ދިވެހި ބަސް ކަމުގައި ބެލެވެނީ ހަމައެކަނި މާލެ ބަހުރުވަތަ؟
8 ސެޕްޓެމްބަރ 2022 - 10:37
އައްޑޫ ބަހުން ހުކުރު ހުތުބާ ކިޔުމަކީ އުނިއުތުރު ގެނައުންކަމަށް ބަލައި މުދިމަކު ސަސްޕެންޑް ކުރި ހަބަރާއެކު އުފެދުނު ސުވާލަކީ އައްޑޫ ބަހަކީ ދިވެހި ބަސް ނޫންތޯ އުފެދޭ ސުވާލެވެ. ދިވެހި ބަހަށް މި ވެންނޫ ހަމައެކަނި މާލޭ ހިސާބެ މީހިނެ ދައްކަނެ ބަހަ؟ ޗަކޮޔާ އަޖައިބު ވޭންނެން ކަމެއް މީ؟
އެންމެ ފުރަތަމަ ކުރަންޖެހޭ ސުވާލަކީ އަސްލު ދިވެހި ބަހަކީ ކޮބައިތޯއެވެ؟ މާލެ ސަރަހައްދުގެ ރައްޔިތުން ވާހަކަ ދައްކާ ބަސްތައް ހިމަނައިގެން ސަރުކާރުން ރަސްމީކޮށްގެން މިއުޅޭ ދިވެހި ބަހަކީ ހަމައެކަނި ދިވެހިންގެ ބަސް ހެއްޔެވެ؟ ސީނު އަތޮޅާއި ފުވައްމުލަކުން ގޮސް ގާފު އަލިފާއި ދާލު ފަހަނައަޅައި ހުވަދޫ ކަނޑު ހުރަސްކޮށް ހައްދުންމަތީގެ ދިވެހީން ވާހަކަ ދައްކައި މިއުޅޭ ބަހަކީ ދިވެހި ބަސް ނޫން ނަމަ ދެން އެއީ ކޮންބަހެއް ހެއްޔެވެ؟
"ދިވެހީން ދިވެހީންނަށް ވީ، ދިވެހިބަހުން ވާހަކަދައްކާތީއެވެ."
2022 ވަނަ އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދި ވަނީ އިދާރާގައި ހާއްސަ އެސެމްބްލީއެއް ބާއްވާފައި.
1/3@DhivehiEkedamee pic.twitter.com/WBFZGPpFR6— Kulhudhuffushi City Council (@kfcitycouncil) April 14, 2022
އުތުރާއި އެހެނިހެން އަތޮޅުތަކުގައި ބޭނުންކުރާ ދިވެހިބަސް ރަސްމީ ލިޔެކިޔުންތަކާއި ސްކޫލްތަކުގެ މުގައްރަރުގައި ބޭނުން ނުކުރަނީ ކީއްވެބާއެވެ؟ ދެކުނުގެ ސްކޫލުތަކުގެ ދަރިވަރުން ގޭގައި ރަށު ބަހުން ވާހަކަ ދެއްކި ނަމަވެސް ސްކޫލުތެރޭގައި ރަށުބަހުން ވާހަކަ ދެއްކުން މަނަލީ ކީއްވެ ހެއްޔެވެ؟ ރަށު ޓީޗަރާއި ރަށު ދަރިވަރު “ދިވެހި ބަހުން” ވާހަކަ ދައްކަނީ ކީއްވެ ބާއެވެ؟
ދިވެހި ބަހުގެ އެކަޑެމީއާއި އެކިއެކި އިދާރާތައް މެދުވެރިކޮށް މަދު ބަޔަކު ވާހަކަދައްކާ ދިވެހި ބަހުގެ ބައެއް ލަފުޒާއި ބަނޑިތަކަކީ ހަމައެކަނި ދިވެހިންގެ ބަސްކަމުގައި ހަދަން އުޅުނެއްކަމަކު، ހަގީގަތަކީ ދިވެހި ބަހަކީ ހާއަލިފުން ސީނާ މެދު އަތުރާލެވޭ ހުރިހާ ބަސްތައްކަމެވެ. ހުރިހާ ކަންކޮޅެއްގެ މީހުން ބަސްމޮށި އުޅޭ ބަސްތަކަކީ ހަމަ މައް ދިވެހި ބަހެވެ.
