މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

20 ސެޕްޓެމްބަރ 2022 - 16:40

ބޯހިމެނުމުގެ މަސައްކަތުން ލިބޭނީ ރާއްޖެ ތަރައްޤީ ކުރުމަށް ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް: ނައިބު ރައީސް

ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުތަކަކީ ރާއްޖެ ތަރައްޤީކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއްކަމަށާއި، އެފަދަ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް އެންމެ ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހުޅުމާލޭގައި ހުންނަ “ބޯހިމެނުން 2022” ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

advertisement

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ށ. މާއުނގޫދޫ ގައި ބޭއްވުނު މި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މަޖްލިސް މެމްބަރު އަލްފާޟިލް މުޙައްމަދު ޝާހިދު އާއި، މާއުނގޫދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ސަލީމް އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމް ގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދެން އދ.ގެ އައު ސެކެޓްރީ ޖެނެރަލަކަށް ވާންޖެހޭނީ އަންހެނެއް: ޝާހިދު

އދ.ގެ ކުރިއަށް އޮތް ދައުރުގެ ސެކެރެޓަރީ ޖެނަރަލްގެ މަޤާމަށް ވަޑައިގަންވަންޖެހޭނީ އަންހެން ބޭފުޅެއްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާއްމު މަޖިލީހުގެ ނިމިދިޔަ 76ވަނަ ދައުރުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އޮލިމްޕަހުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ އޮކްޓޯބަރ މަހުގައި

އޮލިމްޕަސް މަރާމާތުކޮށް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތް ނިންމައި ހުޅުވޭނެކަމަށް ލަފާ ކުރެވެނީ އަންނަ މަހުގެ ނިޔަލަށް ކަމުގައި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސްގެ ޚާއްޞަ އިނާމަށް ނަން ހުށައެޅުމުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވާނެ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށް ހަމަވާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0