ރިޕޯޓު: ހުޅުމާލެ ދެވަނަ ފިޔަވަހި — މިސަރުކާރުން އެސަރުކާރުން ކުރީ ކޮންކަމެއް؟
5 ސެޕްޓެމްބަރ 2022 - 14:18
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުގައި މިހާރު ވިއްސަކަށް ހާސް މީހުން ދިރިއެބަ އުޅެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ ތަނުގައި މީހުން ދިރިއުޅެން ފެށިއިރު ފިހާރަގަނޑެއްހާ ހިސާބު ވެސް ނެތެވެ. އެ ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން މީހުން ހިދުމަތްތައް ދެމުން ދިޔައެވެ.
މީހުން ދިރިއުޅެން ފެށިތާ އަހަރެއްހާ ދުވަސްވާން ކައިރިވެފައިވާ އިރު އަދިވެސް އަސާސީ ބައެއް ހިދުމަތްތައް ނުލިބެއެވެ. ފުރަތަމަ ސްކޫލް މި ހަފުތާގައި އެ ވަނީ ހުޅުވާފައެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ލުއި ފަސޭހަތަކެއް ލިބިގެން ހިނގައްޖެއެވެ. ނަމަވެސް އެ ތަން ހުރި ގޮތުން އެތައް ބަަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ބައި ލައްކަ މީހުން ދިރިއުޅޭ ސަރަހައްދެއްގައި އެއްވެސް ޒަރޫރީ ވަސީލަތްތަކެއް ނެތް
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި 25 ބުރީގެ 16 ޓަވަރަކީ ގާތްގަނޑަކަށް ބައި ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ފެށި މަޝްރޫއެކެވެ. ހަމަ އެ މަޝްރޫގެ ތެރެއިން ވިނަރެސްގެ ނަމުގައި އިތުރު ފްލެޓް އިމާރާތްތަކެއް ވެސް ތަރައްގީކުރަމުން އެބަދެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިއީ ރާއްޖޭގެ ކުޑަ އާބާދީތައް ހިމެނޭ ތިރީހަކަށް ރަށުގެ މީހުން އެއްތަނަކަށް ޖަމާކުރުމަށް ހިންގި މަޝްރޫއެކެވެ.
މިވަރުގެ ބޮޑު އާބާދީއެއް އެއްތަނަކަށް ޖަމާކުރުމަށް މަޝްރޫއެއް އެކުލަވައިލި ނަމަވެސް މިފަދަ ބޮޑު އާބާދީއަކަށް ބޭނުންވާނެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނިފައެއް ނުވެއެވެ.
މީހުން ދިރިއުޅެން ފަށާއިރު ކޮންމެހެން ބޭނުންވާނެ ޒަރޫރީ ކަންކަމާ މެދު މަޝްރޫއު ފުރަތަމަ ރޭވިގެން ދިޔައިރު ވިސްނާފައެއް ނެތެވެ. އެންމެ ކުޑަ މިނުން އެއިން އެއްވެސް ޓަވަރެއްގައި ފިހާރަގަނޑެއް ނޫނީ ސިއްހީ ހިދުމަތް ލިބޭނެ އެއްވެސް ގޮތެއް ވެސް ރާވާފައެއް ނެތެވެ.
އެ މަޝްރޫއުގެ 16 ޓަވަރު ވެސް ޑިޒައިންކޮށްފައި ވަނީ އެޕާޓްމަންޓް ހިމެނޭ ގޮތަށެވެ. އެ ތަންތަނުގައި މިހާރު އެ ހުރި ފިހާރަތަކާއި ކްލިނިކް އަދި ސެލޫން ފަދަ ތަންތަނަކީ މިފަހުން އެ މަޝްރޫއަށް ގެނައި ބަދަލުތަކެކެވެ. ބައެއްގެ ފްލެޓްތައް މި ސަރުކާރުން ވަގަށް ނެގިއޭ ބުންޏަސް ހަގީގަތުގައި އެ ޓަވަރުތަކުގެ ތިރީ ފްލޯ މިފަދަ ތަންތަނަށް ހާއްސަކުރުމަކީ އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ލިބުނު ބޮޑު ނަސީބެކެވެ.
