ރިޕޯޓު: ބޭނުން ތަނަކުން ބޯހިޔާވަހިކަން ހޯދުން — އަސާސީ ހައްގެއް!
3 ސެޕްޓެމްބަރ 2022 - 16:51
ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަން ލިބިގަތުމަކީ އަސާސީ ހައްގެކެވެ. އެއީ ވަކިތަނަކަށް ނިސްބަތްވީތީ ވާންޖެހޭ ކަމެއް ނޫނެވެ. އެއީ އިންސާނަކަށް ވީތީ، ދިވެހި ރައްޔިތަކަށް ވީތީ އޮންނަ ހައްގެކެވެ. އެއީ އެއްވެސް ދިވެއްސަކަށް ވެސް އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ވެސް އޮޅިފައި އޮތް ކަމެއް ނޫނެވެ. ހިލާފެއް ނުވަތަ ދެބަސްވުމެއް އޮތިއްޔާ އޮތީ އެކަން ކުރާނެ ގޮތަކާ މެދުގައެވެ. އެކަމުގައި ގެންގުޅޭނެ ސިޔާސަތަކާ މެދުގައެވެ.
އެހެން ގިނަ ގައުމުތަކާ އެއްގޮތަށް ރާއްޖެއަކީ ބިމުގެ ސަރަހައްދު ކުޑަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެކެވެ. އެހެންކަމުން ގިނަ ރަށްތަކުގައި އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އޮންނަނީ ދަތިވެފައެވެ. ކިރިޔާ ވެސް އާބާދީ އިތުރުވެލާއިރަށް އޮންނަނީ ބިން ހިއްކަންޖެހިފައެވެ. އެހެންކަމުން އާބާދީ އެ ތަނެއްގައި ހިފެހެއްޓުމަށް ހުރަސްތައް ކުރިމަތިވެއެވެ.
ނަމަވެސް ރަށްރަށުގެ އާބާދީތައް ހިފެހެއްޓުމުގައި ހަމައެކަނި އޮތީ ބިމުގެ މައްސަލައެއް ނޫނެވެ. ތައުލީމާއި ސިއްހަތާއި، ވަޒީފާ އާއި ވިޔަފާރީގެ ފުރުސަތުތަކާއި މިހެން ގޮސް އެތައް، އެތައް ސަބަބުތަކާ ހުރެ އަމިއްލަ ފަސްގަނޑު ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރަންޖެހެއެވެ.
މިކަން މިހެން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ ރަށްރަށުގެ ރައްޔިތުންނާ މެދު ސަރުކާރުތަކުންވި އިހުމާލެވެ. އަދި ރަައްޔިތުންގެ ޓެކްސް ފައިސާ އާއި އަދި މީގެ ކުރިން ރައްޔިތުންގެ ބިންތަކާއި މަސައްކަތުން ދައުލަތަށް ބަޖެޓަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް ވެރިރަށް މާލެ އަށް ހާއްސަކުރުމަކީ ހުރިހާ ކަމެއްގެ ވެސް ގޯހެވެ.
ބިމަކީ ހިލޭ ބަހަން ޖެހޭ އެއްޗެއް ތަ؟
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ބިމަކީ ހިލޭ ލިބެންޖެހޭ އެއްޗެއް ކަމުގައި ރައްޔިތުންނަށް ވިސްނިފައި އޮތުމަކީ ވެސް ވަރަށް ބޮޑު ގޯހެކެވެ. މީގެ އިތުރުން ބިމާ މެދު ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތައް ވެސް ތަފާތުވުމަކީ މި މައްސަލަ އިތުރަށް ގޯސްވުމަށް މެދުވެރިވި ސަބަބެކެވެ.
މިސާލަކަށް ރަށެއްގެ ބިމެއް ހިލޭ ލިބޭ ގޮތަށް އޮވެފައި މާލެ ސަރަހައްދުގައި ބިން ވިއްކުމުގެ ސިޔާސަތެއް އޮތުމަކީ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ބޮޑުވުމަށް މެދުވެރިވި ސަބަބެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ބިމަކީ އެ ތަނެއްގެ މާކެޓް ރޭޓާއި އަދި އެ ނޫން ވެސް އެތައް ކަމަކާ ގުޅުވައިގެން އަގުކުރެވޭ އެއްޗަކަށް ވާންޖެހެއެވެ. ނަމަވެސް މިއީ ބޯހިޔާވަހިކަމާ ގުޅިފައިވާ ކަމެއް ނޫނެވެ. ބޯހިޔާވަހިކަމަށް މަގުފަހިކުރުމާއި ބިމުން ގޯތި ކަނޑާފައި ހިލޭ ބެހުމަކީ މުޅިން ތަފާތު ދެކަމެކެވެ.
