މިނީ ބަސް: ބޮޑު ތަރުހީބަކާއެކު ފުރަތަމަ ދުވަހުވެސް 2،257 މީހުން

6 ސެޕްޓެމްބަރ 2022 - 16:12

މާލެ އާއި ހުޅުލޭ ގުޅޭ ގޮތަށް ބްރިޖްގެ މަޝްރޫއު ފެށުމާ އެކު ދެ ބަޔަކު ވަރަށް ރުޅި އައިސްގެން މުޒާހަރާ ކުރިއެވެ. އެއް ބަޔަކީ އޭރު ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރަމުން ދިޔަ އަމިއްލަ ފެރީތަކުގެ ވެރިންނެވެ. އެ މީހުން ބުނަމުން ދިޔައީ އެ ބްރިޖްގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލޭނެ ކަމަށެވެ. އެތައް ބަޔަކު ބަނޑަށް ޖެހޭނެ ކަމަށެވެ. ވަރަށް ފޯރިނެގިއެވެ.

އަނެއް ބަޔަކީ ލޮނު ޒިޔާރަތްކޮޅުގައި ރާޅާ އެޅުމަށް އުޅޭ ކުދި ބައެކެވެ. އެ މީހުން ބުނަމުން ދިޔައީ ބްރިޖްގެ މަސައްކަތުގެ ސަބަބުން ރާޅުގަނޑު ހަލާކުވެ، އަދި ފަހުން އެ ސަރަހައްދުގެ ރާޅުތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެތައް ބަޔަކަށް އޭގެ ގެއްލުން ވާނެ ކަމަށެވެ.

advertisement

ބްރިޖަށް ހަތަރު އަހަރު ވެއްޖެއެވެ. އެ މުޒާހަރާތައް މަތިން ބަޔަކު މިހާރު ހަނދާނެއް ނެތެވެ. ފެރީތަކުގެ ވެރިންނަށް ގެއްލުންތަކެއް ވިޔަސް އެތައް ހާސް ބަޔަކަށް ބްރިޖްގެ ސަބަބުން ފައިދާ އެބަ ވެއެވެ. އެތައް ވަގުތެއް ސަލާމަތް އެބަ ވެއެވެ. ހަތަރު އަހަރުގެ ތެރޭގައި 100 ވަރަކަށް މިލިއަން ދަތުރު އެ ދެމެދުގައި ކޮށްފައިވާ ކަމަށް ބްރިޖް ހެދި ފަރާތްތަކުން އަންދާޒާކުރެއެވެ.

ބްރިޖް އެޅި ފަހުން ވެސް ރާޅުގަނޑު ސަރަހައްދުގައި ބޮޑެތި ރާޅުތައް އެބަ ނަގައެވެ. މަންޒަރު ރީތިވުމުން ބައިނަލްއަގުވާމީ ވަރުގަދަަ މުބާރާތްތައް ބޭއްވުމަށް ފުރުސަތު ހުޅުވި ދާދި މިދާކަށް ދުވަހު އެފަދަ މުބާރާތެއްގައި ރާއްޖޭގެ ރާޅާ އެޅުންތެރިން ފަހުރުވެރި ވަނަތައް ވެސް ހޯދައިފިއެވެ. އޭގެ ތެރޭގައި ކުރިން ކުރި މުޒާހަރާގެ އެންމެ ކުރީގައި ތިބި މީހުން ވެސް ހިމެނެއެވެ.

މިނީ ބަސް ފެށުމުން ޓެކްސި ޑްރައިވަރުން ރުޅި އައުން

އެތައް ޒަމާނެއް ވަންދެން ދެކެވެމުން އައި މިނީ ބަހުގެ ހިދުމަތް މި ހަފުތާގައި މާލޭގައި އެ ވަނީ ފަށައިފައެވެ. އެމްޓީސީސީން ފެންވަރު ރަނގަޅަށް ފެށި މި ހިދުމަތަކީ ޕަބްލިކް ޓްރާންސްޕޯޓަކަށް އެދިއެދި ތިބި އެތައް ހާސް ބަޔަކަށް ލިބިގެން ދިޔަ ހިތްހަމަޖެހުމެކެވެ. މީގެ ކުރިން އެމްޑީޕީ ސަރުކާރު އޮތް އިރު އަމިއްލަ ބަޔަކާ ހަވާލުކޮށްގެން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށިއެވެ. ނަމަވެސް އެ ހިދުމަތް ފެއިލްވީއެވެ.

