ރިޕޯޓް: އިލެކްޓްރޯނިކް ވޯޓިންގ — ކުރާވަރުގެ ކަމެއްތަ؟

31 އޯގަސްޓް 2022 - 17:14

އިލެކްޓްރޯނިކް ވޯޓިންގް ސިސްޓަމް ނުވަތަ އީ-ވޯޓިންގް ސިސްޓަމް ތައާރްފްކުރުމުގެ ވާހަކަތައް ދެކެވޭތާ އެތައް އަހަރެއް ވެއްޖެއެވެ. ބޭރުގެ ކުރިއަރާފައިވާ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ވެސް ޕްރެކްޓިސްކުރަމުން އަންނަ މި ނިޒާމުގެ މުހިންމުކަން ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ބޮޑުކަމުގެ ވާހަކަތައް ދައްކާތާ ވެސް އެތައް އަހަރެކެވެ.

މިކަމާ ބެހޭ މަޝްވަރާތަކަށް މިހާތަނަށް އަލިމަގެއް ނުލިބި އޮތީ އެ ނިޒާމާ މެދު ޕާޓީތަކުގެ އިތުބާރު ހޯދިފައި ނުވާތީއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި އަދި ޒަމާނީ ތަރައްގީއާ އެކު މީހުން އެއްތަނަކަށް ޖަމާނުވެ، ފަސޭހަކަމާ އެކު ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިހާބުތައް ބޭއްވުން މުޅި ދުނިޔޭގައި ވެސް އާންމުވެފައިވާ އިރު އީ ވޯޓިން ނިޒާމަކަށް ދިވެހިން ނުދާންވީ ކީއްވެ ހެއްޔެވެ؟

advertisement

ކުންފުނިތަކުން ކާމިޔާބުކަމާއެކު އީ-ވޯޓިންގ މިހާރުވެސް އަންނަނީ ބޭނުންކުރަމުން

މި ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެސް އެތައް ބަޔަކު ވަނީ އީ-ވޯޓިން ނިޒާމު ބޭނުންކޮށްފައެވެ. އެ ގޮތުން ކުންފުނިތަކުގެ އާންމު އިންތިހާބުތައް ބޭއްވުމަށް މިފަދަ ނިޒާމުތައް ރާއްޖޭގައި ވެސް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެ ގޮތުން 2017 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ވޯޓުލުމުގެ ނިޒާމް ތަޢާރަފްކޮށް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާ އެކު ބާއްވާފައި ވެއެވެ.

އޭގެ ފަހުން ވެސް ޕަބްލިކް އެތައް ކުންފުންޏަކުން ވަނީ މި ނިޒާމުގެ ބޭނުން ހިފައިފައެވެ. ހާއްސަކޮށް ކޮވިޑްގެ ތެރޭގައި އިލެކްޓްރޯނިކް ވޯޓިން ނިޒާމުގެ އިތުރުން އޮންލައިން ވޯޓިން ސިސްޓަމް ވެސް ބޭނުންކޮށް ތަޖުރިބާކޮށްފައި ވެއެވެ. ދެން އޮތް ސުވާލަކީ އާންމު އިންތިހާބުތައް ފަދަ ބޮޑެތި އިންތިހާބުތަކުގައި މި ފަދަ ނިޒާމެއް ބޭނުންކުރުމުގައި އޮތީ ކޮން ހުރަސްތަކެއް ހެއްޔެވެ؟

ރާއްޖޭގައި އީ-ވޯޓިން ސިސްޓަމް ބޭނުންކުރުމަށް 2016 ވަނަ އަހަރު ވެސް ވާހަކަ ދެކެވުނެވެ. އެ ގޮތުން އޭރުގެ އިލެކްޝަން ކޮމިޝަނުން ވަނީ ޕާޓީތަކާ އެކު ވެސް މަޝްވަރާކޮށްފައެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ވަނީ މަޝްވަރާއަކަށް ދިއުމުގެ ކުރިން އެ ސިސްޓަމަށް ނޫނެކޭ ބުނެފައެވެ. އިލެކްޓްރޯނިކް ވޯޓިންގް ނިޒާމަކީ ރާއްޖެއަށް ބޭނުންތެރި ނިޒާމެއް ނޫން ކަމަށާއި، އެއީ އެމްޑީޕީ ޤަބޫލުކުރާ ނިޒާމެއް ނޫން ކަމަށް އޭރު އެ ޕާޓީން ނިންމިއެވެ. އެހެންނަމަވެސް އެއީ އޭރުގެ ވިސްނުމެވެ. އެމްޑީޕީގެ އެ ވިސްނުން މިހާރު ބަދަލުވެފައިވާ ކަމަށް ބުނެވިދާނެއެވެ.