ބޭރުގެ ގިނަ ގައުމުތަކުގައި އޮންނަ ގޮތުން ބިމަކީ އަގުކުރެވޭ އެއްޗެކެވެ. އެއީ ވިޔަފާރި މުދަލެކެވެ. އެކަން ދޫކޮށްލާފައި އޮންނަނީ ވިޔަފާރި އުސޫލަށެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއަށް ބިމުގެ ވާހަކައެއް ނުގެނެއެވެ. ހުރިހާ ބިމަކީ ދައުލަތުގެ މިލްކިއްޔާތެއްގެ ގޮތުގައި އޮވެފައި އެ ބިން ގަނެވޭ ގޮތަށް އޮތުމަކީ އޭގެ ހައްލެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެނީ މުޅިން އެހެން ފޯމިއުލާތަކެއް ބޭނުންކޮށްގެންނެވެ. އެ ގޮތުން ބައެއް ގައުމުތަކުގައި އެކަންކުރަނީ އެކި ފަންތިތަކަށް ބަހާލައިގެންނެވެ. ކެރިފޯރުންތެރިކަން ނެތް ނުވަތަ ފަގީރު އާއިލާތަކަށް މުނިސިޕަލް ހައުސިންގ ހާއްސަކުރާ އިރު ފައިސާ ދައްކައިގެން ބޯހިޔާވަހިކަން ހޯދުމުގެ ގާބިލްކަން ހުންނަ ފަރާތްތަކަށް ތަފާތު ސްކީމްތަކުގެ ތެރެއިން ދިގު މުއްދަތަކަށް އަގު ދައްކައިގެން ބޯހިޔާވަހިކަން އަމިއްލަކުރުމުގެ ފުރުސަތުތައް ހުރެއެވެ. އަދި އެއްފަހަރާ ފައިސާ ދައްކާފައި ގަނެވޭ ވަރުގެ މީހުންނަށް އެފަދަ ފުރުސަތުތަކެވެ.
ބިންވެރިންގެ މައްސަލަ ބޮޑުވެ ކުލީގެ އަޅުންނަށްވުން
ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އިންޑިއާ ފަދަ ގައުމުތަކުން ތަޖުރިބާކުރަންޖެހުނު “ޒަމީންދާރުން” ނުވަތަ ބިންވެރިންގެ މައްސަލައެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ކަން އޮތީ އެހެނެވެ.
ފަގީރުންގެ ބިންތައް “ޒަމީންދާރުން” ގަނެ ނުވަތަ އެނޫން ވެސް އެކި ގޮތްގޮތަށް މިލްކުކުރުމުގެ ނަތީޖާއަކަށްވީ އަމިއްލަ ބިމުގައި ވެސް ކުލި ދައްކައިގެން ދިރިއުޅޭ ނުވަތަ ދަނޑުވެރިކަންކުރަންޖެހިފައި ތިބި އެތައް ބަޔަކު އިތުރުވުމެވެ. މުޅި އުމުރު ހޭދަވަނީ ބިންވެރިންނަށް ކުލި ދެއްކުމުގައެވެ. ކުލި ދައްކާ މީހާ މަރުވުމުން އޭނާގެ ދަރިންނާއި ދަރިންގެ ދަރިން ވެސް ނިމިދަނީ މި ކުލީގެ އަޅުވެތިކަމުގައެވެ.
India 🇮🇳 – The Odisha government is creating the world's largest slum land rights project.
The project aims to benefit a million individuals on housing, electricity, healthcare, education, sanitation and skills training.#WednesdayWisdom pic.twitter.com/kyGlEwfPad— CIS (UK) Ltd (@CISGroupUK) May 16, 2018
ދިވެހިންގެ ގިނަ ބަޔަކަށް ވެސް ޖެހިފައި އޮތީ މި ދަތުރެވެ. ހާއްސަކޮށް ވެރިރަށް މާލޭގައި “ޒަމީންދާރުން” ނުވަތަ ބިންވެރިން ބާރުވެރިކުރުވުމަށް އެކި ސަރުކާރުންތަކުން ކޮށްފައިވާ މަސައްކަތްތަކަކީ ގެދޮރުގެ މައްސަލަ މިހާ ހިސާބަށް ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.
ރަށްތަކަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދު ނުކޮށް ނުވަތަ އެއް ފަޅިއަށް ބުރަވާ ގޮތަށް އެކުލަވައިލައި ތަންފީޒުކުރި ބަޖެޓްތަކުގެ ސަބަބުން މާލޭގެ ބިން ރަނަށްވެ، ބިންވެރިންގެ ބާރު އިންތިހާ އަށް ވަނީ ގަދަވެފައެވެ. ރަށްތަކުގެ މީހުންނަށް ޖެހިފައި ވަނީ އިންޑިއާގެ އަވަށްތަކުގެ ފަގީރުންނަށް ޖެހިފައިވާ ހާލެވެ. ދަރިންގެ ދަރިންނަށް ދެމިގެންދާހެން މި ތިބީ ކުލި ދައްކަންޖެހިފައެވެ.
އަދިވެސް އަހަރުމެން މި ދައްކަން ޖެހެނީ މާލެއާއި އެއްގޮތަށް ރަށްތައް ތަރައްގީކުރާ ވާހަކަ
މި ސިޔާސަތު ބަދަލުކުރަންޖެހެއެވެ. ނަމަވެސް ސިޔާސީ ބޭނުމަށްޓަކައި ނުވަތަ ބަޔަކު ރުއްސުމަށްޓަކައި ސަރުކާރުތަކުން މި ސިޔާސަތަށް ބަދަލެއް ގެންނާކަށް ބޭނުމެއް ނުވެއެވެ. މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކަށް ފާޑުކިޔައި ވެރިކަމަށް އައި އެމްޑީޕީން ވެސް އެންމެ ފަހު ވަގުތު ދަމަހައްޓަން ފެށީ ކުރީގެ ސަރުކާރުތަކުން ވެސް ދަމަހައްޓަމުން އައި ސިޔާސަތެވެ.
ފަންތިތަކަށް ބަހާލައިގެން ބޯހިޔާވަހިކަން ދިނުމަށް ސިޔާސަތެއް އެކުލަވައިލި ނަމަވެސް އަދި މިހާތަނަށް އެކަން ތަންފީޒުކުރެވިފައެއް ނުވެއެވެ. އެކަން ނުވެ އޮތްވައި ކުރިއެކޭ ވެސް އެއްގޮތަށް މާލޭގައި އަނެއްކާ ވެސް އިތުރު “ޒަމީންދާރުންތަކެއް” ނުވަތަ ބިންވެރިންތަކެއް އުފަންކުރުމަށް މާލޭ ސަރަހައްދުން ގޯތިކަނޑާފައި ދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
ސިޔާސަތު ބަދަލުކުރަންވީ ބޯހިޔާވަހިކަމަކީ ހައްގެއް ކަމަށް ބަލައިގެންނެވެ. ނުކުމެގެން މިއުޅެނީ އެއީ ވަކި ތަނަކުން ނުވަތަ ވަކި ބަޔަކަށް ހައްގު އެއްޗެއް ކަމަށް ބަލައިގެން ސިޔާސަތު ކަނޑައެޅުމުގެ ނަތީޖާއެވެ. ބިންވެރިން އުފެދި އެތައް ބަޔަކު ކުލީގެ އަޅުވެރިންނަށްވީ އެ މީހަކު ބޭނުންތަނަކުން ބޯހިޔާވަހިކަން ހޯދޭނެ މަގުތައް ތަނަވަސްކޮށްދީފައި ނެތުމުންނެވެ.
ބަޖެޓްގެ ތިލަފަތް ވަކި އަތަކަށް ބުރަވެ ބޯހިޔާވަހިކަން ހޯދަންޖެހޭ ސަބަބުތައް މާލެއާ ދިމާ އަށް މިސްރާބުޖެހުމުންނެވެ. ވަޒީފާ އާއި ތައުލީމާއި ސިއްހަތު މި ނޫން ތަނަކުން ނުލިބޭނެޔޭ ހިވާ ދަރަޖައަށް ކަންކަން ގެންދިއުމުންނެވެ.
ޓެކްނޮލޮޖީއާ އެކު ދުނިޔެ ކުޑަވެ ކައިވަތެއްހާ ވަރުވީއިރު ވެސް ދިވެހިން އަދިވެސް މި ދައްކަންޖެހެނީ އެއް ވާހަކައެކެވެ. ބަދަލުކުރަންޖެހޭ ވާހަކައެވެ. މާލެ ސަރަހައްދުގެ ބިން ހިއްކުން ހުއްޓާލައި ރަަށްރަށުގައި ދިރިއުޅުމަކީ ވެސް އޮތް “ޗޮއިސް” އެއް ކަމަށް ހަދަންޖެހިފައިވާ ކަމުގެ ވާހަކައެވެ. މާލެއެކޭ އެއްގޮތަށް ރަށްތައް ތަރައްގީކޮށް އާބާދީ މާލެ އަށް ތޮއްޖެހެން މެދުވެރިވާ ސަބަބުތައް ނައްތާލުމުގެ ވާހަކައެވެ.