ތާރީހުގެ ތެރެއިން: އުމުރުން އެންމެ 16 އަހަރުގައި ޖަލަށް ލި އީވާން ނަސީމަށް ސިފައިން އަނިޔާކޮށް މަރާލުން
27 ސެޕްޓެމްބަރ 2022 - 15:39
އީވާން ނަސީމު ޖަލަށް ލާފައިވަނީ އޭނާގެ އުމުރުން 16 އަހަރުގައެވެ. މާފުށީ ޖަލުގެ އަމަން ބަލަހައްޓަން ތިބި ސިފައިން އޭނާގެ ގައިގައި ތަޅައި އަނިޔާކޮށް މަރާލި އިރު އޭނާގެ އުމުރުން 19 އަހަރެވެ. އެއީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
އީވާން މާލެ ގެންދިޔައިރު އޭނާ ވަނީ މަރުވެފައި ކަމެއް ޖަލުގައި ތިބި މީހުންނަކަށް ނޭނގެއެވެ. އީވާންގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗުން ސަހަރާއަށް ގެންދިޔަ ހަބަރު ލިބުމާއި އެކު ޖަލުގައި ތިބި ގައިދީން ހަޅުތާލުކޮށް ޖަލުން ނިކުތެވެ. އެ ހަޅުތާލު ހުއްޓުވުމަށްޓަކައި ސިފައިން ބަޑި ޖަހައި 3 މީހަކު މަރާފައި ވެއެވެ. އަދި އިތުރު 16 މީހަކަށް ބޮޑެތި އަނިޔާ ވެފައިވެއެވެ.
އީވާންގެ މަރާއި ގުޅިގެން ރާއްޖޭގެ ތާރީހުގައި މާލެ ހަލަބޮލި ނުވާ މިންވަރަށް ސިޔާސީ ގޮތުން ހަލަބޮލިވިއެވެ. ނާސިރުގެ ވެރިކަމުގަ އާއި މައުމޫނުގެ ވެރިކަމުގައި ވެސް ޖަލުގައި އަބަދުވެސް މީހުންނަށް ލާއިންސާނީ އަނިޔާ ކުރާ ވާހަކަ ދެކެވެއެވެ. އަންހެނުން ރޭޕްކުރުމާއި، މީހުން ޖަލުން ގެއްލުމާއި ވީނުވީ ނޭނގި މަރުވުމުގެ ހާދިސާތައް ކުރިންވެސް ހިނގާފައިވެއެވެ.
އީވާން މަރާލި ހާދިސާ ހިނގާފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. މައްސަލަ ބެލުމަށް ރައީސް މައުމޫނު އުފެއްދި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުތަކަށް ފަހު އެ މައްސަލާގައި ދައުލަތުން 12 މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އޭގެ ތެރެއިން އީވާން މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށަށް މަރުގެ ހުކުމް އިއްވާފައިވެ އެވެ.