އެމް.ޑީ.ޕީގެ އެންމެ ފަހު ކޮންގްރެސްގައިވެސް އީ-ވޯޓިންގެ ސިސްޓަމް ވަރަށް ކާމިޔާބު

އެމްޑީޕީން މި މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސްގައި ވަނީ އީ-ވޯޓިންގް ނިޒާމު ވަރަށް ކާމިޔާބުކަމާ އެކު ބޭނުންކޮށްފައެވެ. ކޮންގްރެސްގައި އެ ނިޒާމު ބޭނުންކުރުމުން ގިނަ ބައެއް އިތުބާރު އެ ނިޒާމަށް ވަނީ ލިބިގެން ގޮސްފައެވެ. އަދި އެއީ އެތައް ވަގުތެއް ސަލާމަތްކުރެވި އެތައް ހަރަދެއް ވެސް ސަލާމަތްކުރެވިދާނެ ނިޒާމެއްކަން އެ ޕާޓީން ވަނީ ސާބިތުކޮށްދީފައެވެ.

ކޮންގްރެސްގެ ހުށަހެޅުންތަކަށް ވޯޓުލަމުން ދިޔަ އިރު ޓީވީ ސްކްރީންތަކުން ވަގުތުން ނަތީޖާ ދިޔައީ ފެންނަމުންނެވެ. އާންމު ގޮތެއްގައި އިންތިހާބުތަކުގައި މެދުވެރިވާ ވޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދުމާއި ދެވަނަ ފަހަރަށް ގުނަންޖެހުން ފަދަ ކަންކަން ކޮންގްރެސްގެ ތެރެއިން ފާހަގަކުރެވިފައެއް ނުވެއެވެ. ވޯޓުގެ ކަންކަން ދިޔައީ އެއަށް ވުރެ މާ އަމާން އޮމާންކޮށެވެ.

އިލެކްޝަން ކޮމިޝަނުން ދައުލަތުގެ ފައިސާއިން އިންތިހާބުތަކަށް ކުރާ ހަރަދުތައް ބޮޑު

ރިޔާސީ އިންތިހާބާއި މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތައް ބޭއްވުމަށް މިހާރު ވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރެއެވެ. ހާއްސަކޮށް ވޯޓު ކަރުދާހަަށެވެ. އެއީ ދެވަނަ ފަހަރަށް ބޭނުންނުކުރެވޭ ގޮތަށް ނައްތާލެވޭ އެތައް މިލިއަން ރުފިޔާގެ ފައިސާއެވެ. މީގެ އިތުރުން އިރުއިރުކޮޅާ ބާއްވާ ބައި އިލެކްޝަންތަކަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް އެބަކުރެއެވެ.

އިލެކްޝަން ކޮމިޝަން ހިނގުމަށްވެސް ރައްޔިތުންގެ ފައިސާއިން މިލިއަނުން ހަރަދުވޭ | މަސްދަރު: ފިނޭންސް މިނިސްޓްރީ

އީ-ވޯޓިންގް ނިޒާމު ތައާރަފްކުރުމަށްޓަކައި ބޮޑު ހޭދައެއް ކުރަންޖެހުނަސް ދިގު މުއްދަތަށް ބަލާއިރު ކަރުދާހުގެ ހަރަދާއި އެ ނޫން ވެސް އެތައް ހަރަދެއް މި ނިޒާމުގެ ތެރެއިން ސަލާމަތްކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ގެންދަނީ ވިދާޅުވަމުންނެވެ. މީގެ އިތުރުން އިންތިހާބުގެ ކަންކަމުގައި އާއި ވޯޓު ގުނުން ފަދަ ކަންކަމުގައި ބޭނުންކުރާ އޮފިޝަލުންނަށް ކުރާ ހޭދަ ވެސް އެތައް ގުނައަކުން ކުޑަވެގެން ދާނެއެވެ.

