކީ ނިޒާމަށް ގެންނަ ބަދަލެވެ. އެގޮތުން މިހާރު ހިނގަމުންދާ ރިޔާސީ ނިޒާމަކީ ސައްހަ ވޯޓަކުން އައި ނިޒާމެއް ނޫން ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ މައްޗަށް ރިޔާސީ ނިޒާމެއް މަޖުބޫރުވި ގޮތް އެނގިވަޑައިގަންނަވާނެ. ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ގޮތުގައި އަމިއްލަ އަށް ނަން ބޯޑެއް ޖައްސަވައިގެން ތިއްބެވި ބޭފުޅުންތަކެއް އެ ދުވަހު އެދިވަޑައިގަތް ގޮތަށް ބަދަލު ކުރެއްވީ”
އެމަނިކުފާނު ވިދާޅުވިގޮތުގައި ގިނަ ބޭފުޅުން ތާއިދުކުރައްވަނީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ޕާޓީގެ އެތައް ބައެއްގެ އެދުމާ ދެކޮޅަށް ނިކުމެ ލިބޭނެ ކާމިޔާބީއެއް ނެތް ކަމަށް ވިދާޅުވިއެވެ.