ރިފޯޓު: ހަނިމާދޫ އެއާޕޯޓް ބާ ދަގަނޑަށް ވެދާނެތަ؟

28 ސެޕްޓެމްބަރ 2022 - 13:50

އުތުރުގެ ތަރައްގީއާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުތަކުން ވެސް ތަފާތު އެކި މަންޒަރުތައް ކުރެހިއެވެ. އިހަވަންދިއްޕޮޅު ޓްރާންޝިޕްމަންޓް ބަނދަރާއި، ޓުއަރިޒަމް ތަރައްގީކުރާނެ ގޮތުގެ ޕްލޭންތަކާއި އުލިގަމު ޔޮޓް މެރިނާ އާއި މިހެން ގޮސް ތަފާތު އެތައް ކުރެހުންތަކެއް ކުރެހިއެވެ. ނަމަވެސް މިއިން ކަމެއްގައި އެއްވެސް ސަރުކާރަކަށް މިހާތަނަށް ކުލަޖެއްސިފައެއް ނުވެއެވެ.

އުތުރުގެ ތަރައްގީ އަށް މި ސަރުކާރުން ވެސް ވަނީ ކުރެހުމެއް ކުރަހާފައެވެ. މީގެ ކުރިން ހަމައެކަނި ކަރުދާސްގަނޑެއްގައި އިންޓަނޭޝަނަލް ކޮށްފައި އޮތް ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ މި ސަރުކާރުން މާލެ ސަރަހައްދުގައި ހިންގާ މަޝްރޫއުތައް ފިޔަވައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި މި ހަފުތާގައި ވަނީ ސޮއިކޮށްފައެވެ.\

advertisement

ހަނިމާދޫގެ އެއާޕޯޓްގެ ތަރައްގީ އަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރފުިޔާ) ހަރަދުކުރުމަށް ނިންމާފައި ވެއެވެ. މިއީ އިންޑިއާ ސަރުކާރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން ހިންގާ މަޝްރޫއެކެވެ. ވައިގެ ބަނދަރު ތަރައްގީކުރުމަށް ނިންމާފައި ވަނީ 1.3 މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށްގެންނެވެ. މަސައްކަތް ނިމޭ އިރު 2.46 ކިލޯމީޓަރުގެ ރަންވޭއެއް ތަރައްގީކުރާ އިރު އޭ320 އަދި ބޮއިން 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭނެއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީއާއެވެ.

ހަނިމާދު އެއާޕޯޓަކީ 32 އަހަރު ވެފައިވާ އެއާޕޯޓެކެވެ. ނަމަވެސް 2012 ވަނަ އަހަރު އެއާޕޯޓްގެ ނަން ބޯޑު އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރުން ފިޔަވައި އެތަނަށް އެއްވެސް ތަރައްގީއެއް ގެނެވިފައެއް ނުވެއެވެ. އެހެންކަމުން ނަމެއްގައި ބޯޑެއް ހުއްޓެއް ކަމަކު އެ ތަނަށް ދަތުރުކުރާނެ އިންޓަނޭޝަނަލް ފްލައިޓެއް ނެތެވެ. ބައިނަލްއަގުމާވީ ދަތުރުތަކުގެ މިސްރާބު ހަނިމާދޫއަށް އަނބުރާލުމަށް މި ސަރުކާރުން ހިންގާ ބިޔަ މަޝްރޫއަކީ މުހިންމު ފިޔަވަޅެކެވެ. އެހެން ނަމަވެސް ހަމައެކަނި އެއާޕޯޓެއް ތަރައްގީކުރުމަކުން ފުދޭ ހެއްޔެވެ؟

ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކުރުމުގެ މައިގަނޑު ބޭނުމަކީ ބޭރު ގައުމުތަކުން ޑައިރެކްޓް ފްލައިޓްތައް އެއާޕޯޓަށް ޖެއްސުމެވެ. ނަމަވެސް ބޭރުގެ ފްލައިޓްތައް ޖައްސާ މިންވަރު އިތުރުކުރެވެން އޮތީ އުތުރުގެ ސަރަހައްދުތަކުގައި އެކަށީގެންވާ ގޮތެއްގައި ޓުއަރިޒަމް ފުޅާކުރެވިގެންނެވެ. ފަހަކާ ޖެހެންދެން އުތުރުގެ ތިން އަތޮޅު ވެސް އޮތީ ޓުއަރިޒަމް ޒޯންގެ ލިސްޓްގައި ވަރަށް ފަހަތުގައެވެ. މިހާރު ކޮންމެވެސް ވަރަކަށް ރިސޯޓްތައް ހުރި ނަމަވެސް އުތުރުގެ އަތޮޅުތަކުގައި އަދިވެސް އެކަށީގެންވާ ގޮތެއްގައި ޓުއަރިޒަމް ފުޅާކުރެވިފައެއް ނުވެއެވެ. އުތުރުގެ އަތޮޅުތަކުގައި ޓުއަރިޒަމް ފުޅާކުރުމަށް ކޮންމެ ސަރުކާރަކުން ވެސް ވައުދުވެއެވެ. ބައެއް ރަށްތައް ދޫކުރެވިފައިވީ ނަމަވެސް މަސައްކަތް ހުރީ ހުއްޓިފައެވެ. ނުވަތަ ނުއެއް ނިމެއެވެ. އުލިގަމުގެ ބިމުން ބޮޑު ބައެއް ނަގައިގެން ތަރައްގީކުރަން ފެށި ނަމަވެސް އެ ސަރަހައްދުގައި ހުރި ކޮޓަރިތައް މިހާރު ހުރީ ވިނަ ވެލާއި ގަސްތަކުގެ ތެރޭގައި ވަޅުޖެހިފައެވެ. މި ސަރުކާރުން ވެސް ވަނީ އުތުރުގައި ޓުއަރިޒަމް ފުޅާކުރުމަށް ވައުދުވެފައެވެ.