މީޑިއާތަކަށްވެސް ހަރަދު ބޮޑުވެ ނަތީޖާ ލިބުމަށް ގިނަ ގަޑިއިރުތަކެއް ހޭދަވޭ

އީ-ވޯޓިންގް ނިޒާމުގެ ސަބަބުން ހަމައެކަނި ކުޑަވަނީ އީސީގެ ހަރަދެއް ނޫނެވެ. އިންތިހާބާ ގުޅިފައިވާ އެތައް ދާއިރާއަކުން ހަރަދުތައް ކުޑަަވާނެއެވެ. އެ ގޮތުން މިހާރު އޮންނަ ގޮތަށް އިންތިހާބުތައް ބާއްވާ އިރު އެ އިންތިހާބުގެ ނަތީޖާތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ހަރަކާތްތެރިވާ މީޑިއާތަކުން ވެސް ބޮޑު ހޭދައެއް ކުރެއެވެ. ކޮންމެ ފޮށްޓެއް ކައިރިން ނަތީޖާތައް ހޯދުމާއި އެ ނޫން ވެސް އެތައް ކަމަކަށް ބޮޑު ހޭދައެއް މީޑިއާތަކުން ވެސް ކުރެއެވެ. ނަމަވެސް އީ-ވޯޓިން ނިޒާމާ އެކު ވޯޓުލަމުންދާ އިރު މީޑިއާތަކަށް ވެސް ވަގުތުން ވަގުތައް ވޯޓުގެ ނަތީޖާތައް ފެނުމާއި ވޯޓު ލައި ނިމެންދެން ނަތީޖާ އަށް އިންތިޒާރުކުރަން ނުޖެހުމާއި އެ ނޫން ވެސް އެތައް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އީ-ވޯޓިންގް ނިޒާމަކަށް މިހާތަނަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ އިދާރާތަކާ މެދު އޮތް އިތުބާރު ކުޑަވުމެވެ. ނުވަތަ އިލެކްޓްރޯނިކް ސިސްޓަމެއްގެ ތެރެއިން އެކަންކުރާ އިރު ނަތީޖާތައް ހެކްކުރުމާއި ނުވަތަ ރާއްޖޭގެ އިންޓަނެޓްގެ ހާލަތު ހުރި ގޮތުން އެކަށީގެންވާ އަމާން އޮމާންކޮށް އެކަން ނުކުރެވިދާނެ ކަމަށް ގަބޫލުކުރެވިފައި އޮތުމެވެ.

އީ-ވޯޓިންގް ނިޒާމަކަށް މިހާތަނަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވެފައި ވަނީ އިދާރާތަކާ މެދު އޮތް އިތުބާރު ކުޑަވުން | ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ނަމަވެސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި މިއީ ހައްލުކުރެވޭނެ މައްސަލަތަކެވެ. އިންތިހާބުތަކުގައި އެއްވެސް މައްސަލައެއް ނުޖެހި ނިމުމަކީ ނާދިރުކަމެކެވެ. ނަމަވެސް އެއީ ހައްލުކުރެވޭނެ ކަންކަމަށް ވެފައި އަދި މައްސަލައެއް ޖެހިއްޖެ ނަމަ އެކަމެއް ބެލޭނެ ހަރުދަނާ ނިޒާމެއް އޮތް ކަމަށް ވާ ނަމަ ޒަމާނާ އެކު ބަދަލުނުވާންވީ ސަބަބެއް ނެތެވެ.

ރިޔާސީ އިންތިހާބެއްގައި އީ-ވޯޓިން ނިޒާމު ބޭނުންކުރަން އަދި ދުވަސްތަކެއް ނަގައިފާނެއވެެ. ނަމަވެސް މި ނިޒާމުގެ އަޖުމަ ބަލަންވީ ވަގުތު ޖެހިއްޖެކަން އެމްޑީޕީގެ ކޮންގްރެސް އިން އެ ވަނީ ސާބިތުކޮށްދީފައެވެ. އަދި އެއީ ކުރެވިދާނެ ކަމެއް ކަމާއި މާފުރިހަމަ އިންތިޒާމްތަކެއްގެ ތެރެއިން އެކަން ކުރެވިދާނެކަން އެމްޑީޕީގެ ކޮންގްރެސް އިން ވަނީ ސާބިތުކޮށްދީފައެވެ. ވޯޓުލުމުގެ ނިޒާމަށް ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް އައިސްފައިވާ އިރު މިއީ ވެސް ފަސްޖެހެންވީ ކުރިއެރުމެއް ނޫނެވެ.

ރިއެކްޝަންސް
3
0
1
0
1
0
0