މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

6 އޮކްޓޯބަރ 2022 - 18:00

ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް: ނައިބު ރައީސް

މުޅި ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ އާއި ނޫވިލު ސީޕްލޭން ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

advertisement

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއަރޕޯޓެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤުތިޞާދުގެ މައި ދޮރޯއްޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމުގައި ވާއިރު، މިއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ކ. ހިންމަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ މަސައްކަތް ނިމިއްޖެ

ކ. ހިންމަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު )ދެވަނަ ފިޔަވަހި( ގެ މަސައްކަތް 30 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ނިމިއްޖެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަގަކީ 5.30 މިލިއަން ރުފިޔާއެވެ.

ގދ.ތިނަދޫގައި 200 ހައުސިންގ ޔުނިޓު އިމާރާތް ކުރަނީ

ގދ.ތިނަދޫގައި 200 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަރ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރ އާ ހަވާލު ކޮށްފި އެވެ.

253،990،863.00 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް.

ރައީސް ބަޙްރައިންގެ ރަސްގެފާނު ބައްދަކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަޙްރައިންއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޤުޟައިބިއްޔާ ޕެލެސްއަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއެވެ.

ޤަވާއިދާއި ޚިލާފަށް އުޅަނދެއް ރަޖިސްޓްރީކޮށްފައިވާނަމަ ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓު މިނިސްޓަރ

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ދަނީ ފެންނަމުން ކަމަށް މިނިސްޓަރ ނަހުލާ ޓްވީޓްކޮށްފި އެވެ.

ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށްވެސް ނަހުލާ ހާމަކުރި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0