އަމީނީ މަގުން ގަސްތައް ނަގާތީ އާއްމުން ރަތަށް

20 ސެޕްޓެމްބަރ 2022 - 14:58

މާލޭ އަމީނީމަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އެ މަގުގައި ހުރި ބިޔަ ގަސްތައް ކަނޑަން ފެށުމާއި އެކު އާއްމުން ރުޅިގަދަ ވެ ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށައިފިއެވެ.

މި ގަސްތަކަކީ ރައީސް މައުމޫނުގެ ދައުރުގައި އިންދާފައިވާ ގަސްތަކެކެވެ. ގާތްތަނޑަކަށް 30 އަހަރުވެފައިވާ މި ބިޔަ ގަސްތަކުން މުޅި އަމީނީ މަގުގެ ބޮޑު ބަޔަކަށް ހިޔާ ލިބެއެވެ.

advertisement

ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ބުނެފައިވަނީ އެގަސްތައް ނެގުމަށްފަހު އަލުން އިންދާނީ މާލެ ކައިރީގައި ހަދަމުން އަންނަ ޕިކްނިކް އައިލެންޑް “ކުޑަގިރި” ގައި ކަމަށް އެ ފަރާތުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ ގަސްތައް ނެގުމަށްފަހު އެމަގުގައި ގަސް އިންދެން ހުރި ތަންތަނުގައި އަލުން ގަސް އިންދާނެކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމާއި މެދު ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނަ ފަރާތްތަކުން ބުނަމުން އަންނަނީ ހޫނުގަދަ ކަމުން މިހާރު ބވެސް ހިނގާފައި އުޅުމަށް ދަތި އިރު، އަމީނީ މަގު ފިނިކޮށްދޭ ބިޔަ ގަސްތައް ކަނޑާލައި، އެ މަގުގައި ތާރު އެޅުމުން ދެން އަމުދުން އަރާ ދިލަ ހޫނުން އެމަގުގައި ހިނގާބިނގާވެ އުޅުމަށް ނުކުޅަދާނަވާނެ ކަމަށެވެ.

އަދި އަލުން އެތަނުގައި ގަސް އިންދާނެ ކަމަށް އާރްޑީސީ އިން ބުނެފައިވާ ބުނުމަށް ރައްދު ދެމުން، ތިމާވެށީގެ ކަންކަމުގައި އަޑުއުފުލާ ފަރާތަކުން ބުނެފައި ވަނީ މީގެ ކުރިންވެސް އެގޮތަށް ގަސް އިންދާނެ ކަމަށް ބުނެފައިވާ ފަހަރުތަކުގައި އެފަރާތުން އިންދާފައިވަނީ ކުދި ގޮފިކޮޅުތަކެއް ކަމަށެވެ.

އަދި އެންވަޔަރަމަންޓް މިނިސްޓްރީ އާއި މުޅި ސަރުކާރުންވެސް ކްލައިމެޓް އެމަޖެންސީ އިއުލާނުކޮށް، ދުނިޔޭގެ އެކި ޑޯނާ އެޖެންސީ ތަކުން ކްލައިމްޓް ފަންޑް ހޯދަމުން އަންނަ އިރު، މަގު ހެދުމުގެ މަސައްކަތަށް ގަސް އުފުރުމަކީ ދައްކާ ވާހަކައާއި އަމަލާއި ދިމާ ނުވާ ކަމެއްކަމުގައި ވެސް މީހަކު އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

ރާއްޖެއަށް މިހާރު ވެސް މިވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ފެންނަން ފަށާފައެވެ.

އެގޮތުން އާދަޔާއި ހިލާފަށް ހޫނު ގަދަ ވުމާއި، ވިއްސާރަ މޫސުމުގައި އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ރަށް ގިރައި އުދައެރުން މިވަނީ ބޮޑުވެފައެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގަސްތައް ނުކަނޑައި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދުން މުހިންމުވަނީ މި ސަބަބުތަކަށް ޓަކައެވެ.

ވައި ތަގައްޔަރުވެފައިވާ މާލޭގައި ދިރިއުޅޭ މީހުންނަށް ސާފު ވައި ލިބުންވެސް ދަތިވެފައިވާތީވެސް މެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
1