އަދި ހިޔާ ޓަވަރާއި އެފަދަ ގިނަ ހައުސިން މަޝްރޫއުތަކުގެ ބޮޑު ބައެއް ނިންމާފައިވަނީ މިސަރުކާރުންނެވެ. ދަތުރު ފަތުރުގެ ރަނގަޅު ނިޒާމެއް ވެސް ގާއިމުކުރެވޭ ވަރުވީ މީހުން ދިރިއުޅެން ފެށިތާ ހަ މަހެއްވަރު ފަހުންނެވެ. ކުރީގެ ސަރުކާރުގެ މަޝްރޫއުތައް ހުއްޓާލުމުގެ ސަޤާފަތެއް ރާއްޖޭގައި އޮންނައިރު، މިސަރުކާރުން މިފަދަ މަސްރޫއުތަށް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ.
ޒަރޫރީ ބޭނުންތަކުގެ އިތުރުން ސުކޫލުތަކާއި މިސްކިތްތައްވެސް އިމަރާތްކުރާނެ ޕްލޭނެއް ނެތް
ޒަރޫރީ ބޭނުންތަކުގެ އިތުރުން އެވަރުގެ އާބާދީއެއް އެއްތަނަކަށް ޖަމާކުރާއިރު އެއާ އެކުއެކީގައި ސްކޫލްތަކާއި މިސްކިތްތަކާއި ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސްކުރުމާ މެދު މި މަޝްރޫގެ ތެރެއިން ވިސްނާފައި ނެތުމުގެ ނަތީޖާއަކަށްވީ މުޅިން ވަކި މަޝްރޫއުތަކެއްގެ ގޮތުގައި އެކަންކަން ކުރިއަށް ގެންދަންޖެހުމެވެ.
އެހެންކަމުން މިފަދަ ތަންތަނުގެ މަސައްކަތްތައް ފެށުނީ ވެސް ވަރަށް ފަހުންނެވެ. ފްލެޓްތައް އެޅުމަށް ކޮންޓްރެކްޓަށް ބޮޑު ސަރަހައްދެއް ދީފައި އޮތުމުން އެހެން ބަޔަކަށް އެ ސަރަހައްދަށް ވަދެވޭ ގޮތް ނުވުމާއި އަދި ފެލްޓްތަކުގެ މެދު ތެރެއިން ސްކޫލްތަކާއި އެ ނޫން ވެސް ތަންތަން އިމާރާތްކުރުމަށް ހުރަސްތައް ހުއްޓެވެ. އެކަންކަން ކިރިޔާ ވެސް ފެށޭވަރުވީ ދާދި ފަހަކުން އެޗްޑީސީ އިން ކޮންޓްރެކްޓަރާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެހެން މަސައްކަތްތަކަށް ވެސް އެ ސަރަހައްދުގެ ބިންތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިގެންނެވެ.
އެ ސަރަހައްދުގައި ސްކޫލް އެޅުމާއި މިސްކިތް ފަދަ ތަންތަން އެޅުމުގެ މަސައްކަތްތައް ފެށި ކުރިއަށް އެބަދެއެވެ. އަދި އެ ތަންތަން ނިމެންދެން ވެސް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ސަރުކާރުން ވަނީ ކުރިން ލަފާނުކުރާ ވަރުގެ ހަރަދުތައް ކޮށްގެން ވަގުތީ ދެ މިސްކިތާއި ވަގުތީ ދެ ސްކޫލެއްގެ މަސައްކަތް ކޮށްފައެވެ.
އެ ގޮތުން މީހުން ދިރިއުޅެން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ވަގުތީ ދެ މިސްކިތް ނިންމި އިރު މި ހަފުތާގައި ވަނީ ސްކޫލުގެ ތެރެއިން އެއް ސްކޫލް ނިންމައި ހުޅުވާފައެވެ. އަދި ހަމަ އެ އިމާރާތާ ޖެހިގެން ހަދާ އަނެއް އިމާރާތް ވެސް ދާދި އަވަހަށް ބޭނުންކުރެވޭނެއެވެ. މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި އެ ތަންތަން ހަދާފައި ވަނީ ޓިނާއި ދަގަނޑު ބޭނުންކޮށްގެންނެވެ.
ފޭސް 2ގައި އަލަށް ހުޅުވި ސުކޫލުގެ ހާލާއިމެދު ގިނަ ބަޔަކުގެ ނުރުހުން
ވަގުތީ ގޮތުން އިމާރާތްކުރި ސްކޫލް ހުޅުވަން ސަރުކާރުން ބޮޑު ރަސްމިއްޔާތެއް ބޭއްވުމާ އެކު ސޯޝަލް މީޑިއާ ވަނީ ކެކިގެންފައެވެ. ސަރުކާރުގެ ހަތަރު އަހަރުން ޓިނު ސްކޫލެއް އަޅައި ހުޅުވިކަމަށް ބުނެ އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ އެ ސްކޫލަށް ކުރި ހޭދައާ މެދުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު @FaisalNasym އަދި މިނިސްޓަރ @aisthly، ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރެއްވުން.🥰 pic.twitter.com/QdeMg4zeZU— Ministry of Education (@MoEdumv) September 4, 2022
ސަރުކާރުން ބުނެފައިވާ ގޮތުން އެ ތަނުގައި ދަނގަޑާއި ޓިނު ފުރާޅު ބޭނުންކޮށްގެން ހަދާފައިވާ ދެ އިމާރާތަށް 23 މިލިއަން ރުފިޔާ ހޭދަވާނެއެވެ. ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ 23 މިލިއަނަކީ އެފަދަ މަޝްރޫއަކަށް ބޮޑު އަދަދެއް ކަމަށެވެ. މާލޭގައި 10 ބުރީގެ އިމާރާތެއް ވެސް އެ އަގުގައި އެޅޭ އިރު އެއް ފަންގިފިލާގެ ޓިނު ފުރާޅަކަށް އެހާ ބޮޑު ހޭދައެއް ކުރުމުން ކޮންމެ ބަޔަކު ވެސް ސުވާލު އުފައްދާނެއެވެ.
މިކަމުގައި ސަރުކާރަށް ތާއީދުކުރާ އެތައް ބަޔަކު ޑިފެންސަށް އެބަކުޅެއެވެ. ހާއްސަކޮށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކެވެ. އެޑިއުކޭޝަނުން ވެސް ބަޔާނެއް ނެރެފައި ވެއެވެ. އެއް ފަންގިފިލާގެ އެ ވަރުގެ އިމާރާތަކަށް 23 މިލިއަން ރުފިޔާ ހޭދަވެގެން ނުވާނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
Hiya flat in bohiyaa vahikan libunee eyge kuriyah vure maa hiyfaseyha koh 50% agu heyokoh. Kudhin Male school in phase 1 ah, miadhu phase 2 ah. Kudhin govaigen miadhu midhiyaee madumadun higaalaafa. Alhamdhulillah! Konfadha bodu ufaleh. pic.twitter.com/tkdJxGoJrt— ibrahim khaleel (@KhalylKhaleel) September 5, 2022
ސަރުކާރު ދިފާއުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެ ފައިސާއަކީ ހަމައެކަނި އިމާރާތުގެ އަގެއް ނޫނެވެ. އޭގެ ތެރޭގައި ސްކޫލަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމުގެ ހަރަދު ވެސް ހިމެނެއެވެ. އަދި އެހާ ކުރު މުއްދަތެއްގައި އެ ތަން ނިންމަންޖެހުމަކީ ވެސް އަގު ބޮޑުވި ސަބަބެކެވެ. އެ ސްކޫލްގެ މަސައްކަތް ނިންމާފައި ވަނީ 14 މަސް ދުވަހުގެ ތެރޭގައެވެ.
