ރިޕޯޓު: މުޅި މާލެ ޕާކިންއަށް ވިއްކާލާފައި!

18 ސެޕްޓެމްބަރ 2022 - 14:17

ސުމާރެއް ނެތް ވަރަށް މާލެ އަށް ވެހިކަލް އެތެރެކުރުމުގެ ސަބަބުން މުޅި މާލެ ވަނީ އެއްގަމު އުޅަނދުފަހަރުން ފުރިފައެވެ. ބޮޑެތި ސައިކަލް ކޮންޓެއިނަރުތައް ކޮންމެ މަހަކު ވެސް ރާއްޖެ އަށް އެތެރެކުރެއެވެ. ކާރު ވެސް އެތެރެކުރުމުގައި ހައްދެއް، ހުރަހެއް ނެތެވެ.

މާލޭގައި ޕާކްކުރާނެ ނުވަތަ ވެހިކަލް ބާއްވާނެ ޖާގަ އޮތްތޯ ނެތްތޯ ބެލުމެއް ނެތެވެ. މާލޭގެ އެތެރޭގެ ބަސް ދަތުރުތައް ފެށުުމުން ކުރިން އޮތް ޕާކިންގ މައްސަލަ އިހުނަށް ވުރެ ވަނީ ބޮޑުވެފައެވެ. މި މައްސަލަ އިތުރަށް ބޮޑުވެގެން ދިޔައީ ސިޓީ ކައުންސިލަށް އަލަށް މެންބަރުން ހޮވުނު ހިސާބުން މާލޭގެ މަގުތައް ޕާކިން އަށް ވިއްކަން ފެށުމުންނެވެ.

advertisement

ކައުންސިލަށް އާމްދަނީ ހޯދުމަށް ޕާކިން ޖާގައިގެ ވިޔަފާރި ހިންގުން

އާމްދަނީ ހޯދުމުގެ ބޭނުމުގައި މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ޕާކިން ޖާގަ ވަނީ ވިއްކާފައެވެ. ކައުންސިލުން އާންމު ފަރާތަކަށް ފޮނުވާފައިވާ ލިޔުމެއްގައިވާ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް މިހާތަނަށް 1،700 އަށް ވުރެ ގިނަ ޖާގަ ވަނީ ކުއްޔަށް ދީފައެވެ. މަހުން މަހަށް ކުލި ދައްކާ ގޮތަށް ޖާގަ ދޫކޮށްފައި ވަނީ އެކި އަގުތަކުގައެވެ.

ޓެކްސީތަކަށް މަހަކު 750ރ. އަށް އަދި ޕްރައިވެޓް އުޅަނދުފަހަރަށް 1،500ރ. އަށެވެ. މި ހިސާބަށް ބަލާއިރު ވެސް ސިޓީ ކައުންސިލަށް ކޮންމެ މަހަކު ދެ މިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ލިބޭނެއެވެ. އަނެއްކޮޅުން ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ޖާގަތައް ވިއްކުމުގައި ކޮރޮޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ވެސް ހިނގައެވެ.

މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ބައެއް މެންބަރުން ވަނީ އެކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން މި ޖާގަތައް ގަތުމަށް ކައުންސިލްގެ ބައެއް ވެރިންނަށް 25،000ރ. ދައްކަންޖެހޭ ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.

ޕާކު ކުރާނެ ޖާގަ މަދުވެގެން އައީ ކީއްވެ؟

ގިނަ ބަޔަކު ދެކޭ ގޮތުގައި މާލޭގެ މަގުތަކުގައި ޖާގައިގެ މައްސަލަ އިހުނަށް ވުރެ ގޯސްވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ މީގެ ކުރިން ސައިކަލް ޕާކިންގެ ގޮތުގައި ހުރި ސަރަހައްދުތައް ވެސް ކާރު ޕާކްކުރަން ޖާގަ ވިއްކުމެވެ. އަދި ބައެއް ކުދިކުދި މަގުތަކުގައި ވެސް ކާރު ޕާކްކުރާ ގޮތަށް ހެދުމުން ސައިކަލް ޕާކްކުރާނެ ޖާގަ ނެތި އިންތިހާ އަށް އުނދަގޫވާކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ.

