އަމިއްލަ ހިޔާލު: އަނެއްކާވެސް ފިތުނައިގެ ވާހަކަ — “މާލެ މީހުން” ކުށްވެރިކުރެވެން އެބައޮތްތަ؟

26 ސެޕްޓެމްބަރ 2022 - 14:47

ލިޔުނީ: އާމިނަތު ޙަސަން

ސޯސަލް މީޑިއާގައި ހޫނުވެގެން މިއުޅޭ ބިންވެރިކަމުގެ ވާހަކަ ދައްކާއިރު ފިތުނަ ފަސާދަ އުފައްދާކަމުގެ ތުހުމަތަކީ ކޮންމެ ދުވަހަކުވެސް ވަޒަންވެރިވުމުގެ ހައްގަށް ވަކާލާތުކުރާ މީހުންނަށް އަންނަ ކޮމެންޓެކެވެ. މީގެ ތެރޭގައި، ބައެއް މީހުން ނަގާ ޕޮއިންޓަކީ، ރާއްޖެތެރޭ މީހުންގެ ހައްގުގެ ވާހަކަ ދައްކާއިރަށް އެއީ މާލެ މީހުންނާ ފިތުނަ ފަސާދަ އުފައްދަން ދައްކާ ވާހަކައެއް ކަމަށް ބުނުމެވެ.

advertisement

މާލެއަށް ހިދުމަތްތައް ޖަމާކޮށް، ރާއްޖެތެރޭ މީހުން މާލެ ގެނެސް ވެރިކަން ކުރާ ރަށް ތޮއްޖައްސާ، މާލޭގެ ބިން އަގުބޮޑު ކުރުމަކީ މާލޭގައި ރަޖިސްޓްރީ އޮންނަ މީހުން ކުށްވެރިކުރެވޭނެ ކަމެއް ހެއްޔެވެ؟

މާލެ އަށް ރެޖިސްޓްރީ އޮތް، ނޭޓިވްސް މިބުނާ މީހުން ކުއްވެރި ކުރެވޭކަށް ނެތެވެ. އެމީހުންނަށް ލިބުނު ފައިދާ އެމީހުން ހޯދިއެވެ. ކޮއްމެ އިންސާނަކުވެސް ހަމަ ކުރާނެ ގޮތަށެވެ. އެއީ، އެމީހުން ލާރިހޯދަން ކުރާ ވިޔަފާރިއަކަށް ހެދިއެވެ.

ނަސީބުވީ އެމީހުންގެ އަތުގައެވެ. މި ލިބުނު ބާރުން، އެއްބައަކު ހިތުހުރިގޮތަކަށް ކަންކުރިއަސް، ސަރުކާރަށް މާލެގެ މިޑިމާންޑު އެއްކަތަ ކުރަން މަސައްކަތް ނުކުރެވުމަކީ، އަދި މާލޭގެ ތަންތަން ކުއްޔައް ދީގެން އުޅުނު މީހުންގެ ކުށެއްނޫނެވެ. އަދި، މީ އެއްބައެއްގެ ގޮތުގައިވެސް ނުބެލެވޭނެއެވެ.

“މާލެ މީހުން”ގެ ފަންތިތަކެއްވެސް އެބައޮތް

މީގައި އެކި ފަންތިހިމެނެއެވެ. ރަސްރަސްމަތި ‘ބޭފުޅުން” އާއި، ކަންވޮޝިގެންވާ އާއިލާ ތަކުގެ މީހުންގެ ގެތައް ގިނަވެފައި އެތައްގުނައެއް ބޮޑެވެ. މިއީ އިނގެރޭސިން ބުނާނަމަ އޯލްޑް މަނީ ކެޓަގަރީއެވެ. މިމީހުންގެ އަތުގައި ހުރި މާލޭގެ ބިންތަކަކީ އަދި އެއްމެ ރަނގަޅު ތަނަވަސް މަގުތަކުން އެއްމެ އަގުބޮޑު ބިންތަކެވެ.

ދެން އޮތީ، އަތުގައި ހުރި ފައިސާއިންނާއި، ލޯނުން ގެ ހެދި މީހުންނެވެ. އެއްށްފަހު، ރިއަލް އެސްޓޭޓް ކުންފުނިތަކުން ދިގުމުއްދަތަކަށް ގެހެދި މީހުންނެވެ. މީގެ ބޮޑުފައިދާ ނަގަނީ، މި ކުންފުނިތަކުންނެވެ. އެކަން ކޮންސްޓަރަކްޝަން އިންޑަސްޓްރީގެ ކުރިއެރުމާއި ލިބޭ ފައިދާ އިން ދޭހަވެއެވެ.

