އައިއެފްޖޭގެ އިލްތިމާސް: ނޫސްވެރިންނަށް ހިމާޔަތް ހޯދައިދީ، އަމަލުކުރާނެ ސުލޫކީ މިންގަނޑެއް

27 އޯގަސްޓް 2022 - 12:11

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސްގެ ވަފުދެއް ރާއްޖެއަށް ޒިޔާރާތްކޮށް، ކަމާ ބެހޭ އިދާރާތަކާއި، ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ފަހު އާންމުކުރި ރިޕޯޓުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުމާއ، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އައިއެފްޖޭއިން ފާހަގަކުރި ކަންތައްތައް:

  • ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތުން
  • މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޕަބްލިކް ސާވިސް މީޑިއާއަށް ސިޔާސީ މީހުން އައްޔަންކުރުމުގެ ސަބަބުން އެ ތަންތަނަށް ސިޔާސީ ނުފޫޒު ފޯރުން
  • ނޫސްވެރިންގެ މުސާރައިން އުނިކުރުމުގެ އުސޫލެއް ފުޅާ ދާއިރާއެއްގައި ގެންގުޅުމުގެ ސަބަބުން މަސައްކަތްތެރިކަމުގެ ހައްގުތައް ނިގުޅައިގަތުން
  • ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނުގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީނުގެ ފުރުސަތުތައް ނެތުން
  • އެކަށީގެންވާ މުއްދަތެއްގައި މައުލޫމާތު ނުލިބުމާއި ސަރުކާރާއި ދައުލަތުގެ އެކި ޑިޕާޓްމަންޓްތަކުން މައުލޫމާތު ހޯދައި ލިބިގަތުމަށް ދިގު މުއްދަތެއް ހޭދަވުން
  • ފްރީލާންސް ނޫސްވެރިންނަށް އެކްރެޑިޓޭޝަން ލިބުމުގައި ހުރި ހުރަސްތައް
  • ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްތަކަށް އަދަބު ނުދިނުމުގެ ސަގާފަތް އަދި ދީނީ ގޮތުން ހައްދުފަހަނައަޅައެޅި ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން މީޑީއާގެ މިނިވަންކަމާއި ސިންދަފާތުކަމަށް އަސަރުކުރާކަން
  • ޝެލް މީޑިއާ ކުންފުނިތައް ރަޖިސްޓްރީކޮށް ވޯޓު ދިނުމުގެ ފުރުސަތު އޮތުމުން މީޑިއާ ކައުންސިލްގެ ސައްހަކަމާއި މެދު ސުވާލުއުފެދުން
    މަސައްކަތުގެ މާހައުލުގައި ދިމާވާކަންކަމާއި މުޖުތަމައުގެ ވިސްނުމާއި ހެދި ދާއިރާއާ އަންހެނުން ދުރަށް ދިއުން
  • ރަސްމީ ވަޒީފާގެ އެއްބަސްވުން ނެތި ނޫސްވެރިން މަސައްކަތްކުރުން އިތުރުވުން
  • ނޫސްވެރިންގެ ސުލޫކީ މިންގަނޑެއްގެ މުހިންމުކަން
  • ހައްގުތައް ހިމާޔަތްކުރަން ގާނޫނީ އޮނިގަނޑެއް ނެތުން

މި ހުރިހާކަމެއްގެ ތެރެއިން އައިއެފްޖޭއިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެއްކަމަކީ ނޫސްވެރިން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދެވޭނެ ނިޒާމެއް ނެތުމެވެ. އެގޮތުން ވަކި އަދަދަކަށް ހަބަރު ނުލިޔުމާއި މި ނޫންވެސް އެކި ނަން ނަމުގައި ނޫސްވެރިންގެ މުސާރައިން ކެނޑޭނެ އެކި އުކުޅުތައް މީޑިއާތަކުން ގެނގުޅުމަކީ މަސައްކަތެރިންގެ ހައްގަށް އަރައިގަތުމުގެ ގޮތުގައި އައިއެފްޖޭއިން ސިފަކުރިއެވެ.

މީގެ އިތުރަށް ފްރީލާންސް ނޫސްވެރިންނަށް އެކްރެޑިޓްކުރމުގައި ހުރި ދަތިތަކާއި، ގާނޫނީގޮތުން ބަލައިގަނެވޭނެ އެއްބަސްވުމެއް ނެތި ނޫސްވެރިން ލައްވައި މަސައްކަތްކުރުވުމަކީ އެ ޖަމިއްޔާއިން ފާހަގަކުރި ނޭދެވޭ ކަންތައްތަކެކެވެ.

މީގެ އިތުރަށް ސިޔާސީ ނުފޫޒު ފޯރުވާ ޝެލް މީޑިއާތަކުގެ މައްސަލަ ވީހާވެސް އަވަހަށް ބަލައި އެކަމަށް ފިޔަވަޅު އެޅުމަށް އައިއެފްޖޭއިން ގޮވާލާފައިވެއެވެ. އެގޮތުން ގަވާއިދުން މަސައްކަތްނުކުރާ މީޑިއާތަކަށް ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ނޯންނަގޮތަށް ބަދަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0