 “އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް މިއޮތް ފަސް ހަތަރު އަހަރުގެ ތެރޭގައި އެންމެ މަދުވެގެން މިތަނަށް 8،000 އެނދު ޑިވެލޮޕްކުރުމުގެ ޕްލޭނެއް ރާވައިގެން ކުރިއަށް ގެންދިއުން. އަޅުގަނޑު ހިތުން މި ސަރަހައްދުގައި ޓޫރިޒަމް ޑިވެލޮޕް ކުރާނެ އިންވެސްޓަރުން ދެން ފަހަތަކަށް ނުޖެހޭނެ” ގައުމީ ދުވަސް ފާހަގަކުރުމަށް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އުތީމުގެ  އިންޖީނުގެ އާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ޓުއަރިޒަމް ފުޅާކުރުމަށް އުތުރުގެ އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި މަޝްރޫއުތައް ހިންގިފައި ނެތުމުން ކުރިއަށް އޮތް އަހަރެއް، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރެވިދާނެބާއެވެ؟ އެއާޕޯޓްގެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމައި ހިދުމަތް ދޭން ފަށާ އިރު އެކަށީގެންވާ އަދަދަކަށް ރިސޯޓްތައް ތަރައްގީނުކުރެވިއްޖެ ނަމަ އެ ވަރުގެ މަޝްރޫއެއްގެ ފައިދާއެއް ސަރުކާރަކަށް ނުލިބޭނެއެވެ. ހަމައެކަނި އެންމެ އެއާޕޯޓަކަށް ދެ ބިލިއަން ރުފިޔާ ހަރަދުކުރާތީ ފާޑުކިޔުންތައް އަމާޒުވެފައި ވަނީ ވެސް ޓުއަރިޒަމް ފުޅާކުރެވިދާނެތޯ ސުވާލު އުފެދޭތީއެވެ؟

ހަނިމާދު އެއާޕޯޓަކީ 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރާ އެއާޕޯޓަކަށްވާ އިރު އެއާޕޯޓާ އެކީގައި އެހެނިހެން ގިނަ ހިދުމަތްތަކެއް ވެސް ތަރައްގީވެގެންދާނެއެވެ. ނަމަވެސް މި ހިދުމަތްތަކުގެ ކާމިޔާބީ ވެސް ގުޅިފައި ވަނީ ރިސޯޓްތަކާއި ޓުއަރިސްޓް ފެސިލިޓީތައް ވެސް އެ ރަށުގެ ވަށައިގެން ތަރައްގީކުރެވިގެންނެވެ. އެތެރޭގެ ދަތުރު ފަތުރު އާރުޓީއެލްގެ ހިދުމަތާ އެކު މިހާރު ވަނީ ފެށިފައެވެ. ނަމަވެސް އެއާޕޯޓްގެ މަސައްކަތް ނިމޭއިރު މި ހިދުމަތް މިހާރު އޮތް ވަރަށް ވުރެ ވެސް ތަރައްގީވާންޖެހެއެވެ. އެކަަން ހާސިލްކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ފަދައިން ހަނިމާދޫ އެއާޕޯޓް ބާދަގަނޑަށް ވިޔަނުދިނުމަށް ކުރަންޖެހޭ މަސައްކަތް ގިނައެވެ. އުތުރުގެ ތަރައްގީއާ މެދު މީގެ ކުރިން ކުރަހާފައިވާ އެތައް ކުރެހުމެއްގައި ކުލަޖެހިގެން ނޫނީ ހަނިމާދޫ އެއާޕޯޓްގެ އެކަށީގެންވާ ފައިދާއެއް ނުކުރާނެއެވެ. އޭގެ ތެރޭގައި ސަރަހައްދި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިމެނެއެވެ. ޓްރާންޝިޕްމަންޓް ބަނދަރާއި ޓަޝިއަރީ ހޮސްޕިޓަލާއި އުތީމާއި އުތުރުގެ އެހެން ބައެއް ރަށްތަކުގައި ހުރި ތާރީހީ ބިނާތައް ޕްރޮމޯޓްކުރުމާއި ޓުއަރިސްޓް ރިސޯޓްތައް ހެދުމާއި މިހެން ގޮސް އެތައް އެތައް ކަމެއް ހަނިމާދޫ އެއާޕޯޓްގެ ކާމިޔާބުވުމާ ގުޅިފައި ވެއެވެ. މިއިން އެއްވެސް ކަމެއް މަޑުޖެހި ނުވަތަ ކުރިއަށް ނުގޮސްފި ނަމަ ހަގީގަތުގައި ވެސް ހަނިމާދޫ އެއާޕޯޓް ބާދަގަނޑަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ރިއެކްޝަންސް
0
0
0
0
0
1
0