މިހާރުގެ ޒުވާން ޖީލް ބަހުރުވައިގެ ދަރަޖަތަކެއް ބަލައެއް ނުގަނޭ
ނިސްބަތްވާ އާއިލާއަކުން ނުވަތަ އަދާކުރާ ވަޒީފާއަކުން އެއްބަޔަކު އަވަހާރަވެފައި އަދި ނިޔާވެފައި އަނެއް ބަޔަކު މަރުވާ ބަހަކީ އަހަރެމެންގެ ދިވެހި ބަހެވެ. އަދި ހަމައެއާއެކު އާދައިގެ މީހަކު ނަމަ ދޮގު ހަދާ އަދި ވަޒީރެއްނަމަ އިތުރުފުޅު ހައްދަވާ ބަހަކީވެސް އިމްތިޔާޒުގެ ތަފާތުކުރުން ބޮޑު ބޭފުޅިޒަމާއި ދޯޅު ދިވެހި ބަހެވެ.
ރާއްޖޭގެ ގިނަ ސަރަހައްދެއް ބާކީކޮށްލައިގެން، ބަހުގެ ދަރަޖަ ހަދައިގެން ބޭފުޅު ހެދިގެން އުޅުން ދޫކޮށްލަންވީ ވަގުތު މިއޮތީޖެހިފައެވެ. ވަކި އާއިލާއަކަށް ނިސްބަތްވީތީ ނުވަތަ ވަކި ވަޒީފާއެއް އަދާކުރާތީ މާތްބަސް ހާއްސަވެފައި ދެރަ ނިކަމެތިންނަށް އެންމެ އާދައިގެ ބަސް އޮންނަ އޮތުން މިއީ މިއަދުގެ ޒުވާން ޖީލު ގަބޫލު ކުރާކަމެއް ނޫންކަން އެމްވީޕްލަސް އޮޕިނިއަން ޕޯލްއިންވެސް ސާބިތުކޮށްދެއެވެ.
އެއްދުވަސްވަރެއްގައި ވަކި ބަޔަކީ މާ މާތް މަތިވެރި ބޭފުޅު ބައެއް ކަމުގައި ދެކި އެހެން އެންމެން އާދޭހޭ، ދަރަޖަ މަތިވެރި މާތް މަނިއްޕުޅާއޭ، ދުރުވެވަޑައިގަންނަވާށޭ ވިދާޅުވެ ކުރުނީސްކޮށް ވެދުންއެރުވި ޒަމާނަކީ މާޒީކަމުގައި ވިޔަސް ދިވެހިބަސް އަދިވެސް އޮތީ ބޭފުޅިޒަމްގެ މަސްތުން އަމަލުވެ ނިދާފައެވެ.
ތަފާތުކުރުމާއި ދަރަޖަކުރުމާއި އަދި އިމްތިޔާޒުގެ ލަދުވެތި ނިޒާމް ދެމެހެއްޓުމަށް އެންމެ ފުރަތަމަ ސްކޫލް ނިޒާމުން ދަސްކޮށްދެނީވެސް ދިވެހި ބަސް ކަމާއި، އެ ބަހުގައި ދަރަޖަތަކެއް ވާ ކަމެވެ. ނޫސްވެރިކަމަކީވެސް ދިވެހި ބަހުގެ ބޭފުޅިޒަމްގެ ހަމަތައް ދެމެހެއްޓުމަށް ކުރަންޖެހޭ ކަމެއްކަން ހީވާ ހިސާބަށް ނޫސްވެރިކަން ކިޔަވައި ދިނުމުގައި އަމަލުކުރާކަމީ ދެރަވެ ކަންބޮޑުވާ ކަމެކެވެ.
މިފަދަ ތަފާތުކުރުންތަކުން ސަލާމަތްކުރުަމަށް ދިވެހިބަސް މުރާޖައާ ނުކުރަންވީ ސަބަބެއް ނެތެވެ. ކަޅު މީހުން އަޅުންގެ ގޮތުގައި ގެންގުޅުނު ޒަމާނުގައި ބޭނުންކުރެވުނު ބައެއް އިނގެރޭސި ބަސްތަކަކީ ވެސް މިހާރު ރަސްމީ އެއްވެސް ސިފައެއްގައި ބޭނުންކުރެވޭ ބަސްތަކެއް ނޫނެވެ.
ތިކި ޖެހި ތާނައާއި، ދަރަޖަތަކާއި، ރަސްމީ ލިޔެކިޔުންތަކާއި ހަފްލާތަކުގައި މަތިވެރި ބަސްތަކުން ކުރުނީސް ކުރުމަކީ މިހާރުން މިހާރަށް ހުއްޓާލަންޖެހޭކަމެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދުތަކެއްގައި ވާހަކަ ދެއްކުމުގައި ބޭނުންކުރެވޭ ބަސްތައް ދިވެހި ބަހުގެ ރަސްމީ ލިޔެކިޔުމާއި މުޤައްރަރުގެ ތެރެއިން ބަލައިގަތުން އެއީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކެވެ.