ރިޕޯޓް: މުވައްޒަފުންގެ ހައްޤު ހޯދައިދިނުމުގެ ޝައުގުވެރިކަމެއް ޓޫރިޒަމް މިނިސްޓަރުގެ ނެތްތަ؟

2 އޮކްޓޯބަރ 2022 - 12:46

ޑރ. އަބްދުﷲ މައުސޫމަކީ ރިސޯޓްތަކުގެ އެކި ލެވެލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެ ދާއިރާގައި ދިވެހިންނަށް އޮތް ގޮންޖެހުމާއި ހުރި ދަތިތައް އެ ބޭފުޅާ އަށް ވުރެ ވަކިން ބޮޑަށް އިހްސާސްކުރެއްވޭނެ އެހެން ބޭފުޅެއް ނުހުންނާނެއެވެ. ދިވެހި މުވައްޒަފުންގެ ވިންދު އެނގޭ ބޭފުޅަކު ޓުއަރިޒަމް މިނިސްޓަރުކަމަށް ވަޑައިގަތުމުން އުންމީދުތަކެއް ކުރެވުނީ ވެސް އެހެން ވެގެންނެވެ.

މަގާމަށް ވަޑައިގެންނެވުމަށް ފަހު ފެއްޓެވި މަސައްކަތްތަކުން ޓުއަރިޒަމް ދާއިރާގެ ދިވެހި މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ވާނެ ކަމަށް އުންމީދު ވެސް ކުރެވުނީ އެ ސަބަބާ ހުރެއެވެ. ނަމަވެސް މަގާމުގައި ރަނގަޅަށް ހަމަޖެހިވަޑައިގެންނެވޭ ވަރުވުމުން އެކަން ހަނދާން ނެތިއްޖެ ކަހަލައެވެ. މިހާރު އުޅުއްވަނީ މުޅިން ވެސް އެހެން ކަމެއްގައެވެ.

advertisement

ޓުއަރިޒަމް މިނިސްޓަރެއްގެ ނުވަތަ އެ ވުޒާރާގެ ޒިންމާއަކީ ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއި އިތުރު ރިސޯޓްތައް ތަރައްގީކުރުމާއި ރިސޯޓްތަކުގެ ވެރިންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކޮށްދިނުން އެކަންޏެއް ނޫނެވެ. ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދީ ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވެސް ޒިންމާއެކެވެ. ހާއްސަކޮށް ދިވެހިންނަށް ކުރިމަތިވަމުންދާ ދަތި އުނދަގޫތަކަށް ހައްލު ހޯދުމުގައި މަސައްކަތްކުރަންޖެހެއެވެ.

ކޮންމެ ސިޔާސީ މީހަކު ރިސޯޓު މުވައްޒަފުންނަށް ވައުދުވޭ، ވެރިކަމަށް އެރުމަށްފަހު ހަނދާން ނެތޭ

ދިވެހި މުވައްޒަފުންނަށް ރިސޯޓްތަކުގައި ފެށުނީއްސުރެ އުނދަގޫތައް ހުރެއެވެ. އެ މީހުންނަށް ހައްގުވާ މުސާރަ ނުލިބުމާއި ސާވިސް ޗާޖް ނުލިބުމާއި، ބިދޭސީންނާއި ދިވެހިންނާ ދެމެދު ތަފާތުކުރުމުގެ މައްސަލަތަކާއި މަތީ މަގާމުތަކަށް ދިއުމަށް ހުރަސްތައް ހުރުމާއި އެފަދަ މަގާމުތަކަށް ދިވެހިންނަށް ނުދިން ފަދަ އެތައް ކަމެއް ފުނިޖެހިފައި ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ.

ކޮންމެ ސަރުކާރަކުން ވެސް އަންނަނީ މި މައްސަލަތައް ހައްލުކޮށްދިނުމުގެ ވައުދާ އެކީގައެވެ. ނަމަވެސް ވެރިކަމަށް އައުމަށް ފަހު މިކަންކަން މަތިން ހަނދާން ނެތެއެވެ.

ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގުގައި މި ސަރުކާރުން މަސައްކަތްތަކެއް ފެށިއެވެ. އެ ގޮތުން ސާވިސް ޗާޖް ދިނުން ގާނޫނަކުން ލާޒިމްކުރުމާއި މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ނަމަވެސް މި ދެކަމުން ވެސް އެކަށިގެންވާ ހައްލެއް މުޅި މައްސަލައަށް އަދިވެސް ވެސް ވަނީ ހޯދައި ނުދެވިއެވެ.

ބިދޭސީން ގެންގުޅެނީ ގާނޫނީ ބާގަނޑުގެ ތެރެއިން

މިނިމަމް ވޭޖްގެ އަޑު މަޑުވެފައިވާ އިރު ގާނޫނަކުން ފާސް ކުރިޔަސް ސާވިސް ޗާޖް ދިނުމުގައި އަދިވެސް އޮތީ އިހް އޮތް ނިޒާމެވެ. އެކަށީގެންވާ ގޮތެއްގައި މޮނީޓާ ނުކުރެވޭތީ ކަމަށް ވެސް ވެދާނެއެވެ. ބައެއް ރިސޯޓްތަކުން އަދިވެސް ކަންކުރަނީ ހިތު ހުރި ގޮތަކަށެވެ.

އަނެއް ބަޔަކު މަސައްކަތްކުރަނީ ގާނޫނުގެ ބާގަނޑުގެ ތެރެއިން ދެމިގަނެގެން އެކަންކަމުން ރެކެންށެވެ. އެ ގޮތުން މިހާރު ފެންމަތިވެފައިވާ އެއް މައްސަލަކީ ދިވެހިންގެ ބަދަލުގައި ބިދޭސީންނަށް ވަޒީފާތައް ދިނުމެވެ. ކޮންޓްރެކްޓް މުވައްޒަފުންނަށް ސާވިސް ޗާޖް ދޭން ނުޖެހޭނެ ކަމަށް ބުނާ މާއްދާއެއް އޮންނާތީ ރިސޯޓްތަކުން ފަހަކަށް އައިސް ކޮންޓްރެކްޓް އުސޫލުން ބިދޭސީން ލައްވައި މަސައްކަތްކުރުވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެ ގޮތުން މާލޭގެ އެކި ރެސްޓޯރެންޓްތަކާއި އެ ނޫން ވެސް ވަޒީފާތަކުގައި އުޅޭ ބިދޭސީން ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ރިސޯޓްތަކަށް ގެންދާ މައްސަލަ ވަނީ ފެންމަތިވެފައެވެ. ކެފޭ، ރެސްޓޯރެންޓްތަކުން ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އެފަދަ ތަންތަނުގައި އުޅޭ މީހުން ހޯދައިގެން ރެކްރޫޓްކުރުމުގެ ވަރުގަދަ ވިޔަފާރިއެއް ފެށިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މިހާރު ވެސް ރިސޯޓްތަކުގެ މަސައްކަތްތަކުގައި ވެސް ގެންގުޅޭކަން އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. ހާއްސަކޮށް ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވިފައި ވެއެވެ. ނަމަވެސް އެކަން ވެސް ހައްލުކުރެވުނު ކަމަކަށް ނުވިއެވެ.

ގިނަ ރިސޯޓްތަކުގައި މިހާރު ވެސް ދިވެހިންނަށް ވުރެ ބިދޭސީން ގިނަ

މި މައްސަލަ މިހެން އޮއްވައި އެހެން ތަނެއްގެ ކޯޓާގައި ރާއްޖެ އެތެރެވެފައިވާ ބިދޭސީން ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ރިސޯޓްތަކަށް ނަގަން ފެށުމުން ދިވެހިންނަށް ފުރުސަތުތައް އިހުނަށް ވުރެ ވެސް ހަނިވެއްޖެއެވެ. އަދި އެތައް ދިވެހިންގެ ވަޒީފާ ވަނީ ނުރައްކަލުގެ ތެރޭގައެވެ.

ސާވިސް ޗާޖްގެ މަޅިން ރެކުމަށްޓަކައި ރިސޯޓްތަކުގެ މެނޭޖްމަންޓުން ހިންގާ މި ޖަރީމާ ޓުއަރިޒަމް މިނިސްޓަރަށް ނޭނގި އޮތް ކަމަށް ގަބޫލުކުރަން ދައްޗެވެ. ގާނޫނާއި ގަވާއިދުގައި ކޮންމެ ގޮތަކަށް އޮތް ނަމަވެސް ގިނަ ރިސޯޓްތަކުގައި މިހާރު ވެސް ދިވެހިންނަށް ވުރެ ބިދޭސީން ގިނައެވެ. އެކަން ވެސް ޓުއަރިޒަމް މިނިސްޓްރީއަށް ބެލޭ ކަމަކަށް ނުވެއެވެ.

ކުރިން ހުރި އެތައް މައްސަލަތަކަކަށް ހައްލު ނުލިބި އުޅެނިކޮށް ދިވެހިންގެ ވަޒީފާ ނުރައްކަލުގެ ތެރެއަށް ވެއްޓުނު ނަމަވެސް، ޓޫރިޒަމް މިނިސްޓަރު ބޮޑަށްް އުޅުއްވަނީ ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތުގައެވެ. މިކަމަކީ ސަރުކާރުން އެމްއެމްޕީއާރުސީ އާއި މެންޑޭޓެއްގެ ދަށުން އެކަށީގެންވާ ބަޖެޓަކާއެކު ހަވާލުކޮށްފައިވާ މސައްކަތަކަށް ވެފައި، އަދި އެފަރާތުން ކާމިޔާބުކަމާއެކު ނަތީޖާނެރެފައިވާ ކަމަަކަށްވާއިރު، ޓޫރިޒަމް މިނިސްޓަރު މިކަމުގައި އުޅުއްވުމުގެ މާނައެއް އޮތްކަމަކަށް ޓޫރިޒަމް ދާއިރާގެ ގިނަ ދިވެހި މުވައްޒަފުން ޤަބޫލެއްނުކުރެއެވެ.

އަދި މިނިސްޓަރު މިވަގުުތު އަވަދެތި ނެތި އުޅުއްވަންޖެހޭނީ ހައްޤު ގެއްލިފައިވާ ދާއިރާގެ ދިވެހި މުވައްޒަފުންގެ ހައްޤު ހޯދުމުގައި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ އިރު ދިވެހި މުވައްޒަފުން ނިކަމެތިވެފައި ތިބުމަކީ ހިތާމައެކެވެ. އެކަން ފާހަގަކުރުމަށްޓަކައި އަނެއްކާ ވެސް އެތައް ރަށެއް، އެތައް ފަޅެއް ފިނޮޅެއް ރިސޯޓްތައް ހެދުމަށް ބިޑަށް ދޫކޮށްލުމަށް ވުރެ ދިވެހި މުވައްޒަަފުންގެ ހައްގުތައް ކަށަވަރުވެފައިވޭތޯ މިނިސްޓްރީން ބެލުން މާ ރަނގަޅެވެ.

ގާނޫނުގެ ބާގަނޑުތައް ބަލައިގެން އަދި ގާނޫނާއި ގަވާއިދުތަކަށް އޮޅުވާލައި ވަޒީފާގައި ދިވެހިން އަޅުދާސްތުކުރުމުގެ ސަގާފަތް ނައްތާލަންޖެހެއެވެ. ރަންޔޫޫބީލްގެ ހަގީގީ އުފާ ލިބެންޖެހެނީ ހަމައެކަނި ވަކި ބަޔަކަށް ނޫނެވެ. އެ މުނާސަބަތުގެ ކުލަގަދަކުރުމަށް ދިވެހި މުވައްޒަފުންގެ އަަޑު ވެސް އަހައި މަައްސަލަތަކަށް ހައްލު ހޯދަައިދޭން އެބަ ޖެހެއެވެ. މިކަމަށް މިނިސްޓަރުގެ ޝައުގުވެރިކަން ކުޑަ ނަމަވެސް އެއީ މިނިސްޓަރު ނުކޮށް ދޫކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އަބަދު މެޑަލްޖަހައި މޮޅުު ވާހަކަދައްކައިގެން ދެބޯގެރި ދުއްވުމުގެ އާދަ މިނިސްޓަރު ދޫކޮށްލަވަންޖެހޭ ކަމަށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ދެކެއެވެ.

ރިއެކްޝަންސް
0
0
0
1
0
0
0