ކާރުފަދަ އުޅަނދުފަހަރު ރަޖިސްޓްްރީކުރަނީ ވެސް އެ ތަކެތި ވައްދާނެ ގަރާޖެއް ދެއްކުމުންނެވެ. އެހެންކަމުން މާލޭގެ މަގުތަކުން އެ އުޅަނދުފަހަރަށް ޖާގަ ދޭން ނުޖެހޭނެ ކަމަށާާއި ޖާގަ ދޭ ނަމަ ގަރާޖެއްގައި އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ ބޭނުމެއް ނެތް ކަމަށް މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ގަރާޖް ސިޓީ އުވުލުމާ ގުޅޭ ގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިދިޔަ ހަފުތާގައި އިސްލާހު ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވީ ހަތަރުފުރޮޅުލީ އުޅަނދުފަހަރު އެތެރެކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ނަމަވެސް ގަރާޖެއް ނުވަތަ ގަރާޖް ސިޓީއެއް ނެތި ރަޖިސްޓްރީނުކުރެވޭ ކަމަށެވެ. މިއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށާއި އެތެރެކުރެވޭ ނަމަ ރަޖިސްޓްރީކުރެވެން ވެސް ޖެހޭނެ ކަމަށެވެ.

“ކީއްވެހޭ މި ތަނަށް އެތެރެކުރެވެންވީ. އެތެރެކުރެވޭ ކަމަށް ވެއްޖެއްޔާ ރަޖިސްޓްރީކުރެވެންޖެހޭނެ. އެހެންޏާ އެތެރެކުރުމުގައި ލިމިޓެއް ކަނޑައަޅާ. ލިމިޓެއް ކަނޑައަޅާފައި އެ ލިމިޓަށް އެތެރެކުރެވޭ ގޮތް ހަދާ،” ނަޝީދު ވިދާޅުވިއެވެ.

މައްޗަންގޮޅި ގެއަކަށް 1،779 ކާރު ރަޖިސްޓްރީކޮށްފައިވޭ: ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު | ފޮޓޯ: ސިޓީ ކައުންސިލް

މެންބަރު ވިދާޅުވީ މާލޭގެ މަގުތައް ފުރުނީ ވެސް ގަރާޖް ސިޓީގެ ނިޒާމު އޮއްވައި ކަމަށާއި އެއީ ޕާކިންގެ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ. ގަރާޖް ސިޓީއަކީ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކުރާ ކަމެއް ކަމަށާއި މައްޗަންގޮޅި ގެއަކަށް 1،779 ކާރު ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

“ކުރީގައި ގަރާޖް ސިޓީ ވިއްކީ ޓްރާންސްޕޯޓް މިނިސްޓްރީން. ހަމަ ކަޓް ދީގެން. ގަރާޖެއް ނޫން ގެއެއްގައި ކޮޓަރިއެއް ވެސް އެބަހުރި ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި. ހަމައެކަނި ލިޔުމެއް މި ދެނީ. އެ ބަޔަކު ހިތަހަމަޖެހޭ ގެއެއްގައި ގަރާޖެއް ހަދަންވީމާ ގަރާޖުގައި ދޮރު އިންތޯއެއް ވެސް ނުބަލާ، އެއީ ކޮންތަނެއްތޯ، ފިހާރައެއްތޯ، އެހެންތަނެއްތޯއެއް ވެސް ނުބަލާ. ހަމަ މި ހުއްދަ ދެނީ،” ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ތަފްސީލް ދެއްވަމުން ނަޝީދު ވިދާޅުވީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ހުރި ތަންތަނުގައި ފިހާރަ އާއި ގުދަން ފަދަ ތަންތަން އެބަހުރި ކަމަށާއި ގެ ކުރަހާއިރު ގަރާޖް ހަދާފައި ފަހުން އިމާރާތް ބަދަލުކުރަނީ ކަމަށެވެ. އެ ގޮތަށް ކުރެހުމަށް ބަދަލު ގެނެވިގެން ނުވާނެ ކަމަށާއި ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފި ނަމަ އެ ތަނެއްގައި ފިހާރައެއް ހިންގުމުގެ ހުއްދަ ދެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދުގެ އިތުރުން އެހެން މެންބަރުން ވެސް ވަނީ މާލޭގެ މަގުތައް ކާރު ޕާކްކުރަން ވިއްކާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމުގައި ސިޓީ ކައުންސިލުގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައި ވެއެވެ.

މުޅި މާލެ ޕާކިން ޒޯނަކަށް ހެދުމުގެ ބަދަލުގައި ޕަބްލިކް ޓްރާންސްޕޯޓު ހަރުދަނާ ކުރެވެންޖެހޭ

މުޅި މާލެ ޕާކިން ޒޯނަކަށް ހަދާފައިވާ އިރު ބަހުގެ ދަތުރުތައް ކުރުމަށް މަގުފަހިކުރުމަށްޓަކައި މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަޖިދީ މަގުގައި ޕާކްނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. އެކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުމަށް ސިޓީ ކައުންސިލުން އަންނަނީ މަޖީދީ މަގާ ގުޅިފައިވާ ބައެއް ހުސް ބިންތަކުގައި ސައިކަލް ޕާކްކުރެވޭ ގޮތަށް ޕާކިން ސަރަހައްދުތައް ހަދަމުންނެވެ.