އެ ތަނަށް ވުރެ މާލޭ މާރުކޭޓް ގޮޅިތައް ވެސް މާ ރީތި ކަމަށް ބުނެ އެއް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ދިފާއުކުރާ ފާރާތްތަކުން ޖަވާބު ދެމުން ދަނީ ފޮޓޯތަކުންނެވެ. އެގޮތުން ހިޔާ ފްލެޓް ސަރަހައްދުގައި މިހާރު ހަދަމުން އަންނަ ބިޔަ ބޮޑު ރީތި ސްކޫލްގެ ފޮޓޯތަކާއި މަސައްކަތް ގޮސްފައިވާ މިންވަރު ދައްކުވައިދޭ ފޮޓޯތައް ދަނީ ޕޯސްޓްކުރަމުންނެވެ. އަދި އަނެއް ބަޔަކު ދަނީ ރަށްރަށުގައި މި ސަރުކާރުން އަޅާފައިވާ ސްކޫލްތަކާއި މަލްޓިޕާޕޮސް ހޯލްތަކާއި ކްލާސް ރޫމްތަކުގެ ރީތި ފޮޓޯތައް ހިއްސާކުރަމުންނެވެ.
ދެވަނަ ފިޔަވަތި ތަރައްގީކުރުމުގައި އިސްކަންދިނީ ސިޔާސީ މަންފާއަށް
ހަގީގަތަކީ ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގައި އިސްކަންދޭނެ ތަރުތީބެއްނެތި އެކި ވަރުގެ އެކި މަޝްރޫއުތައް ފެށިފައި އޮތުމެވެ. އެވަރުގެ އާބާދީއެއް އެއްތަންކުރަން ހިންގާ މަޝްރޫއެއްގެ ތެރޭގައި މީހުން ދިރިއުޅޭނެ ތަންތަން ވަކިން، އަދި އެހެން ހިދުމަތްތައް ވަކިން ތަރައްގީކުރަން އޭރުގެ ސަރުކާރުން ގެންގުޅުނު ވިސްނުމަކީ ހެދިފައި އޮތް ބޮޑު ގޯހެކެވެ.
ހަގީގަތުގައި މިވަރުގެ މަޝްރޫއެއް ކުރިއަށް ގެންދަންޖެހޭނީ ބޭނުންވާ އަސާސީ ހިދުމަތްތައް ވެސް އެކުއެކީގައި ނިމޭނެ ފަދަ ގޮތަކަށެވެ. ފެންނަ ފެނުމަށް އިސްކަންދެވިފައި އޮތީ ސިޔާސީ މަންފާ ބޮޑަށް ހާސިލްވާނެ މަސްރޫއުތަށް އިސްކޮށް، މީހުން ދިރިއުޅެން ފަށާއިރު ބޭނުންވާނެ ފިހާރަތަކާއި ކެއިންބުއިމަށް ބޭނުންވާ ވަސީލަތްތަކާއި، ޒަރޫމަގުތަކާއި ސިއްހީ ހިދުމަތާއި ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ސްކޫލްތައް ނުހިމަނައެވެ.
އަދި ހުޅުމާލެ ދެވަނަ ފިޔަވަހި ވެފައިއޮތީ އެސަރުކާރުން ކުރިކަމެއް މިސަރުކާރުން ކުރިކަމެއް ނޭގޭވަރަށް ރައްޔިތުން އޮޅުން އަރާފައިވާ ބޮޑު ބިޔަ މަސްރޫއުއަކަށެވެ.