ގިނަފަހަރު ބިޔަ ވިޔަފާރިތަކުން، އެމީހުންގެ ވިޔަފާރީގެ ހަމަޖެހުމަށް ތަނުގެ  އެކުއިޓީ އާއިއެއްވަރަށް ގެ ހަދަން ފައިނޭސް ކޮށްދެއެވެ. އެއިރުން، އަމިއްލައަށް ލޯނުނަގައިގެން ވެރިފަރާތުން ގެހަދައި، ލޯނުދެއްކުމަށާއި ވިޔަފާރިއަށް މިގޯތީގެ ބޭނުން ހިފައެވެ.

ދެން އޮތީ އެއްވެސް ގޮތެއް ނެތިގެން ނުވަތަ ހިތްހަމަޖެހޭ ފުރުޞަތު ނުލިބިފައިވާ މީހުންނެވެ. މީގެ ތެރެއިން، އާއިލީ ކޯޅުމުގެ ސަބަބުން އެއްގަލަކަށް ނޭރިގެން އުޅޭ އާއިލާތައް ވަކި މަދެއް ނުވާނެއެވެ. މި ހާޖާނުގެ ތެރެއަށް އަލްވަދާއުކިޔާ، ގެއިން ލިބޭ ތަންކޮޅު ދޫކޮށް ހުޅުމާލެއިން ބިމާއި ފްލެޓުގެ ފުރުޞަތު ހޯދައިފައިވާ މީހުންވެސް އެބަތިއްބެވެ.

މާލެ ބައެއް މީހުންނަށް ގެދޮރުގެ ދަތިކަން އޮތަކަސް ސަރުކާރުން ހިލޭ ބިން ބަހާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން!

މިހުރިހާކަމެއް މިހެން ހުއްޓަސް  އެއް ޖީލަށްފަހު އަނެއްޖީލެއް މި ގެދޮރުގެ ދަތީގެ ތެރެއަށް އުފަންވުމުން، އެއްކަލަ ގޯތި ބައިކުރަން އޮތްލެއް ގިނަ ކަމުން، އުސޫލުގެ މިއޮންނަ 600 އަކަ ފޫޓަކަށްވުރެ  ގޯތީގެ ބޮޑުމިން ކުޑަވަނީއެވެ. ދެންވެސް، ސަރުކާރުގެ އެއްމެ ބޮޑު އިސް ކަމެއް މިދެވެނީ، މި ޚާއްސަ ގުރޫޕަށް، ބޯހިޔާވަހިކަން ދެވޭތޯއެވެ.

މި ރަށުގެ ބިމުން އެއްވެސް ފައިދާއެއެއް ނުލިބިވާ، ނުވިތާކަށް މި ރަށަށް ލައްކައިންނާއި މިލިއަނުން ކުއްޔަށް ޚަރަދު ކުރާމީހުން މިޖެހެނީ، މައިގަރަންޓް ލިސްޓުގައި ޖެހި، އޭގެ ފަހަތު ސީޓުގައި ތިބޭށެވެ. މީ އާއްމު އުސޫލެވެ. ވީމާ ފިތުނަވެރިކަން ގާއިމް މިކުރީ ކޮންބައެއްހެއްޔެވެ؟ ފިތުނައިގައި  އޮންނަތާ އެތަށް ޒަމާނެކެވެ. މީ އާވާހައެއްނޫނެވެ.

މިހާލުގައި މާލޭގައި ރެޖިސްޓަރވެވެން ގެއެއް ނެތް ރަށްވެހިން މިހެން އުޅެމުންދާއިރުގައި ދެން ވެސް ސަރުކާރުން މިނިންމަނީ، ހުޅުމާލެއިން ބިން ވިއްކުމަށެވެ. އެޗް.ޑީ.ސީ އަކީ ވެސް ކުންފުންޏެކެވެ. ކުންފުންޏެއްގެ ކާމިޔާބު އޮތީ، ލިބޭ ފައިދާގެ މައްޗަށް ކަމަށް ވިއަސް، ދެމެހެއްޓެނިވި ތަރައްގީއާއި ހުރިއާ އެއްމެންގެ ބައިވެރިވުމަކީ، އެކުންފުނީގެ ފަސް ތަނބުގެ ތެރެއިންވާ ކަންކަމެވެ.