މި ފަހަރު މި ފެށީ ސަރުކާރުގެ އެންމެ ކާމިޔާބު އަދި އެންމެ ބިޔަ އެއް ކުންފުނި، އެމްޓީސީސީންނެވެ. އެހެންކަމުން ހިދުމަތް ނުދެވިގެން ފެއިލްވުމުގެ ޗާންސެއް ވެސް ނެތެވެ.

ބްރިޖެކޭ އެއްގޮތަށް މިނީ ބަހުގެ ހިދުމަތް ފެށުމާ އެކު ބަޔަކު އެބަ އަޑުގަދަ ކުރެއެވެ. މާލޭގައި ޓެކްސީކުރާ ފަރާތްތަކުން އެކަމާ ޝަކުވާ އެބަކުރެއެވެ. އެ މީހުންގެ ޖަމިއްޔާއަކުން ބަޔާނެއް ވެސް ނެރެފިއެވެ. ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ، ޑްރައިވާސް ޔޫނިއަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި މިނީ ބަހުގެ ހިދުމަތާ ގުޅިގެން މުޖުތަމައު އަށް ނުވަތަ ބަޔަކަށް ވާނެ ގެއްލުމުގެ ވާހަކައަށް ވުރެ ދައްކާފައި ހުރީ މުޅިން އެހެން ވާހަކަތަކެކެވެ.

ބަޔާން ބައްޓަންކޮށްފައި އޮތީ ޖެއްސުމުގެ މޭރުމަކުންނެވެ. އެމްޓީސީސީން ގެންނަންވީ ކުރޮޅި (ތްރީވީލާސް) ކަމަށް ބުނެފައި ވެއެވެ. ވައިގެ ދަތުރުފަތުރާއި ޑޮކްޓަރުންގެ ހިދުމަތުގެ އަގާއި މަސްދަތުރު ލޯންޗްގެ އަގާއި ހޮޓާ ރެސްޓޯރެންޓުގައި ވިއްކާ ކާބޯތަކެތީގެ އަގު ކަނޑައަޅަނީ އެކަމާ ބެހޭ މިނިސްޓްރީން ނޫން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ޓެކްސީގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައި އޮތުމުންނެވެ.

ބަޔާނުގެ ބޭނުމަކީ މިނީ ބަހުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ވާނެ ވާހަކަ ބުނުމެވެ. ނަމަވެސް މާލެ އަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ބޭނުންވާ ކަމަށް ޓެކްސީ ޑްރައިވަރުން ވެސް އެއްބަސްވެއެވެ. ބަޔާނުގައި އެކަން ފާހަގަކޮށްފައި ވެސް ވެއެވެ. ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން އޮތީ އަގު ކޮންޓްރޯލްކުރުމުގެ މައްސަލައިގައި ނަމަ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމާ އެކު އެކަމަށް ވެސް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިހާރު ބަސް ދަތުރެއްގެ އަގަކީ ހަތް ރުފިޔާއެވެ. ޓެކްސީ ދަތުރެއްގެ އަގަކީ 30 ރުފިޔާއެވެ. އަގު ހެޔޮ ފެންވަރު ރަނގަޅު ހިދުމަތަކަށް މިނީ ބަހުގެ ހިދުމަތްވުމުން ގިނަ ބަޔަކު އެ ހިދުމަތް ބޭނުންކުރަން ފެށުމުން ޓެކްސީތަކުގެ އަގު ކޮންޓްރޯލްކުރުމުގެ މާބޮޑު ބޭނުމެއް އޮންނާނެ ކަމަކަށް ނުފެނެއެވެ.
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމުގެ އިިތުރުން މިނީ ބަސްތަކާ ގުޅިގެން ބައެއް އާންމުން ވެސް ކަންބޮޑުވުންތަކެއް ފެންމަތިކޮށްފައި ވެއެވެ.