ނަމަވެސް މީގެ ކުރިން ގިނަ ސަރަހައްދުތަކެއް ޕްރައިވެޓް އަދި ޓެކްސީތައް ޕާކްކުރަން ވިއްކާފައި ވާތީ އެކަމަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. މާލޭގައި ޕާކިން ސަރަހައްދު ހަދާނެ ޖާގަ މިހާރަކު ނެތެވެ. އަނެއްކޮޅުން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށުމުން މި މައްސަލަ އިތުރަށް ބޮޑުވެގެންދާނެއެވެ.

މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ އަމީނީ މަގާއި އެ މަގާ ގުޅިފައިވާ ގިނަ މަގުތަކާއި ގޯޅިތަކުން ގިނަ އަދަދެއްގެ ޕާކިން ވިއްކާފައެވެ. އެހެންކަމުން އަމީނީ މަގު މިހާރު ހުސްކޮށްފައިވާ އިރު ސައިކަލް ޕާކްކުރުމުގައި އާންމު ފަރާތްތަކަށް ދަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ. ކިރިޔާ ވެސް ޕާކްކުރެވޭ ކަހަލަ ގޮތަކަށް އޮތް މަގެއް ނަމަ އެ މަގަކުން ފައިސާ ހޯދުމަށް ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ވަނީ ޖާގަތައް ވިއްކާލާފައެވެ.

ޕަބްލިކް ޓްރާންސްޕޯޓް ވަރުގަދަކުރުމަކީ ވެސް މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅޭ ބާރެއް | ފޮޓޯ: ޒިޔާން/އެމް.ވީ.ޕްލަސް

މަގުތަކުން ޕާކިން ވިއްކުމަކީ ޕާކިން މައްސަލައަށް އޮތް ހައްލެއް ނޫނެވެ. އެއީ މައްސަލަ އިތުރަށް ގޯސްވި ސަބަބެކެވެ. އަނެއްކޮޅުން މިހާރު ވެސް ގަރާޖެއްގައި ރަޖިސްޓްރީ ވެފައި އޮތް އުޅަނދަކަށް މަގުމަތިން އަނެއްކާ ވެސް ޖާގަ ވިއްކުމަކީ ހަމައެއް ނޫނެވެ.

މާލޭގެ މަގުތަކަށް ކުރިމަތިވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރެވެން އޮތީ ރަނގަޅު ޕްލޭނެއް ކޮށްގެންނެވެ. އެކަމަށްޓަކައި ބޭނުންވަނީ ޕާކިންގއަށް ހާއްސަ އުސް އިމާރާތްތަކެއް އެޅުމެވެ. އެގޮތަށް އެކި ސަރަހައްދުތަކުގައި އިމާރާތްތަކެއް އެޅިއްޖެ ނަމަ މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު މަދުކުރުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ވަރުގަދަކުރުމަކީ ވެސް މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅޭ ބާރެކެވެ.

ބަހުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އަދި އާންމުންނަށް ފަސޭހަ ގޮތެއްގައި ދެވޭ ނަމަ އުޅަނދުފަހަރު ދޫކޮށްލާފައި ބަހުގެ ބޭނުން ހިފާ މީހުން އިތުރުވާނެއެވެ. އެ ގޮތުން އިތުބާރު ހިފޭ ފަަދަ ސްކޫލް ބަހުގެ ހިދުމަތް ތައާރަފްކުރެވިއްޖެ ނަމަ ދެ އިރު ދެ ދަޅައަށް ސްކޫލް ދޮށަށް ކުރަންޖެހޭ ދަތުރުތައް ހުއްޓި މަގުތަކަށް ކުރާ ބާރު  ކުޑަވެގެންދާނެއެވެ. މުޅި މާލެ ޕާކިންގް އަށް ވިއްކުމުގެ ބަދަލުގައި ޕަބްލިކް ޓްރާންސްޕޯޓް ވަރުގަދަކުރުން މުހިންމެވެ. އަދި ގާނޫނުގައި ބުނެފައިވާ ގޮތަށް އުޅަނދުފަހަރު ލިމިޓެއް ކަނޑައެޅުމަކީ ވެސް މުހިންމު ކަމެކެވެ.

ރިއެކްޝަންސް
0
1
1
0
1
0
1