ނަމަވެސް ފައިސާ ހޯދަން އެހެން ގޮތްގޮތް އޮއްވާ، އަދި އެތައް މިލިއަނަކުން ހިއްކާ މިބިން، އެތައްހާސް މީހުންނެއް އެދި އެދި ތިއްބާ، އަދި ގާނޫނު އަސީސީގެ ގާއިމްވެފައިވާ ހައްގުތަކަށް މީހުންގެ އަތުން ނިގުޅައިގަނެ، ދެންވެސްވީ ދޭތެރެ ދޭތެރެއިން، ފައިދާއަށް ވިއްކަން ހެއްޔެވެ. އެއްމެ ފަހުގެ ހުޅުމާލޭގެ ބިޑުގެ އަގު އުޅެނީ  އަކަފޫޓެއް ދިވެހި ރުފިޔާ 6،500 އިން 10،500 އަށެވެ. މި މިންވަރަށް އަތުގައި ފައިސާ ހުރި، ބޯހިޔާވަހިކަމުގެ ފުރުޞަތު ބޭނުންވާ މީހުން މިހާރު ހުޅުމާލެއިން ހަދައިފާހުރި އަގު ބޮޑު ކޮންޑޯ ތަކުން ފްލެޓް ނުގަނެ ހުރުމަކީ ނާދިރު ކަމެކެވެ.

މިހާ ދޯހަޅިކޮށް ކަންކަން އޮއްވާ، ސަރުކާރުގެ އެނބުރިގަތީ ބިން ހިލޭ ދިނުމަށެވެ. ދެން މިބުނާ ފިތުނަ އޮންނާނީ ބޮޑު ފޮށީގަ ރައްކާކޮށްފަހެއްޔެވެ. މެޖޯރިޓީ ދިވެހިންގެ ވިންދު މި ދިމްކްރާތީ ސަރުކާރުތަކަށް ނުވިސްނެނީ ހެއްޔެވެ. ހަމަހަމަކަމާއި، މިނިވަންކަމާއި، އިންސާފަކީ، މިދިކްރާތީ ނިޒާމް ބިނާވެގެންވާ އަސްލެވެ.

ވީމާ، މިފަހަރު ފޮރިން މިނިސްޓަރ ޔޫއެން ޖެނެރަލް އެސެމްބްލީ ގައި ރިއާސަތު ބަލަހައްޓާކަށް ކުފޫ ހަމަވާނެ ހެއްޔެވެ. ކޮންމެ އަހަރެއްގައި، މިއެއްވާ ޖަލްސާގެ ނަގާކިޔާ ޝިއާރު ތަކަކީ މީކަމަށްވީމައެވެ. ޖަސްޓީ ތިއަރީގެ ތެރެއިން ޑިފެރެންސް ޕްރިންސްޕިލް ގައި ބުނެފައި އޮންނަނީ، ހަމަހަމަ ކަމުން އެއްކިބާ ވެވޭނީ ހަމައެކަނި އެކަމުން މުޅި މުޖްތަމައުއަށް ފައިދާ ކުރަމާއި، އަދި މުޖްތަމްއުގެ އެއްމެ ބޭނުންޖެހިފައިވާ މީހުންނަށް އޭގެ ފައިދާ ހާސިލްވާހާ ހިނދުއެވެ.

ސަރުކާރާއި ކުރަން އޮތް ސުވާލަކީ، ކަން އޮތީ  މިހެންތޯއެވެ. ގައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނާނީ، އެގައުމެއްގެ ހަމަޖެހުމުގެ މައްޗަށެވެ. އެއީ ސަރުކާރުގެ އެއްމެ ބޮޑު އެއް ޒިއްމާއެވެ. ރާއްޖޭގެ ގިނަ ރައްޔިތުންގެ މަސްލަހަތަށް ނުބަލައި، ކަން ކަން ކުރަންވީމާ ފިތުނައިގެ ޒިއްމާ ނަގަންއޮތީ ހަމަ ސަރުކާރެވެ.

ރިއެކްޝަންސް
0
1
0
0
0
0
1