މަގުތައް ބާރުބޮޑުވުމާއި ސްކޫލް ތަންތަނަށް ދާން ގަޑި ޖެހޭ ކަމުގެ ޝަކުވާ

އެގޮތުން މަގުތަކަށް ބާރުބޮޑުވުމުން ސްކޫލް ދޮށަށް ދާން ގަޑިޖެހޭ ވާހަކަ ފަދަ ޝަކުވާތައް ހުއްޓެވެ. މިއީ މުޅިން ގޯސް ވާހަކަތަކެއް ވެސް ނޫނެވެ. ނަމަވެސް މި ޝަކުވާތަކުގެ އަސްލަކީ ބަހުގެ ހިދުމަތް ފެށި އިރު، އެއާ އެކުއެކީގައި ކުރަންޖެހޭ އެތައް ކަމެއް ނުކޮށް ހުރުމެވެ. ކާރޫބާރޫ ބޮޑު މަޖީދީ މަގުގައި ޕާކްކުރުން މަނާކޮށްފައި އޮތުމުން ކުރިމަތިވާ މައްސަލަތަކަށް މުޅިން ހައްލެއް ހޯދިފައެއް ނުވެއެވެ.

ޕާކިންއަށް އެކަށީގެންވާ ޖާގަ ތަނަވަސްކޮށްނުދެވި މިނީ ބަހުގެ ހިދުމަތް ފެށުމުން އުނދަގޫތަކެއް ހުންނާނެއެވެ. ހާއްސަކޮށް ސީދާ ގޭގެ ނުވަތަ ފިހާރައިގެ ދޮރުމަތީގައި ސައިކަލް ޕާކްކުރަން އާދެވެފައި ތިބި މީހުންނަށް ތަންކޮޅެއް ދުރުގައި ޕާކްކޮށްފައި ކުޑަކޮށް ހިނގާލަންޖެހުމުން އެ ޝަކުވާކުރާނެއެވެ.

މީގެ އިތުރުން މިނީ ބަސް ފަދަ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތެއް ފަށާ އިރު އެ ހިދުމަތަށް އާންމު މީހާ ބަރޯސާވާ މިންވަރު އިތުރުކުރުމަށް ކުރަންޖެހޭ އެތައް ކަމެއް ވެސް އަދިހުރީ ނުކުރެވިއެވެ. އެ ގޮތުން މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު ކޮންޓްރޯލްކުރަން އެބަޖެހެއެވެ. ޕަބްލިކް ޓްރާންސްޕޯޓާ އެކު މާލެ އަށް ބޭނުން ވަނީ ކިތައް ޓެކްސީކަން ކަނޑައަޅަންޖެހެއެވެ.

ވެހިކަލްތަކުގެ އުމުރެއް ކަނޑައަޅައި ހުއްދަތައް ބާތިލްކޮށް ބާއުޅަނދުފަހަރު މަގުތަކުން ނަގަން އެބަޖެހެއެވެ. ވެހިކަލްތަކުގެ ބަރުމަރުކާއެއް ކަނޑައަޅަައި ސައިކަލްފަދަ އުޅަނދުފަހަރު އެތެރެކުރުމުގައި ކޮންޓްރޯލް މިންވަރެއް ގެންގުޅެން އެބަޖެހެއެވެ. މި ކަންކަން ނުކޮށް މިނީ ބަހުގެ ހިދުމަތް އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަކީ ވާނެ ކަމެއް ނޫނެވެ.

ޓެކްސީ ޑްރައިވަރުން ރުޅިއަޔަސް އެތައް ހާސް ބަޔަކަށް ފަސޭހަތައް ލިބެން އޮތް ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް އޮންނަންޖެހެއެވެ. އަދި ހިދުމަތް ބޭނުންކުރުމަށް ބާރު އަޅަން ވެސް ޖެހެއެވެ. އެ ހިދުމަތަށް އިތުބާރު ލިބި ގިނަ ބަޔަކު އެ ހިދުމަތް ބޭނުންކުރަން ފެށުމުން މާލޭގެ މަގުތަކަށް ލުޔެއް ލިބެން ފަށާނެއެވެ. ނަމަވެސް އެކަން ހާސިލްވާނީ ކަމާ ބެހޭ އިދާރާތަކުން ރަނގަޅު ސިޔާސަތުތަކެއް ތަންފީޒުކޮށްގެންނެވެ. ފުރަތަމަ ދުވަހު 2257 ދަތުރުކުރި ހިދުމަތުން އަހަރަކު މިލިއަނަކަށް ވުރެ ރައްޔިތުން ދަތުރުކުރާނެކަމަށް ބެލެވޭ މިހިދުމަތަކީ އިންގިލާބީ ބަދަލެކެވެ.

ރިއެކްޝަންސް
8
1
1
0
0
2
1