“ކާކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމުގައި ހުރި ހުރަސްތައް ނައްތާލާނީ؟”
25 އޯގަސްޓް 2022 - 12:46
މާބަނޑުއިރު ޑްރަޖް ބޭނުންކުރުމަކީ އޭގެ ސަބަބުން އަންހެނާއަށާއި އަދި ބަނޑުގައިވާ ދަރިފުޅަށްވެސް އޭގެ އަސަރު ކުރާކަމެއްކެވެ. މިއީ އެންމެންނަށްވެސް އިނގޭ ހަޤީގަތެކެވެ. ނަމަވެސް ހުރިހައި ކަމަކަށް ހޭލުންތެރިވެފައިވާ މި ޒަމާނުގައިވެސް މިފަދަ ކަންކަން ދަނީ ފެންނަމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ރާއްޖޭގައިވެސް މިފަދަ ކަންކަން ފެނުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ދާދިފަހުން މީހަކު ޓްވިޓަރގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ރާއްޖޭގެ ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި އޮތް ތުއްތު ކުއްޖެއްގެ “ނިއުނޭޓަލް އެބްސްޓިނެންސް ސިންޑްރޯމް” ހުންނަ ވީޑިއޯއެކެވެ. މި ބާވަތުގެ ސިންޑްރޯމްއަކީ ތުއްތު ކުއްޖާ ބަނޑުގައި ވަނިކޮށް ކުއްޖާއަށް ޑްރަގްގެ އަސަރު ފޯރުމުން ދިމާވާ ހާލަތެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ކުއްޖާއަށް މިކަމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެގޮތުން ތުއްތު ކުއްޖާގެ މުޅި ހަށިގަނޑު ވަރަށް ބާރަށް ތުރުތުރު އަޅައެވެ.
#NeonatalAbstinenceSyndrome is more common in 🇲🇻 than one would think. 3/18 👶🏻 in NICU right now have it.
ކާކު ނުދައްކާ ވާހަކަ ދައްކާނީ؟ ކާކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމުގައި ހުރި ހުރަސްތައް ނައްތާލާނީ؟ pic.twitter.com/e9F1MBsVbO— Nusaiba Farouk Hassan (@nusayfarouk) August 24, 2022
މަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތްވެސް ހުއްޓޭފަދަ ހާލަތެއްގައި އެ ތުއްތު ކުއްޖާ ވާތަން ފެނެއެވެ. ޓްވިޓްގައި ބުނެފައިވަނީ ހޮސްޕިޓަލްގައި އޮތް 18 ތުއްތު ކުދިންގެ ތެރެއިން 3 ކުދިން މި ހާލަތުގައިވާކަމަށެވެ. ކުއްޖާއަށް މިހެން ދިމާވަނީ މާބަނޑު ދުވަސްވަރުގައި އަންހެންމީހާ ޑްރަގް ބޭނުންކުރުމުގެ ސަބަބުންނެވެ.
މާބނޑު ދުވަސްވަރުގައި ޑްރަގް ބޭނުންކުރުމަކީ އޭގެ ސަބަބުން ކައިރި އަދި ދުރު މުސްތަޤްބަލުގައިވެސް ތުއްތު ކުއްޖާއަށް އަސަރު ކުރާނެކަމެކެވެ. އޭގެތެރޭގައި ކުއްޖާގެ ހެދިބޮޑުވުމަށް އަސަރުކުރެއެވެ. އަދި ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތުވެސް އިތުރުވެއެވެ. އަދި ވިހާއިރު ކުއްޖާގެ ބަރުދަން ހުންނަންވާ ވަރަށްވުރެ ދަށްކޮށް ހުރެއެވެ.
މާބަނޑު ދުވަސްވަރުގައި ކޮންމެ ކަހަލަ ޑްރަގްގެ ބާވަތެއް ބޭނުންކުރި ނަމަވެސް އޭގެ ސަބަބުން ކުއްޖާއަށް އަސަރުކުރާނެއެވެ. އެގޮތުން ކުއްޖާގެ ސިކުނޑިއާއި ބޯ ހުންނަންވާ ވަރަށްވުރެ ކުޑަކޮށް ހުންނަކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އެހެން ކުދިންނާއި އަޅާބަލާއިރު މިފަދަ ކުދިންގެ އައިކިއު ލެވެލް ދަށްވެ ވިސްނުން ކޮށިވެއެވެ.